27 ނޮވެމްބަރ 2022 - 07:13
ބުދަ ދުވަހާ ގުޅޭ
"މުޖޫ ބުރުގާ ނަގާށޭ ބުނެފިއްޔާ ނަގާނަންތަ؟" މޫމިނާ ސުވާލުކުރިއެވެ.
ނޫނެކޭ ބުނާކަށް ނަޒްދާއަކަށް ނުކެރުނެވެ. އަބަދު ވެސް ނަޒްދާ ބިރުގަންނަނީ އެންމެ ކަމަކާއެވެ. ނަޒްދާ އަތުން ދަރިފުޅު އަތުލަފާނެތީއެވެ. މުޖުތަބާ އެ ގޮތަށް ބިރުދައްކައިފިއްޔާ ކަންތައްކުރާނީ ކިހިނެއްކަން ބުނާކަށް ނަޒްދާއަކަށް ނޭނގެއެވެ. އެނގޭނީ ވަގުތު އައިސް ޖެހުނީމައެވެ.
"ނުނަގާތި!" މޫމިނާ އެދުނެވެ. "ފިރިމީހާ ބުންޏަސް އެ ކަހަލަ ކަންތައްކުރާކަށް ނުޖެހޭނެ. ތީ ކުޅޭ ކުޅިވަރެއް ނޫން."
ނަޒްދާ ހިތަށްއެރިއެވެ. ބުނަން ފަސޭހައެވެ. އަޒާން ވަކިވެއްޖެ ނަމަ ދެން ނަޒްދާއަށް ވާނީ ކިހިނެއް ހެއްޔެވެ؟
ވިއްސާރަ ގޮތަކަށް އޮތް ރެޔެކެވެ. ނަޒްދާ އިންތިޒާރުކުރި ފޯނުކޯލު އައީ ރޭގަނޑު ނުވައެއްޖަހަން އުޅެނިކޮށެވެ. އަވަސްއަވަހަށް ތިރިޔަށް ފައިބައިގެން ނަޒްދާ މަގުމައްޗަށް ނުކުތެވެ. "އޭނަ" ފެންނާކަށް ނެތެވެ. ދެކޮޅު ހޯދައި ބަލައިގެން ވެސް ނަޒްދާއަކަށް އޭނައެއް ނުފެނުނެވެ. ނަޒްދާ ފޯނުކުރިއެވެ. އޭނަ ފޯނު ނެގިއެވެ.
"އަންނަންވީތަ؟ އަހަންނަށް ނަޒްދާ އެބަ ފެނޭ." އޭނަ ބުންޏެވެ.
"އާނ އާދެބަލަ!" ނަޒްދާ އެދުނެވެ. "ކީއްވެ ފިލާ ތި ހުންނަނީ؟ ތީ ބިރެއް ނޫނެއްނު!"
އޭނަ އައިސް ސިޓީއުރަ ދިއްކޮށްލުމުން އެ ހިފައިގެން ނަޒްދާ ހިނގައިގަތެވެ. އޭގައި ހުރީ، ބުރުގާއެޅި ރޭ ނަޒްދާ ނެގި ފޮޓޯތަކެވެ. މުޖުތަބާ އަންނަ އިރު އެ ފޮޓޯތައް ގޭގައި ހަރުކުރަން ނަޒްދާ ބޭނުމެވެ. ތަންކޮޅަކަށް ގޮސްފައި ހުއްޓުނެވެ.
"އެބަ އަންނަން އެއްޗެއް ހިފައިގެން،" ނަޒްދާ ބުންޏެވެ. "އެ ގެންގޮސް ވީދާލާފަ އުކާލާ. މި އަންނަނީ. ތި ތާ ހުންނާތި!"
ނަޒްދާ ދުވެފައި ކަހަލަ ގޮތަކަށް ސިޑިންއަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަލަމާރީގައި ނަޒްދާ ފޮރުވި ނަޒްދާގެ ފޮޓޯތައް ނެގިއެވެ. ބުރުގާނާޅާ ހުރުމުން އެ ފޮޓޯތައް ނަޒްދާއަކަށް މުހިންމެއް ނޫނެވެ. އެކަމަކު ވީދާލައިފައި ކުނިވަށިގަނޑަށް އަޅަން އުޅެނިކޮށް ގޯހެއް ހެދިދާނެތީ ނަޒްދާ ބޭނުންވީ އެ ފޮޓޯތައް ގެއިން ބޭރުކުރާށެވެ. ދިން މީހާއަށް އަނބުރައި ރައްދުކުރާށެވެ.
"ހެޕީ؟" މުޖުތަބާ އެހިއެވެ.
ނީޒާ އިނީ ކައިވެނީގެ ސެޓުފިކެޓަށް ބަލަހައްޓައިގެންނެވެ. ނުވެގެން އުޅުނު ކަންތައް ވުމުން ވެސް ނީޒާ އުފަލެއްނުވިއެވެ. ބަދަލުގައި މޫނުމަތިން ފާޅުވީ ނުތަނަވަސްކަމެވެ.
"މިހާރު ކިހިނެއްވީ؟" މުޖުތަބާ އެހިއެވެ. "ނީޒާއަށް އެނގޭތަ؟ އަހަރެން ކުރިޔަކަސް، ތި ހުންނަނީ މިހާ ކުޑަ ވަގުތުކޮޅެއް ތެރޭގަ ވާނެކަންތަކެއް ނޫން. އަޅެ ހިނިތުންވެލާފަ ބުނެބަލަ މުޖޫ ހާދަ ގަދައޭ. އޭރުން އަހަރެން ވެސް އުފާވާނެއްނު."
"މުޖޫއަށް އެނގޭތަ؟ އަހަރެން ކުޑައިރު ގެއަށް ގެންނާނެ ފާޑުފާޑުގެ މޭވާ،" ނީޒާ ޖަވާބުދިނެވެ. "އޭރު އާފަލާ، އޮރެންޖު ކަހަލަ އެއްޗެހި މިހާރުހާ އާންމެއް ނުވާނެ. މަންމަ އުޅޭނެ އަހަންނަށް އެއްފަޅި ދޭން. ނުހިފަމޭ! ފަޅިނުކޮށް، އޮތް ގޮތަށް ދޭންޖެހޭނީ. މިހާރު ވެސް އެއްފަޅިއަކުން އަހަރެންގެ ހިތެއް ނުފުރޭނެ! ފިރިމީހާގެ އެއްފަޅި އެހެން މީހަކަށް ދީގެނެއް ނުހުރެވޭނެ."
މުޖުތަބާ ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ. އަދި ނީޒާގެ ކޮލުގަހިފަން އަތް ގެންދިޔައެވެ.
"އަދި ނެތެއްނު ތިކަން.." މުޖުތަބާއަށް ބުނެވުނީ އެ ހިސާބަށެވެ.
މުޖުތަބާގެ އަތް ފޮޅުވައިލުމަށް ފަހު ނީޒާ ދުރަށް ޖެހިއެވެ. މުޖުތަބާގެ މިޒާޖު ނީޒާއަށް އެނގެއެވެ. ކިރިޔާ ވެސް ދުލެއްދީފިއްޔާ ފަހުން ހިތާމަކުރަން ޖެހޭނެއެވެ. ފުރަތަމަ ކުރި ކައިވެނީގެ މުއްދަތު ކިތަންމެ ކުރު ނަމަވެސް ނީޒާއަށް އެ ފިލާވަޅު ވަރަށް ރަނގަޅަށް ދަސްވިއެވެ.
"ހެދިހާ ގޮތެއް ހެދިގެން ހުންނަން އަހަންނަކީ ނަޒްދާއެއް ނޫން އިނގޭ،" ނީޒާ އިންޒާރުދިނެވެ. "ގުޅާފަ ބުނޭ ވަރިކޮށްފީމޭ. ފަހުން ކޯޓަށް ގޮސް ރަސްމީކުރިޔަސް މިހާރު ގުޅާ!"
މުޖުތަބާ ބޭނުންވަނީ މުޖުތަބާ ކުށްވެރިނުވާ ގޮތަށް ނަޒްދާޔާ ވަކިވާށެވެ. ނަޒްދާގެ ކުށެއް ދެއްކެންދެން ނީޒާ އިންތިޒާރުކުރާށެވެ. ނަޒްދާގެ ފޯނު ރަނގަބީލުވީ، ފޮޓޯތައް ހިފައިގެން އެޕާޓުމަންޓުން ނުކުންނަން ދަނިކޮށެވެ.
"ހަލޯ!" ނަޒްދާ ފޯނުނެގިއެވެ.
މުޖުތަބާ ހީކުރީ ނަޒްދާގެ އަޑު ހުންނާނީ ބަލިކަށިވެފަކަމަށެވެ. ރޮއިރޮއި ހަލާކުވެފަކަމަށެވެ. އެހެނެއް ނުވިއެވެ. މުޖުތަބާއަށް ހީވީ މުޖުތަބާގެ ކޮޅު ބަލިވަނީހެންނެވެ.
"ހަލޯޔޯ!" ރުޅިއައިސްފައި މުޖުތަބާ ބުންޏެވެ. "ދަރިފުޅު މަރުވީއޭ ބުނީމަ، ވާނުވާބަލައިލަން ވެސް ގުޅާނުލާ! ކޮން ކަހަލަ މަންމައެއްތީ އޭނ؟ އެކަަމަކު އުޅޭނެ ދަރިފުޅު ދެކެ މާ ލޯބިވާކަމަށް ހެދިގެން. ތީ ފޭކެއްނު! ވަރިހަމަދޯ މޫނުދައްކައިނުލާ ދަރިފުޅު ވަޅުލިޔަސް؟"
މުޖުތަބާގެ ކެހިވެރިކަން ގޮސްފައިވާ މިންވަރު ވިސްނިފައި ނަޒްދާ ހައިރާންވިއެވެ. އަޒާން މަރުވެއްޖޭ ބުނިތާ ގިނަ އިރެއް ނުވަނީސް އެއީ ދޮގެއްކަން ނަޒްދާއަށް އެނގުނެވެ. އަލުން މުޖުތަބާއަށް ނުގުޅީ އެހެންވެއެވެ. ހިތާމައަކީ އެ ވާހަކަ ނަޒްދާއަށް ބުނެވެން ނެތްކަމެވެ. ބުނެފިއްޔާ ނަޒްދާއަށް އެހައި އަވަހަށް އެ ކަން އެނގުނު ގޮތް ބުނެދޭން ޖެހޭނެއެވެ.
"ދިވެއްސަކު މަރުވެއްޖެއްޔާ ރާއްޖޭގެ ނޫސްތަކުގަ ވެސް އެ ވާހަކަ ޖަހާނެ،" ކިޔަމަންތެރި ރާގެއްގައި ނަޒްދާ ބުންޏެވެ. "އެކަމަކު އެއްވެސް ނޫހަކު ނެތް."
"އެނގޭތަ އެއީ ކީއްވެގެންކަން؟" މުޖުތަބާ ސުވާލުކުރިއެވެ. ޖަވާބު ވެސް ދިނެވެ. "އެއީ ދޮގެއްވީމަ. އަޒާނަކަށް އެއްވެސް ކަމެއް ނުވޭ. އަހަރެން ހަމަ އެކަނި ބަލާލީ އަޒާން ދެކެ ނަޒްދާ ކިހާ ލޯބިވޭތޯ. ވަރަށް ލޯބިވާކަމަށް ހެދިގެންވިއްޔަ އުޅެނީ. ދަރިފުޅު ދެކެ ތިހާ ލޯބިނުވާ މީހަކާ ކިހިނެއް އިނދެގެން އުޅޭނީ؟"
ނަޒްދާ ހިތަށްއެރިއެވެ. ނީޒާއާއި މުޖުތަބާ ކައިވެނިކުރީއެވެ. ޔަގީނެވެ. މިހާރު މުޖުތަބާ އެ އުޅެނީ ނަޒްދާގެ ކުށެއްހޯދާށެވެ.
"ތި ކަހަލަ އަންހެނަކާ އިނދެގެން ކިހިނެއް އުޅޭނީ؟" މުޖުތަބާ ފުރުސަތުގެ ބޭނުންހިފަމުން ބުންޏެވެ. "ތި ކަހަލަ މަންމައެއް ކައިރީގަ ކިހިނެއް ދަރިފުޅު ބަހައްޓާނީ؟"
ނަޒްދާގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ކަރުނަތައް ލޮލަށް ޖަމާވެ، ދެ ލޯ ފުސްކޮށްލިއެވެ.
"އަހަރެން ބޭނުމެއް ނޫން ވަރިވާކަށް. އެހެން މީހަކާ އިންނަން މުޖޫ ބޭނުމިއްޔާ އިނަސް ވެސް ހެޔޮ. އެކަމަކު އަޒާން.." އަރުބެދުމުން ނަޒްދާ ހިންދިރުވައިލިއެވެ. "އަޒާން އަތުލައިފިއްޔާ.."
"ނަޒްދާ ކިހިނެއް އަޒާން ބަލާނީ؟" މުޖުތަބާ ބުންޏެވެ. "އަހަރެން މާލެދާންވާ އިރަށް ދާނެ ތަނެއް ހޯދާ!"
މުޖުތަބާ ފޯނުކަނޑައިލިއެވެ. ވަރިނުކުރީތީ ނީޒާ ހިތްހަމައެއްނުޖެހުނެވެ. ޝަކުވާކުރަން ފެށިއެވެ.
"މުޖޫ ހާދަހާ ފިނޑިއޭ،" ނީޒާ މަލާމާތްކުރިއެވެ. "ލަދުން ބޯހަލާކު."
"އޭނަ ރޮނީއޭ ނީޒާ!" މުޖުތަބާ ބުންޏެވެ. "މި ބުނީނު އަހަރެން ދާންވާ އިރަށް ތަނެއް ހޯދާށޭ. އޭގެ މާނަ އެނގޭނެ."
"އަހަރެން ހިތަށްއަރާ ފަހުން މާނަ ހޯދަންޖެހޭ ކަހަލަ ބަހުރުވަޔަކުން އަހަންނާ ކީއްވެބާއޭ ވާހަކަނުދެއްކީ؟" ނީޒާ ސުވާލުއުފެއްދިއެވެ. "ތިހިރީ ވަރިކޮށްފައޭ އަހަންނާ ދިމާއަށް ބުނަން ކެރުނު. ނަޒްދާޔާ ދިމާއަށް ބުނާކަށް ނުކެރުނު."
މީހުން ބުނެއެވެ. ކަނޑުވާން އުޅޭ އިރު ވަރަށް ބިރުގަންނާނެއެވެ. ނަޒްދާއަށް ވެސް ވީ އެެހެންނެވެ. ވަރިކުރާނެކަމާއި، އަޒާންއާ ވަކިވާންޖެހޭނެކަން އެނގުމުން ނަޒްދާގެ ދުނިޔެ އެފުށްމިފުށަށްޖެހުނު ކަހަލައެވެ. ދަރިފުޅާ ވަކީން ދިރިއުޅޭނެ ގޮތެއް ނަޒްދާއަކަށް ނުވިސްނުނެވެ. ތިމާއަށް ހުރެވުނު ތަނަކާ މެދު ވިސްނައިލެވުނު އިރު، ނަޒްދާ ހުރީ އެޕާޓުމަންޓުގެ ދޮރުކައިރީގައެވެ. އަތުގައި ސިޓީއުރައެއް އޮތެވެ. އޭރު ބޯކޮށް ވާރޭވެހެއެވެ. ސިޓީއުރަ ހުޅުވައިލި އިރު އޭގައި ހުރީ ނަޒްދާގެ ފޮޓޯތަކެވެ. ނަޒްދާ ވިސްނައިލިއެވެ. އެއީ ކީއްކުރަން ހިފައިގެން ހުރި ސިޓީއުރައެއް ހެއްޔެވެ؟ ނަޒްދާ ދާން އުޅުނީ ކޮން ތަނަކަށް ހެއްޔެވެ؟ ދެން ހަނދާންވިއެވެ. އެ ސިޓީއުރައިގެ އިންތިޒާރުގައި ބޭރުގައި މީހަކު ހުންނާނެއެވެ. ކުޑަދޮރުން ބޭރު ބަލައިލި އިރު "އޭނަ" ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ވާރެޔާ ތެމިފޯވެގެންނެވެ. ދެން ހަނދާންވިއެވެ. ނަޒްދާއަށް ބުނެވުނީ އެ ތަނުގައި ހުރުމަށެވެ. ތެޅިފޮޅިގެންފައި ކުޑައެއް ހޯދަން ފެށިއެވެ. ކުޑަ ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ސިޑިންފޭބިއެވެ. އޭނަ ކައިރިއަށް ގޮސް، ދެ މީހުން ހިޔާވާ ގޮތަށް ކުޑަ ދިއްކޮށްލިއެވެ.
"ކިހިނެއްވީ؟" ނަޒްދާގެ މޫނަށް ބަލާލައިފައި އޭނަ އެހިއެވެ. "އާ ޔޫ އޯކޭ؟"
ތެމުނީމަ ޝަކުވާކުރުމުގެ ބަދަލުގައި އޭނަ ހޯދަން ބޭނުންވީ ނަޒްދާގެ މޫނުމަތިން ފެނުނު ހާސްކަމުގެ މާނައެވެ.
"ސައިކުގަތަ ތި އުޅެނީ؟" ނަޒްދާ އެހިއެވެ.
"ކާރުގަ. ކިހިނެއްވީ؟ ތަނަކަށް ދާންވީތަ؟" އޭނަ އެހިއެވެ.
މަޑު އިސްޕީޑެއްގައި ކާރުދުއްވަމުންދިޔައެވެ. ނަޒްދާ އެއްވެސް އެއްޗެއް ނުބުނެއެވެ. އިސްޖަހާލައިގެން އިނީއެވެ. "އޭނަ" އިރުއިރުކޮޅާ ނަޒްދާއަށް ބަލައިލައެވެ. ނަޒްދާ ރޯތަން ފެނުމުން ސަބަބު އަހައިލަން ކިތަންމެ ބޭނުންވިޔަސް އޭނަ ކެތްކޮށްގެން އިނީއެވެ. ހަމަހިމޭންކަމަށް އިހުތިރާމުކޮށްގެންނެވެ. ދަތުރުކުރީ ނަޒްދާ އިޝާރާތްކުރި މަގުތަކުންނެވެ. މަގުމަތި އޮތީ ފަޅުވެފައެވެ. ވަރަށް ބޯކޮށް ވެހެމުންދިޔައެވެ. ހީވާ ކަހަލައެވެ. ނަޒްދާގެ ހިތާމައިގައި ދުނިޔެ ވެސް ބައިވެރިވާ ކަހަލައެވެ. އާދައިގެ ދުވެއްޔެއްގައި ކާރު ގޮސް ބުރިޖަށް އެރިއެވެ. ދެ ފަރާތުން އޮތީ ކަނޑެވެ. ކުރިމަތީގައި އޮތީ ދިގު މަގެކެވެ. އެއީ ނަޒްދާގެ ދިރިއުޅުން އެ ވަގުތު އޮތް ގޮތެވެ. އެއްފަރާތުގައި އަޒާން ގެއްލުމުން ކުރިމަތިވާނެ ފުން ހިތާމައެވެ. އަނެއް ފަރާތުގައި ކައިވެނި ނިމުމަކަށް އައުމުން ލިބޭނެ ހިތްދަތިކަމެވެ. ކުރިމަތީގައި އޮތީ ދެން ހިނގަން އޮތް ދިގު މަގެވެ. ފުސްކަމުން ވާނެ ގޮތް ކުރިޔަށް ލަފާކޮށްލަން ވެސް ނޭނގޭ މަގެކެވެ.
