ރަންބީރު ކަޕޫރާއި އާލިއާ ބަޓް.
15 ސެޕްޓެމްބަރ 2022 - 06:30
"ބަރަހްމަސްތުރާ" ގެ ކާމިޔާބަށް ފަހު ފިލްމުގެ ލީޑު ދެތަރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރު ކަޕޫރަށް އިތުރު ފިލްމެއްގައި މަސައްކަތްކުރަން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ފަސް އަހަރުގެ ބުރަ މަސައްކަތަށް ފަހު، "ބަރަހްމަސްތުރާ" ރިލީޒްކުރީ މި މަހު 9 ގަ އެވެ. އެންމެ ހަތަރު ދުވަހުން ފިލްމަށް 225 ކްރޯޑް ރުޕީސް ވަނީ ދުނިޔޭގެ މާކެޓުތަކުން ލިބިފަ އެވެ. އެހާ ބޮޑު ކާމިޔާބެއް ފިލްމަށް ލިބިފައިވާއިރު ދެ ތަރިންގެ ކެމިސްޓްރީ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އާލިއާ އާއި ރަންބީރަށް ލިބުނު އަނެއް ފިލްމަކީ ލޯބީގެ ކޮމެޑީއެކެވެ.
މީގެ ކުރިން އެކުގައި މަސައްކަތްކުރުމަށް ގިނަ ފިލްމުތަކެއް ލިބުނަސް އާލިއާ އާއި ރަންބީރު އެ ފިލްމުތައް ނުނަގަ އެވެ. އެކަމަކު ބްރަހްމަސްތުރާގެ ކާމިޔާބަށް ފަހު މި ލިބުނު ފިލްމަށް އެމީހުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށްވެ އެވެ.
އެ ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި އާންމެއް ނުވެ އެވެ.
މިދިޔަ އޭޕްރީލް މަހު ކައިވެނިކުރި އާލިއާ އާއި ރަންބީރަށް ވަރަށް އަވަހަށް ދަރިއަކު ލިބޭނެ އެވެ. އާލިއާ އިތުރު ފިލްމެއްގެ ޝޫޓިން ދެން ފަށާނީ ވިހެއުމަށް ފަހު އެވެ.
އާލިއާގެ ފިލްމީ މަސައްކަތަށް ބަލާއިރު ދެން އެންމެ އަވަހަށް ފެންނާނީ ރަންވީރު ސިންގްއާ އެކު ރޮކީ އޯރް ރާނީ ކީ ޕްރެމް ކަހާނީ އިންނެވެ. އަދި އޭނާގެ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯންސް" ވެސް ކުރިއަށް އެބަ އޮތެވެ. ރަންބީރު އެންމެ އަވަހަށް ފެންނާނީ ލަވް ރަންޖަން ޑައިރެކްޓްކޮށް ޝްރައްދާ ކަޕޫރާ އެކު ކުޅޭ ފިލްމުންނެވެ. އަދި ރަޝްމިކާ މަންދަންނާ އާ އެކު "އެނިމަލް" ގައި ވެސް ރަންބީރު މަސައްކަތްކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy