މުނިފޫހިފިލުވުން / ވާހަކަ

ދޮގު

އާދިއްތަ ދުވަހާ ގުޅޭ

"އެބަ އޮތް ދެ ޗޮއިސް،" މެސެޖުގައި އޮތެވެ. "މަހަކު ތިން ހާސް ރުފިޔާ. އެހެން ނޫނީ، އަހަރެން ތިކޮޅަށް ދާންޖެހޭ ކޮންމެ ފަހަރަކު ހަންރެޑް. ތިންވަނަ ޗޮއިސްއެއް ވެސް ދީފާނަން. ފްރީ."

އަހަންނަކަށް ނީނދެވުނެވެ. ހުޒާމަށް ގުޅީމެވެ. ފޯނު ނެގުމާ މެދު އޭނަ ވިސްނިކަން ޔަގީނެވެ. އަހަރެން ގުޅީ ހުޒާމުގެ މެސެޖު ލިބުނު ވަގުތުއެވެ. އޭގެ މާނައަކީ، އޭނަގެ ފޯނު ރަނގަބީލުވަމުންދިޔަ އިރު އޭނަ އިންނާނީ ފޯނަށް ބަލާށެވެ. އެންމެ ފަހުން ފޯނު ނެގިއެވެ. އަހަރެން އޭނައަކަށް ފުރުސަތެއް ނުދެމެވެ.

"ތިން ގޮތުންކުރެ އެއް ގޮތް ވެސް ރަނގަޅެއް ނޫން،" އަހަރެން ބުނީމެވެ. "މަހަކު ދެ ހާސް ފަސް ސަތޭކަ. އެއީ އަހަންނަށް އެފޯޑުކުރެވޭނެ ވަރަކީ. އެކަމަކު މި ތަންކޮޅަށް ވެސް ވިސްނާލާތި! އަހަރެން ގުޅާނީ ހަފުތާއަކު ކިތައް ފަހަރުކަމެއް އަހަންނަކަށް ނޭނގެ ބުނާކަށް. މީ ކިތެއް އަހަރުގެ ކަމެއްކަން ވެސް ބުނާކަށް ނޭނގެ."

"އޯކޭ!" ހުޒާމު ވަގުތުން އެއްބަސްވިއެވެ.

އެންމެ ފަސޭހަ ބައި ނިމުނީއެވެ. އަހަރުމެންނަކީ އެކުވެރިންކަމުގައި ވިޔަސް، ޒާލިފުގެ ބައްޕައަކަށް ވުމުގައި އެކުވެރިކަން ބޭއްވީ އެއް ފަރާތެއްގައެވެ. އެއީ ހަމަ ނުރަސްމީ ވަޒީފާއެކެވެ. ބައްޕަގެ ރޯލަށް ހުޒާމު އިތުރަށް ތައްޔާރުވިއެވެ. ފިލްމަކަށް ތައްޔާރުވާހެންނެވެ. އޭނަ ފޮތްތައް ކިޔެވެ. އެ ކަހަލަ ރޯލުތައް ކުޅެފައި ހުރި ފިލްމާއި، މައުލޫމާތުލިބޭ ކަހަލަ ފިލްމު ވެސް ބެލިއެވެ. ތަފާތު ހާލަތުތަކުގައި ކަންކުރަންޖެހޭ ގޮތް ދަސްކޮށް، ފަރިތަކުރިއެވެ. އޭނަގެ އަނބިމީހާއަށް ސިއްރުންނެވެ. ބޭޒާރުވެއްޖެއްޔާ މައްސަލަ ވަރަށް ހޫނުވާނެކަން އަހަރުމެންނަށް އެނގެއެވެ. އޭނަގެ އަންހެނުން "ނަންނި" އަކީ ރުންކުރު މީހެކެވެ. އެ މަގަށް އަހަރުމެން ނުކުތީ، މަގު ކިހައި ދަތިކަމާއި، އަޑިގުޑަން ބޮޑުކަން އެނގި ހުރެއެވެ. އެހެން ގޮތެއް ނެތީއެވެ.

އަހަރެންގެ ހާއްސަ ޝަރުތުތަކެއް ހުއްޓެވެ. ބައްޕަގެ ލޯތްބަށް ދަރިފުޅު ބަރޯސާވާ ވަރު ކުޑަކުރަން ހުޒާމު މަސައްކަތްކޮށްދޭން ޖެހޭނެއެވެ. ހުޒާމުގެ އެހެން އާއިލާއެއް އޮތްކަމާއި، ބޭރަށް ފުރައިގެންދާން ގަސްތުކުރާކަމާއި، ބޭރުގައި ހުއްޓަސް ގުޅުންބާއްވާނެކަމާއި، އަހަންނާއި ދަރިފުޅާ ދެމެދުގައި އޮތް ލޯބި ވަރުގަދަކުރަން ހުޒާމު ވާހަކަދައްކަން ޖެހޭނެއެވެ. ބޭނުމަކީ، ބައްޕަގެ ލޯތްބާ ނުލައި ވެސް ދިރިއުޅެން ޒާލިފަށް ދަސްކޮށްދިނުމެވެ. ބައްޕަގެ ވަޒީފާގައި ހުޒާމު އަބަދު ނުބެހެއްޓޭނެތީއެވެ.

ހުޒާމަށް ކުޅެންޖެހުނީ، ގޮންޖެހުން ބޮޑު ރޯލެކެވެ. ޒާލިފުގެ ހިތް އޮތީ ޝަކުވާއާއި ސުވާލުން ފުރިފައެވެ. ބައްޕަ ދިޔައީ ކީއްވެގެން ހެއްޔެވެ؟ އެނބުރި ނައި ތަނުގައި، ހާލުބަލައިލަން ގުޅައި ވެސް ނުލީ ކީއްވެގެން ހެއްޔެވެ؟ ލޯބިނުވަނީ ހެއްޔެވެ؟ ޒާލިފުގެ ހުރިހައި ސުވާލަކަށް ދޭނެ ޖަވާބެއް އަހަރެންނަކަށް ނުބުނެދެވޭނެއެވެ. އެ ކަމުގައި ހުޒާމު ޖެހުނީ އޭނަގެ ކުޅަދާނަކަން ދައްކާށެވެ. "ދެބަފައިން" އެކުގައި ތަންތަނަށް ފޮނުވަމެވެ. އަހަރެންގެ ދަރިފުޅަށް ހުޒާމު ދެރަ ގޮތެއް ނަހަދާނެއެވެ. އަމިއްލަ ހިތަށް ވިސްނައިދެނީ އެ ގޮތަށެވެ. އެކަމަކު އަހަންނަށް އެނގެއެވެ. އެއީ ދުރުހިލޭ ދެ އިންސާނުންނެވެ. ލޭގެ އެއްވެސް ގުޅުމަކުން އެ މީހުން ބަނދެވިފައެއް ނެތެވެ. އޮތިއްޔާ އޮތީ ކުލުނެކެވެ.

ލޯތްބަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. އެހެން އަންހެނަކު ފެނިގެން، އަހަރެންގެ ބޮލަށް ދަރިފުޅު ޖަހައިފައި ފިރިމީހާ ދިޔައީއެވެ. ދަރިފުޅުގެ ހުރިހައި ޒިންމާއެއް ނެގީ އަހަންނެވެ. ކިތައް ރޭ ނިދިނަގައިލިން ހެއްޔެވެ؟ އަހަރެންގެ ހުރިހައި އުފަލެއްގައި ކޮޅުފައިން ޖަހައިފައި، ހުރިހައި ވަގުތެއް ދަރިފުޅަށް ޓަކައި އަހަރެން ހުސްކުރީމެވެ. އެހެނަސް، "ބައްޕަ" އައުމާ އެކު ދަރިފުޅުގެ ހުރިހައި ސަމާލުކަމެއް އެ ދިމާއަށް އެނބުރެން ފެށިއެވެ. އެއީ ލޯބިނުވި ތަނުގައި ހާލު ވެސް ބަލައިނުލި ބައްޕައެވެ. ހިތާމައަކީ، ޝަކުވާގެ ސިޓީ ހުށައަޅާނެ ކޯޓެއް އަހަންނަށް ނެތްކަމެވެ. ބައްޕަ ގެނެސްދިނީ އަހަންނެވެ. ދަރިފުޅުގެ ފަރާތުން އަހަންނަށް ލިބުނު ލޯބި ހީނަރުކުރަން އެހެން މީހަކަށް ފައިސާދިނީ ވެސް އަހަންނެވެ. ނަސީބު ކުޅެލި ކުޅިގަނޑު ނިކަން ދެކިބަލާށެވެ. އަހަންނަކީ ގޭގައި އުޅޭ މީހެއްކަމެއް ވެސް ޒާލިފަކަށް ނޭނގެއެވެ. އަބަދު ވެސް އޮންނަނީ ބައްޕައަށް ގުޅައިގެން ބައްޕަ ގެންނަންޖެހިފައެވެ.

އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނަކަން އެނގެއެވެ. އުފަލަކާ އެކުގައި ހިތާމައެއް އަންނަކަމެއް، ކުރިއަކުން ނޭނގެއެވެ. ދަރިފުޅުގެ ލޯބި އަހަންނަށް މަދުވާން ފެށިއެވެ. އެ ލޯތްބަށް އަހަރެން ފެންބޮވަން ފެށިއެވެ. އެކަމަކު ދަރިފުޅުގެ ދިރިއުޅުން ހަމައަކަށްއެޅެން ފެށިއެވެ. އަހަންނަށް ލިބުނު ކާމިޔާބަކީ އެއީއެވެ. ތުންފިއްތައިގެން ވިޔަސް އަހަރެން ކެތްކޮށްލީމެވެ. ޒާލިފުގެ އުފަލަކީ އަހަރެންގެ އުފަލެއް ނޫން ހެއްޔެވެ؟

އަހަރުމެން ތިން މީހުން އެކުގައި ތަންތަނަށް ދާން ފެށީމެވެ. އެއީ ވެސް ނެގި ހިރާހެކެވެ. ނަންނިއަށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަންނިގެ ތިމާގެ މީހެއް ނުވަތަ ރައްޓެއްސަކު ވެސް އެ ޚަބަރު ގެންގޮސްފާނެެއެވެ. އަހަރުމެން ދަތުރުދަމެވެ. ގޭގައި ފިލްމުބަލަން ތިބެމެވެ. ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީގައި ވެސް ހުޒާމު ބައިވެރިކުރީމެވެ. ފޮޓޯނެގީމެވެ. ދަރިފުޅަށް ނޭނގޭކަމަކީ، ހުޒާމު ގެނެސްދިން ހަދިޔާ ވެސް ގަނެދިނީ އަހަރެންކަމެވެ. ބައެއް ފަހަރު، ޒާލިފު ހިތްހަމަޖައްސައިދިނުމަށް ޓަކައި އަހަންނާއި ހުޒާމު ސަމާސާކޮށް ހަދަމެވެ. އަހަރުމެން ދައްކަނީ "ބޭކާރު" ވާހަކައެވެ. އެހެނަސް، އަހަރެންގެ ހިތުގައި ފެވެމުންދިޔައީ ހަގީގީ ކުލައެކެވެ. އެއީ ލޯތްބެވެ. ހިތުގެ ހަތަރުފާރުން ބޭރަށް ނުނެރުނު ނަމަވެސް، ތެދެއް ވާނީ ތެދަކަށެވެ. ލޯބި ނިދިން ހޭލައިފިއެވެ. ހިތް ބުނަން ފަށައިފިއެވެ. ހުޒާމަކީ އަހަރެންގެ ދަރިފުޅަށް ކިހައި ރަނގަޅު ބައްޕައަކަށް ވާނެ ހެއްޔެވެ؟ އެއީ ލޯބީގެ ދަޅައެއްކަން އެނގޭ އިރު ވެސް އަހަރެންގެ ހިތް އެ ދިމާއަށް ލެނބެން ފެށިއެވެ. ސިކުނޑި ދިނީ އެހެން ނަސޭހަތެކެވެ. ހަނދާންކޮށްދިނީ އަހަރެންގެ މާޒީއެވެ. ފިރިހެނަކަށް އިތުބާރުކުރަން އަހަރެން ބިރުގެންނެވިއެވެ. ތެދެކެވެ. ހުޒާމަކީ މީހެއްގެ ފިރިއެކެވެ. އާއިލާ ދޫކޮށްލާފައި ހުޒާމެއް ނާންނާނެއެވެ. އަޔަސް އެއީ އެހެން އަންހެނަކަށް ދެވުނު ދެރައެކެވެ. އެހެން އާއިލާއެއް ބަރުބާދުކޮށްގެން އަހަރެންގެ އާއިލާ އާބާދުވާނީ ކިހިނެއް ހެއްޔެވެ؟ އެހެން ދަރިޔެއް އަތުން ބައްޕަ ޖަހައިގަނެގެން ގެނެސް އަހަރެންގެ ދަރިފުޅަށް ދޭނީ ކިހިނެއް ހެއްޔެވެ؟ ހަދަންވީ ކިހިނެއްކަމެއް އަހަންނަކަށް ނުވިސްނުނެވެ.

ދަރިފުޅުގެ އިސްކޫލު ހާޒިރީ ރަނގަޅުވިއެވެ. ކިޔެވުން ރަނގަޅުވިއެވެ. ބަލިއެނދުން ތެދުވިއެވެ. ރޫފަ ރަނގަޅުވާން ފެށިއެވެ. ކާމިޔާބަކަށް ފަހު ކާމިޔާބެކެވެ. އެހެނަސް އަހަރެންގެ ހިތަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ވިސްނައިދޭނީ ކާކު ހެއްޔެވެ؟ އިސްކޫލު ކިލާސްތަކުގެ މެދުގައި ބާއްވާ ފުޓުބޯޅަ މުބާރާތް ފެށުނެވެ. ފުރަތަމަ ފަހަރަށް ޒާލިފު ޓީމުގައި ހިމެނުނެވެ. ޒާލިފު ކުޅުނު ދުވަހު އަަހަރުމެން ކުޅިބަލަން ދިޔައީމެވެ. އަހަރެން ތަރުހީބުދިނީ އެއްތަނުގައި ހުއްޓިހުރެގެންނެވެ. ހުޒާމަކަށް ނީނދެވެއެވެ. އޭނައަށް ހުރެވެނީ ޒާލިފާ ވީހައި ވެސް ގާތުގައެވެ. މުޅި ދަނޑު ގުގުމަމުންދިޔައީ ހުޒާމުގެ އަޑުންނެވެ. އަނގަވާޅުނުވި ތަނުގައި އޭނަގެ އަޑެއް ވެސް ނުކުރެހެއެވެ. ޓީމަށް އިރުޝާދުދޭން ކޯޗު ހުރި ނަމަވެސް، ޒާލިފުގެ ކޯޗަކީ ހުޒާމެވެ. ޒާލިފު ދެ ގޯލު ޖެހިއެވެ. މުޅި ދަނޑު ތަރުހީބުދިނީ ޒާލިފަށެވެ. އަހަންނަށް ކޮންމެ ފަހަރަކު ވެސް ބަލައިލެވެނީ ހުޒާމަށެވެ. ހުޒާމު ނެތް ނަމަ ޒާލިފުގެ އެ ކުޅުމެއް ނުފެނުނީހެވެ. ޒާލިފުގެ ހަޔާތަށް ހުޒާމު އައި އިރު ޒާލިފަކީ އޮޔާދިޔަ ކަނދުގަނޑެކެވެ. ދިރިހުންނަންޖެހޭ ސަބަބެއް ޒާލިފަށް ދެއްކީ ހުޒާމެވެ. ހަގީގަތަކީ އެއީއެވެ. އެ ކަން އެނގެނީ އަހަންނަށް އެކަންޏެވެ. ދެވަނަ ގޯލު ޖެހުމުން ހުޒާމު އަހަންނަށް ބަލައިލި އިރު އަހަންނަށް ހުރެވުނީ ހުޒާމަށް ބަލަހައްޓައިގެންނެވެ. އަހަރުމެންގެ ދެމެދުގައި ތިރީހަކަށް ފޫޓުގެ ދުރުމިނެއް ހުއްޓެވެ. އެ ވަރުން ވެސް، އަހަރެން ނުބުނީ ކީކޭކަން ހުޒާމަށް އިވުނު ކަހަލައެވެ. އެ ދުވަހު އަހަންނަށް އަހަރެންގެ އިހުސާސްތައް ނުހިފޭއްޓުނީއެވެ.

ކުޅެ ނިންމައިފައި، ގެއަށް އައި މަގުމަތީގައި އަހަރުމެން އައިސްކޯނު ގަތީމެވެ. އަހަރެން ހިތަށްއެރިއެވެ. ލޯބިވާކަން އަހަންނަށް ނޭންގުނު ނަމައެވެ. އެއީ އެއްބަސްވުމާ ހިލާފު ކަމެކެވެ. އޭގެ ސަބަބުން ހުޒާމު ވަޒީފާއިން ވަކިވެއްޖެއްޔާ ޒާލިފަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ އަމިއްލައެދުން ބޮޑުކަމުގެ އަދަބު އަހަރެންގެ ދަރިފުޅަށް ލިބިގެން ނުވާނެއެވެ. އަހަރެން ޖެހޭނީ ވީހައި ވެސް އަވަހަކަށް އެ ކަމަށް މާފަށްއެދޭށެވެ. ލިބުނު ގެއްލުން ފޫބައްދާށެވެ. ދެން އުފެދުނު ސުވާލަކީ، އަހަރެން މާފަށްއެދޭނީ ކީކޭ ކިޔާފައި ހެއްޔެވެ؟ އަހަރެން ފޮނުވި ހިމޭން މެސެޖު ހުޒާމަށް ފޯރިކަން އަހަރެން ޔަގީންކުރާނީ ކިހިނެއް ހެއްޔެވެ؟ ހިތް ވިރިގެން ނުފައިބަނީސް، ކޮންމެ އެއްގޮތަކަށް މި ކަން ނިމެން އަހަރެން ބޭނުމެވެ.

"ސަނާ!" ހުޒާމުގެ އަޑުއިވުނެވެ. "އައިސްކްރީމް މެލްޓުވަނީ."

ސިހިފައި އަހަންނަށް ބަލައިލެވުނު އިރު އައިސްކިރިމު ވިރި ނިމިއްޖެއެވެ. އަހަރެންގެ ހިތެކޭ ތަފާތެއް ނެތެވެ.

ޝައްކުބައްޔަކީ އަމިއްލަ ޒާތުގައި ފެތުރޭ އެެއްޗެކެވެ. ފުޓުބޯޅަމެޗަށް ފަހު، ހުޒާމުގެ މިޒާޖަށް ބަދަލުއައިހެން އަހަންނަށް ހީވާން ފެށިއެވެ. ހުޒާމު ކުރިޔަށް ވުރެ އަހަންނާ ދުރުވެއްޖެއެވެ. އަހަންނަށް ގޮވާ ގޮތް ތަފާތުވެއްޖެއެވެ. އަހަރެން ގުޅުމުން ފޯނެއް ނުނެގިއެވެ. ގެއަށް އައުން މަދުކޮށްލިއެވެ. ޒާލިފު ގުޅައިފިއްޔާ އާދެއެވެ. އެ ގުޅުމަށް ކުޑަ ވެސް ބަދަލެއް ނުގެނެއެވެ. އެކަމަކު ފިލްމުބަލާކަށް ނީނދެވެއެވެ. ކޮންމެވެސް ކަމެއް ޖެހިގެން އޮންނަނީ ދާންޖެހިފައެވެ. ތިން މީހުން އެކުގައި ބޭރަށް ދިޔުން ވަރަށް މަދުކުރިއެވެ. އަހަރެން ހިތަށްއެރިއެވެ. މި ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. އަހަރެން ކިހައި މޮޔަ ހެއްޔެވެ؟ ދަރިފުޅުގެ މުސްތަގުބަލު ސަލާމަތްކުރުމަށް ޓަކައި، އިސްވެ އަހަރެން މާފަށްއެދެންވީއެވެ. ހުޒާމު ހިނގައްޖެ ނަމަ އަހަރެންގެ ދަރިފުޅު، އަނެއްކާ ވެސް ކަޅުހިޔަނީގެ މުށުތެރޭގައި ހައްޔަރުވާނެއެވެ. ކުރި ހުރިހައި މަސައްކަތެއް ބޭކާރުވާނެއެވެ.

"ލިންޓް ޗޮކްލެޓެއް ކާހިތްވެއްޖެ!" ދަރިފުޅުގެ ފޯނުން ހުޒާމަށް އަހަރެން މެސެޖެއް ފޮނުވީމެވެ.

މެސެޖު ލިބޭ އިރަށް ޗޮކުލެޓެއް ގަނެގެން ހުޒާމު އަންނާނެކަން އަހަންނަށް އެނގެއެވެ. އެ ލާރި ހުޒާމުގެ އެކައުންޓަށް އަހަރެން ޖަމާކުރާނެއެވެ. ކަން އޮންނަނީ އެހެންނެވެ. އެ ރޭގެ ތަފާތަކީ، ޒާލިފު ނިދާފައި އޮތްކަމެވެ. އަހަރެން ވަރަށް ހިތްވަރުކުރަން ޖެހުނެވެ. ހުޒާމުގެ ޚަބަރެއް ނުވެ ވަރަށް ގިނަ ވަގުތު ހޭދަވުމަށް ފަހު، އެޕާޓުމަންޓުގެ ރަނގަބީލުޖެހިއެވެ. އަހަރެން ދޮރު ހުޅުވައިލީމެވެ. ކަންތައްވީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ.

ނުނިމޭ

5 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮރުމަތީ

09 July 2022

ދޮރުމަތީ ހުރީ ހުޒާމު އެކަމަކު ހިފައިގެން ހުރީ ޗޮޚްލެޓެއްނޫން މާބޮނޑިއެއް

The name is already taken The name is available. Register?

އަލީލީ

06 July 2022

ދޮރުމަތީގައި ހުރީ ނަންނި އެވެ ހަހަ

The name is already taken The name is available. Register?

ޖަންބު

06 July 2022

ވަރަށް ޓަޗިންގ ވާހަކައެއް އަހަރެންމީ އެކަނި ކުއްޖަކުގޮވައިގެން އުޅޭ މަންމައެއް ދަރިފުޅަން އާއިލެއް ލިބޭނެނަމައޭ އަބަދުވެސް ހިތައްއަރާ އެކަމަށް އެދި ދުއާވެސް ކުރަން، މިފަހަރު ދޮރުމަތީގައި ހުންނާނީ ނަންނި ހެން ހީވަނީ ލައްކަބަވާލާނެ ކަންނޭގެ

The name is already taken The name is available. Register?

aishaa

06 July 2022

mashahves heevanee hama thihen

The name is already taken The name is available. Register?

ޟިކޟިކo

11 July 2022

ނަންނި އަކީ ކާކު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454