ކަރީނާ އާއި ކަރިސްމާ--
15 މާޗް 2022 - 06:38
ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރާއި އޭނާގެ ދައްތަ ކަރިސްމާ ކަޕޫރް ޗުއްޓީ އަށް އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ކަރީނާ އާއި ކަރިސްމާ ރާއްޖެ އައުމަށް އިއްޔެ މުމްބާއީގެ އެއާޕޯޓް ގޮސް ތިއްބާ ޕަޕަރާޒީންނަށް ފެނިފައިވެ އެވެ. އެމީހުން އައީ ކޮން ރިސޯޓަކަށް ކަމެއް އަދި ނޭނގެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ކަރީނާ އޭނާގެ ދެ ދަރިން ކަމަށްވާ ތައިމޫރާއި ޖޭހް ގޮވައިގެން އެއާޕޯޓަށް ގޮސް ތިބޭ މަންޒަރެވެ. އެކަމަކު ކަރީނާގެ ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ޚާނެއް ނުފެނެ އެވެ.
ފަހުން ކަރިސްމާ ވެސް އެއާޕޯޓަށް ދާ ތަން ފެނެ އެވެ. އެކަމަކު އޭނާގެ ދަރިއަކު މި ދަތުރުގައި ބައިވެރިވެ ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ރާއްޖެ އައީ ޕްރައިވެޓް ޖެޓެއްގަ އެވެ.
ކަރީނާ އާއި ސައިފް ކައިވެނިކުރީ 2012 ގަ އެވެ. އެމީހުންނަށް ފުރަތަމަ ދަރިފުޅު ތައިމޫރު ލިބުނީ 2016 ގަ އެވެ. އަދި ޖޭހް ލިބުނީ މިދިޔަ އަހަރު އެވެ.
މިދިޔަ އަހަރު ވެސް ކަރީނާ ވަނީ ސައިފްގެ އުފަން ދުވަސް ފާހަގަކުރަން ކުދިންނާ އެކު ރާއްޖެ އައިސްފައިވެ އެވެ. އަދި އޭގެ ކުރިން ވެސް އެތައް ފަހަރު އޭނާ ސައިފްއާ އެކު އޭނާ ރާއްޖެ އައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy