މުނިފޫހިފިލުވުން / ވާހަކަ

ތުނޑި

އާދިއްތަ ދުވަހާ ގުޅޭ

"އޭތް! ކާކު ތީ؟" އަހަރެން ހަޅޭއްލަވައިގަތީމެވެ. "ހަމަ މިހާރު ރަށުން ފައިބާ!"

އޭނަގެ ހަރަކާތް ހުއްޓުނެވެ. މަޑުމަޑުން އެނބުރިލިއެވެ. އެ ވަގުތު އޭނަގެ މޫނު އަހަންނަށް ފެނުނެވެ. އެއީ އިންސާނެއްގެ މޫނަކާ ވަރަށް ނުވައްތަރު، އިންސާނެއްގެ މޫނު ކަހަލަ މޫނެކެވެ. ދެ ލޯ ހުއްޓެވެ. ނޭފަތެއް ވެސް ހުއްޓެވެ. އަނގަޔަކާއި ޒާތެއްގެ ދަތްތަކެއް ވެސް ހުއްޓެވެ. އެ ގުނަވަންތައް ހުރީ އިންސާނެއްގެ ވެސް އެ ގުނަވަންތައް ހުންނަ ދިމާގައެވެ. އެ ތަރުތީބުންނެވެ. ތަފާތަކީ ހުތުރުކަމެވެ. ރޯމަސް ކާތީ އޭރު ވެސް އޭނަގެ އަނގައިން ލޭތައް ފައިބައެވެ. އޭނަ ގައިގަ ވެސް ލޭ ހުއްޓެވެ. އޭނަ ހުރި ދިމާ ބިންމަތީގެ އެއް ފަރާތުގައި ހުރިހެން ހީވަނީ ފަރުމަހެވެ. އޭނަ ފަރުމަސް ރޮލާ ކަނީއެވެ. ކައިފައި ކަށިތައް ބަހައްޓަނީ އަނެއް ފަރާތުގައެވެ. އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ވެސް، އެއް ފަހަރު އެހެން ހެދިއެވެ. އެ ފަހަރު ކަށިގަނޑު އެ ފަރާތަށް އެއްލީއެވެ. އެއްލައިފައި، ވަރަށް ރުޅިއައިސްފައި، އަހަންނާ ދިމާއަށް އެއް ފިޔަވަޅު ކުރިޔަށް އެޅިއެވެ. އަހަރެން ހިތަށްއެރިއެވެ. އެ ކަހަލަ ދަނޑިވަޅެއްގައި ބިރުގެންފިއްޔާ މާ ގޯސްވާނޭ މީހުން ބުނެއެވެ.

"ކަލޭމެން އުޅޭ ތަންތަނަށް އަހަންނެއް ނާރަން،" ހަށިގަނޑުގައި ހުރި ހުރިހައި ހަކަތައެއް ބޭނުންކޮށްގެން އަހަރެން ބުނީމެވެ. "ދެން ކަލޭ ކޮން ޖެއްސުމެއްކުރާކަށް؟ ހަމަ މިހާރު ރަށުން ފައިބާ!"

އަހަރެން ދައްކާ ވާހަކަ އޭނައަށް ނޭނގެނީކަމެއް، ބުނާ ގޮތް ހަދަން އޭނަ ބޭނުން ނުވަނީކަމެއް ނޭނގެއެވެ. ޖަހައިފައި ހުރި ބުދެއްހެން އޭނަ ހުރީއެވެ. އެހެން ހުރެފައި ކުއްލިއަކަށް ހޭރިގަތުމާ އެކު އޭނަ އަތުގައި އޮތް މަސް އަހަންނާ ދިމާއަށް ހޫރައިލިއެވެ. ގައިގަ ނުޖެހުނީ ހަމަ ކިރިޔާއެވެ. އަހަރެން ގަތީ އަމަށަކު ބިރެއް ނޫނެވެ. ގަޔަށް ކުޑަކަމު ނުދެވޭކަމެއް ވެސް ނޭނގެއެވެ. އަޅާއިތިކޮށް ވަލުތެރެއަށް ދުއްވައިގަތީމެވެ. އެއީ އެ ވަގުތު ހިތަށްއެރި ގޮތެވެ. އަހަރެންގެ ފަހަތުން އޭނަ ދުއްވައިގަތެވެ. ފާޑަކަށް ހޭރެމުން، ގޮވަމުންނެވެ. އިންސާނަކަށް އެ ފަދަ އަޑުތަކެއް، އެހާ ބާރަކަށް ނުލެއްވޭނެއެވެ. އަހަންނަށް ކަށަވަރެވެ. ވަލަށް ވަދެފައި ފަހަތް ބަލައިލި އިރު އޭނަ ހުރީ ހުއްޓިގެންނެވެ. ވަލުތެރެއަކަށް އޭނަ ނުވަނެވެ. އެނބުރި ދިޔައީއެވެ. އަހަރެން ހުރީ ބިރާއި، ވަރުބަލި އެކުވެގެން މައިނޭވާ ލެވިފައެވެ. ކަންފަތަށް ހުރީ ފާޑެއްގެ ތޫލި އަޑެއްއަރައިފައެވެ. އޭނަ ގޮސް ފާނޫޒު ކައިރިއަށް ހުއްޓިފައި ފާނޫޒު ނިއްވައިލިއެވެ. އެ ހިސާބުން މުޅި ރަށް އެއްކޮށް އަނދިރިވިއެވެ. އެ ތަނުގައި ހުރި ހަމަ އެކަނި އަލިކަމަކީ، އުޑުގައި ހުރި ތަރިތަކެވެ. ކާޅުތަކުގެ އަޑު ކެނޑުނެވެ. ހަމަހިމޭންވިއެވެ. ވާލެއް ނުވަތަ ކަނބިއްޔެއް ގޮވާލާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. ވައިރޯޅިއެއް ނުޖެހެއެވެ. ދޭތެރެއަކުން، ފަތްތައް މަތިން އެއްޗެއް ދުވެގަންނަ އަޑު އިވިދާނެއެވެ. ގޮތް ނޭނގޭ އެހެން އަޑެއް އިވިދާނެއެވެ. ގިނަ ވަގުތު އޮންނަނީ ފުން ހިމޭންކަމެކެވެ. ހިތް ތެޅޭ އަޑު އަހަންނަށް އިވޭ ކަހަލައެވެ. ސިކުނޑީގައި އެނބުރުނީ އެންމެ ސުވާލެކެވެ. އެއީ ކޯޗެއް ހެއްޔެވެ؟

ގަޑިއެއްހައި އިރު ވަންދެން އަހަރެން ވަލުތެރޭގައި ހުރީމެވެ. ހީވީ ދިހަ ގަޑިއިރު ވެއަތުވިހެންނެވެ. ބިންމަތީ އިށީނދެގެން ވެސް އެތައް އިރަކު އިނީމެވެ. އަހަރެން އަތުގައި ގަޑި އޮތެވެ. ގަޑިންވީ އިރެއް ނޭނގެއެވެ. ބޭނުންވީ އިރުއަރާށެވެ. މުޅި ތަން އަލިވާށެވެ. އެހެނަސް، އިރުއަރަން އަދި ކިހައި ވަގުތެއް އޮތްކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ހިތަށްއެރިއެވެ. އާއިލާ މީހުން އަހަރެން ނައިސްގެން ކަންބޮޑުވެގެނެއް ނޫޅޭނެ ހެއްޔެވެ؟ ރަށް ބަލަން ބަޔަކު އަތުވެދާނެ ހެއްޔެވެ؟ އެހެން ނުވެ ވެސް ހިނގައިދާނެއެވެ. އަހަންނަކީ އިރުއޮއްސުމަށް ފަހު ފަޅުރަށުގައި އުޅޭ މީހެއް ނޫނެވެ. އަހަރެން ހޯދަން މީހަކު ރަށް ބަލަން އަންނަންޖެހޭ ސަބަބެއް ނެތެވެ. ދެން ހިތަށްއެރިއެވެ. އިރުއަރަންދެން އަހަރެން ފަޅުރަށުގައި ހުންނަން ޖެހޭ ހެއްޔެވެ؟ އަހަރެންގެ ރަށުގެ އަލި ފެންނާނެއެވެ. އެ ދެމެދުގައި ދަތުރުކުރަން އަަހަންނަށް އެނގޭނެއެވެ. ވީހައި ވެސް އަވަހަކަށް ފަޅުރަށުން ފައިބަންވީއެވެ.

އިތުރު ހިޔާލެއް ދޭނެ މީހަކު ނެތެވެ. އެތައް އިރަކު ވިސްނުމަށް ފަހު ތެދުވެގެން ގޮސް، ގަސްތަކު ތެރެއިން އަތިރިމަތި ބަލައިލީމެވެ. އަނދިރިކަމުން ކަނޑެއްފަޅެއް ނޭނގެއެވެ. އޭނަ ބަލަހައްޓައިގެން ނެތްކަމެއް ވެސް ނޭނގެއެވެ. ފިލައި އޮތީ ނޫންކަމެއް ވެސް ނޭނގެއެވެ. އަހަރެން ނުކުންނަން ބޭނުންވިއެވެ. މަދިރި ހަފާވަރުން ކެތްވާ ވަރެއް ނޫނެވެ. ހިތް ބުންޏެވެ. އޭނަ ދިޔަ ތާކަށް ދިޔައީކަން ނޭނގެއެވެ. އެއީ ފުރޭތައެއް ނޫނެވެ. ފުރޭތައެއް ނަމަ އަހަންނަށް އަނިޔާކުރީހެވެ. އެކަމަކު އެ ފަދަ އެއްވެސް ކަމެއް ނުކުރެއެވެ. ގަބޫލުކުރަން ދަތިވިޔަސް އެ ވާނީ އިންސާނަކަށެވެ. ދޯނި އޮތް ދިމާއަށް ހިނގައިގަންނަންވީއެވެ. އަހަރެން މަރާލާކަށް އޭނައަކަށް ނުކެރޭނެއެވެ.

މާތްކަލާނގެއަށް ވަކީލުކޮށްލައިގެން، މަޑުމަޑުން ނުކުތީމެވެ. އަހަންނަށް ފިލެން އޮތް ހަމަ އެކަނި ތަނަކީ ވަލެވެ. އެ ދިމާއިން އޭނަ ކުރިބައްދައިފިއްޔާ ދެން އަހަރެން ފިލަން ވަންނާނެ އެއްވެސް ތަނެއް ނޯންނާނެއެވެ. އެ ފިކުރު ވަރަށް ބޮޑުވިއެވެ. ވަލާ ދުރަށް ދެވޭ ވަރަކަށް އަހަރެންގެ ބަލިކަށިކަން އިތުރުވެއެވެ. ސަލާމަތްވާނެ މަގު ހަނިވެއެވެ. އެކަމަކު، ދޯންޏަށް އެރޭނީ ވަލުން ނުކުމެގެންނެވެ. އިތުރު ގޮތެއް ނެތެވެ. ވަށައިގެން ބަލަމުން ދޯނި ކައިރިއަށް ދިޔަ އިރު، އެ ތަނުގައި މަހުގެ ބޯތައް ހުއްޓެވެ. އަދަދެއް ނޭނގެއެވެ. ޔަގީނުން ވެސް ވަރަށް ބައިވަރެވެ. މަހުގެ ބޯ ނޫން އެއްޗެއް ނެތެވެ. ފާނޫޒު ވެސް އެ ތާ ހުއްޓެވެ. އެ ދިއްލަންވީކަމެއް ނުދިއްލަންވީކަމެއް ނުނިންމުނެވެ. ދިއްލައިފިއްޔާ އޭނައަށް އަހަރެން ފެންނާނެއެވެ. ނުދިއްލައިފިއްޔާ ނުފެންނާނެ ހެއްޔެވެ؟

އިރުކޮޅަކު ވިސްނައިލައިފައި، ދޯނިން ލައިޓަރު ނަގައިފައި ފާނޫޒު ދިއްލީމެވެ. ބިންމަތީގައި ހުރި ބޯތަކު ތެރެއިން ބޮލެއް ނަގައި ބަލައިލީމެވެ. ލޮލެއް ނެތެވެ. ތަނަށް އަލިކޮށްގެން ބެލި އިރު، ކުރިން ފެނުނު ކަށިތަކެއް ވެސް ނެތެވެ. ނުވަތަ އަހަންނަކަށް ނުފެނުނެވެ. އަހަރެން ހުރީ ބިރުގެންފައެވެ. އޭނަ ފުންމައިގަންނާނީ ކޮން ދިމާއަކުން ކޮން އިރަކު ކަމެއް ނޭނގެއެވެ. ވަށައިގެން އެއްވެސް ދިމާއަކުން އަހަންނަށް ރައްކާތެރިކަމެއް ނެތެވެ. އަހަރެން މަޑުމަޑުން ދޯންޏަށް އެރީމެވެ. ރިޔާ ނަގަން ވިސްނައިލި އިރު، އެއްވެސް ވަޔެއް ނުޖެހެއެވެ. ނަސީބު އަހަންނަކަށް އެހީއެއް ނުވިއެވެ. އެއީ އަހަރެން އެންމެ ބަލިކަށިވި ވަގުތެވެ.

އޭނައަކީ އިންސާނަކަށް ނުވެ ކަނޑުގެ އަހުލުވެރިޔަކަށް ވެސް ވެދާނެއެވެ. ފުންމައިގެން އަރައި ހިފައިގެންފިއްޔާ އަހަރެންގެ ކަށިފުކެއް ވެސް އެހެން މީހަކަށް ނުފެންނާނެއެވެ. ހިތަށްއެރިއެވެ. ރަށް ބަލަހައްޓަން ކުރިން ހަވާލުވި އެންމެނާ ވެސް ދިމާވީ އޭނަ ހެއްޔެވެ؟ އެންމެން ފަދައިން އަހަރެން ވެސް ވަޒީފާ ދޫކޮށްލަންވީ ހެއްޔެވެ؟ ސިކުނޑި ބުންޏެވެ. ތި ކަމާ ވިސްނާނީ ފަހުންނެވެ. ފަލިޖަހައިފައި ވެސް ރަށަށް ދެވޭތޯ ބަލަންވީއެވެ. ދޯނީގައި އޮތް ދެ ފަލި ނަގައި ތައްޔާރުކޮށްލީމެވެ. ކުރިމަތިވި ބިރުވެރި ހާދިސާއިން ސަލާމަތްވީތީ ޝުކުރުކުރީމެވެ. ރަށާ ދިމާއަށް ދަތުރު ފެށީމެވެ. އަހަންނަށް އޭރު ނޭނގި އޮތް ކަމަކީ، ބިރުވެރިކަމުން ސަލާމަތްވާން އޭރު ކައިރި ވެސް ނުވާކަމެވެ. ފުރަތަމަ ފަލިވަޅާއެކު ރަށުތެރެއިން އެއްޗެއް ހޭރިގަތް އަޑު އިވުނެވެ. އެއީ ނާމާން އަޑެކެވެ. އަހަރެންގެ ހަތަރެސްފައި ދިޔައީ ކޮޅަށްޖެހިގެންނެވެ. އެހައި ވަރުގަދަ، އެހައި ބިރުވެރި އަޑެއް ދުވަހަކު ވެސް އަހަރެން ނާހަމެވެ. ހަމަ ޔަގީނުން ވެސް އެހައި ބާރަކަށް އިންސާނަކަށް ނުހޭރެވޭނެއެވެ. އަހަރެން ބަލައިލި އިރު ފަޅުރަށް ފެންނަނީ، ސިފަ ހުތުރު މޫނެއްހެންނެވެ. ރަށުގެ ދޮންވެލިގަނޑު ހީވަނީ ދަތެއްހެންނެވެ. އެހެނެއް ނުވާނެއެވެ. ހިތާހިތުން އަހަންނަށް ބުނެވުނެވެ. އެއީ އަހަންނަށް ހީވާ ގޮތެވެ. އަނެއްކާ ފަލިޖަހަން ފެށީމެވެ. ހަމަ ފަށާ އިރަށް ހޭރިގަންނަން އަޑުއިވެއެވެ. އަހަރެން ފަލިޖެހުން ހުއްޓައެއް ނުލަމެވެ. ފަޅުރަށް ނޫން ދިމާއަކަށް ނުވެސް ބެލެއެވެ.

އަހަންނަށް ފެނުނީ ރަށުތެރެއިން ބިޔަ އެއްޗެއް މައްޗަށް އަރާ ތަނެވެ. ހީވަނީ މީހަކު ތެދުވާހެންނެވެ. ކިހާ ބިޔަކަން އެނގެނީ، ތަރިތަކުން ބަޔެއް ފޮރުވޭތީއެވެ. އެއީ އަނދިރި ވަގުތެކެވެ. އަހަރެންގެ ލޮލަކަށް ދުރު ސާފުކޮށެއް ނުފެންނާނެއެވެ. އެ ކަން އަހަރެން ހަނދާނެއް ނުނެތެއެވެ. އަހަރެން ލޯ ކުޑަކޮށްގެން ވެސް ބެލީމެވެ. އޭރު އޭނަ ހަރަކާތްތަކެއް ކުރާހެން ހީވެއެވެ. ހީވަނީ ދުރުގައި ހުރި އެއްޗެހިތަކެއް، ދެ އަތުން ކައިރިއަށް ގެންނަހެންނެވެ. އޭނަ ކައިރިއަށް އަހަރެން އަންނާށޭ ބުނާހެންނެވެ. އެ ހަރަކާތްކުރަމުން އޭނަ ބިރުވެރި އަޑަކުން ހޭރުނެވެ. އަހަރެންގެ ދެއަތަށް ހީވީ ކަރަންޓުއައިހެންނެވެ. ގައިގައި ހުރި ބާރެއް ލައިފައި، ފަޅުރަށާ ދުރަށް އަހަރެންގެ ރަށާ ކައިރިއަށް ފަލިޖަހަން ފެށީމެވެ. އޭނަ ހަރަކާތް ހުއްޓައެއްނުލައެވެ. އިރުކޮޅަކުން އަލިކޮޅުތަކެއް އޭނަ ކައިރިއަށް ޖަމާވާން ފެށިއެވެ. އެއީ ބަލަން އިންދައި ހިނގި ކަންކަމެވެ. އަލިކޮޅުތައް އައިސް އޭނަ ވަށައި އެނބުރެން ފެށިއެވެ. ހީވަނީ ތަރިތަކެއްހެންނެވެ. އުޑުގައި ހުރި ތަރިތަކާ އަޅައިބަލާ އިރު، އެނބުރޭ އަލިކޮޅުތަކުގެ ކުލައާއި ސައިޒު ވެސް ތަރިތަކާ އެއްވަރެވެ. އަހަރެން ދިޔައީ ފަޅުރަށާ ދުރަށެވެ. އެ ނާމާންކަމުން ސަލާމަތްވެވުނުކަމަށް ޓަކައި ޝުކުރުކުރަމުންނެވެ. ހިތަށްއެރިއެވެ. ރަށަށް ގޮސް އާއިލާ އެންމެންނަށް އެ ވާހަކަ ކިޔައިދޭނަމެވެ. ހަގީގަތުގައި، އަހަރެންގެ ބިރުވެރި ދަތުރު އޭރު އަދި ނުވެސް ފެށެއެވެ.

ފަލިޖަހާތާ އެތައް އިރެއްވީ އިރު ވެސް އަހަރެންގެ ރަށް ކައިރި ނުވާކަން ފާހަގަކުރެވެން ފެށިއެވެ. އޭރު ވެސް ފަޅުރަށުން އިވޭ ނާމާން އަޑު އިވިއިވި ހުއްޓެވެ. އަހަރެން ގަޔަކު އިތުރަށް ލާނެ ހިތްވަރެއް ނެތެވެ. އެހެންވިޔަސް، ދަތްކުނޑިވިކާލައިފައި ފަލިޖެހުން އަވަސްކޮށްލީމެވެ. އެންމެ ތަންކޮޅެއް ވެސް ކުރިޔަކަށް ނުދެއެވެ. ވަރުބަލިވެގެން އަހަރެން ހުއްޓައިލީމެވެ. ހީވީ ދޯނީގައި ވާޖަހައިފައި ދަމަން ފެށިހެންނެވެ. ނުވަތަ ވަރުގަދަ އޮއިގަނޑެއްގައި ޖެހުނުހެންނެވެ. ފަޅުރަށާ ދިމާއަށް ދޯނި ގެންދަން ފެށިއެވެ. ދެކޮޅަށް ފަލިޖަހާނެ ހިތްވަރެއް ގަޔަކު ނެތެވެ. އަހަރެން ބަލަހައްޓައިގެން އިނީއެވެ. ހަނދުއަރަން ފެށިއެވެ. އުދަރެސް އަލިވާން ފެށިއެވެ. އެއީ ސާދަވިލޭރޭގެ ހަނދެއް ނޫނެވެ.

ނުނިމޭ

7 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 38%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރިޔަނބ

18 May 2022

މީހަކު ބުނާއަޑެއް އަހާ ސޮރެއް ނޫން... ބޮލުގަ ތެއްކަން ހުރެމެ، ގޮތްނޭގި ކަންބަލަން އުޅެ ތިއަވަދިވީ... ރަށައްވެސް ފޯރާނެ އަދި ...އެކަމު ބޯކޮސްވާފަހުން... ދެން ވާނެ ހައެތި ތިޔަވީ

The name is already taken The name is available. Register?

ނަންބަރު އައިނު

18 May 2022

ދެންއަންނަ ބަޔަކައް ތިސޮރައް ނަންބަރު އައިނެއް ބިންމާ ހޯދައިދެއްޗޭ :)

The name is already taken The name is available. Register?

ޥާނުވާ

23 May 2022

ނަންބަރު އައިނު ހޯދާދޭއިރު ލޯ އިންތާ އިންނާނީ ވަޅުގަނޑު. ރަށުތެރޭން އެވަރަށް އެހޭރެނީ ދުރު ނުފެންނަ ސޮރުގެ ލޯބޭނުންވާތީ.

The name is already taken The name is available. Register?

ސޭޑް

18 May 2022

ބިރުކުޑަ ވިޔަސް...

The name is already taken The name is available. Register?

މަބަލްދީބް

18 May 2022

ހޫން! ބިރުކުޑަކަން ދެއްކިއްޖެއެއް ނުން. ދެން ސީލާ.

The name is already taken The name is available. Register?

ޙޙ2022

18 May 2022

ތިސޮރު ޒަމާން ތި ދިޔައީ... ބޮއިހަލަކި

The name is already taken The name is available. Register?

ކްއިކް ގަން މުރުގަން

18 May 2022

ކަލޯ ގަޔާ ބިރުވެރި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454