ޕްރިޔަންކާ ޗޯޕްޅާއަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށާއި އޭނާއާ އެކު މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް ޓީވީ ޝޯ "ދިސް އިޒް އަސް" ގެ އެކްޓަރު ޖަސްޓިން ހާޓްލީ ބުނެފި އެވެ.
އޭނާ ބުނީ "ކްއަންޓިކޯ" އިން ޕްރިޔަންކާއަކީ އާދަޔާހިލާފަށް މޮޅު އަދި ހުނަރުވެރި ބަތަލާއެއްކަން ސާބިތުކޮށް ދީފައިވާ ކަމަށާއި "ބޭވޮޗް" ކަހަލަ ފިލްމަކުން އާދައިގެ ތަރިއަކަށް ފުރުސަތު ނުލިބޭނެ ކަމަށެވެ.
ކާސްލް، ރިވެންޖް އަދި ދަ ޔަންގް އެންޑް ރެސްލެސްގެ ފަދަ ޓީވީ ސިލްސިލާތައް ކުޅެފައިވާ 39 އަހަރުގެ އެކްޓަރު ބުނީ ޕްރިޔަންކާއާ އެކު މަސައްކަތްކޮށްލާނެ ފުރުސަތަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.
"އަހަރެން ވަރަށް ބޭނުން އޭނާއާ އެކު މަސައްކަތްކޮށްލަން. އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން އެ ފުރުސަތު ލިބޭނެ ކަމަށް،" ޖަސްޓިން ބުންޏެވެ.
އޭނާ ބުނީ މިހާތަނަށް ޕްރިޔަންކާއާ ދިމާ ނުވާ ކަމަށެވެ. އަދި ޕްރިޔަންކާއަކީ ވަރަށް ބިޒީ ތަރިއެއްކަން އެނގޭ ކަމަށް ޖަސްޓިން ބުންޏެވެ.
"އަހަންނަށް މިހާތަނަށް އެނގިފައި އޮތް ގޮތުން ޕްރިޔަންކާއަކީ ވަރަށް ހިތްހެޔޮ ކުއްޖެއް. އަހަރެން މިހިރީ އޭނާއާ ޕާސަނަލީ ބައްދަލުކޮށްލާ ހިތުން ވެސް ކެތްމަދުވެފައި،" ޖަސްޓިން ބުންޏެވެ.
އޭނާ ބުނީ ޕްރިޔަންކާއަކީ ބޮލީވުޑަށް ނިސްބަތްވާ ބަތަލާއަކަށް ވިޔަސް، ބޮލީވުޑާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.
"މިހާތަނަށް އެނގިފައި އޮތް ގޮތުން އެއީ ވަރަށް ބިޔަ އިންޑަސްޓްރީއެއް. އަހަރެން ބޭނުން ބޮލީވުޑް ދަސްކުރަން ވެސް." ޖަސްޓިން ބުންޏެވެ.