މުނިފޫހިފިލުވުން / ވާހަކަ

ޝުކުރު

ބުދަ ދުވަހާ ގުޅޭ

"މި ފަހަރު ވިހަންޏާވިހާނީ ބޯއީއެއް." އަހަރެން ބުނީމެވެ.

ދިފްލާގެ ހާސްކަން ހައްތަހާ އިތުރުވިއެވެ. އަހަރެން ބުނި އެއްޗަކަށް ވުރެ ބޮޑަށް ދިފްލާ ވިސްނީ އެއިން ނުކުތް މާނައަށެވެ.

"ކޮބާ ތީގެ މާނައަކީ؟" ދިފްލާ އެހިއެވެ.

"އަންހެންކުއްޖެއް ނުވިހާނަމޭ!" އަހަރެން ބުނީމެވެ. "އެއީ މާނައަކީ."

"އޭނ؟" ބިރުގެންފައިވާ ރާގެއްގައި ދިފްލާ ބުންޏެވެ. "އަހަންނަށް އެނގޭ އަހަރެން ނޫނެކޭ ބުންޏަސް ހައިބާ ކުރަން ބޭނުންކަމެއް ކުރާނެކަން. އެކަމަކު އަޑުއަހާ! އަހަރެން އެއްވެސް ސަޕޯޓެއް ނުދޭނަން. ތިހެން ކަންތައްކުރާނެކަން އެނގުނު ނަމަ ހައިބާއާ އެއްކޮށް މި ތާކަށް ވެސް ނައިމުސް. އަހަރެން ދަނީ."

ހައިބާ ތެދުވުމުން އޭނަގެ އަތުގައި އަހަރެން ހިފޭއްޓީމެވެ. އެހައި ފަސޭހައިން އޭނަ ދާނީ ކިހިނެއް ހެއްޔެވެ؟

"ނުދެވޭނެ. އަހަންނަށް ސަޕޯޓު ވެސް ކުރަންޖެހޭނެ، ހެލްޕު ވެސް ވާންޖެހޭނެ،" އަހަރެން ބުނީމެވެ. "މިހާރު އަހަރެން ދޫކޮށްލާފަ ދިފޫ ގޮއްސިއްޔާ، މި ހިސާބުން އަހަރުމެންގެ ފްރެންޑްޝިޕް ނިމުނީ. ދި އެންޑް."

އަހަރުމެންގެ އެކުވެރިކަމަކީ ފަސޭހައިން ނިމުމަކަށް ގެނެވޭނެ އެއްޗެއް ނޫނެވެ. ދިފްލާއަށް އެހީ ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އޭނަ ގާތުގައި އަހަރެން ހުރީމެވެ. ހުރިހައި ކަމެއްގައި ދިފްލާއަށް ތާއީދުކުރީމެވެ. ދިފްލާއަކީ ފުއްޕާމޭގެ މައްސަލަ ހުންނަ މީހެކެވެ. ދޭތެރެއަކުން ހޮސްޕިޓަލުގައި އެޑުމިޓުކުރަން ޖެހެއެވެ. އޭނަގެ އާއިލާގައި މީހުން ކިތަންމެ ގިނަޔަސް، ކަމެއް ޖެހޭ ވަގުތު އެކަކަށް ވެސް އާދެވޭ ކަމަކަށް ނުވެއެވެ. އަހަރެން އަންނަމެވެ. ދަރިންކޮޅު ފިރިމީހާޔާ ހަވާލުކޮށްފައެވެ. އަހަރެންގެ ކަންކަމަށް ހަރަދުކުރާނެ ފައިސާ ވެސް އަހަރެން އަތަކު ނުހުރެއެވެ. ދިފްލާގެ ހޮސްޕިޓަލު ބިލުދައްކަން އެއް ފަހަރަކު ދަރަންޏަށް ވެސް އަހަރެން ފައިސާނެގީމެވެ. ދިފްލާއަށް އެ ކަން އެނގޭނެއެވެ. ހިތެއް އޮތިއްޔާ އަހަރެން އެކަނިކޮށްލައިފައި ދިފްލާއަކަށް ނުދެވޭނެއެވެ.

"ހައިބާ!" ފަހަތު އަކުރަށް ދަމާލައިފައި އެހެން ބުނަމުން ދިފްލާ އިށީނެވެ. "އަހަންނަށް ތިހެން ނަހަދަބަލަ!"

ދެން ދިފްލާ އިނީ ތުންކޮޅުދަމައިގެންނެވެ. އެކަމަކު އަހަރެން ދޫކޮށްލާފައި ދާކަށް އޭނައަކަށް ނުކެރުނެވެ. އިރުކޮޅަކުން ޑަކުޓަރު ކޮޓަރިއަށް އަހަރެން ވެއްދިއެވެ. ސްކޭން ހެދި އިރު އަހަރެން ޓީވީއަކަށް ނުބަލަމެވެ. އަހަރެން އޮތީ، ކައިރީގައި ހުރި ދިފްލާގެ އަތުގައި ހިފާއްޓައިގެންނެވެ. ޓީވީއަށް ބެލީ ދިފްލާއެވެ. އަހަރެން ބެލީ ދިފްލާގެ މޫނަށެވެ.

"ބޭބީ ނޯމަލް،" ޑަކުޓަރު ބުންޏެވެ. "އެކަމަކު ވަރަށް ބަލައިގެން އުޅެންޖެހޭނީ. ގަވައިދުން ޗެކްކުރައްވަން ޖެހޭނެ. ހާޓްބީޓްގަ އެބަ އުޅޭ މައްސަލައެއް. މިހާރު ޖިންސު ބެލިދާނެ. ބުނަންވީތޯ؟"

އަހަރެން އާނއެކޭ ބުނީ ވެސް ދިފްލާއަށް ބަލަހައްޓައިގެން އޮވެއެވެ. ކުރިއަށް ވުރެ ބާރަށް ދިފްލާގެ އަތުގައި ހިފައި ބާރުކޮށްލަމުންނެވެ. ޑަކުޓަރު އެއްޗެއް ނުބުނެ ހޭދަކުރި ދިހަ ވަރަކަށް ސިކުންތު އެއީ، އަހަރެން ހަޔާތުގައި އެންމެ ދިގު އިންތިޒާރެއް ކުރަންޖެހުނު ވަގުތުކޮޅެވެ. ހިތުވިންދު ހުރީ، ރޭސް ނިންމަން ދުވެފައިދާ ދުވުންތެރިއެއްގެ ހިތުގައި ވިންދު ހުންނަ ވަރަށެވެ.

"ބޯއީއެއް!" ޑަކުޓަރު ބުންޏެވެ.

އަހަރެންގެ ރޭސް ނިމުނީއެވެ. ކާމިޔާބުކަމާ އެކުގައެވެ. ވަރުބަލިވެގެން ގޮސް އަހަރެންގެ ހަށިގަނޑުގައި ކުރާނެކަމެއް ނެތެވެ. އެކަމަކު އަހަރެން ނުވެސް ދުވަމެވެ. އަހަރެން ހުރީ ކޮޅަކަށް ވެސް ނޫނެވެ. ދިފްލާ އަހަރެންގެ އަތުގައި ފިރުމައިލިއެވެ. އެ ދުވަހަކީ، އަހަރުމެންގެ އެކުވެރިކަން އިމުތިހާނުކުރެވުނު ދުވަހެކެވެ.

"މިރޭ ޕާޓީ އޮންނާނެ ދޯ؟" ގެއަށް އައި މަގުމަތީގައި ދިފްލާ އެހިއެވެ.

"ނޫން!" އަހަރެން ބުނީމެވެ. "އަހަންނަކަށް ނޭނގެ ބޯއީއެއްކަމެއް. ހަމަ ނޭނގިފަ ހުންނާނީ. ދިފްލާ ވެސް ހަނދާންކުރާތި! ދަރީގެ ޖިންސު ބަލަން އަހަރެން ހޮސްޕިޓަލަކަށް ނުވެސް ދަން."

އަހަރެންގެ ބަނޑަށް ހަތަރު މަސް ފުރުނެވެ. އެހައި ހިސާބަށް އައި އިރު، ކުއްޖާގެ ޖިންސު ދަނެގަތުމުގައި ދިމާވާ މައްސަލަތައް އަހަރެންނަށް ވަރަށް ރަނގަޅަށް އޮޅުންފިލައިފިއެވެ. އެ މައުލޫމާތު އެއްކުރީ ބޭނުމަކުއެވެ. ލަހެއް ނުވެ އެ ބޭނުންޖެހުނެވެ.

"މި ފަހަރު ހިނގާ ކޮން ކަހަލަ ކުއްޖެއްތޯ ބަލަމާ!" އަލްވާން އެދުނެވެ.

ފިރިމީހާ ކުރިމަތީގައި މާތްވާން ލިބޭ ފުރުސަތު ގެއްލުވައިލާނީ ކާކު ހެއްޔެވެ؟ އެ ކަމުގައި އަހަރެން ވެސް ވަކި އިސްތިސްނާއެއް ނުވެއެވެ. ލައްކަ ތަޖުރިބާ އަހަންނަށް ވެސް ކުރެވިއްޖެއެވެ. އެކި ކަހަލަ އަޑުތައް އަރައި، އެތައް ފަހަރަކު ހިތުގަޖެހިއްޖެއެވެ.

"އަހަރެން ބޯއީއެއް ބޭނުން. އެއީ ޔަގީންކަމެއް،" އަހަރެން ބުނީމެވެ. "އެކަމަކު ދަރިއެއް ވާނީ ދަރިއަކަށް. މީ އަހަންނަށް ލިބޭނެ އެންމެ ފަހު ޗާންސްކަން ނޭނގެ. އަހަރެން މިހިރީ، ދެއްވި ނިއުމަތަކަށް ޝުކުރުކުރާ ގޮތަށް."

އަހަރެންގެ ޖަވާބު އިވިފައި އަލްވާން ވަރަށް އުފާވިއެވެ. ސިއްރު ފޮރުވައިގެން އަހަރެން ކުރަން ބޭނުންވި ވިޔަފާރިއަކީ އެއީއެވެ.

"ބަލާލުމަކުން ގޯހެއް ނެތެއްނު،" އަލްވާން ބުންޏެވެ. "މާ ގިނަ އެއްޗެއް ގަނެވޭނެއެކޭ ނޫން. އެކަމަކު ގަންނަންވީ ކޮން ކުލައެއްގެ އެއްޗެއްކަން ވެސް އެނގޭނެއްނު."

ހިތަށްއެރިއެވެ. އުފާވެރި ޚަބަރުދޭންވީއެވެ. އެ ވާހަކަ ބުނަން އަނގަ ހުޅުވައިލެވުނު ވެސް މެއެވެ. އެހެނަސް، އަހަރެންނަށް ވީ ކީއްކަމެއް ވެސް ނޭނގެއެވެ. ކޮންމެވެސް ބާރަކުން އަހަރެން ހުއްޓުވިއެވެ.

"މިހާރު ވެސް މީހުން ކިޔާ އެއްޗެހި މަދީތަ؟" އަަހަރެން ބުނީމެވެ. "ސްކޭންކޮށްގެން ހޮސްޕިޓަލުން ނުނިކުމެވެނީސް އެންމެނަށް އެ ކަން އެނގިފަ އޮންނާނީ. ބޯއީއެއް ވެއްޖެއްޔާ އޯކޭ. އެކަމަކު އެހެން ނުވެއްޖެއްޔާ ދެން ކިހިނެއްވާނީ؟ ހިނގާ ބޯއީއެއްކަމަށް ނިންމައިގެން ގަންނަ އެއްޗެއް ގަންނަމާ. ކުލަ ދިމާނުވިޔަސް ގަންނަ އެއްޗެހީގެ ބޭނުންކުރެވޭނެއްނު."

ކުރިން ޑަކުޓަރު ބުނެފައިވާ ފަދައިން، އެ ފަހަރު ވަރަށް ގިނަ މައްސަލަތައް ކުރިމަތިވިއެވެ. ދޭތެރެއަކުން ހޮސްޕިޓަލަށް ދާންޖެހެއެވެ. ޑަކުޓަރު އެންގީ އެނދުން ނުތެދުވުމަށެވެ. އަހަރެން ނުތެދުވަމެވެ. ދެން ތިބި ކުޑަ ދެކުދިންގެ ކަންތައް ބެލެހެއްޓީ މަންމައާއި މައިދައިތައެވެ. ބަފައިބެގެ ކަމަކީ ވަށްބަހުން ޖެހުމެވެ. އަހަރެން ކެތްކޮށްލައިގެން ހުރީއެވެ. އެ ނޫން ގޮތެއް ނެތެވެ. ހިތަށްއެރިއެވެ. ފިރިހެންދަރިފުޅު ވިހާފައި ރަނގަޅު ޖަވާބެއް ދޭނަމެވެ. އެންމެންގެ އަނގަ ބަންދުކޮށްލާނަމެވެ. އަހަރެންގެ ހިތުގައި އުތުރިއަރަމުންދިޔައީ ބަދަލުހިފުމުގެ ރޫހެވެ.

ވިހަން ދީފައިވާ ތާރީހަށް ވުރެ ތިން ދުވަސް ކުރިން ކުއްޖާގެ ހަރަކާތް އިތުރުވިހެން އަހަންނަށް ހީވިއެވެ. އަޅައެއްނުލަމެވެ. އޭރު ދެ ކުދިންގެ ތެރެއިން އެކަކު އުޅެނީ ހުންއައިސްގެންނެވެ. އަނެކަކު އަނގަ ހުއްޓައިނުލައި ކެއްސައެވެ. އަހަރެން ނިންމައިގެންހުރީ ކަންކަން ކުޑަކޮށް ހަމައަކަށްއަޅުވާލައިފައި ހޮސްޕިޓަލަށް ދާށެވެ. އޭގެ ކުރިން ކުއްޖާގެ ހަރަކާތް ހުއްޓުނުހެން އަހަންނަށް ހީވިއެވެ. ކުރިން ވެސް އެހެން ދިމާވެއެވެ. ދަރިފުޅު އެތައް އިރަކު މަޑުން އޮވެއެވެ. އެހެނަސް ހައެއްކަ ގަޑިއިރުވީ އިރު ވެސް ހަރަކާތް ނުކުރާހެން ހީވާތީ، ދެ ކުދިން މައިދައިތަޔާ ހަވާލުކޮށްފައި އަހަރެން ޖެހުނީ ހޮސްޕިޓަލަށް ދާށެވެ.

ޑަކުޓަރުގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. އޭނަ ބޭނުންވީ ވަގުތުން ވަގުތަށް ކުއްޖާ ނަގާށެވެ. އަހަރެން އައީ އެ ފަދަ ކަމަކަށް ތައްޔާރުވެގެނެއް ވެސް ނޫނެވެ.

"ގެއަށް ގޮސް ރެޑީވެލައިގެން އަންނަންތޯ؟" އަހަރެން އެހީމެވެ.

ޑަކުޓަރު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

"ބޭބީ މޫވެއް ނުކުރޭ!" ޑަކުޓަރު ބުންޏެވެ. "ކީއްވެތޯ ކުރިން ނައީ؟ މިހާ ވަރު ވަންދެން މަޑުކުރައްވައިގެން ނުވާނެއްނު. ނުލާހިކު ކުރިން ސުރެ ބުނަމުން މި ގެންދަނީ މީ ކޮންޕްލިކޭޓަޑް.. ނާރސް. ތިއޭޓަރ ރެޑީކުރޭ! ވަަރަށް އަވަސް."

އަހަރެން އޮޕަރޭޝަން ތިއޭޓަރަށް ވެއްދިއެވެ. ނަރުހުންނާއި ޑަކުޓަރު ވެސް ހަރަކާތްތެރިވީ އިމަޖެންސީ ވޭދަނައެއް ގޮތުގައެވެ. އެހެނަސް މާ ލަސްވީއެވެ. ސިޒޭރިޔަން ހަދައިގެން ނެގި އިރު ކުއްޖާ އޮތީ މަރުވެފައެވެ. ވަރަށް ލޯބި ފިރިހެންކުއްޖެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި އެތައް އިރަކު އަހަރެން އޮތީމެވެ. އަލްވާން އަހަރެންގެ ބޯލާކޮޅުގައި ހުރެގެން ވަރަށް ގިނަ ވާހަކަދެއްކިއެވެ. ތެދަށް ބުނާ ނަމަ، އޭނަ ކިޔާ އެއްޗެއް އަހަންނަކަށް އޮޅުމެއް ނުފިލައެވެ. އަހަރެންގެ ހިތުގައި ތަކުރާރުވީ އެންމެ ސުވާލެކެވެ. އަހަރެން ކުރިން ހޮސްޕިޓަލަށް އައި ނަމަ، ދަރިފުޅު ސަލާމަތްވީސް ހެއްޔެވެ؟ ކުއްޖާގެ ހަރަކާތް ހުއްޓުމުގެ ކުރިން ވަރުދެރަވިހެން ވެސް، ފަހުން ވިސްނައިލީމާ އެނގުނެވެ. އެހެނަސް، ގޭތެރޭގެ ހައިޖާނު ބޮޑުކަމުން އެ ކަމާ ނޫޅެވުނީއެވެ. ދަރިފުޅު މަރުވީ އަހަންނާ ހެދިއެވެ. އަހަރެންގެ އަމިއްލަ ނަފުސު އަޑުގެކޮޅަށް އެހެން ގޮވިއެވެ. އަހަންނަށް ފަރުވާކުޑަކުރެވުނީއެވެ. އަހަންނަށް ތަކުރާރުކޮށް ބުނެވެނީ އެންމެ ޖުމުލައެކެވެ.

"އަހަންނާ ހެދި ކުއްޖާ މަރުވީ." އެއީ އަހަރެންގެ ނާނާއެކެވެ.

ހޮސްޕިޓަލުން ގެއަށް އައީ އަހަންނެއް ނޫނެވެ. ދިރޭ ގަބުރެކެވެ. އަހަރެންގެ ހިއްސުކެނޑިފައިވާ ކަހަލައެވެ. ވާހަކަދައްކާ ހިތެއްނުވެއެވެ. ނުވެސް ރޮވެއެވެ. ކާހިތެއް ނުވެއެވެ. ވިސްނެނީ އެންމެ ކަމަކަށެވެ. ކުރިން ހޮސްޕިޓަލަށް ދެވުނު ނަމަ ދަރިފުޅު ސަލާމަތްކުރެވުނީސްބާއެވެ؟ ދެން ވެއްޓުނީ ރިހޭ ފައި މައްޗަށް ފޮޔެވެ. އެއީ ދެން އަހަންނަށް ކުއްޖެއް ނުލިބޭނެކަމުގެ ހިތްދަތި ޚަބަރެވެ. ކުރިން ނޭނގި އޮތް ކަމެއް ނޫނެވެ. އެކަމަކު، ވަގުތު އައިސް ޖެހުނު އިރު އަހަރެން އެ ކަމަކަށް ވެސް ތައްޔާރެއް ނުވެއެވެ.

އަހަރެން ހަމައަކަށްއަޅުވަން އަލްވާން ވަަރަށް މަސައްކަތްކުރިއެވެ. އުފާވާނެހެން ހީވާ ހުރިހައި އެއްޗެއް ކިޔެވެ. އަލްވާން ލޯބިވާ ވާހަކައެވެ. ލޯބިލޯބި ދެ ކުދިން ތިބި ވާހަކައެވެ. އެންމެ މުހިންމު ވާހަކަ އަލްވާނަކަށް ނުދެއްކުނެވެ. އެއީ، އަދި ވެސް އަހަންނަށް ކުއްޖަކު ވިހެވިދާނެ ވާހަކައެވެ. ފިރިހެންކުއްޖަކު ހޯދިދާނެ ވާހަކައެވެ. އެ މަގު ބަންދުވީ ހެއްޔެވެ؟ އަލްވާން އެ ވާހަކަ ނުދައްކަނީ އެހެންވެގެން ހެއްޔެވެ؟ ހިތާމަ ދެގުނަވާ ގޮތަކީ އެއީއެވެ. ރުޅިއަންނަންވީކަމެއް ނުވަތަ ދެރަވާންވީކަމެއް އަހަންނަކަށް ނޭނގުނެވެ.

"އަލްވާން އަހަރެން ވަރިކޮށްފަ އެހެން މީހަކާ އިނދޭ،" އަހަންނަށް ބުނެވުނެވެ. "އަހަރެން ކަހަލަ މީހަކާ އިނދެގެން އުޅޭނެކަމެއް ނެތް. ބޯއީއެއް ނުވިހުނު."

"އެއީ މައްސަލައެއް ނޫނޭ ލޯބީ،" ގައިގަ ފިރުމައިލަމުން އަލްވާން ބުންޏެވެ. "މިހެން ވިސްނާލަބަލަ! ބޯއީއެއްް ހޯދަން ކިހާ މަސައްކަތެއް ކުރެވިއްޖެ؟ ނުލިބުނެއްނު! ކޮންމެވެސް ސަބަބެއް އޮންނާނެ. އަހަރުމެން ކިތައް ފަހަރު މި ވާހަކަދައްކައިފިން؟ ކޮންމެ ފަހަރަކު ވެސް އަހަރެން ހައިބާއަށް މި ވިސްނައިދޭން ޖެހެނީ. ޖެހޭނެ މިންވަރަށް ޝުކުރުކުރަން."

"ނުކުރާނަން!" އެ ވަގުތު ހިތުގައި އޮތް ގޮތަށް އަހަރެން ބުނެލީމެވެ.

ނުނިމޭ

6 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 13%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޭރު

25 July 2022

ފިރިހެންކުއްޖަކު ނުލިބިގެން ގެތައް ފުރި ބަންޑުން ގޮސްފި.

The name is already taken The name is available. Register?

ދަރި

24 July 2022

އަރަރުމެން ތެރެއިން ނަށްތާލަންވެއްޖެ ނުބައި އާދައެއް ދަރިންވާނީދަރިންނަށް

The name is already taken The name is available. Register?

ޙޙ2022

24 July 2022

މަވާ ސަލާން.... ބޮއިހަލަކި

The name is already taken The name is available. Register?

ސަމަންތާ

24 July 2022

ނޫނޭ އަމިއްލަ އެދުން ބޮޑު ދައިތައެއް

The name is already taken The name is available. Register?

ނޫން

24 July 2022

ނޫން.. އަހަރެންނަށްވެސް ވި މިހެން. ޝުކުރު ކުރަން ބޭނުން.. އަންހެން ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު ފިރިހެން ކުއްޖެއްނަމައޭ ހިތައް އެރި.. އެކަމު ވަރަށް ވިސްނައިދެވޭތޯ ހިތަށް ބެލިން.. 3 ވަނަ އަށް މިލިބުނީ ފިރިހެން.. އެ އަންހެނާ އަށް ކުރެވޭ އިހުސާސް ވ ރަނގަޅަށް އެނގޭ.. ފިރިހެން ދަރި ލިބުނީމަ ޝުކުރު ކޮށްލަ ކޮށްލަ މިއޮތީ..

The name is already taken The name is available. Register?

ޕަރސަން

24 July 2022

ކޮންހާ މޮޅުތަކެއްބާ ވަނީ ފިރިހެން ކުއްޖެއް ލިބުނީމަ؟ ދަރިންވާނީ ދަރިންނަށް އަންހެންވިޔަސް ފިރިހެންވިޔަސް. "ނޫން" ގެ އަންހެން ދަރިއަށް އޭނަގެ މަންމަ އޭނަ ފެނުނީމަ އޭނަ އެއީ ފިރިހެން ކުއްޖެއްނަމައޭ ހިތަށްއަރާކަން އެނގިއްޖެނަމަ ކިހިނެތް ވާނީ؟ ތިކަހަލަ މީހުން ރަނގަޅުވާނީ ދަރިން ނުހޯދިއްޔާ. ވަރަށް ސަލާން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454