ޕްރިޔަންކާ ޗޯޕްރާ: މިހާރު މުޅި ދުނިޔެއަށް ވެސް މަޝްހޫރު ބަތަލާއެއް
02 ޖެނުއަރީ 2017 - 06:18
މިއަހަރު ބާއްވާ 74 ވަނަ އަހަރީ ގޯލްޑަން ގްލޯބް އެވޯޑްސްގެ ޕްރެޒެންޓަރުންގެ ތެރޭގައި ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހިމެނިއްޖެ އެވެ.
މި ޝޯގެ ޕްރެޒެންޓަރުންގެ ގޮތުގައި ޕްރިޔަންކާއާ ބައިވެރިވާ ތަރިންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ނިކޯލް ކިޑްމަން އާއި ސިލްވެސްޓާ ސްޓެލޯން، ވައޯލާ ޑޭވިސް އަދި އެޑީ ރެޑްމޭން ހިމެނެ އެވެ.
އެމެރިކަން ސީރީޒް "ކުއަންޓިކޯ" އިން ހުޅަނގުގެ ދުނިޔޭގައި ވިދާލި ޕްރިޔަންކާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ވެސް މި ފެށުނު އާ އަހަރު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.
އެންމެ ފަހުގެ އޮސްކާ އެވޯޑުގައި ވެސް ޕްރެޒެންޓަރެއްގެ ހައިސިއްޔަތުން ބައިވެރިވި ޕްރިޔަންކާ މިފަހަރު ވެސް ފިލްމުތަކާއި ޓީވީ ޝޯތަކުން އެވޯޑު ލިބޭ ފަރާތްތައް އިއުލާންކޮށް އެވޯޑު ހަވާލުކޮށްދިނުމުގައި ބައިވެރިވާނެ އެވެ.
ޖެނުއަރީ 8 ވަނަ ދުވަހު ބާއްވާ ގޯލްޑަން ގްލޯބްގެ ޕްރެޒެންޓަރުންގެ ތެރޭގައި އެމީ ޝޫމާ، ޒޯ ސަލްޑާނާ އަދި ބްރީ ލާސަން ފަދަ ތަރިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy