މުނިފޫހިފިލުވުން / ބޮލީވުޑް

އޯމް ޕޫރީގެ ފަހު އިންޓަވިއުގައި މުހިންމު ވާހަކަތަކެއް

އޯމް ޕޫރީ: ހިންދީ ސިނަމާއަށް ގެއްލިގެންދިޔަ ވަރަށް އަގުހުރި އެކްޓަރެއް

08 ޖެނުއަރީ 2017 - 06:19

ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް އެކްޓަރު އޯމް ޕޫރީ ހުކުރު ދުވަހު ހެނދުނު ވަނީ މަރުވެފަ އެވެ.

މަރުވުމުގެ ދެ ހަފުތާ ކުރިން އޯމް ޕޫރީ ވަނީ ވަރަށް މުހިއްމު ވާހަކަތަކެއް މީޑިއާއާ ހިއްސާކޮށްފަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އިން އިންޑޯ-އޭޝިއަން ނިއުސް ސާވިސް (އިއާންސް) އަށް ދީފައިވާ އިންޓަވިއު އަކީ އޭނާގެ އެންމެފަހުގެ އިންޓަވިއު އެވެ. އެ އިންޓަވިއުގައި އޯމް ޕޫރީ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އޭނާގެ މަރު ގާތް ވެއްޖެކަން އޭނާއަށް ވެސް އިހްސާސް ކުރެވިފައިވާ ކަހަލަ އެވެ.

އޯމް ޕޫރީ ބުނީ ސިނަމާއަށް އޭނާ ގިނަގުނަ މަސައްކަތްތަކެއް ކޮށްދީފައި ވާނެ ކަމަށާއި އޭނާ ކޮށްދިން ޚިދުމަތްތައް ފެންނަން ފަށާނީ އޭނާ ދުނިޔޭގައި ނެތް ދުވަހަކުން ކަމަށެވެ. ޚާއްސަކޮށް ފިލްމުގެ މަސައްކަތްތައް ކިޔަވާ ކުދިން އޭނާގެ ފިލްމުތައް ބަލާނެ ކަމަށް އޯމް ޕޫރީ ބުނެފައިވެ އެވެ.

އުމުރުން 66 އަހަރުގެ އެކްޓަރު މަރުވިކަން އެނގުނީ ހުކުރު ދުވަހު ހެނދުނު އެވެ. މުމްބައިގައި ހުންނަ އޭނާގެ ގޭގައި ބުރާސްފަތި ދުވަހުގެ ރޭ ނިދި ގޮތަށް އޮވެ ހާޓް އެޓޭކެއް ޖެހިގެން މަރުވީ އެވެ.

ހަގިގަތުގައި ވެސް އޯމް ޕޫރީ ބުނީ ތެދެކެވެ. އޭނާއަކީ ފިލްމު އުފައްދާ މީހުންނަށް ހުރި މައުލޫމާތުގެ ޚަޒާނާ އެކެވެ. ތިއޭޓަރާއި ޓެލެވިޒަން އިންޑިއާ އަދި އިނގިރޭސި ވިލާތުގެ ފިލްމު އިންޑަސްޓްރީ އަދި ހޮލީވުޑާއި ޕާކިސްތާނު ސިނަމާއަށް ވެސް އޭނާ އަގުހުރި ޚިދުމަތްތަކެއް ވަނީ ކޮށްދީފަ އެވެ.

ދުނިޔޭން ވަކިވެގެން ދަމުން އޭނާ ބުނީ އޭނާ ދޫކުރާ ތަރިކައިން ފިލްމީ ދާއިރާއަށް ނުކުންނަ ގިނަ ބަޔަކަށް އެތައް ޒަމާނަކަށް ފައިދާ ކުރާނެ އެވެ.

އޯމް ޕޫރީގެ ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅު "ޓިއުބުލައިޓް"ގެ ސެޓުގައި ސަލްމާން ޚާނާއެކު

ބޮލީވުޑްގައި 1980 އާއި 1990 ގެ އަހަރުތަކުގައި އެންމެ ނަން ވިދާލި ކުޅަދާނަ ފިލްމު އުފެއްދުންތެރިން ކަމަށްވާ ޝާމް ބެންގާލް، ގޯވިންދް ނިހަލާނީ، ބާސޫ ޗެޓަޖީ، މިރިނަލް ސެން އަދި ގުލްޒާރް ފަދަ ޝަހްސިއްޔަތުތަކާއެކު އާދަޔާ ޚިލާފު މޮޅު މަސައްކަތްތަކެއް އޯމް ޕޫރީ ކޮށްފައިވެ އެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ހިންދީ ސިނަމާގައި ތިބި އާދަޔާޚިލާފު ހުނަރުވެރި މަދު އެކްޓަރުންގެ ތެރޭގައި އޭނާ ޝާމިލުވި އެވެ.

އޯމް ޕޫރީ އޭނާގެ އެކްޓިން ކެރިއަރު ފެށީ 1972 ވަނަ އަހަރު މަރާޓީ ފިލްމެއް ކަމަށްވާ "ގަސީރާމް ކޯޓްވާލް" އިންނެވެ. ވަރަށް ސީރިއަސް ޑްރާމާ ތަކުގައި އޭނާ މަސައްކަތް ކުރަމުންދިޔައިރު ކޮމާޝަލް ފިލްމުތައް ކަމަށް ބެލެވޭ "މިރްޗް މަސާލާ"، "ޖާނޭ ބީ ދޯ ޖާރޯ"، "ޗާޗީ 420"، "ހީރާ ޕޭރީ" އަދި "މާލާމާލް ވީކްލީ" ފަދަ ފިލްމުތައް ވެސް އޭނާ ކުޅުނެވެ.

އޯމް ޕޫރީ ބުނެފައިވާ ގޮތުގައި ދެ ވައްތަރެއްގެ ސިނަމާއެއްވެ އެވެ. ހަމައެކަނި މުނިފޫހިފިލުވާލުމަށާއި ހިތަށް އަސަރުކުރާ މެސެޖުތައް ފޯރުކޮށްދޭ ފިލްމުތަކެވެ. މިއިން ކޮންމެ ބާވަތެއްގެ ވެސް އޭގެ އަމިއްލަ މަގްސަދެއް އޮންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ނެޝަނަލް ފިލްމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއާމަންކަން ކޮށްފައިވާ އޯމް ޕޫރީ ވަނީ ހިތްތަކަށް އަސަރުކުރާ ކަހަލަ އުފެއްދުންތައް އިތުރުކުރުމަށް ގޮވާލާފަ އެވެ. އޯމް ޕޫރީ އަކީ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ވެސް އިސް ވެރިޔާ އެވެ. އަދި ސިނެ އެންޑް ޓީވީ އާޓިސްޓްސް އެސޯސިއޭޝަންގެ ރައީސް ވެސް މެ އެވެ. އޭނާ މަރުވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް އެކަމާ ހިތާމަ ފާޅުކުރެއްވި އެވެ.

އޯމް ޕޫރީގެ އެންމެ ފަހުގެ ފިލްމުތަކުގެ ތެރޭގައި "ގާޔަލް ވަންސް އެގެއިން" އަދި "މިރްޒިޔާ" ހިމެނެ އެވެ. އަދި ޕާކިސްތާނު ފިލްމެއް ކަމަށްވާ "އެކްޓާ އިން ލޯ" ވެސް އޭނާ ކުޅުނެވެ. އަދި މީގެ އިތުރުން އޭނާގެ ވަރުގަދަ އަޑުން ގިނަ ފިލްމުތަކަކަށް އަޑު އަޅައިދީފައިވެ އެވެ. އުމުރުން ދުވަސްވިޔަސް އޯމް ޕޫރީގެ މަސައްކަތަށް މަޑުޖެހުމެއް ނެތެވެ. މަރުވި އިރުވެސް އޭނާ ވަރަށް ބިޒީކޮށް އުޅެމުން ދިޔައީ "ޓިއުބުލައިޓް"، އަދި "މެންޓޯ" ފަދަ ފިލްމުތަކުގަ އެވެ.

އޯމް ޕޫރީ އަށް ދެ ފަހަރަށް ނެޝަނަލް އެވޯޑު އަދި އިންޑިއާގެ ރައްޔިތުންނަށް ދޭ އެންމެ ފަޚުރުވެރި ހަތަރުވަނަ އެވޯޑު ޕަދްމާ ޝްރީ ވެސް 1990 ގައި ލިބިފައިވެ އެވެ.

އޯމް ޕޫރީގެ އިންޓަނޭޝަނަލް ކެރިއަރަށް ދިރުން ލިބުނީ 1982 ގައި ނުކުތް "ގާންދީ" އަށް ފަހުގަ އެވެ. އެ ފިލްމުގައި އޭނާ ކުޑަކުޑަ ރޯލެއް ކުޅެފައިވެ އެވެ. ނަމަވެސް މި ފިލްމުގެ ސަބަބުން ބޭރު ގައުމުތަކުގައި ޝޯތައް ދިނުމާއި ތިއޭޓާ މަސައްކަތްތައް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެގޮތުން "މައި ސަން ދަ ފެނަޓިކް"، "އީސްޓް އިޒް އީސްޓް" އަދި "ދަ ޕެރޯލް އޮފިސާ" ހިމެނެ އެވެ.

އޯމް ޕޫރީ ދަރިފުޅާއެކު

އޭނާ ކުޅުނު ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި "ސިޓީ އޮފް ޖޯއި"، "ވުލްފް"، "ދަ ގޯސްޓް އެންޑް ދަ ޑާކްނަސް" އަދި "ދި ހަންޑްރެޑް ފޫޓް ޖާނީ" ހިމެނެ އެވެ.

ފިލްމީ ދާއިރާގައި އޭނާގެ ނަން ވިދަމުން ދިޔައިރު އަމިއްލަ ދިރިއުޅުމުގެ ހާލަތު އޮތީީ ވަރަށް ގޯސްކޮށެވެ. އެގޮތުން، އޯމް ޕޫރީ އަނިޔާ ކުރާ ކަމަށް ބުނެ އޭނާގެ އަންހެނުން 2013 ވަނަ އަހަރު ފުލުހަށް ހުށަހެޅި މައްސަލަ ހިމެނެ އެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ އޯމް ޕޫރީގެ ކައިރިން އޭނާގެ އަންހެނުން ވަކިވެ އެ ދެ މީހުންނަށް ލިބިފައިވާ ދަރިފުޅު އިޝާން ބެލުން އޯމް ޕޫރީގެ އަންހެނުންނާ ހަވާލުވި އެވެ.

އަންހެނުންނާއި ދަރިފުޅު ގެ ދޫކޮށްލާފައި ދިއުމުން އޯމް ޕޫރީ އެކަނިވީ އެވެ. އަދި އޭނާ މަރުވީ ވެސް ގޭގައި އެކަނިމާއެކަނި އޮއްވަ އެވެ.

0 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 81%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454