10 ޖުލައި 2022 - 08:24
ބުދަ ދުވަހާ ގުޅޭ
ކަންތައްވީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އެހެންޏާ އަހަރެން ދޮރު ހުޅުވައިލާ އިރަށް ހުޒާމު އެތެރެއަށް ވަންނާނެއެވެ. އެ ފަހަރަކު ނުވަނެވެ. އޭނަގެ މޫނުމަތިން އަހަންނަށް ފެނުނީ ނުތަނަވަސްކަމެވެ. އޭނަ ދެ ޗޮކުލެޓު ދިއްކޮށްލިއެވެ. އެކަތި ޒާލިފަށެވެ. އަނެކަތި އަހަންނަށެވެ. އަހަންނަށް ޗޮކުލެޓެއް ގެންނާކަށް ނުވެސް ބުނަމެވެ. އެ ދިނުމާ އެކު ހުޒާމު ދިޔައެވެ. އެއީ ކީއްވެގެން ގެނެސްދިން ޗޮކުލެޓެއް ހެއްޔެވެ؟ ދެ ޗޮކުލެޓު އައިސްއަލަމާރިއަށް ލާފައި އަހަރެން ވިސްނަން ހުރީމެވެ. ހުޒާމު ބުނެދޭން އެ އުޅެނީ ކޯޗެއް ހެއްޔެވެ؟ ވަޒީފާ ދޫކޮށްލަން ބޭނުން ވާހަކަ ބުނަން ނުކެރިގެން އުޅެނީ ހެއްޔެވެ؟ އަހަންނަށް މި ކުރެވުނީ ކިހައި ދެރަކަމެއް ހެއްޔެވެ؟ ދަންވަރު އެކެއްޖަހަން އުޅެނިކޮށް އަހަންނަށް މެސެޖެއް އައެވެ.
"ޖަވާބެއް ބޭނުން." ހުޒާމު ބުނެފައި އޮތެވެ.
ކޮން ޖަވާބެއް ހެއްޔެވެ؟ އޭނަ ސުވާލެއްކުރި ހެއްޔެވެ؟ ވިސްނަން އޮވެފައި ކުއްލިއަކަށް ތެދުވެވުނެވެ. އައިސްއަލަމާރި ހުޅުވައިލީމެވެ. ދެ ޗޮކުލެޓު ނެގީމެވެ. ހީވީ ރަނގަޅަށެވެ. އަހަންނަށް ދިން ޗޮކުލެޓު ތެރޭގައި، ފަތްޖަހައިފައިވާ ކަރުދާސްކޮޅެއް އޮތެވެ. އަހަރެން އެ ކަރުދާސްކޮޅު ނެގީމެވެ. އެ ވަގުތު މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. ހިތް ބުންޏެވެ. ހުޒާމު ވަޒީފާއިން ވަކިވީއެވެ. އޭގައި އޮންނާނީ އެ ވާހަކައެވެ. އެނދުމަތީގައި ކަރުދާސްކޮޅު ބާއްވައިގެން، އެ ނުކިޔަން އަހަރެން އިނީމެވެ. އަނެއްކާ ވެސް ހުޒާމުގެ މެސެޖެއް އައެވެ.
"ކޮންމެ ޖަވާބެއް ދިނަސް ސަނާ ބޭނުން ދުވަހެއް ވަންދެން ޖޮބު ކުރިޔަށް ގެންދާނަން." އިނގެރޭސިން ލިޔެފައި އޮތެވެ.
އަހަރެން އެ ކަރުދާސްކޮޅު ނެގީމެވެ. އެއީ އަތުން ލިޔެފައިވާ އިނގެރޭސި ނޯޓެކެވެ. އޭގައި އޮތެވެ.
"އަހަންނަކަށް ނޭނގެ މި ވާހަކަ ބުނާނެ ގޮތެއް. އަހަންނަށް ހީވަނީ ސަނާ ދެކެ އަހަންނަށް ލޯބިވެވިއްޖެހެން."
ގަނޑުކޮޅަށް ބަލަހައްޓައިގެން ގަނޑުވެފައި އަހަރެން އެތައް އިރަކު އިނީމެވެ. އެއްޗެއް ހިތަށްއަރަން ފެށީ ވެސް އިރުކޮޅެއް ފަހުންނެވެ. ހިތަށްއެރިއެވެ. ލޯބިވެވުނީ އަހަންނަށް އެކަންޏެއް ނޫންތާއެވެ. އަހަންނަށް ވަމުންދިޔަ ގޮތް އޭނައަށް ވެސް ދިޔައީ ވަމުންތާއެވެ. ލޯތްބަކީ އެ ކަހަލަ އެއްޗެކެވެ. ވަގުތުން ފޯނު ނަގައިފައި އައިލަވްޔޫ ލިޔެލީމެވެ. މެސެޖު ފޮނުވައިލަން ފިތުގައި އިނގިލި ޖައްސައިލި ވަގުތު އަޑެއްއިވުނުހެން ހީވިއެވެ.
"ތި އުޅެނީ ކީއްކުރަން؟"
އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. މީހަކު ނެތެވެ. އަހަންނާ ވާހަކަދެއްކީ އަހަރެންގެ ހިތެވެ. އަހަރެން ގާތަށް ހިނިއައެވެ.
"ލޯބިވާ ވާހަކަ ބުނަން!" މަޑުމަޑުން އަހަންނަށް ބުނެވުނެވެ.
"ސަނާ މޮޔަވީތަ؟ އެއީ މީހެއްގެ ފިރިއެކޭ. ސަނާގެ ކުރީގެ ފިރިމީހާ ސަނާއަށް ހެދި ގޮތް ހަނދާންނެތުނީ؟" ހިތް ބުންޏެވެ. "މީހަކާ އިނދެގެން ހުރެ ސަނާ ދެކެ ލޯބިވާ މީހަކު، ސަނާޔާ އިނދެގެން ހުރެ، އަނެއްކާ ވެސް އެހެން މީހެއް ދެކެ ލޯބިވާނެއްނު. ހެޔޮ؟"
އަހަންނަކަށް އެ މެސެޖެއް ނުފޮނުވުނެވެ. ހިތްވަރުނުލިބުނީއެވެ. ހިތަށްއެރިއެވެ. އެއީ ތެދެކެވެ. މީހަކާ އިނދެގެން ހުރެ އަހަރެން ދެކެ އޭނަ ލޯބިވެގެން ނުވާނެއެވެ. އޭނަ ދެކެ އަހަންނަށް ލޯބިވެވުން އެއީ މައްސަލައެއް ނޫނެވެ. އަހަރެންގެ ފިރިއެއް ނެތެވެ. އަހަންނަށް ލޯބިވެވުނުކަމެއް އޭނައަކަށް ނުވެސް އެނގޭނެއެވެ. އެނގޭކަށް ނުވެސް ޖެހެއެވެ. އަހަންނަށް ކުރެވެން މި އުޅުނީ ކީއް ހެއްޔެވެ؟ އެކަމަކު އަހަރެން ޖަވާބެއް ނުދީފިއްޔާ ހުޒާމު ހިތަށްއަރާނީ ކީކޭ ހެއްޔެވެ؟ އަހަރެން ނޫނެކޭ ބުނީކަމަށް ހީކޮށްފާނެއެވެ. އަހަންނާ ހަތަރުކަޅި ހަމަކުރަން ހުޒާމަށް އުނދަގޫވެދާނެއެވެ. ވަޒީފާ ދޫކޮށްލަފާނެއެވެ. އެންމެ ކަންބޮޑުވާކަމަކީ އެއީއެވެ. އަހަރެންގެ ދަރިފުޅުގެ މުސްތަގުބަލު އޮތީ ހުޒާމު އަތްމަތީގައެވެ.
ޖެހިގެންއައި ދުވަހު ވެސް ޒާލިފު ގުޅާލާ އިރަށް ހުޒާމު އައެވެ. އެހެނަސް، އަހަރުމެން ދެ މީހުން ވެސް ތިބެނީ އުނދަގޫވެފައެވެ. އޭނައަށް އުނދަގޫވާނީ އަހަރެން ޖަވާބެއް ނުދިނީމައެވެ. އަހަރެން ލޯބިނުވަނީކަމަށް ހީކޮށެވެ. އޭނަ ދެކެ އަހަރެން ކިހައި ލޯބިވާކަމެއް އޭނައަކަށް ނުވިސްނޭނެއެވެ. ހިތް އަހަރެން ނުހުއްޓުވި ނަމަ، ލޯބިވާ ވާހަކަ ބުނެފައި އެ ހިސާބަކުން ވެސް އަހަރެން ހުއްޓައެއްނުލީމުހެވެ. ކައިވެނި ވެސް ކުރީމުހެވެ. އަހަރެން ބޭނުންވި ހުރިހައި ސިފައެއް އޭނަގެ ކިބައިގައި އެބަ ހުއްޓެވެ. ނެތީ އެންމެ ސިފައެކެވެ. އަނބިމީހާއަށް އޮންނަންޖެހޭ ވަފާތެރިކަމެވެ. ކުރިން އަހަރެން އިން މީހާގެ ކިބައިގައި ވެސް ނެތީ އެ ސިފައެވެ. އެކުގައި ނޫޅެވުނީ އެހެންވެއެވެ. ހިތާމައަކީ، އެ ހުޒާމު ދޫކޮށްލި ގޮތަށް މި ހުޒާމު ދޫކޮށްލެވެން ނެތީމައެވެ.
ހުޒާމާއި ޒާލިފު ތިބީ ގޭމުކުޅޭށެވެ. ބޮޑުކޮޓަރީގެ ސޯފާގައެވެ. އަހަރެން އިނީ ޒާލިފު ކައިރީގައެވެ. ފޯނާ ކުޅޭކަމަށް ހެދިގެންނެވެ. ހަގީގަތުގައި އަހަންނަށް ވިސްނެނީ ހުޒާމާ ދޭތެރޭގައެވެ. ނުވިސްނަން ބޭނުންވަނީ ވެސް އޭނަޔާ ދޭތެރޭގައެވެ. އަހަރެން ހުރީ އަޖައިބެއް ކަހަލަ ވާފަށަކުން އޭނަޔާ ބަނދެވިފައެވެ. ދުރަށް ދާން ބޭނުންވެއެވެ. ދުރަކު ނުހުރެވެއެވެ.
"އަންނާނަށް ޓޮއިލެޓަށް ގޮއްސަ." ޒާލިފު ބުންޏެވެ.
ކުއްލިއަކަށް ޒާލިފު ދިޔުމާ އެކު އަހަންނާއި ހުޒާމު އެކަނިވިއެވެ. އަހަރުމެން ދެ މީހުން ވެސް ދައްކަން ބޭނުންވީ އެއް ވާހަކައެކެވެ. ނުދެއްކުނީ ވެސް އެ ވާހަކައެވެ. ހިތަށްއެރިއެވެ. އާނއެކެވެ. އަހަރެން ވެސް ލޯބިވެއެވެ. ހުޒާމަކީ މީހެއްގެ ފިރިޔަކަށް ނުވި ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ އަހަންނަށް ޓަކައި އަންހެނުން ވަރިކުރާށޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ވަރިކޮށްފި ނަމަ ހުޒާމު ދެކެ އަހަރެން ފޫހިވާން ވެސް ފަށާނެއެވެ.
"އަހަރެން.." ދެ މީހުންނަށް ވާހަކަދެއްކުނީ އެއްފަހަރާއެވެ.
އެ ވަގުތު ޒާލިފު ކޮޓަރިން ނުކުތްތަން ފެނުނެވެ. ދެ މީހުން ވެސް ވާހަކަ އޮޅުވައިލީމެވެ. އަނެއްކާ ވެސް ގޭމުކުޅެން ފެށުނެވެ. އަހަރެން އިންނަނީ ވައްކަޅިން ވެސް ހުޒާމަށް ބަލައިލަން ނުކެރިފައެވެ. ފަހަރެއްގައި ވެސް ނުބައި މެސެޖެއް ދެވިދާނެތީއެވެ. އޭރު ވެސް ވިސްނެއެވެ. ހުޒާމު ހިތަށްއަރާނެއެވެ. އަހަރެން އޭނަ ހާދަހާ ދުރުކޮށްލައިފިއެވެ. ނޫނެކެވެ. އަހަރެން އުޅުނީ ދުރުގައި ހުންނަން އުނދަގޫވެގެންނެވެ.
އަހަރެން ހީކޮށްގެން ހުރީ ގެއަށް އައުން ހުޒާމު ހުއްޓައިލާނެކަމަށެވެ. އެއްގޮތަކުން އަހަންނަށް ރަނގަޅީ ވެސް އެ ގޮތެވެ. ހުޒާމަކީ އަހަރެން ދަރިފުޅުގެ ބައްޕައެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން އެ ވަޒީފާއަށް ނިމުމެއް އަންނަން ޖެހޭނެއެވެ. ރަނގަޅީ ވީހައި ވެސް އަވަހެކެވެ. އަހަންނަށް ހުޒާމު ފެންނަހާ ހިނދަކު އެ ހަނދާންތަކަކާ ދުރަކަށް ނުދެވޭނެއެވެ.
