މުނިފޫހިފިލުވުން / ކުރު ވާހަކަ

ޝުކުރު

އާދިއްތަ ދުވަހާ ގުޅޭ

"ބޯއިއެއް ނުހޯދާނަންތަ؟" އަހަރެން އިސްޖަހާލައިގެން އިނދެ އެހީމެވެ.

އަލްވާން އެއްޗެއް ނުބުނުމުން އަހަރެން އަލްވާނަށް ބަލައިލީމެވެ. އޭނަ އިނީ ހައިރާންވެފައެވެ. ދަރިފުޅު ވިހެއިތާ ހަތް ދުވަސް ނުވަނީސް އެހެން ކުއްޖަކު ހޯދާ ވާހަކަދެއްކީމައެވެ.

"މިހާރު އަހަންނަށް ވިސްނިއްޖެ ހައިބާ ބޯއީއެއް ކިހާ ބޭނުންވާކަން،" އަލްވާން ބުންޏެވެ. "ތިހާ ބޭނުންވާ ކަމަކަށް ކިހިނެއް ނޯ ބުނާނީ؟ އެކަމަކު، ފުރަތަމަ ހިނގާ ނޭވައެއްލަމާ ދޯ؟"

ލަޔާން ދެކެ އަހަރެން ލޯބިނުވަނީކީ ނޫނެވެ. އަހަރެން ނިދާފައި އޮއްވައި ލަޔާން ކުކުރައިލިޔަސް އަހަންނަށް ހޭލެވެއެވެ. ކަމަކާ ހިތްހަމަނުޖެހިފައި ހުއްޓަސް، އެ ކުއްޖާފުޅު ފެނުމުން ހިތަށް ފިނިކަން ލިބެއެވެ. ހިތްހަމަޖެހެއެވެ. އަލްވާންގެ މައިންބަފައިން ވެސް ލަޔާން ދެކެ ލޯބިވެއެވެ. ނުވަތަ ލޯބިވާކަމަށް ހެދެއެވެ. އެހެނަސް، ދުރުދުރުން ބަހަކުން ޖަހައެވެ.

"އަހަރުމެން ހީކުރީ އަލްވާނަށް ފުރަތަމަ ލިބޭނީ ފިރިހެންކުއްޖެއްކަމަށް،" ބައެއް ފަހަރު އެހެން ވެސް ބުނެއެވެ. "ވަންހަ ދެމޭނީ ފިރިހެންދަރިންގެ ފަރާތުން."

ފަހުން އެ ބުނީ ކީކޭކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ޔަގީނުން ވެސް އަހަރެން އުފާވާ ކަހަލަ އެއްޗަކަށް ނުވާނެއެވެ. އަހަރެން ހިތަށްއަަރައެވެ. ބަފައިބެ ހީކުރަނީ އެ ކަހަލަ އެއްޗެހި ކިޔައިގެން އަހަރެން ރުޅިއެރުވޭނެކަމަށް ހެއްޔެވެ؟ އޭގެ ނަތީޖާ ރަނގަޅުވާނެކަމަށް ހެއްޔެވެ؟ ނުވަތަ އެއީ އަހަރެން އަތުގައި އޮތް ބާރެއްކަމަށް އެ މީހުން ހީކުރަނީ ހެއްޔެވެ؟ ކޮންމެ ގޮތަކަށް އެ މީހުން ކަންތައް ކުރިޔަސް، އަހަރެންގެ ފިރިމީހާ އަހަރެން ދެކެ ވަރަށް ލޯބިވެއެވެ. ކޮންމެ ކަމެއް ވެސް އޭނަ ނިންމަނީ، އަހަރެން ބޭނުންވާ ގޮތަށެވެ.

ލަޔާނަށް އަހަރުވާން އުޅެނިކޮށް ދެވަނަ ކުއްޖާއަށް އަހަރެން މާބަނޑުވިއެވެ. އޭރު ވެސް އަހަންނަށް އެނގެއެވެ. ދެ ކުދިން ލިބުމަކުން އަހަރެންގެ ހުވަފެން ހަގީގަތަކަށް ނުވާނެއެވެ. ދެ ޖިންސުގެ ދެ ކުދިންނަށް ވާންޖެހޭނެއެވެ. ހީކުރާ ވަރަށް ވުރެ އޭގެ މާނަ ފުނެވެ. ދެވަނައަށް އަންހެންކުއްޖަކު ލިބިއްޖެއްޔާ، ތިންވަނަ ނުވަތަ ހަތަރުވަނަ ކުއްޖެއް ހޯދަން ނުޖެހޭނެކަމެއް ވެސް ނޭނގެއެވެ. އަހަރެންގެ ސިކުނޑީގައި އެ ހިޔާލު އެނބުރެއެވެ. އެ ކަމާ އަލްވާނާ މަޝްވަރާއެއް ނުކުރަމެވެ. އަހަންނަށް ލަފާދެނީ ދިފްލާއެވެ. އޭނައަކީ، އެ ކަހަލަ ހުރިހައި ވާހަކައެއް ހިއްސާކުރާ އެކުވެރިޔާއެވެ.

"އެހެންވީމަ، އަންހެންކުއްޖަކު ލިބިއްޖެއްޔާ ބޭކާރު ކުއްޖެއް ދޯ އެ ހޯދުނީ؟" ދިފްލާ އެހިއެވެ. "އެ ކުއްޖާ ހާދަ ބާކީވާނޭ. ހާދަ އެކަނިވާނޭ."

"އެކަމަކު އޭނައަކަށް ނޭނގޭނެއްނު. ފަހަރެއްގަ ހަމަ ބޯއީއެއް ވެސް ލިބިދާނެ،" އަހަރެން ބުނީމެވެ. " ބޯއީއެއް ލިބޭތޯ ކާ ބޭހެއް ނުހުރޭތަ؟ މިހާރު ހުރިހާ ކަމަކަށް ވެސް ބޭސް ހުރޭނު."

"ހުންނާނެ. އޭގަ ސައިޑްއިފެކްޓު ވެސް ހުންނާނެއްނު،" ކަންބޮޑުވެފައި ދިފްލާ ބުންޏެވެ. "ފާޑެއްގެ ޗައިނީޒް ޗާޓެއް ވެސް ގެންގުޅޭ. އޭގަ ބުނާ ގޮތުން، ޕީރިއަޑް ނިމޭތާ ވަކި ޑޭޓަކާ ދިމާކޮށް ޕްރެގްވީމަ ފިރިހެންކުދިން ލިބޭ. ގޭގަ ވެސް ގެންގުޅުނު އެ ޗާޓު. ފެނޭތޯ ބެލިދާނެ. ނައިންޓީ ނައިން ޕަސަންޓު ދިމާވާ އެއްޗެކޯ އެއީ."

ދިފްލާއަކަށް އެ ޗާޓެއް ނުފެނުނެވެ. އަހަންނަކަށް މަޑުކުރެވޭކަށް ނެތެވެ. ދެވަނަ ކުއްޖާއަށް މާބަނޑުވީމެވެ. އެހައި އަވަހަށް ދެވަނަ ކުއްޖެއް ހޯދާތީ، ދެ ފަރާތުގެ އާއިލާ ވެސް މާ ހޫނު މަރުހަބާއެއް ނުކިއެވެ. ރައްޓެހިންގެ ތެރެއިން ވެސް ހާލިސް މަރުހަބާއެއް ކިއީ މަދު މީހެކެވެ. އެންމެ ގާތް އެކުވެރިޔަކީ ދިފްލާއެވެ. އޭނަ ވެސް އުފާވީ ގަދަކަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފުރަތަމަ ފަހަރާ ހިލާފަށް، ދެވަނަ ފަހަރު އަހަރެން އުޅެންޖެހުނު ހާލު ބޮޑެވެ. ބޯއެނބުރުމާއި، ގިނައިން އެނދުގައި އޮންނަން ޖެހުމާއި، ނޭވަޔަށް އުނދަގޫކުރުން ކަހަލަ މައްސަލަތައް ދިމާވިއެވެ. އެއީ އިންޒާރުގެ ސިގުނަލެއްކަން އަހަންނަށް އެނގެއެވެ. އެހައި ގާތްގާތުގައި ދެ ކުދިން ވިހާނެ ހަކަތަ އަހަރެންގެ ހަށިގަނޑުގައި ނެތީއެވެ.

"ކޮން ކަހަލަ ކުއްޖެއްތޯ ބަލާނެތަ؟" އަލްވާން އެހިއެވެ.

ދަރިފުޅު ވިހެއުމުގެ ކުރިން ޖިންސު ބެލެއެވެ. ސުވާލަކީ، ބަލައިފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ވިހެއުމުގެ ކުރިން އަހަރެން ފޫހިވެއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ބިރު އަހަރެންގެ ހިތުގައި ވަކިއެޅިއެވެ. އެހެން ބުނާކަށް ނުކެރުނެވެ. އޭގެ ބަދަލުގައި އަހަރެން ބުނީ އަލްވާން އަޑުއަހަން ބޭނުންވާނެ ކަހަލަ އެއްޗެކެވެ.

"ހިނގާ ސަޕްރައިޒެއް ގޮތުގަ ބާއްވަމާ!" އަހަރެން ބުނީމެވެ.

ދެވަނަ ކުއްޖާ ވިހެއުމުގެ ތެރޭގައި ވެސް މައްސަލަތައް ކުރިމަތިވިއެވެ. ލިބުނީ އަންހެންކުއްޖެކެވެ. މައްސަލައަކީ، އަހަރު ދެކޮޅު ކުދިން ލިބުމެއް ނޫނެވެ. ދެ ޖިންސުގެ ދެ ކުދިން ނުލިބުނެވެ. ފިރިހެންކުއްޖެއްް ލިބުނު ނަމަ، ޔަގީނުން ވެސް ދެނެއް އަހަރެން ނުވިހާނެއެވެ. ޑަކުޓަރު ބުނި ގޮތުގައި، ތިންވަނަ ކުއްޖަކު ހޯދުމުގެ ކުރިން، އިތުރު އޮޕަރޭޝަނެއް އަހަރެން ކުރަންޖެހެއެވެ. ނުކޮށްފި ނަމަ، ވިހެއުމުގައި ވެސް ވަރަށް ނުރައްކާތެރި މައްސަލަތައް ކުރިމަތިވެދާނެއެވެ. ހަތަރުވަނަ ފަހަރަކަށް އަހަރެން މާބަނޑެއް ނުވާނެއެވެ. ބިރުވެރި ޚަބަރެކެވެ. އެހެނަސް، ކުރެވޭނެ ކަމެއް ނެތެވެ. އޭރު ވެސް އަހަރުމެން އަތަކު ރައްކާކުރެވިފައިވާ ފައިސާއެއް ނެތެވެ. އެހީއަށް އެދެންވީ ދެ ފަރާތުގެ މައިންބަފައިންގެ ފަރާތުންނެވެ. އަހަރެންގެ މައްސަލައެއް ހުރިކަމަށް ކުރިން ވެސް އޮތީ އަޑެއްއަރާފައެވެ. އެއީ ތެދެއްހެން ބަފައިބެއަށް ހީވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ބައްޕަ ގާތުގައި ބުނެފިއްޔާ، އޮޕަރޭޝަނަށް ފައިސާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އާއިލާ ތެރެއަށް އެ ވާހަކަ ފޭދޭނެއެވެ. ބައެއް މީހުން އެ ވާހަކައިގައި އެތައް ކުލައެއް ޖައްސާނެއެވެ. ހުރިހައި ވެސް މައްސަލައަކީ ކުރިން އަރާފައި އޮތް އަޑެވެ.

އެތައް ދުވަހެއް ވަންދެން ވިސްނުމަށް ފަހު އަހަރުމެން ނިންމީ އޮޕަރޭޝަނުގެ ހިޔާލު ދޫކޮށްލާށެވެ. ތިންވަނަ ކުއްޖަކަށް ފިރިހެންކުއްޖަކު ވިހާފައި، އެ ހިސާބުން ވިހުން ހުއްޓައިލުމުން މައްސަލަ ނިމުނީއެވެ. އެކަމަކު، ދެން ވެސް އަންހެންކުއްޖަކު ލިބިއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއްކޮޅުން، ދެނެއް އަހަންނަކަށް ނުވިހޭނެއެވެ. އަނެއްކޮޅުން، ތިން ކުދިން ލިބުނީއެވެ. އަލްވާން އެހެން ގޮތެއް ހުށައެޅިއެވެ.

"ހިނގާ ބޯއީއެއް ހޯދުމުގެ ވިސްނުން ދޫކޮށްލަމާ!" އަލްވާން އެދުނެވެ. "ބައްޕަމެން ކިޔާ އެއްޗެއް ކިޔާފާނެއްނު!"

"ބައްޕަމެން ކިޔާ އެއްޗެއް އަހަރެން އިގްނޯކޮށްލަފާނަން،" އަހަރެން ބުނީމެވެ. "އެކަމަކު އަހަރެން ބޯއީއެއް ބޭނުމޭ!"

އެ ދުވަހުގެ ބަހުސު ކުޑަކޮށް ހޫނުވިއެވެ. އެހެނަސް، ޒުވާބަކަށްވިޔަކަ ނުދެމެވެ.

"ކީއްކުރަންތަ ކޮންމެހެން ބޯއީއެއް މި ހޯދަނީ؟" އަލްވާން އެހިއެވެ. "ކޮބައިތަ ވާނެ މޮޅަކީ؟ ހައިބާ ވެއްޖެއްނު ޝުކުރުކުރަން ދަސްކުރަން. އަހަންނަށް ވުރެ ހައިބާއަށް މާ ރަނގަޅަށް ދީން އެނގޭނެ. ކޮންމެ ކަމެއް ވެސް ވަނީ ރަނގަޅަކަށް ނޫންތަ؟ އަހަރެން ދަންނަ މީހަކު ބޯއީއެއް ނުލިބިގެން ދުއާކޮށް، ރޯދަހިފާ، ނަދުރުބުނެ، ސޮދަގާތްކޮށްގެން ބޯއީއެއް ލިބުނީ. އެ ބޯއީ ވީ ފެމިލީގެ ހަލާކަށް. ޑްރަގުނަގާ، ވައްކަންކޮށް، މަންމައަށް އަނިޔާކޮށް، އޭނަ ގައިގަ ބައްޕަ ތަޅައިގަނެ، މުޅި ފެމިލީގެ ދުވަސް ދުއްވާލި. އެ ފިރިހެން ސޮރުގެ ވާހަކަ ނޫހުގަ ވެސް ޖެހި. މުޅި ހިސާބުގަނޑަށް ޖެއްސުންކޮށް، އެތައް ފަހަރަކު ޖަލަށްލާ، މިހާރު ހުންނަނީ ދޫކޮށްލާފަ. އާއިލާގެ އެކަކު ވެސް އޭނަޔަކާ ވާހަކައެއް ނުދައްކާ."

ދެއްކިދާނެ ވަރަށް ގިނަ ވާހަކަ އޭރު ވެސް އަހަރެންގެ ދުލުކުރީގައި ހުއްޓެވެ. ކޮންމެ ފިރިހެންކުއްޖަކަށް އެހެންވޭ ހެއްޔެވެ؟ އަންހެންދަރިން އެހެން ނޫޅޭ ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު ތަރުބިއްޔަތުުކުރާނީ އަހަންނެވެ. އަހަރެންގެ ދަރިން ބަސްއަހާނެއެވެ. އެހެން މީހުންނަށް އިހުތިރާމުކުރާނެއެވެ. ދެން ހުރީ އަލްވާނެވެ. ނުލާހިކު ޒިންމާދާރު، ހަރުދަނާ ފިރިއެކެވެ. އެހައިމެ ހަރުދަނާ ބައްޕައަކަށް ވެސް އޭނަ ވާނެއެވެ. އަހަންނަށް ޔަގީނެވެ. އެކަމަކު އަހަރެން ޖަދަލުކުރާކަށް ބޭނުމެއް ނޫނެވެ.

"އަހަރެން ބޯއީއެއް ބޭނުން." ވަރަށް އާދޭހާ އެކު އަހަރެން ބުނީމެވެ.

ކުޑަ ދެ ކުދިން ގެންގުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ގޮންޖެހުން ބޮޑު ކަމެކެވެ. އަހަރެންގެ ނިދި ހަމައެއް ނުވެއެވެ. އަރާމުކުރަން ވަގުތެއް ނުލިބެއެވެ. ވަޒީފާއަށް ދާންޖެހެއެވެ. ކެތްތެރިކަން އަހަރެން ދޫކޮށް ދިޔައީ ކޮން ތާކަށްކަމެއް ވެސް ނޭނގެއެވެ. ޝަކުވާއެއް ނުކުރަމެވެ. އަހަރެން ނިންމިނިންމުމަކަށް ވީތީއެވެ. ތިން ކުދިން ވެސް ބެލޭނެކަން ސާބިތުކޮށްދޭން އަހަންނަށް މަޖުބޫރެވެ. އަހަރެން އުޅޭ ހާލަށް ހަމުދަރުދީވެގެން އަލްވާން ހިތުގަޖެހެއެވެ. އެކަމަކު ވެސް އޭނަ ކުރާނީ ކީއް ހެއްޔެވެ؟ އެއީ އަހަރެން އަމިއްލައަށް އެދުނު ދިރިއުޅުމެކެވެ.

ދެވަނަ ދަރިފުޅަށް އަހަރު ނުވަނީސް، ނަފުސާނީ ގޮތުން އަހަރެން ތައްޔާރުވާން ފެށީމެވެ. އެއީ ފަހު ފުރުސަތުކަން އެނގިހުރެއެވެ. އެ ފަހަރު ނަސީބު އަހަރެންގެ އަތުގައި ހިފި ކަހަލައެވެ. ދިފްލާ ބުނި ޗާޓު ވެސް އޭނައަށް ހޯދުނެވެ. އޭގައި ބުނެފައިވާ ގޮތުން އެ ޗާޓަކީ ހަތް ސަތޭކައެއްހައި އަހަރު ކުރިން ފެނިފައިވާ ޗާޓެކެވެ. ޗާޓު އޮތީ، ޗައިނާގެ ޝާހީ އާއިލާއެއްގެ މީހަކު ވަޅުލާފައި އޮތް ސަންދޯކެއް ތެރޭގައިކަމަށް ވެސް ބުނެފައިވެއެވެ. ސަންދޯއް ތެރޭގައި އެ ޗާޓު އޮންނަންވީ ސަބަބެއް އަހަންނަކަށް ނޭނގެއެވެ. އެހެނަސް، އެއީ ނުވަދިހަ ނުވަ އިންސައްތަ ދިމާވާ ތާވަލެއް ކަމުގައި ބުނެފައިވެއެވެ. ހިތަށްއެރިއެވެ. ދިމާނުވާނީ އެންމެ އިންސައްތައެކެވެ. އޭގައި އަހަރެން ހިމެނިދާނޭ ހީކުރަންވީ ކީއްކުރަން ހެއްޔެވެ؟

ތިންވަނަ ދަރިފުޅަށް މާބަނޑުވީމެވެ. ބައެއް މީހުން ކިއެވެ. އަހަރެން އުޅެނީ ފިރިހެންދަރިއެއް ނުލިބިގެންނެވެ. އެހެން ކިއި ބަޔަކު، ތަންކޮޅެއް ފުނަށް ވެސް ފީނިއެވެ. އެ މީހުން ބުނި ގޮތުގައި އަހަރެން އުޅެނީ ވާރިސެއް ނުލިބިގެންނެވެ. އަހަރުމެންގެ މުދާތައް އެހެން މީހަކަށް ހިނގައިދާނެތީ އަހަރުމެން ބިރުގަންނަނީއެވެ. އެކަމަކު އަހަރުމެންގެ އަމިއްލަ މުދަލެއް އެބަ ހުރި ހެއްޔެވެ؟ އެ ވަރު ވިސްނައިލި ނަމަ ކިހައި ރަނގަޅުވީސް ހެއްޔެވެ؟ ކުރިން ނުކުރާ ކަމެއް ވެސް އެ ފަހަރު ކުރީމެވެ. ބަނޑުގައި އޮތް ކުއްޖާގެ ޖިންސު ބެލުމެވެ. އަލްވާނަށް ނާންގައެވެ. އެ ކަމުގައި ދިފްލާގެ އެހީތެރިކަން ލިބުނެވެ. ޓެސްޓުކުރަން ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ދިފްލާ ވަރުގަދަ ސުވާލެއްކުރިއެވެ.

"ބޯއިއަކަށް ނުވެއްޖެއްޔާ ޔޯ؟" ނުތަނަވަސް މޫނަކާ އެކު ދިފްލާ އެހިއެވެ.

"މި ފަހަރު ވިހަންޏާވިހާނީ ބޯއީއެއް." އަހަރެން ބުނީމެވެ.

ނުނިމޭ

4 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންބޭ

21 July 2022

އަހަރެންގެ ތިބެނީ 4 ކުދިން ހުސް އަންހެން ކުދިން. ފިރިހެން ކުއްޖެއް ނެތީމަ ދެރައެއްވެސް ނުވޭ. ކުދިން ހޯދަނީކީ ނޫން. މާތް ﷲ ދެއްވަނީ. އެއްބަޔަކަށް ދެއްވާ އަނެއްބަޔަކަށް ނުދެއްވާ. މާތް ﷲ ނިޔާ ކުރައްވާނީ އެންމެ ރަގަޅަށް. އެއީ އަނބިމީހީއަށްވެސް ފިރިމީހާއަށް ވެސް އަދި ދެން ތިބި މީހުނަށްވެސް

The name is already taken The name is available. Register?

ދަރި

20 July 2022

ދީންދަންނަ މީހުން އެކަލަ ބޯދާވިސްނުން ގަބޫލުކުރޭތަ؟ ވަކިވައްތަރަކުންކުރާނެ ކަމެއް އޮވޭތަ؟

The name is already taken The name is available. Register?

ޕަރސަން

20 July 2022

އެހެންވީމަ އަސްލު ހައިބާއަކަށްވެސް ނޭނގުނުތާ ރަނގަޅަށް ދީނެއްދޯ. މިކަހަލަ ދޯހަޅި ވިސްނުން ހުންނަ މީހުނާ ހެދި އަސްލު ކުދިން ބިކަ ވަނީވެސް. އަލްވާން ބުނިހެން ކޮން މޮޅެއްތަވަނީ ފިރިހެން ކުއްޖެއް ލިބުނީމަ؟ އަވަދިވެދާނެ

The name is already taken The name is available. Register?

ކެރީ

20 July 2022

މީ ހާދަ ނުލަފާ އަންހެނެކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454