މަންދީރާއާ އެކު އޭނާގެ އެކުވެރިޔާ.
04 މެއި 2022 - 09:31
ބޮލީވުޑްގެ ބަތަލާ މަންދިރާ ބޭދީގެ ފިރިމީހާ ޑައިރެކްޓަރު ރާޖް ކޯޝަލުގެ މަރަށް އަހަރެއް ވެސް ނުވަނީސް، އެހެން ފިރިހެނަކާ އެކު މަންދީރާ ނެގި ފޮޓޯއެއް އާންމުކުރުމުން މީހުން ފާޑުކިޔަން ފަށައިފި އެވެ.
މަންދީރާގެ ފިރިމީހާ، ރާޖް ކޯޝަލް މަރުވީ ހާޓްއެޓޭކެއް ޖެހިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުގަ އެވެ.
ފިރިމީހާގެ މަރާ އެކު މަންދިރާ އަށް ކިތަންމެ ބޮޑު މާުޔޫސް ކަމެއް ލިބުނަސް، މިފަހުން އާންމުކުރި ފޮޓޯއަކާ އެކު ބައެއް މީހުންގެ ފަރާތުން އޭނާ އަށް އަޑުއަހަން ޖެހުނީ ވަރަށް ހިތްދަތި ބަސްތަކެކެވެ.
ފިރިހެނަކާ އެކު ނަގާފައިވާ ފޮޓޯއެއް މަންދިރާ އާންމުކުރީ އެ މީހަކަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުންނެވެ. ޕޫލެއްގައި ނަގާފައިވާ އެ ފޮޓޯގެ ކެޕްޝަނުގައިވާ ގޮތުން އެމީހުން އެކަކު އަނެކަކު ދަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި ވަރަށް ބޮޑަށް އެމީހަކަށް އިތުބާރުކުރާ ކަމަށް ވެސް ވެ އެވެ.
ބެލެވޭ ގޮތުގައި އެއީ އޭނާގެ ޒަމާންވީ އެކުވެރިއެކެވެ. އެކަމަކު އެއަށް ކޮމެންޓްކުރި މީހުން ބުނެފައި ވަނީ ފިރިމީހާގެ މަރަށް އަދި މާ ގިނަ ދުވަސް ނުވާ ކަމަށާއި ކުޑަކޮށް ކެތްތެރިވާން ވެސް ޖެހޭނެ ކަމަށެވެ.
ފިރިމީހާ މަރުވިތާ ކައިރީގައި މާ ދެރަވެގެން ނޫޅޭ ކަމަށް ބުނެ ވެސް ބައެއް މީހުން ވަރަށް ހަޑިހުތުރު ބަހުން ވެސް މަންދިރާ އަށް އެއްޗެހި ކިޔެވެ. އެކަމަކު އެއިން އެއްވެސް މީހަކަށް އޭނާ ރައްދެއް ނުދެ އެވެ.
ރާޖާއި މަންދިރާ ކައިވެނުކުރީ 1999 ގަ އެވެ. އަދި 2011 ގައި ފިރިހެން ދަރިޔަކު ވެސް ލިބުނެވެ. އަދި 2020 ގައި އެމީހުން އަންހެން ކުއްޖަކު އެޑޮޕްޓްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy