ރިވާ އަރޯރާ އާއި ކަރަން ކުންދުރާ.
23 އޮކްޓޯބަރ 2022 - 06:55
މަޝްހޫރު ޓީވީ ތަރި ކަރަން ކުންދުރާ އާއި އެރިކާ ފެނާންޑެޒްގެ މިއުޒިކް ވީޑިއޯ "އަކިޔާން" ރިލީޒް ކުރިތާ ދުވަސްތަކެއް ފަހުން ކަރަން މިހާރު ވަނީ އެ ލަވައިގެ ބައެއް ކުޑަކުއްޖަކާ އެކު ރިކްރިއޭޓް ކޮށްފަ އެވެ. އެ މަންޒަރު ބަލައިގަންނަން ގިނަ ބަޔަކަށް ދަތިވީ އުމުރުން 38 އަހަރުގެ ކަރަން އެންމެ 12 އަހަރުގެ އަންހެން ކުއްޖަކާ އެކު އެ މަންޒަރު ކުޅުމުންނެވެ.
ރިވާ އަރޯރާ ނަމަކަށް ކިޔާ އެ ކުއްޖާ ވަނީ ބޮލީވުޑްގެ އެކްޓަރު، ވިކީ ކޯޝަލް ލީޑު ރޯލު ކުޅެފައިވާ ފިލްމު، "އޫރީ: ދަ ސާޖިކަލް ސްޓްރައިކް" ގައި ވެސް މަސައްކަތް ކޮށްފަ އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގައި ރިލީޒް ކުރި އެ ފިލްމުގައި އެ ކުއްޖާ ބައިވެރިވިއިރު އުމުރަކީ އެންމެ ނުވަ އަހަރެވެ.
އޫރީގައި ރިވާ.
"ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް" ގައި ޖުންގަން ކުޑައިރުގެ ރޯލު ވެސް ކުޅުނީ ރިވާ އަރޯރާ އެވެ.
2020 ގައި ރިލީޒްކުރި ގުންޖަން ސަކްސޭނާ ކުޅުނުއިރު ރިވާ ހުރި ގޮތް.
އަދިވެސް އިތުރު ބައެއް ބޮލީވުޑްގެ ފިލްމުތަކުން އެ ކުއްޖާ އޭރު ފެނުނީ ކުޑަކުއްޖެއްގެ ރޯލުންނެވެ.
އެކަމަކު މި ފަހުން، ރިވާ ފެންނަނީ އުމުރާ ނުގުޅޭ މަންޒަރުތަކުންނެވެ. ފަހަކަށް އައިސް އެންމެންގެ ލޮލުގައި ވެސް އެ ކުއްޖާ އަޅައިގަތީ ކަރަންގެ މިއުޒިކް ވީޑިއޯއާއެކު އެވެ.
އެ ވީޑިއޯގައި ރިވާ ފެންނަނީ އޭނާގެ ލޯބިވެރިޔާ އަށް މަކަރު ހަދައި އޮޅުވައިލާ މަންޒަރުންނެވެ. ކަރަންއާ އިތުރު ގުޅުމެއް ބާއްވާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ. ފަހުން ބާއެއްގެ ތެރޭގައި ކަރަން އާއި އެ ކުއްޖާ ތިބޭ މަންޒަރު ވެސް ފެނެ އެވެ.
ވީޑިއޯ ވައިރަލްވެ، ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވީ 38 އަހަރުގެ ކަރަން، 12 އަހަރުގެ ކުއްޖަކާ އެކު ލޯބީގެ މަންޒަރެއް ކުޅެން ކެރުނީތީ އެވެ. އެ މައްސަލައިގައި މީހުންގެ ނުރުހުން އޮތީ ކަރަން އަށް އެކަންޏެއް ނޫނެވެ. ރިވާގެ މައިންބަފައިން ވެސް ވެސް ހޫނުފެނަށް ވައްޓާލައިފަ އެވެ.
ރިވާގެ މަންމަ އާއި ބައްޕަ އުފަލާއި އަރާމުގައި އުޅުމުގެ ބޭނުމުގައި އެ މީހުންގެ އެ ކުޑަ ދަރިފުޅު އެފަދަ ބޮޑެތި ރޯލުތައް ކުޅެގެން އާމްދަނީ ހޯދާތީ ގިނަ ބަޔަކު ވަނީ ރުޅިގަދަވެފަ އެވެ. އެއީ ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަކުރި އެވެ.
"އޫރީ" ފިލްމުގައި ކުޑަކުއްޖެއްގެ ގޮތުގައި ފެނުނުތާ ތިން އަހަރު ފަހުން ރިވާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލާއެކު އެއީ ޕްލާސްޓިކް ސާޖަރީތައް ހަދައިގެން ގެނައި ބަދަލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ރިވާގެ މައިންބަފައިންނަށް ފާޑުކިޔާ އެއް ސަބަބަކީ ކުޑަކުއްޖެއްގެ ގޮތުގައި އުޅުމުގެ ފުރުސަތު ނުދީ، އުމުރަށް ވުރެ ބޮޑުކޮށް އުޅެން މަޖުބޫރު ކޮށްފައިވާތީ އެވެ.
ރިވާގެ އިންސްޓަގްރާމް ޕޭޖު ވެސް 8.4 މިލިއަން މީހުން ފޮލޯކުރެ އެވެ. އޭނާ ވަނީ އުމުރުން 45 އަހަރުގެ ލަވަކިޔުންތެރިޔާ، މިކާ ސިންގްއާއެކު ތަންކޮޅެއް ގައިގޯޅިވާ ކަހަލަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާމިސް
23 October 2022
ކޮބާ ޖެންޑަރ މިނިސްޓްރީ؟؟ އެކުއްޖާ ކުޑަކުއްޖެއްގެ ގޮތުގައި އުޅުމުގެ ހައްޤު ހޯދައިދީ...