ޕްރިޔަންކާ އާއި ރޮކް: "ބޭވޮޗް" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ.
12 ޖެނުއަރީ 2017 - 06:23
ޕްރިޔަންކާ ޗޯޕްޅާ މުުހިއްމު ރޯލެއް ކުޅެފައިވާ ފިލްމް "ބޭވޮޗް" ގެ ފުރަތަމަ ޓްރެއިލާ ދައްކައިލުމާ އެކު، އޭނާގެ ފޭނުންނަށް މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ގޮތެއް ނުވި އެވެ. ސަބަބަކީ އެ ޓްރެއިލާގައި ޕްރިޔަންކާ ފެންނަނީ ފަޅި ސިކުންތަކަށް ކަމަށް ވާތީ އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވެސް ހިނގި އެވެ. "ބޭވޮޗް" ގައި ޕްރިޔަންކާ ކުޅުނު ރޯލާ ބެހޭ ގޮތުން ފަހުން އޭނާގެ މަންމަ މަދޫ ޗޯޕްޅާ ވެސް ވާހަކަ ދެއްކި އެވެ. މަދޫ ބުނި ގޮތުގައި އެ ފިލްމުގެ އެންމެ "ސަޅި ރޯލް" ކުޅުނީ އޭނާގެ ދަރިފުޅެވެ. ފުރަތަމަ ޓްރެއިލާގައި ޕްރިޔަންކާގެ ފެނިލުން އެހާ ކުޑަވީ، އޭނާގެ ކެރެކްޓާގެ ސަސްޕެންސް ގެއްލުވައި ނުލުމުގެ ގޮތުން ކަމަށް ވެސް މަދޫ ބުންޏެވެ.
އެކަމަކު ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ "ބޭވޮޗް" ގައި ޕްރިޔަންކާ ނެގަޓިވް ރޯލެއް ކުޅޭތީ، ފުރަތަމަ ޓްރެއިލާއާ އެކު ވެސް، އެ ރޯލްގެ ވަރުގަދަކަން ދައްކައިލާނެ ކަމަށެވެ.
އެކަމާ ކަންބޮޑުވި ފޭނުންގެ ނުތަނަވަސް ކަމަށް "ބޭވޮޗް" ގެ ޓީމުން މިހާރު ނިމުމެއް ގެނެސްފަ އެވެ. ފިލްމުގެ ދެވަނަ ޓްރެއިލާއެއް މިހާރު ވަނީ ދައްކާލައިފަ އެވެ.
އެ ޓްރެއިލާގެ އެކި ހިސާބުތަކުން ޕްރިޔަންކާ ފެނިގެންދެ އެވެ. އަދި ފިލްމްގައި އޭނާގެ ކުޅޭ ކެރެކްޓާގެ ނަން ވެސް ޑްވޭން ޖޯންސަން (ރޮކް) އަށް ތައާރަފުކޮށްދެ އެވެ. "ބޭވޮޗް" ޕްރިޔަންކާ ކުޅެނީ ވިކްޓޯރިއާ ލީޑްސް ކިޔާ ވަރަށް ނުފޫޒު ގަދަ ވިލަންއެއްގެ ރޯލެވެ.
މިއީ "ކްއަންޓިކޯ" އަށް ފަހު، ހޮލީވުޑްގެ ޕްރޮޖެކްޓަކުން އޭނާ ފެންނަ ދެވަނަ ފަހަރެވެ. "ބޭވޮޗް" އަކީ ޕްރިޔަންކާގެ ހޮލީވުޑްގެ ފުރަތަމަ ފީޗާ ފިލްމް ވެސް މެ އެވެ.
މި ފިލްމަކީ 1990 ގެ އަހަރުތަކުގައި މަޝްހޫރު ލައިފްގާޑުންގެ ވާހަކަ ކިޔައިދޭ ޑްރާމާ ސީރީސް "ބޭވޮޗް" އަށް ބިނާކޮށްގެން ހަދާފައިވާ ފިލްމެކެވެ.
ފިލްމުގެ ކާސްޓުންގެ ތެރޭގައި ރޮކް، ޒެކް އެފްރޮން، އެލެގްޒެންޑާ ޑަޑާރިއޯ، ކެލީ ރޯބަޗް އަދި ޖޮން ބެސް ފަދަ ތަރިން ހިމެނެ އެވެ.
މީގެ އިތުރުން "ބޭވޮޗް" ގެ ކާސްޓުން، ސީރީޒުން ބޮޑު މަޝްހޫރު ކަމެއް ހޯދި ޑޭވިޑް ހެސެލްހޮފް އަދި ޕަމެލާ އެެންޑާސަން ވެސް ފެނިގެން ދާނެ އެވެ.
ސެތު ގޯޑެން ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ކޮމެޑީ ސިނަމާތަކަށް އަންނާނީ މެއި 26 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy