ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް 10 އެވޯޑާ އެކު، ހުސައިން ނޫރައްދީން ޕްރޮޑިއުސްކޮށް، މޫމިން ފުއާދު ޑައިރެކްޓް ކުރި "ލޫދިފާ" މިރޭ ހޮވިއްޖެ އެވެ.
މި ފިލްމުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް މޫމިން އަށް ލިބުނުއިރު، އެންމެ މޮޅު އެކްޓަރަށް ހޮވުނީ "ލޫދިފާ" އިން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. އެންމެ މޮޅު ބަތަލާއަކީ ހަމަ އެ ފިލްމުން މަރިޔަމް އަފީފާ (އަފީ) އެވެ.
ދެހާސް އެގާރަ ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް އައި "ލޫދިފާ" ޖުމްލަ 19 ކެޓަގަރީއަކުން އެވޯޑަށް ވާދަ ކުރި އެވެ.
"ލޫދިފާ" ގެ އެވޯޑްތަކުގެ ތެރޭގައި:
* އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ރަވީ ފާރޫގް
* އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ފާތުމަތު އާޒިފާ (އަޒޫ)
* އެންމެ މޮޅު ސްކްރީންޕްލޭ: ލޫދިފާ
* އެންމެ މޮޅު އޮރިޖިނަލް ސޯންގް: މުހައްމަދު ފުއާދު (ފޯޑް)
* އާޓް ޑައިރެކްޝަން
* އެންމެ މޮޅު ކޮސްޓިއުމް
"ލޫދިފާ" ގެ އިތުރުން ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި ދެން އެންމެ ގިނަ އެވޯޑް އުފުލައިލީ ޖުމްލަ 16 ކެޓަގަރީއަކުން ވާދަ ކުރި ޑާކް ރެއިން އެންޓަޓައިޓްމަންޓްގެ 3ޑީ ބިރުވެރި ފިލްމް "ފަތިސް ހަނދުވަރުގެ ފެށުން" އެވެ.
"ފަތިސް ހަނދަވަރުގެ ފެށުން" އަށް ލިބުނު އެވޯޑްތައް:
* އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ: ޝިފާ ތައުފީގް
* އެންމެ މޮޅު މޭކަޕް: ހަސަން އާދަމް (މޭކަޕް ހަސަން)
* އެންމެ މޮޅު ސައުންޑް މިކްސިން: އަލީ ޝިފާއު
* އެންމެ މޮޅު ސައުންޑް އެެޑިޓިން: އަލީ ޝިފާއު
* އެންމެ މޮޅު ވިޝުއަލް އިފެކްޓްސް: އަހުމަދު ޝިނާން
މިރޭގެ އިތުރު އެވޯޑްތައް:
* އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ: މުހައްމަދު އަބްދުލް ޢަނީ (ހިތް ޔާރާ ދީފާ)
* އެންމެ މޮޅު ޅެން: މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަދަންދެން)
* އެންމެ މޮޅު ސިނަމަޓޮގްރީ: ހުސައިން މުނައްވަރު (ސަޒާ)
* އެންމެ މޮޅު އެޑިޓިން: އަލީ މުސްތޮފާ (ސަޒާ)
* އެންމެ މޮޅު ބެކްގްރައުންޑް ސްކޯ: މުހައްމަދު އިކްރާމް (ސަޒާ)
* އެންމެ މޮޅު ކޮރިއޮގްރަފީ: ރަވީ ފާރޫގް (މި ހަށިން ފުރާނަދަންދެން)
މިރޭގެ އެވޯޑް ހަފުލާ ނިންމާލިއިރު، 2014 ވަނަ އަހަރުގެ ސާކް ފިލްމް ފެސްޓިވަލުން ބްރައުންޒް މެޑަލް ހޯދި ރަވީ ފާރޫގުގެ "އިނގިލި" އަށް އެއްވެސް އެވޯޑެއް ނުލިބެ އެވެ.
ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޜް ދީފައި ވަނީ މިހާތަނަށް 49 ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އަމްޖަދު އިބްރާހީމް (އަމްޖޭ) އަށެވެ.