ޑިޒްނީގެ ކްލެސިކް ޕްރިންސެސް އެނިމޭޝަން ކަމަށްވާ "ދަ ލިޓްލް މާމެއިޑް"ގެ ލައިވްއެކްޝަން ފިލްމުގެ ފުރަތަމަ ޓްރެއިލާ ނެރުމާ އެކު ހުޅަނގުގެ މީހުންނަށް އެ ކަމު ނުގޮސް، ޑިސްލައިކްގެ އަދަދު އެއް މިލިއަނަށް އަރައިފި އެވެ.

ލިޓްލް މާމެއިޑްގެ ލައިވް އެކްޝަން ފިލްމެއް ނެރޭނެ ކަމަށް އިއުލާނުކޮށް ކާސްޓު އިއުލާނު ކުރުމާ އެކު ހުޅަނގުގެ ގިނަ ބައެއްގެ ފަރާތުން ލިބުނީ ނުރުހުމެވެ. އެއީ "ދޮން" ލިޓްލް މާމެއިޑްގެ ބަދަލުގައި ފިލްމަށް ކަޅު ނަސްލުގެ އެކްޓަރެއް ކާސްޓު ކުރުމުންނެވެ.

ގިނަ ބަޔަކު ބުނަމުން އައީ މިއީ ހަގީގަތާ ދެކޮޅު ވާހަކައެއް ކަމަށާއި ކަޅު ނަސްލުގެ މާމެއިޑެއް ނޫޅޭނެ ކަމަށެވެ.

އަލަށް ނެރުނު ޓީޒާއާ އެކު އެ ވާހަކަތައް ވަނީ އަލުން ދައްކަން ފަށައިފަ އެވެ. އަދި ގިނަ ބަޔަކަށް ޓީޒާ ކަމަކު ނުދިޔަ އެވެ. ރިސާޗުކުރި މީހަކު ބެލި ބެލުމުން އެނގުނު ގޮތުގައި ލިޓްލް މާމެއިޑްގެ ޓްރެއިލާ އަށް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ޑިސްލައިކް ލިބި ދެ މިލިއަނާ ކައިރީގަ އެވެ.

އަދި އެތައް ބަޔަކު ބުނަމުން އަންނަނީ ލިޓްލް މާމެއިޑަށް ކަޅު ނަސްލުގެ އެކްޓަރެއް ކާސްޓު ކުރުމަކީ ރޭސިސްޓް އަމަލެއް ކަމަށެވެ.

ލިޓްލް މާމެއިޑް ކާޓޫނު އުފައްދާފައިވަނީ ޑޭނިޝް ފުލޯކު ވާހަކައަކަށެވެ. އަދި ޑިޒްނީގެ އޮރިޖިނަލް ލިޓްލް މާމެއިޑް ފިލްމުގެ ކާސްޓުން ވެސް ވަނީ އެ ނިންމުން ދިފާއުކޮށްފަ އެވެ. ކާސްޓުން ބުނިގޮތުގައި ލިޓްލް މާމެއިޑް އަކީ އެޓްލާންޓިކް ކަނޑުގެ މާމެއިޑެއް ކަމަށެވެ. އަދި އެއީ ވަކި ނަސްލަކަށް ނިސްބަތްވާ އެއްޗެއް ނޫން ކަމަށް ވެސް އެމީހުން ބުންޏެވެ. އަދި މާމެއިޑަކީ ހިޔާލީ އެއްޗެއް ކަމަށް ވެސް އެތައް ބަޔަކު ވަނީ ހަނދާން ކޮށްދީފަ އެވެ.

ލިޓްލް މާމެއިޑްގެ ރޯލަށް ކާސްޓުކޮށްފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ ހެލީ ބެއިލީ އެވެ. އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.