އަހަރުގެ ފަހު ފިލްމު "ބައިވެރިޔާ" މިރޭ އަޅުވަނީ

"ބައިވެރިޔާ" ގެ 15 ޝޯ އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވޭ

މި އަހަރު އަޅުވާ އެންމެ ފަހު ދިވެހި ފިލްމު، އެންވިޝަން އެންޓަޓައިންމަންޓްގެ "ބައިވެރިޔާ" މިރޭ އޮލިމްޕަހުގައި، ޚާއްސަ ހަފުލާއަކާ އެކު، އަޅުވާނެ އެވެ.


ފިލްމު ޕްރިމިއާ ކުރާ އިރު، ފިލްމުގެ ފުރަތަމަ ދެ ޝޯ ވަނީ ހައުސްވެފަ އެވެ. އަދި މިހާރު އަންނަނީ ތިން ވަނަ ޝޯ އާއި ހަތަރު ވަނަ ޝޯގެ ޓިކެޓް ވިއްކަމުންނެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނީ އޮލިމްޕަހުގައި "ބައިވެރިޔާ" 15 ޝޯ ދައްކަން ހަމަޖެހިފައިވާ ކަމަށެވެ.

މާދަމާ ރެއިން ފެށިގެން ރަށްރަށުގައި ވެސް ފިލްމު ދައްކަން ފަށާނެ ކަމަށް އޭނާ ބުންޏެވެ.

ޝަފީގް ބުނީ އަހަރުގެ ފަހުކޮޅު "ބައިވެރިޔާ" އެޅުވި ނަމަވެސް، އާންމުންގެ ފަރާތުން ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މިއީ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ ސީރިއަސް ކޮމެޑީއަކަށް ވާތީ އާންމުންނަށް ވަރަށް ކަމުދާނެ ކަމަށް ވެސް ބުންޏެވެ.

"ބައިވެރިޔާ" އަކީ ޝަފީގާއި މި ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ފައިސަލްގެ ކޮންސެޕްޓަކަށް ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ މުހިއްމު ރޯލެއް ވެސް ޔޫއްޕެ ކުޅެ އެވެ. އޭނާ އެކު ފިލްމުން ގިނަ ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ.

"ބައިވެރިޔާ" ގެ ޓީޒާ ޓްރެއިލާ

އޭގެ ތެރޭގައި އަހުމަދު އަޒްމީލް (އަޒޭ)، ޝީލާ ނަޖީބް، މަލީހާ ވަހީދު (މަލް)، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ) އަދި އަހުމަދު ސުނީ އާއި ހުސައިން ޝިބާހު ހިމެނެ އެވެ.

"ބައިވެރިޔާ" އިން އަހަރުގެ ފިލްމީ ސީޒަން ނިންމާލާ އިރު، މިއީ މި އަހަރު އަޅުވާ އަށް ވަނަ ފިލްމެވެ.