ހުޒާމަކީ ފަސޭހައިން ބަލިގަބޫލުކުރާ މީހެއް ނޫނެވެ. ފިނޑި މީހެއް ވެސް ނޫނެވެ. ކުރިޔަށް ވުރެ ގިނައިން އޭނަ ގެއަށް އަންނަން ފެށިއެވެ. ޒާލިފު ނޫޅޭ ގަޑިގަޑީގައި ވެސް މެއެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. އަހަރުމެންގެ މެދުގައި އެއްބަސްވެވިފައި އޮންނާނީ ހުޒާމަށް ދަރިފުޅު ބަރޯސާވާ ވަރު ކުޑަކުރުމަށެވެ. ބޮޑުކުރާކަށް ނޫނެވެ. އަހަރެން ޖެހުނީ އެ ކަން ހަނދާންކޮށްދޭށެވެ.
"އަހަރެން ބޭނުން ވާހަކައެއްދައްކާލަން." ހުޒާމަށް ގުޅާފައި އަހަރެން ބުނީމެވެ.
"ވާހަކަނުދައްކާތީތާ މައްސަލައަކީ،" ސަމާސާ ރާގެއްގައި ހުޒާމު ބުންޏެވެ. "އާނ ދައްކަބަލަ! އަޑުއަހަން މީނީ."
"އަހަރެން ކުރިން ވެސް ބުނީމެއްނު ހުޒާމަށް ޒާލިފު ޑިޕެންޑްވާ ވަރު ކުޑަކުރައްޗޭ،" އަހަރެން ބުނީމެވެ. "އެކަމަކު ތިހާ ގިނައިން ހުޒާމު ގެއަށް އަންނަންޏާ.."
"ސަނާއަށް އުނދަގޫވޭ!" ހުޒާމު ބޭނުންވާ ގޮތަށް ޖުމުލަ ފުރިހަމަކޮށްލިއެވެ. "ރީއްޗަށް ބުނެބަލަ!"
އެއީ ތެދެކެވެ. އުނދަގޫވަނީ އަހަންނަށެވެ. އެހެނަސް އަހަރެން އެއްބަސްވާނެ ހެއްޔެވެ؟
"ރީއްޗަށް ބުނެވިދާނެ،" އަހަރެން ބުނީމެވެ. "އެކަމަކު އަޑުއަހާކަށް ފަސޭހައެއް ނުވާނެ. އަހަރެންގެ އެބަ ހުއްޓޭ ބިޓެއް."
އެއްޗެއް ނުބުނެ ހުޒާމު އިރުކޮޅަކު ހުއްޓެވެ. އޭނަގެ އަނގަބެދުނީއެވެ. ނުވަތަ އެ ވާހަކަ ގަބޫލުނުކުރެވުނީއެވެ.
"އެކަމަކު މި ވަރަށް ގެއަށް އަންނަ އިރު ވެސް ނުދެކެން." ހުޒާމު ބުންޏެވެ.
"މި ވަގުތު މެލޭގަ ހުރީ،" އަހަރެން ދޮގެއްހެދީމެވެ. "އޭނަ މިކޮޅަށް އަންނަ އިރަށް އަހަރުމެން މެރީކުރާނަން. ހައްތާ ވެސް މި ވާހަކަ ނުބުނަން މިއުޅެނީ.."
ހުޒާމު ފޯނުކަނޑައިލިއެވެ. ނުވަތަ ކޮންމެވެސް ކަމެއްވެގެން އެ ފޯނުކެނޑުނެވެ. އަލުން ގުޅާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. ކުރާނެކަމެއް ނެތެވެ. ޝައްކެއްމަތީގައި ހުޒާމު ބެހެއްޓުމަށް ވުރެ ދޮގެއްހަދަން އަހަންނަށް ފަސޭހައެވެ. އެއްވެސް މީހަކު ބޭނުން ހުރިހައި ކަމެއް ނުވާނެއެވެ. ބޭނުން ހުރިހައި އެއްޗެއް ނުވެސް ލިބޭނެއެވެ. އަހަރެން އުންމީދުކުރީ ދަރިފުޅާ އޮތް ގުޅުން ހުޒާމު ދަމަހައްޓާނެކަމަށެވެ. އަހަންނަށް ހުޒާމު ފެނުނީ ވަރަށް ކެރޭ، އުސޫލުތަކުގައި ހިފާއްޓާ މީހެއް ގޮތުގައެވެ. ކުށްހީއަކަށް ވެސް ވެދާނެއެވެ. ހުޒާމަކީ ނެތް ސިފަތައް ދައްކައިގެން އުޅުނު މީހެކެވެ. އެއީ އޭނަގެ ވަޒީފާއެވެ.
އަހަރެން ދިން ޖަވާބަށް ފަހު ވެސް، ދެތިން މަހު ހުޒާމު ގެއަށް އައެވެ. އެއަށް ފަހު ހުއްޓައިލިއެވެ. ފޯނުން ވާހަކަދައްކައެވެ. ސިއްރު ހިފާއްޓައިދިނެވެ. ހައެއްކަ މަސް ފަހުން، ފޯނު ނުނަގަން ފެށިއެވެ. ޒާލިފު ގުޅިޔަސް ވެހެވެ. ދަރިފުޅު އެ ކަމާ މައްސަލަޖައްސަން ފެށިއެވެ. އަހަރެން ކުރާނީ ކީއް ހެއްޔެވެ؟ ހުޒާމަށް ގުޅާފައި ބުނާނީ ކީކޭ ހެއްޔެވެ؟ ސަބަބު އަހަންނަށް އެނގެއެވެ. ދަރިފުޅަށް އުނިވާ ބައްޕަގެ ލޯބި ދެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އެ ކަމެއް ނުވިއެވެ. އެެއްވެސް މަންމައަކަށް ބައްޕަގެ ލޯބި ދެވޭނެހެނެއް އަހަންނަކަށް ހިއެއްނުވެއެވެ.
ދަރިފުޅުގެ ހާލަތު މަޑުމަޑުން ގޯސްވާން ފެށިއެވެ. އަހަންނަށް ކުރެވުނުހައި ވެސް ކަމަކީ ހުޒާމަށް ނަސޭހަތްދިނުމެވެ. އެއްބަސްވުން މަތިން ހަނދާންކޮށްދިނެވެ. ހުޒާމުގެ ވާހަކަ ވެސް ގަބޫލުކުރެވެއެވެ. ހުޒާމާއި ޒާލިފާ ދެމެދު މައްސަލައެއް ނެތެވެ. އެކުގައި އެހައި ގިނަ ދުވަހު އުޅުމުން، ދަރިއެއް ފަދައިން ޒާލިފު ދެކެ ހުޒާމު ލޯބި ވެސް ވެއެވެ. އެހެނަސް، އަހަރެން ފެނުމުން ހުޒާމަށް އުނދަގޫވެއެވެ. އެ ހިތްދަތިކަމަށް އޭނައަކަށް ކެތެއް ނުކުރެވޭނެއެވެ.
މިއަދު އަނެއްކާ ވެސް ޒާލިފު ހޮސްޕިޓަލުގައި އެޑުމިޓުކޮށްފީމެވެ. ދަރިފުޅު އަލުން ގެއަށް ގެންދެވޭނެކަމުގެ އެއްވެސް އުންމީދެއް ދެނެއް ނެތެވެ. އިއްޔެއާއި މިއަދުގެ ހުރި ތަފާތަކީ، ޒިންމާ އުފުލާނެ މީހަކު މިއަދު ނޭނގުމެވެ. ކުށްވެރިޔަކީ ޒާލިފުގެ އަސްލު ބައްޕަ ހެއްޔެވެ؟ ކުއްޔަށް ގެނައި ބައްޕަ ހެއްޔެވެ؟ އަހަރެން ހެއްޔެވެ؟ އާނއެކެވެ. ކުށްވެރިޔަކީ އަހަންނެވެ. އަހަރެން ހަދަން މަޖުބޫރުވި ދޮގެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
11 July 2022
ވާހަކަ ވަރަށް ރީތި އެކަމް ނިމި ގޮތް ހިއްދަތި ކާމްޔާބެއް ނުވާތީ
ޙޙ2022
10 July 2022
ޢެއްވެސް ކުއްޖަކު ކޮމެންޓް ނުކުރަނީތޯ؟
2023
11 July 2022
ޔޭސް ޑިއަރ