މުނިފޫހިފިލުވުން / ކުރު ވާހަކަ

އަހަރެން ކީއްކުރާނީ؟

އާދިއްތަ ދުވަހާ ގުޅޭ

އަހަންނަށް ބުނެވުނީ ވަރަށް އެހެން ކަހަލަ އެއްޗެކެވެ.

"ނާސިހާ ދެކެ ލޯބިވާން ހުއްދަދެއްވާ!" އަހަރެން ބުނީމެވެ.

އަހަންނަކީ ނާސިހާގެ ފިރިމީހާއެވެ. އެހެން ވިޔަސް އޭނަގެ ހުއްދަ ނެތި ލޯބިވާން ކީއްކުރަން ހެއްޔެވެ؟ ރުޅިވާކަށް ވެސް އަހަރެން ބޭނުމެއް ނޫނެވެ. ހަގީގަތުގައި، އަހަރެން ލޯބިވާ ވަރަށް ލޯބިވާނެ މީހެއް ނާސިހާއަކަށް ނުލިބޭނެއެވެ. ނާސިހާ ބުނެފިއްޔާ އަހަރެން ނުކުރާނެ ކަމެއް ނޯންނާނެއެވެ. އެހެނަސް، ނާސިހާއަށް އެ ކަން ވިސްނޭނެ ނަމައެވެ.

"ހިނގާބަލަ ކޮޓަރިއަށް." ނާސިހާ ބުންޏެވެ.

އަހަރެންގެ މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. ފައިން ވާގިދޫނުވީ ކިރިޔާއެވެ. މަޑުމަޑުން ގޮސް ނާސިހާގެ ކޮޓަރިއަށް ވަދެފައި އެނދުގައި ނާސިހާ ބޭއްވީމެވެ.

"ދޮރުލައްޕާފަ އާދޭ!" ނާސިހާ އެދުނެވެ.

ޗާބީދީފައި ހުރި ބުދެއްހެން އަހަރެން ގޮސް ދޮރުލައްޕައިފައި އައީމެވެ. ތަންޑުއަޅުވަން ނުބުނާތީ އެ ކަމެއް ނުކުރަމެވެ.

"މިތާ އިށީނދޭ!" ބަލި ގޮތަކަށް ނާސިހާ އެހެން ބުނުމުން އަހަރެން އިށީނީމެވެ. "އަހަންނަށް އެނގޭ ޒުހުރީ ވަރަށް ގިނަ ސުވާލުކުރަން ބޭނުންކަން. ބޭނުން ސުވާލެއް ކުރޭ! ވަރިހަމަ ކޮންމެ ސުވާލެއް ކުރިޔަސް."

ނާސިހާ އެ ބުނީ ކީކޭކަން އަހަންނަށް އެނގެއެވެ. އެހެނަސް އަހަރެންނަށް ހުރިހައި ޖަވާބެއް ހޯދިއްޖެއެވެ. ނާސިހާ މާބަނޑުކަމާއި، އެ ކަމުގެ ޒިންމާނަގަންޖެހެނީ ކާކުކަން ވެސް އެނގިއްޖެއެވެ. އެ ވާހަކަތައް އަލުން އަހައިގެން ނާސިހާގެ ހިތަށް ތަދުކުރުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ އެ ވާހަކަދައްކާކަށް އޭނައަކަށް ފަސޭހައެއް ނުވާނެއެވެ.

"ނާސިހާ ދެކެ ލޯބިވާން ހުއްދަދެއްވާ!" ތަކުރާރުކޮށް އަހަރެން ބުނީމެވެ.

"މީ އަހަރެން ކީއްވެގެން ކުރި ކައިވެންޏެއްކަން މިހާރު އެނގޭނެ،" ނާސިހާ ބުންޏެވެ. "ޒުހުރީއަށް މިހާރު ވެސް އަހަރެން ވަރިކުރެވޭނެ."

"ކީއްކުރަންތޯ ވަރިކުރަންވީ؟" އަހަރެން ސުވާލުކުރީމެވެ.

"ކީއްވެ ނުކުރަންވީ؟" ނާސިހާ ވެސް ސުވާލެއް އުފެއްދިއެވެ.

"ލޯބިވާތީ!" އަހަރެން ބުނީމެވެ. "ނާސިހާ ދެކެ އަޅުގަނޑު ވަރަށް ލޯބިވޭ! ނާސިހާއަށްޓަކާ އަޅުގަނޑު ނުކުރާނެ ކަމެއް ނޯންނާނެ."

"އެއީ ކީއްވެގެންތަ؟" ކުޑަކޮށް ދެރަވެފައި ނާސިހާ ބުންޏެވެ. "އަހަރެން ދުވަހަކު ވެސް ނުބުނަން ޒުހުރީ ދެކެ ލޯބިވަމެކޭ! އެހެން ހީވާ ކަހަލަ ކަމެއް ވެސް ނުކުރަން. ރުޅިއައިސްގެން ނޫން ގޮތަކަށް އެއްޗެއް ވެސް ނުބުނެވޭ! މީހަކު އަހަރެންނަށް ލަނޑެއްދީފަ، އިންނާނަމޭ ކިޔާފަ ނީނީމަ، އެ ކަމުން ސަލާމަތްވާންވެގެން ޒުހުރީއާ އިނީ. އޭނަ އަހަންނަށް ދިން ލަނޑަށް ވުރެ ބޮޑު ލަނޑެއް ޒުހުރީއަށް މި ދިނީ. މީ ހަގީގަތް. މިހާރު ދެން އަހަރެން މަތިން ފޫހިވެއްޖެއްނު! ދެން ކީކޭ ބުނާނީ؟"

ކުށްކުރުމަށް ފަހު އެކި މީހުން މާފަށްއެދޭނީ އެކި ގޮތަށެވެ. ބައެއް މީހުން މާފުކުރާށޭ ބުނާނެއެވެ. އަނެއްބައި މީހުން ކުރާ ކަމަކީ ކުށަށް އިއުތިރާފުވުމެވެ. އެހެނަސް މާފަށްއެދޭހައި ހިތްވަރެއް ނުހުންނާނެއެވެ. އަހަރެން ބެލީ ނާސިހާ މާފަށްއެދުނީކަމަށެވެ.

"ނާސިހާ ކައިރީގަ އަޅުގަނޑު އޮށޯވެލަން ހުއްދަ ދެއްވާ!" އަހަރެން އެދުނީމެވެ.

ނާސިހާ އިރުކޮޅަކު ބަލަން އޮތުމަށް ފަހު، އެއްފަރާތަކަށް ޖެހިލިއެވެ. އަހަރެންގެ ނަޒަރުގައި، ފިރިއެއްގެ ހައިސިއްޔަތު އަހަންނަށް ދިން ފުރަތަމަ ފަހަރަކީ އެއީއެވެ. އަހަރެން އޮށޯތީމެވެ. އެ ވަގުތު ކޮޓަރީގެ ދޮރު ލެއްޕުނު އަޑުއިވުނެވެ. އަހަންނަށް ބަލައިލެވުނު އިރު މީހަކު ފެންނާކަށް ނެތެވެ. ނާސިހާއަށް އެ އަޑުއިވުނުހެނެއް ހިޔެއްނުވެއެވެ. ޔަގީނުން ވެސް އަހަރެން ދޮރުލެއްޕީމެވެ. ހިތަށްއެރިއެވެ. އަޑެއްއިވުނުހެން އަހަންނަށް ހީވީއެވެ. ހުޅުވި އަޑު ނީވި ލެއްޕި އަޑު އިވޭނީ ކިހިނެއް ހެއްޔެވެ؟

"އަހަންނަށް ކަމެއް ކޮށްދީފާނަން؟" އަހަރެންގެ އަތުގައި ހިފަމުން ނާސިހާ ސުވާލުކުރިއެވެ.

"ވިދާޅުވޭ!" އަހަރެން ބުނީމެވެ. "މަރުވާން ވެސް ތައްޔާރަށް އަޅުގަނޑު މިހިރީ."

"އެއަށް ވުރެ ވެސް ބޮޑުކަމެއް ބުނެފިއްޔާ؟" އަހަރެންގެ މޭގައި ބޯއަޅައިލަމުން ނާސިހާ އެދުނެވެ. "ކޮށްދޭނަން؟"

ބިރުވެރި ހިމޭންކަމެއް މުޅި ކޮޓަރިއަށް ފެތުރިގެންދިޔައެވެ. އަހަރެންގެ ހިތުވިންދު ނާސިހާއަށް އިހުސާސްކުރެވޭނެކަން އަހަންނަށް ކަށަވަރެވެ. އާނއެކޭ ބުނަން ނުކެރި އެތައް އިރަކު އަހަރެން އޮތީމެވެ. ބާކީ ދެން އޮންނާނީ އެންމެ ކަމެއްކަން އަހަންނަށް އެނގެއެވެ.

"އަހަރެން ވަރިކޮށްދީ!" ނާސިހާ އެދުނެވެ. "އެހެންނޫނީ ޒުހުރީއަށް މީހުން މަލާމާތްކުރާނެ."

ހަނދުގެ ކުރިމައްޗަށް ހުރަސްވި ކަޅު ވިލާގަނޑުން ހަނދުވަރުގެ އަލިކަން ގެއްލުވައިލިއެވެ. އަހަރެން އިނީ ލޮނުޒިޔާރަތްކޮޅުގައެވެ. މޫދަށް ކުރިމަތިލައިގެން ވާޓަރު މަތީގައެވެ. ބިރުގެންފައެވެ. އަހަރެންގެ ހިތަށް ވެރިވި ލޯބީގެ ހަނދުވަރު ވެސް ފަނޑުވުމަށް ތައްޔާރުވަނީއެވެ. މައްސަލައަކީ މީހުންގެ މަލާމާތެއް ނޫނެވެ. ނާސިހާ ބުނި ކަމެއް އަހަންނަށް ނުކޮށްދެވިދާނެތީއެވެ. އެހައި އަމިއްލައެދުންބޮޑު މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ލޯބީގެ ދެވަނަ ނަމަކީ ގުރުބާނީއެވެ. ހުރިހައި ބާރެއްލިބިމެ އެއްވެސް ބާރެއްގެ ބޭނުން ނުކުރުމެވެ. އެ ވަގުތު މީހަކު ހޭއަޑު އަހަންނަށް އިވެން ފެށިއެވެ. ބަލައިލި އިރު ނަސީރު ބަލަހައްޓައިގެން އިނެވެ.

"ކޮބާ ހީވޭ؟" ސަމާސާގެ ރާގެއްގައި ނަސީރު ބުންޏެވެ. "މަ އޭރު ވެސް ބުނީމެއްނު ތިހެނޭ ވާނީ."

ނޫނެކެވެ. އަހަރެންގެ ހިތް ބުންޏެވެ. ނަސީރަށް ދިމާވި ގޮތާއި އަހަންނަށް ދިމާވި ގޮތް ތަފާތެވެ. ނަސީރު އައިސް އަހަރެން ކައިރީގައި އިށީނެވެ. އަހަރެންގެ ކޮނޑުގައި ފިރުމައިލިއެވެ.

"ހިތްވަރުދޭން ވަރަށް ބޭނުން. އެކަމަކު ހިތުގަޖައްސަން މި އާދެވުނީ،" ނަަސީރު ބުންޏެވެ. "އެ ދެ މީހުން އަލުން ސުލްހަވެއްޖެ! މާފަށްއެދި، މާފުކޮށް، އިންނަން ވެސް އެއްބަސްވެއްޖެ! ޒުހުރީ ކައިރީގަ ބުނެފިތަ ވަރިކުރާށޭ؟"

"ނުބުނޭ!" އަހަރެން ދޮގެއްހެދީމެވެ. "އަހަރެން ވަރިކުރިޔަސް އެ ހާލުގަ ނާސިހާއަކަށް އެހެން ކައިވެންޏެއް ނުވެސް ކުރެވޭނެއްނު!"

"ފައިސާއަށް ވަރަށް ގިނަ ކަންތައް ކުރެވޭނެ،" ވަރަށް ޔަގީންކަމާ އެކުގައި ނަސީރު ބުންޏެވެ. "އެކަމަކު މި ވަގުތު ހުރިހާ ބާރެއް އޮތީ ޒުހުރީ އަތުގަ. ވަރިނުކޮށް ހިފާއްޓާލާ! ގެންދޭ ގެއަށް. އޭނަގެ ހިތް އޮތީ އާސްމާންގަ. ބިމަށް ތިރިކޮށްލާ! ކޮން ފަދަ ކަމެއް. ފިސާރި ފިރިހެނެއްކަން އަންގާލާ!"

އަހަރެން ގެއަށް ދިޔައީމެވެ. އެއްކޮށްފައި ހުރި ނާސިހާގެ ހުރިހާ ހަނދާންތަކެއްގެ މެދުގައި އިށީނދެލައިގެން އިނީމެވެ. ކޮންމެ ހަނދާނަކާ ގުޅިފައިވާ ހާދިސާ ހިތަށްގެނައީމެވެ. ޓިޝޫގައި ހުރި ލިޕްސްޓިކުގައި އޭރު ވެސް ފޮނި ވަހެއް ހުއްޓެވެ. އެ ހަނދާންތަކާ ދުރަށް ދެވޭ ހެއްޔެވެ؟ ލޯބި ކިޔަނީ އެއަށް ހެއްޔެވެ؟ ނާސިހާގެ ހަޔާތަށް ގެންނަން އެ އުޅެނީ ރަނގަޅު މީހެއް ނޫނެވެ. ނާސިހާ ދެކެ އޭނަ ލޯތްބެއް ނުވެއެވެ. އޭނަގެ ފަރާތުން ނާސިހާއަށް ލިބުނިއްޔާ ލިބޭނީ ހިތްދަތިކަމެވެ. އަހަރެން ޖެހޭނީ ނާސިހާ ސަލާމަތްކޮށްދޭށެވެ.

ދަންވަރުގެ ވަގުތެވެ. މާލޭގެ މަގުތައް އޮތީ ފަޅުވެފައެވެ. އަހަންނާއި ނާސިހާ ނޫން މީހަކު މަގަކު ނެތެވެ.

"ކޮން ތާކަށް މި ދަނީ؟" ނާސިހާ ހިނިތުންވެފައި ސުވާލުކުރިއެވެ.

"އެއްޗެއް ދައްކާލަން." އަހަރެން ބުނީމެވެ.

"މި ގަޑީގަ؟" ނާސިހާ އެހިއެވެ. "ތީ ހާދަ މުހިންމު އެއްޗަކަށް ވާނޭ ދޯ؟"

"އެހެން ނުވެ ވެސް ހިނގައިދާނެ،" ވިސްނާލައިފައި އަހަރެން ބުނީމެވެ. "އަޅުގަނޑަށް މުހިންމު އެއްޗަކީ ނާސިހާއަށް ބޭކާރު އެއްޗަކަށް ވެސް ވެދާނެ ނޫންތޯ."

އަހަރެން ބުނި އެއްޗެއް ނާސިހާއަށް ވިސްނުނުހެން ހީވެއެވެ. ނާސިހާ ހިނިތުންވެލި ގޮތުންނެވެ.

"ބޭކާރުވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ؟" ނާސިހާ އެހިއެވެ. "އަޅެ ބުނެބަލަ!"

"ފެނުނީމަ ނޫންތޯ އެނގޭނީ." އަހަރެން ބުނީމެވެ.

ކުރިން ތަރުތީބުކޮށް، ތައްޔާރުކޮށްފައިވާ އަހަރެންގެ ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. އެއީ ކޮޓަރިއެއް ނޫނެވެ. ދެލި ބޭނުން ނުކޮށް ކިޔައިދީފައިވާ ރީތި ވާހަކައެކެވެ. ހަނދާންތަކެއް ކަފުންކޮށްފައިވާ ލޯބީގެ ޒިޔާރަތެކެވެ. ކޮންމެ އެއްޗެއް ފެނުމާއެކު އެއީ ކޯޗެއްކަން ނާސިހާއަށް އެނގެއެވެ. ރަކި ހިންޏެއް އައިސްފައި ހުރެގެން ހުރިހައި އެއްޗެއް ބެލިއެވެ. އެކަތި ނަގަން ވެސް ނެގިއެވެ. އެއީ، ހިކިފައިވާ މަލެކެވެ. އެ މާ ނެގުމާ އެކު ނާސިހާގެ މޫނަމައްޗަށް އުފާވެރިކަން ވެރިވެގެންދިޔައެވެ.

"ހެޔޮތަ މި މާ އަހަރެން ގެންދިޔަސް؟" ނާސިހާ އެހިއެވެ.

އަހަރެން އެއްބަސްވީމެވެ. އެހެނަސް ހިތަށްއެރިއެވެ. ގެންދާނީ ކޮން ތާކަށް ހެއްޔެވެ؟ އެ ކޮޓަރިން ބޭރަކަށް ދެން ނާސިހާއެއް ނުނިކުންނާނެއެވެ. ދަންވަރުގަނޑީގައި ނާސިހާ ގެއިން ނެރުނީ ބޭނުމަކުއެވެ. އަހަންނަކީ ފިސާރި ފިރިހެނެއްކަން އަންގަން އެބަ ޖެހެއެވެ. ކޮޓަރިއަށް ނާސިހާ ގެނައި ސަބަބު ބުނެދޭން ވެސް އެބަ ޖެހެއެވެ.

"އަހަރެން ނާސިހާ މި ތަނަށް ގެނައީ..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"މި މަލުގަ ހުންނާނެ އޮށްތަކެއް،" ކުއްލިއަކަށް ނާސިހާ އެހެން ވާހަކައެއް ފެށިއެވެ. "އަހަރެން ބޭނުން އޮށްތައް އިންދަން. އަހަރެންގެ ހިތް ބުނަނީ މި ގަސް ހެދޭނޭ. މާ ވެސް އަޅާނޭ. ކީކޭ ޒުހުރީ ބުނީ؟"

އަހަރެން އުޅުނީ ކުރިން ބުނި ވާހަކަ ބުނާށެވެ. އެކަމަކު، ނާސިހާ އެންމެ ފަހުން ބުނީ ކީކޭކަން ވިސްނުނީ އެ ވަގުތުއެވެ. ދެން ހިތަށްއެރިއެވެ. އަހަންނަށް މި ރައްކާކުރެވުނީ ކާކު ދިން މަލެއް ހެއްޔެވެ؟ އެ މާ ނާސިހާއަށް ހާއްސަވީ ކީއްވެގެން ހެއްޔެވެ؟ ނާސިހާ އެ ބުނަނީ އެ މާ ދިން މީހާޔާ އިންނަ ވާހަކައެވެ. އަލުން ދިރިއުޅުމެއް ފަށާ ވާހަކައެވެ. ލޯބީގެ މާތައް ފޮޅޭނެ ވާހަކައެވެ. ނާސިހާގެ އުފަލަކީ އެއީއެވެ. އެ އަށް ހުރަސްއަޅަން އަހަރެން މީ ކާކު ހެއްޔެވެ؟

ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު އަހަރެން ނާސިހާ ވަރިކުރީމެވެ. ނާސިހާއަށް ޓަކައެވެ. ދެން އޭނަ ކަންތައްކުރާނެ ގޮތެއް އެނގޭނީ އޭނައަށެވެ. އަހަރެން ނާސިހާޔާ އިނީ ނާސިހާ ކުރި ފާފަ ފޮރުވައިދޭކަށް ނޫނެވެ. ނާސިހާގެ ދަރިފުޅުގެ ބައްޕައަކީ އަހަރެން ކަމަކަށް ދައުވާއެއް ވެސް ނުކުރާނަމެވެ. އަހަރެން ލޯބިވާ މީހާ އަހަރެން ދެކެ ލޯތްބެއް ނުވެއެވެ. ނާސިހާ ލޯބިވާ މީހާ ނާސިހާ ދެކެ ވެސް ލޯތްބެއް ނުވެއެވެ. އެއީ ކަށަވަރުކަމެކެވެ. އެކަމަކު، ނާސިހާ ދިޔަނުދީ ހިފޭއްޓި ނަމަ، އަހަންނަށް ވެސް ކަންތައް އެ ކުރެވުނީ ލޯބިވާ މީހަކު ކަންތައްކުރާނެ ގޮތަކަށް ނޫނެވެ. ލޯބިވުމަކީ ލޯބި ހާސިލުކުރުމެވެ. ދާން ބޭނުންވާ މީހާ ދާން ދޫ ވެސް ކޮށްލުމެވެ. ބަޔަކު އެ ކަމަށް މަލާމާތް ވެސް ކޮށްފާނެއެވެ. އެ މީހުންނަށް ލޯތްބަކީ ކޯޗެއްކަން ނޭނގެނީއެވެ. އެ ކަމާ އަހަރެން ކުރާނެކަމެއް ނެތެވެ.

ނިމުނީ

9 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 5%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާބޫ

16 June 2022

ނަންވެ ކަންކޮއްލިނަމަ ވަރަށް ސަޅިވީސް، މަ ނަމަ ކަންކޮއްފަ ދޫކޮށްލީހީ................ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮންނަންވާނެ.....

The name is already taken The name is available. Register?

ހެހެ

16 June 2022

ވަރަށްތާކުންތާކު ނުޖެހޭގޮތަށްނިންމާލީ

The name is already taken The name is available. Register?

ތުނިޔަ

15 June 2022

ޒުހުރީވީ ލޯބީގައި ނާސިހާގެ ލިޕްސްޓިކް ފޮހުނު ޓިޝޫގެ އަގުވެސް ނެތީތަ؟

The name is already taken The name is available. Register?

ޝަނާ

15 June 2022

ނައިސް އެންޑިންގް

The name is already taken The name is available. Register?

ކޮންޓެ

15 June 2022

ތިވީ ރަދީފަށް ވީވަރު

The name is already taken The name is available. Register?

ޒަހިއްޔާ

15 June 2022

ކީއްވެތަ ޒުހުރީއަށް ދެރަގޮތްވީ؟؟ ވާހަކައިގެ ނިންމުން އުފާވެރިކޮށްލިނަމަ... ނާސިހާއަށް ޒުހުރީގެ ލޯބިއެއީ ކިހާ މުހިއްމު އެއްޗެއްކަން އަންގައިދިންނަމަ...

The name is already taken The name is available. Register?

ަެއެ ނާސިހާ

15 June 2022

ކީއްކުރާނީ، މަށައް ހަމަ ލޯބިނުވެވޭނީ ޒުހުރީގެ ފަސްކުޅަދު ހަމަނުވާތީ. ލޯބި އެއީ ވާ އެއްޗެއްނަމަ ޒުހުރީ ނޫން އެހެން މީހެއްދެކެ މަ ލޯބިނުވާނަން. މަށައް ޖެހިގެން މިއުޅެނީ ޒުހުރީއަށް ޖެހުނުހާލަށްވުރެން ނުބައިގޮތެއްނު މަދެކެ ލޯބިނުވާ މީހެއްދެކެ ލޯބިވެވިގެން އެސޮރު ރުއްސަން ހަދައިގެން.

The name is already taken The name is available. Register?

ސަސ

15 June 2022

ލޯބިވެސް ވާން ވާނީ ހިތަށް ކުޅަދާނަ މިންވަރަކަށް. އަހަރުންހެން ފެންނަ ކޮންމެ މީހަކުދެކެ ލޯބިވާ މީހަކަށް ނުވިސްނޭނެ.

The name is already taken The name is available. Register?

އިބުރާ

15 June 2022

ޒުހުރީއަށް އެހެން ހަދާކަން ނުވާނެ އެއްނު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454