ޝިބާނީ އާއި ފަރްހާން--
04 މާޗް 2022 - 06:51
ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއްވި ފަހުން ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ފަރްހާން އަކްތަރާއި ޝިބާނީ ދަޑްނެކާރު ކައިވެނިކުރީ މިދިޔަ މަހުގެ 19 ގަ އެވެ. ކައިވެންޏަށް ފަހު ފޮޓޯތައް ހިއްސާކުރަން ފެށުމުން ސަޕޯޓަރުން އުފެއްދި ސުވާލަކީ ޝިބާނީ ބަނޑުބޮޑީ ހެއްޔޭ އެވެ.
ކައިވެންޏަށް ދެ ހަފުތާ ނުވަނީސް ބައެއް މީހުން އޭނާ ބަނޑުބޮޑީތޯ އަހަން ފެށުމުން ޝިބާނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އޭނާ ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. ތަފާތު އަޑުތައް ފެތުރިފައި ވަނީ އޭނާ ބަނޑެއްލާފައި ހުރި ފޮޓޯތަކެއް އާންމުވުމުންނެވެ. އެއީ މާގިނައިން ކެވޭތީ ލީ ބަނޑެއް ކަމަށް އޭނާ ބުންޏެވެ.
ދެ ދަރިން ލިބިފައި ވަނިކޮށް ޑައިރެކްޓަރު/އެކްޓަރު ފަރްހާން އަހްތަރުގެ ކައިވެނި 2016 ގައި ރޫޅުނުއިރު ޝިބާނީއާ ދިމާވީ އޭގެ އަދި މާފަހުންނެވެ. "ޑޮން" އާއި "ބާގް މިލްކާ ބާގު" ކަހަލަ ހިޓް ފިލްމްތައް ގެނެސް ދިން ފަރްހާނާއި ހެއާ ސްޓައިލިސްޓް އަދޫނާ ބަބާނީގެ 16 އަހަރުވީ ކައިވެނި ރޫޅައިލި އިރު، ދެ މީހުންނަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެވެ. އެއީ މިހާރު ފުރާވަރަށް އަޅާފައިވާ ޝަކިޔާ އަހްތަރާއި އަކީރާ އަހްތަރު އެވެ. ޝިބާނީ އަކީ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައީ "ރޯއީ" އާއި "ސުލްތާން" އަދި "ހޮސްޓޭޖްސް" އާއި "ޝާންދާރު" ކަހަލަ ފިލްމުތައް ހިމެނެ އެވެ. ލަވަކިޔުމުގެ އިތުރުން މޮޑެލް ކުރުމާއި ޝޯތައް ވެސް އޭނާ ހޯސްޓްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy