މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަކީ ވެސް މިހާރު މިއުޒިކް ޑައިރެކްޓަރެއް. މި ފަހުން ނިކުތް އޭނާގެ ފިލްމުތަކުގެ ލަވަތަކުގެ މިއުޒިކް ހަދަނީ މުޅިން ވެސް އަމިއްލަ އަށް.
ސުބާޝް ގާއީ.
06 ޖެނުއަރީ 2022 - 06:09
ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ސުބާޝް ގާއީ މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމު "36 ފާމްހައުސް" ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.
ވެބް ފިލްމެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ ގާއީގެ މުކްތާ ސާޗް ލައިޓް ފިލްމްސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާފައިވާ އެއްޗެކެވެ. ދެ ލަވަ ހިމެނޭ ރާމް ރަމޭޝް ޑައިރެޓްކޮށްފައިވާ "36 ފާމްހައުސް" ލަވަތަކުގެ މިއުޒިކާއި ޅެންތައް ވެސް ލިޔުނީ ގާއީ އަމިއްލައަށެވެ. ލަވަތައް ކިޔާފައި ވަނީ ތަޖުރިބާކާރު އަދި މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ސޯނޫ ނިގާމާއި ހަރީހަރަން އެވެ. ސޯނޫ ކިޔާފައިވާ ލަވައިގެ ނަމަކީ "މުހައްބަތު" އެވެ. ހަރީހަރަންގެ ލަވައިގެ ނަމަކީ "މައިންޑް ޔޯ ބިޒްނެސް" އެވެ.
"36 ފާމްހައުސް" ގެ މިއުޒިކް ރަސްމީކޮށް ލޯންޗްކުރީ ޒީޓީވީން މިހާރު ގެނެސްދެމުން އަންނަ ޝޯ "ސާރޭގާމާޕާ" ގައި، މެހުމާނެއްގެ ގޮތުގައި ގާއީ ބައިވެރިވެ އެވެ. ލަވަތައް މިހާރު ވަނީ ޔޫޓިއުބަށް ވެސް ދޫކޮށްލައިފަ އެވެ.
މި މަސައްކަތާ ބެހޭ ގޮތުން ގާއީ ބުނީ އަލަށް ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ދެ ލަވަ ވެސް އާންމުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ގާއީ މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ފެށި އިރު، އޭނާ މިހާތަނަށް ގެނެސްދިން ކޮންމެ ފިލްމަކީ ވެސް އެ ފިލްމެއްގެ ލަވަތައް ރީތިކުރަން ހާއްސަ މަސައްކަތްތަކެއް ކުރެވިފައި ހުރި ފިލްމުތަކެވެ.
ގާއީ ގެނެސްދިން ކޮންމެ ފިލްމެއްގެ ލަވަތައް ވެސް އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވެފައިވެ އެވެ. އޭގެ ތެރޭގައި "ހީރޯ" އާއި "ރާމް ލަކަން" އާއި "ސޯދާގަރް" އާއި "ކަލްނަޔަކް" އާއި "ޕަރުދޭސް" އާއި "ތާލް" އަދި "ކިސްނާ" ފާހަގަކޮށްލެވެ އެވެ.
ގާއީ، 76، ބުނި ގޮތުގައި މިއުޒިކް ހެދުމާއި ޅެން ހެދުމަކީ ޕެޝަނެކެވެ. އަދި މިއީ ޝުއޫރުތައް ބަންޑުންކޮށްލައި ވާހަކަ ވެސް ކިޔައިދެވޭ ވަރަށް ވެސް ޝައުގުވެރި ފަންނެއް ކަމަށް ބުންޏެވެ.
"އުންމީދުކުރަން އަހަރެން މިއުޒިކް ހެދި ފިލްމުގެ ލަވަތައް މިއުޒިކް ޗާޓްތަކުން ވެސް ޖާގަ ހޯދާނެ ކަމަށް." އޭނާ ބުންޏެވެ.
ފިލްމެއް ޑައިރެކްޓްނުކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ގާއީ، ކުރީގެ އެކްޓަރު ދިލިޕް ކުމާރުގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ ހަފުތާގައި މީޑިއާތަކުން ބުނެފައިވެ އެވެ. އެކަމަކު މިކަން އަދި ކަށަވަރެއް ނުވެ އެވެ. ގާއީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގެ "ކާންޗީ: ދި އަންބްރޭކަބަލް" އެވެ.
އޭނާ މިއުޒިކް ހަދައިދިން ފިލްމު "36 ފާމްހައުސް" ވަރަށް އަވަހަށް ޒީ5 އިން ޕްރީމިއާކުރާނެ އެވެ. މީގެ ކާސްޓުންނަކީ ފްލޮރާ ސައިނީ، އަމޯލް ޕަރްޝާރު އަދި ސަންޖޭ މިޝްރާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy