ބީ ޕްރާކް އާއި އޭނާގެ އަނބިމީހާ މީރާ.
17 ޖޫން 2022 - 06:29
އިންޑިއާގެ ލަވަކިޔުންތެރިޔާ ޕްރަތިކް ބަޗަން (ބީ ޕްރާކް)ގެ އަނބިމީހާ ވިހޭތަނުން ދަރިފުޅު މަރުވެއްޖެ އެެވެ.
އަނބިމީހާ ބަނޑުބޮޑު ޚަބަރު މިދިޔަ އޭޕްރީލް މަހު އިއުލާންކުރި ޕްރާކް ވަނީ ސަޕޯޓަރުންނަށް އެ ހިތްދަތި ވާހަކަ ހިއްސާކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ކުއްޖާ މަރުވީ ހަމަ ވިހޭތަނުންނެވެ. އޭނާ ބުނީ އެއީ މައިންބަފައިންގެ ހައިސިއްޔަތުން ތަހައްމަލުކުރި އެންމެ ހިތްދަތި ވަގުތު ކަމަށެވެ.
އޭނާގެ އެ ޕޯސްޓުގައި ވަނީ ޑޮކްޓަރުންނާއި އެހެން ސްޓާފުން ވެސް ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
ދަރިފުޅުގެ މަރާ އެކު ވަރަށް ދެރަވެފައިވާ ކަމަށާއި މިވަގުތު އެދެނީ ޕްރައިވަސީ އަށް ކަމަށް ވެސް އޭނާގެ ޕޯސްޓުގައިވެ އެވެ.
އެ ޕޯސްޓާ ގުޅިގެން ގޯހަރު ޚާނާއި ނީތީ މޯހަން އާއި ނެހާ ކައްކަރު ފަދަ ބައެއް ތަރިން ވަނީ އެ އާއިލާގެ ހިތާމައިގައި ބައިވެރިވެފަ އެވެ.
ބީ ޕްރާކް އަކީ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔާފައިވާ ތަރިއެކެވެ. ދިވެހިންގެ މެދުގައި ވެސް އޭނާގެ ބައެއް ލަވަތައް މަގުބޫލެވެ. އޭގެ ތެރޭގައި ސިދާތު މަލޯތުރާގެ "ޝޭރްޝާހް" އަށް ކިޔާފައިވާ ލަވަ "ރާޖްނާ" އާއި "ބޭޝަރަމް ބޭވަފާ" އާއި "ދިލް ތޯޅުކޭ" އާއި "ފިލްހާލް" އާއި "މޭރާ ޔާރް" ކަހަލަ ލަވަތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy