މުނިފޫހިފިލުވުން / ވާހަކަ

ޝުކުރު

އާދިއްތަ ދުވަހާ ގުޅޭ

"ނުކުރާނަން!" އެ ވަގުތު ހިތުގައި އޮތް ގޮތަށް އަހަރެން ބުނެލީމެވެ.

އެހެން ބުނި އިރު ވެސް، ދެން ކުއްޖަކު ނުވިހޭނެކަން އަހަންނަށް އެނގެއެވެ. ނުވިހުނިއްޔާ ވާނީ ކީއް ހެއްޔެވެ؟ ނުވިހާ ދަރިފުޅުގެ މަންމައަށް ވެގެން ކިތަން މީހުން އުޅޭ ހެއްޔެވެ؟ އެ ފުރުސަތު އަހަންނަށް ވެސް އޮންނާނެއެވެ. ނުވިހާނޭ ޑަކުޓަރު ބުނާ އަންހެނުން ވިހާފައި ވެސް އެބަ ހުއްޓެވެ. ވިހާފައި ދަރިފުޅު ބޭނުންނުވާ މީހުން އުޅެއެވެ. އެ ފަދަ ކުއްޖަކު ގެނެވިދާނެއެވެ. ދަރިން ގިނަކަމުން ނުބެލޭ މީހުންނާއި، ދަރިފުޅު ބަސްނާހާތީ ބަލަން ބޭނުން ނުވާ މީހުން ވެސް އުޅެއެވެ. ފުރުސަތު ހުސްވާން ކައިރި ވެސް ނުވެއެވެ. މުހިންމުކަމަކީ ވީހައި ވެސް ގިނަ ބަޔަކާ ގުޅާފައި ބޭއްވުމެވެ.

ދަންނަ އެންމެނަށް އަހަރެން ގުޅީމެވެ. އެ މީހުން ލައްވައި އެ މީހުންގެ އެކުވެރިންނަށް ވެސް ގުޅުވީމެވެ. އަަހަރެންގެ އޮތީ އެންމެ ޝަރުތެކެވެ. ފިރިހެންކުއްޖަކަށް ވުމެވެ. އެހެނަސް، އެއްފަހަރާ ދެ ކުދިން ލިބޭ ގޮތް ވެއްޖެއްޔާ، ހަގު ކުއްޖާއަށް އިސްކަމެއް ދެވޭނެއެވެ. އެ ގޮތަށް ކުއްޖެއް ގެނައުމަކީ އަލްވާން އެހައި ހިތްހަމަޖެހޭކަމެއް ނޫނެވެ. ނޫނެކޭ ބުނަން އޭނައަށް ނުކެރުނީއެވެ.

ކޮންމެ ދުވަހަކީ އަހަންނަށް އުނދަގޫ ދުވަހެކެވެ. ލޯބިލޯބި ފިރިހެންކުދިން ގޮވައިގެން ހިނގާ މަންމައިން ފެނުމުން އަހަރެން ދެރަވެއެވެ. އުނދަގޫވެއެވެ. ހަސަދަވެރި ވެސް ވެއެވެ. ނުދަންނަ މީހުން އުރައިގެން ތިބޭ ކުދިންނާ ތޮޅި، ސަމާސާކޮށް، އުރައި ވެސް ހަދަމެވެ. ފިރިހެންކުއްޖަކު ލިބިގެން އުޅޭ ހުވަފެން ފެންނަން ފެށިއެވެ. ހުރިހައި ވާހަކައެއް އަލްވާނަށް ކިޔައިދެމެވެ. ނުކިޔައިދެނީ އެންމެ ތަންކޮޅެކެވެ. ކޮންމެ ހުވަފެނެއް ވެސް ނިމެނީ އުފާވެރިކޮށެއް ނޫނެވެ. ހިތާމަވެރި ގޮތަކަށެވެ. ނުރައްކާތެރިގޮތަކަށެވެ. ކުއްޖާއަށް ކަމެއްވެގެންނެވެ. ނުވަތަ ކުއްޖާ އަހަރެން އަތުން ބީވެގެންނެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟ އެކި ރައްޓެހިން ދިނީ އެކި ކަހަލަ ނައްސި ޖަވާބެވެ. އަހަރެންނަށް ކަމުދިޔައީ ދިފްލާ ދިން ޖަވާބު އެކަންޏެވެ.

"މީހަކު ބުނި ހުވަފެން ގަބޫލުކުރަންވާނީ އިދިކޮޅަށޭ،" ދިފްލާ ބުންޏެވެ. "އަހަންނަށް ފެނުނު އެއްވެސް ހުވަފެނެއް ދިމައެއްނުވޭ! އަހަރެން ޔަގީނުން ވެސް ބޯއީއެއް ހޯދާށޭ ކިޔާފަ ތިހާ ގިނަ ކުދިންނެއް ނުހޯދާނަން. އެކަމަކު ހައިބާ ހުރިހާ ކަމަކާ ފޭސްކުރަން ހުރީ. ވަރަށް ދަތިކޮށް ތި އުޅެނީ. ދެ ކުދިން ގެންގުޅޭނެ ސްޕޭސް ވެސް ނެތް. މިހެން ބުނާ އިރު ވެސް އަހަންނަށް އެނގޭ މީ ހަމަ ބޭކާރު ވާހަކަކަން."

އަހަރެން އުޅޭ ކޮޓަރިއަށް ވުރެ ކުދި ކޮޓަރީގައި، މާ ގިނަ ކުދިން ވެސް މީހުން ގެންގުޅެއެވެ. އަހަންނަށް ވިސްނެނީ އެ ގޮތަށެވެ. އެ މީހުންނަށް އުޅެވެންޏާ އަހަންނަށް ވެސް އުޅެވޭނެއެވެ.

އަންގާރަދުވަހެއްގެ މެންދުރުގެ ވަގުތެވެ. ހަފުތާގެ އެ ދުވަހަކީ އަހަންނަށް މުޅީން ވެސް ނުބައި ޚަބަރު ލިބޭ ދުވަހެކެވެ. އަހަރެން އިނީ ދެ ދަރިންނަށް ކާންދޭށެވެ. މައިދައިތައާއި ބަފައިބެ ތިބީ ބޮޑުކޮޓަރީގައެވެ. އެ މީހުނަކީ ވާހަކަދައްކާ އިރު މުޅި ގެއަށް އަޑުއިއްވާ ބައެކެވެ. އެ ދުވަހަކީ އާދަޔާހިލާފަށް ފުށްކުދި ދުވަހެކެވެ.

"އެހެރީ... ކިހާ ގޮތްކު.. ކާކު ހީ ވެސް ކުރާނީ؟" މައިދައިތަ ބުނިހެން ހީވެއެވެ.

"އަހަރެން އޭރު ވެސް... ވަރަށް ޝައްކުވާ.." ބަފައިބެ ބުނިހެން ހީވެއެވެ.

ދައްކާ ވާހަކައަށް އަހަރެން ސަމާލުކަންދީގެން އިންނަ އިރު ވެސް ސާފެއް ނުވެއެވެ. އަހަރެން ހިތަށްއެރިއެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެއެވެ. އިރުއޮއްސެން އުޅެނިކޮށް ދިފްލާ އައެވެ. އޭނަގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ.

"އަހަންނަށް ގަބޫލު ވެސް ނުކުރެވުނު،" ދިފްލާ ހައިރާންވެފައި ބުންޏެވެ. "އިއްޔެ ވެސް ރާމިޒާ ދުށިން. ނުވެސް އެނގޭ. އަހަންނާ ވާހަކަ ވެސް ދެއްކި. އޭނަ މަންމަ ހާދަ ދެރަވާނޭ ދޯ؟ އޭނައަށް އަދި ފިފްޓީން ވެސް ނުވޭ!"

އަހަރެން ހައިރާންވެފައި ބަލަހައްޓައިގެން އިނީމެވެ.

"ރާމިޒާއަށް ކިހިނެއްވީތަ؟" އަހަރެން ސުވާލުކުރީމެވެ.

އެ ހިސާބުން ދިފްލާއަށް އިވިފައިވާ ގޮތަށް އެ ވާހަކަ ކިޔައިދިނެވެ. ރާމިޒާ ވިހެއީއެވެ. އެއީ އުމުރުން ފަނަރަ އަހަރުގެ ކުއްޖެކެވެ. އެއްބަނޑުއެއްބަފާ ހަ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ހިސާބުގަނޑަށް ވަރަށް މަޝްހޫރު، ވަރަށް ހިފިނުހުރެވޭ ކުއްޖެކެވެ. ރާމިޒާ މައިންބަފައިންގެ ދިރިއުޅުން އޮންނަނީ ބޮއްސުންލައިފައެވެ. އިރުއޮއްސިއްޖެއްޔާ ރާމިޒާ ފެންނާނީ ކޮންމެވެސް މީހެއްގެ ސައިކަލު ފަހަތުންނެވެ. އޭނަ ވިހެއީ ފިރިހެންކުއްޖެކެވެ. ވިހެއީއް ސުރެ ރާމިޒާ އުޅެނީ ކުއްޖާ ދެކެ ފޫހިވެގެންނެވެ. އެ މަންޒަރުގެ ތެރެއަށް އަހަރެން ވަންނަ ހިސާބަކީ އެއީއެވެ. ދިފްލާ ދެކޭ ގޮތުގައި އަހަންނަށް އެ ކުއްޖާ ގެނެވިދާނެއެވެ. ވަރަށް ފަސޭހައިން ލިބިދާނެއެވެ. އޭރުން އެއް ދޮނުގައި ދެ ބުޅި ޖެހުނީއެވެ. ޔަގީނުން ވެސް ރާމިޒާއަށް ވުރެ ރަނގަޅަށް އަހަންނަށް އެ ކުއްޖާ ތަރުބިއްޔަތު ކުރެވޭނެއެވެ. އަނެއްކޮޅުން، އަހަރެންގެ ހުވަފެން ހަގީގަތަކަށްވީއެވެ.

"އެކަމަކު އަލްވާން ގަބޫލުވާނެބާ؟ މި ގޭ މީހުން ގަބޫލުވާނެބާ؟" އަހަންނަށް ބުނެވުނެވެ. "ރާމިޒާ އަހަންނަށް އެ ކުއްޖާ ދޭނެބާ؟ އެއީކަން ނޭނގެ އެންމެ ފުރަތަމަ ސުވާލަކީ."

"ތި ހުރިހާ ސުވާލެއް ވެސް އަހަރެން ހިތަށްއެރިއޭ. އަޅެ ބެލިދާނެއްނު!" ދިފްލާ ހިޔާލުދިނެވެ. "ކުރި ކަމެއް ކުރީ ރާމިޒާ. އެ ކުއްޖާގެ ކުށެއް ނެތް. ހައިބާ ކުރަން ތި އުޅެނީ ގޯސްކަމެއް ނޫން."

އަހަރެން އަލްވާނާ މަޝްވަރާކުރީމެވެ. ހީކުރި ގޮތާ ހިލާފަށް، އޭނަ ވަގުތުން އެއްބަސްވިއެވެ. މައިންބަފައިން ނުރުހުނަސް އަލްވާން ހުރި އެ ކަން ކުރާ ގޮތަށެވެ. އަލްވާން ބުނީ ތެދެކެވެ. ކުއްޖާއަށް ހަރަދުކުރާނީ އަހަރުމެންނެވެ. ބަލަހައްޓާނީ ވެސް އަހަރުމެންނެވެ. އޭނަގެ އެއްވެސް ކަމެއް އެހެން މީހަކާ ހަވާލުނުކުރީމަ ނިމުނީއެވެ.

އަހަރެންގެ މަގު އަމާންވިއެވެ. ދެން އޮތީ ރާމިޒާގެ ރުހުން ހޯދުމެވެ. އެ ކަން ކުރާނެ ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގައި ހުއްޓައި ކުއްޖާއަށް ނަންކިއެވެ. އޭނައަށް ކިއީ މާހިދުއެވެ. ރާމިޒާގެ މަންމަގެ ފަރާތުން ރާމިޒާއަކަށް އެހީތެރިކަމެއް ނުލިބުނެވެ. އެކަމަކު ރާމިޒާގެ ބައްޕަ، މާހިދު ދެކެ ލޯބިވާހެން އަހަންނަށް ހީވެއެވެ. މާހިދު ދެކެ ރާމިޒާ ކުޑަކޮށް ވެސް ލޯތްބެއް ނުވެއެވެ. ރާމިޒާ ދެކެނީ މާހިދަކީ ރާމިޒާގެ "އުފާވެރި" ދިރިއުޅުމަށް އެޅުނު ހުރަހެއްކަމުގައެވެ.

ފަހުން އަހަންނަށް އެނގުނު ގޮތުގައި، ވިހެއި ދުވަހު ވެސް ރާމިޒާގެ މަންމަޔާ ދަރިފުޅު ހަވާލުކޮށްފައި ރާމިޒާ ގެއްލުނީއެވެ. އަހަރެން ހިތަށްއެރިއެވެ. ކުއްޖަކު ވިހާފައި، ހަމަ އެ ދުވަހު އެނދުން ތެދުވެގެން ދެވޭނީ ހާދަހާ ހިތްވަރެއް ހުރެގެންނެވެ. ޔަގީނުން ވެސް އަހަންނަކަށް އެ ކަމެއް ނުވާނެއެވެ. އަވަށްޓެރިއެއްކަމުން، ވާނުވާ ބަލަން އަހަންނަކަށް މާ އުނދަގުލެއް ނޫނެވެ. އެ ގެއަށް އަހަރެން ވަންނަމެވެ. މާހިދު ފެނެއެވެ. އުރަމެވެ. މާހިދު ރޯއަޑު ކަނޑައިގެން ނުދެއެވެ. ރާމިޒާ އުޅޭ ތަނެއް، ކުރާ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ފޯނަކުން ނުގުޅެއެވެ. ރާމިޒާ ކުރި ކަންތަކާ ނުރުހިގެން ހުރެ މާހިދު ބަލާ އިރު، މާހިދުގެ މާމަ ލަވާ ހަޅޭއް އެހައި ގަދައެވެ. އެ ހުރިހައި ކުޅިވަރެއް އަހަންނަށް ފެނެއެވެ. ކިތަންމެ ފަހަރަކު އަހަރެން ހިތަށްއެރިއެވެ. މާހިދު އަހަންނަށް ދޭށޭ ބުނެފާނަމެވެ. އެކަމަކު އެ ކަން ކުރާނެ ހިތްވަރެއް ނުލިބެއެވެ.

ރާމިޒާ ބޭރަށް ދަމުން މާހިދު ގެނެސް އަހަންނާ ހަވާލުކުރަން ފެށިއެވެ. ދަރިފުޅަށް ބުއްދޭން އޭނަ އާދެއެވެ. ގިނަ ފަހަރު އަހަރެން ގުޅާކަށް ނުޖެހެއެވެ. ހެނދުނު މާހިދު ގެންނަ ގޮތަށް، އިރު އޮއްސެންދެން އޭނަ ގެންގުޅެނީ އަހަންނެވެ. ބައެއް ރޭރޭ އޭނަ ނިންދަވަނީ ވެސް އަހަންނެވެ. ފިރިހެންކުއްޖަކަށް ފެންބޮވާފައިވާ އަހަރެންގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. މާހިދު ދެކެ އަހަރެންގެ ކުދިންނާއި އަލްވާން ވެސް ލޯބިވެއެވެ. އެކަމަކު އަލްވާންގެ މައިންބަފައިން މާހިދު ނުވެސް އުރައެވެ. އެ މީހުން އުޅޭ ގޮތުން ހީވަނީ ކުށްވެރިޔަކީ މާހިދުހެންނެވެ.

ދެ މަހެއްހައި ދުވަސްވީ އިރު އަހަންނާއި މާހިދާ ދެމެދު އޮންނަނީ ދަރިއަކާއި، މަންމައަކާ ދެމެދު އޮންނަ ކަހަލަ ގުޅުމެކެވެ. މާހިދު ނުގެނެއްސިއްޔާ އޭނަ ބަލައި ވެސް އަހަރެން ދަމެވެ. ރާމިޒާގެ މަންމަ ހުންނަނީ އަހަރެން ނައިސްގެންނެވެ. ރާމިޒާގެ ބައްޕަ ހުންނަނީ އަހަންނަށް ލޯއަޅައިގެންނެވެ. އެއްދުވަހަކު މާހިދު ބަލާ ދިޔަ ތަނާ ރާމިޒާ ވަރުގަދަ ނިންމުމެއް ނިންމިއެވެ.

"ދެން ދައްތަ ތި ކުއްޖާ އެއްކޮށް ގެންދޭ!" ބޮލުންނައްޓައިލާ ކަހަލަ ގޮތަކަށް ރާމިޒާ ބުންޏެވެ. "މިހާރު ދެ މަސްވީ. ބުއްފުޅި ވެސް ޖެއްސީމަ ބޯކަށްނު ޖެހޭނީ. އަހަންނަކަށް ނުވާނެ ތި ކަމެއް. ބޯހަލާކު! ފަސް މަސް ވީމަ އެހެން އެއްޗެހި ކާންދެވޭނެއްނު. ދެން ދައްތަ އޭނައަށް ކާންދީގެން ގެންްގުޅޭ! އޯކޭތަ؟"

ރާމިޒާ އެހެން ބުނި އިރު، ރާމިޒާގެ މައިންބަފައިން އަޑުއިވޭ ހިސާބުގައި ތިއްބެވެ. އެ ދެ މީހުންގެ މޫނަށް އަހަންނަށް ބަލައިލެވުނެވެ. ފެނުނީ ވަރަށް ތަފާތު ދެ މަންޒަރެކެވެ. ބައްޕަ ހުރީ ރުޅިއައިސްފައެވެ. މަންމަ ހުރީ ހިނިއައިސްފައެވެ.

"އާނ! މައްސަލައެއް ނެތް!" އަހަރެން ވަރަށް އުފާވެފައި ބުނީމެވެ. "އަހަރެން ވަރަށް ބޭނުން. ހަމަ ދަރިއެއް ގެންގުޅޭހެން ވަރަށް ލޯބިން ގެންގުޅޭނީ. ކޮން އިރަކުން ބަލާ އަންނަންވީ؟"

"މާދަމާ އާދޭ!" ޖަވާބުގައި ރާމިޒާ ބުންޏެވެ. "ރަށުދޯނި މާދަމާ ފުރާނެ. އަހަރެން ދާނީ ރަށަށް. ހެނދުނު ހަތެއްޖަހާކަންހައި އިރު އައިމަ ރަނގަޅުވާނެ."

އަހަންނަށް އެ ރޭ ނުވެސް ނިދެއެވެ. ގަޑި ބަލަން އޮވެވުނީއެވެ. ރަނގަޅަށް އިރުނާރަނީސް، މާހިދު ބަލައިދާން އަހަރެން ތައްޔާރުވާން ފެށީމެވެ. އެއީ އަހަރެން އަލަށް ކުރާކަމެއް ނޫނެވެ. އެހެނަސް، އެ ދުވަސް ތަފާތެވެ. ގަޑިން ހަތެއް ޖަހަން ފަނަރަ މިނެޓަށްވީ އިރު އަހަރެން ހުރީ އެ ގޭ ދޮރުމަތީގައެވެ. ދޮރާށި ހުރީ ތަޅުލައިފައެވެ. އެހެނަސް، ތަޅު ބާވެފައި ހުރުމުން، ދެތިން ފަހަރު އަތްގަނޑުގައި ހިފައިލި ތަނާ ދޮރާށި ހުޅުވުނެވެ. ގޭތެރެ އޮތީ ވަރަށް ފަޅުކޮށެވެ. އަހަރެން ސަލާންގޮވައިލީމެވެ. ނުކުތީ ރާމިޒާގެ މަންމައެވެ.

"ގަދަކަމުން ރާމިޒާ ގޮވައިގެން ރަށަށް ހިނގައްޖެ!" ވަރަށް ހިތްހަމަނުޖެހިފައި ރާމިޒާގެ މަންމަ ބުންޏެވެ.

ނުނިމޭ

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 17%
icon inlove icon inlove 17%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454