"ކޮންތާކަށް މި ދަނީ؟" އެންމެ ފަހުން ނަޒްދާ އެހިއެވެ.
"ކޮންތާކަށް ދާން ބޭނުންވަނީ؟ ބުނޭ! ބުނި ތާކަށް ގެންގޮސްދޭނަން،" އޭނަ ވަރަށް ލޯތްބާ އެކު ބުންޏެވެ. "އަހަންނަކަށް ނޭނގޭ ނަޒްދާ ތި ރޮނީ ކީއްވެގެންކަމެއް. ޝެއަރކުރަން ބޭނުންނޫނިއްޔާ ނުކުރިޔަސް ޝަކުވާއެއް ނެތް. އަހަންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް އޮތިއްޔާ ބުނޭ! ނަޒްދާ އުފާކޮށްދޭން އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ."
ނަޒްދާ ވިސްނައިލިއެވެ. ގުޅުމެއް ނެތް މީހަކަށް ޒާތީ ވާހަކައެއް ކިޔައިދިނުމަކީ، ހަމަ އެކަނި ވާހަކަތަކެއް ކިޔައިދިނުމެއް ނޫނެވެ. އެ ދެވެނީ އިތުބާރެކެވެ. ލޯބިވާމީހަކީ، އަނެކާގެ ހިތާމަތަކަށް އުފާނުކުރާ މީހާއެވެ. އެ އިމުތިހާނުން އޭނަ ފާސްވާނެބާއެވެ؟
"އަހަންނަށް ހީވަނީ މުޖޫ މާލެއައިސް އަހަރެން ވަރިކުރާނެހެން،" އިސްޖަހާލައިގެން އިނދެ ނަޒްދާ ކިޔައިދިނެވެ. "އަހަންނަށް ހީވަނީ މުޖޫ މިހާރު އެހެން މީހަކާ މެރީ ވެސް ކޮށްފިހެން."
އޭނަގެ މޫނަށް ނަޒްދާ ބަލައިލިއެވެ. އެ މޫނުން ނަޒްދާއަށް ފެނުނީ، ފެނިދާނެކަމަށް ދުވަހަކު ވެސް އުންމީދުނުކުރާ ކަހަލަ ކުލަވަރެކެވެ.
ނުނިމޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބާ
28 November 2022
އެހެންވީމަ މުޖޫއަށް ކޮންމެސް މީހަކުލައްވާ ގުޅާފަ ބުނިނަމަ ނަޖުދާ ހިތްހުއްޓިގެން އައިސީޔޫގައި ބާއްވާފައި އެބައޮތޭ އޭރުން އުފަލުން އަންނާނެތާ އައިމަ ކުޅިދައްކާލާނި މިއަންހެނުން މިހާ ފިޑިވީމަ މައްސަލައަކީ އިންނާނެމީހަކު ނެތަސް މަ ނުހުންނާނަން ނަޖްދާ ވެސް ހެސްކިޔާފަ މަސައްކަތްކޮށްގެން އުޅޭއިރު އެފިރިހެނާގެ ފުދުންތެރިކަމުން އުޅޭނަމަރަނގަޅު ބިއްޖެހިފަ އިންނަން ކޮންދަރިއެއް ގެންދެވޭނީ އަހަރެން ފިރިމީހާކައިރިން ވަރިވީ ހަވާލުވާނެ މީހަކު ހޯދާފައެއްނުން
ސުހާނީ
27 November 2022
ދެން ކޮން މެ ވާހަކައެއްގަވެސް ވިސްނުން ކޮށި މީހަކު އުޅޭނެ...ނަޒްދާ ގަމާރުވިޔަސް ދެން ފުކެއް ބޮޑުވަރެއް. މިޒަމާނަކު ނޫޅޭނެ ތިހާ ނަޓު ދޫވެފަ ތިބޭ މީހުންނެއް
ޑާކްނައިޓް
27 November 2022
މާ ބޮޑަށް އަންރިއަލިސްޓިކް ވެއްޖެ. ދަރި މަރުވިއްޔޭ ކިޔާފަ ގުޅީމަ އެއީ ދޮގެއްކަން އިނގޭއިރަށް މީހަކު ރެސްޕޮންސްުރާނެ ގޮތަކަށް ނޫން ނަޒްދާ އެއުޅެނީ. ގައިމު އޭނާ ނޫނަސް ދެންހުރި ރައްޓެހިންވެސް މިކަމުގައި ނަޒްދާ ސަލާމަތްކުރަން އުޅޭނެ. މަންމައާ ދަރި އެއް ފަސޭހައަކުން ވަކި ނުކުރެވޭނެ. މިކަން އޭނާ ކަހަލަ މާފިއާ ޑޮންއަކަށް ކޮށްދޭން އަދި މާ ފަސޭހަވާނެ.
ބިންމާފޭންގާރލް
27 November 2022
މަށަށް ހީވަނީ ނުޒޫއާ 'އޭނަ'ތީ ސޭމް ޓީމް ހެން.. ނުޒޫ ކައިރިއަށް ވަން ރޭ ވެސް ''އޭނަ' ދޯ ގުޅާފަ ބުނީ މުޖޫ އޮތީ ހުޅުމާލޭގައޭ. އަނެއްކާ އަޒާންގެ މަރުވެސް ފޭކް ކަން އެނގިއްޖެ އެހާ އަވަހަށް. އަބަދުވެސް ކިޔާ މުޖޫގެ ރައްޓެހިންނަކީ ތިމަންނަގެވެސް ރައްޓެހިންނޭ...!
މަގޭ ބޯ ހަލާކު!
27 November 2022
ހެޔޮ ނުވާނެ. އިލޮށިފަތިން ނަޒްދާގައިގަ ތަޅަންވީތަ. ބަލަ މަންމަ އަތުން ދަރިފުޅު އަތުލާފަ ބައްޕައަށް ދަރި ނުދޭނެކަން ނުވިސްނޭ ގަމަރެއް މީ ހުވާ.
ހީނާ
27 November 2022
ކޯޓުން ބައްޕަ އަށް ދަރި ނުދީފާނެ.އެކަމަކު ދަރި އަތުލަން ބައްޕަ އަކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމުގެ ބިރަށް މައިން ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ.އެއީ ކޮންމެ މީހަކަށް ވިސްނޭ ފަދަ ހާލަތެއް ނޫން
ސަސ
27 November 2022
އޭނާ ބުނާކަހަލައޭ ވާރެއާ އަވީގާ ރޭދުވާ އެކީ ދޭނީ.
އެކުވެރިޔާ
27 November 2022
އަނިޔާ އަކީ ހަމަ އެކަނި ޖިސްމާނީ ގޮތުން ލިބޭ އެއްޗެއްނޫން ނަޒްދާ. އެވަރު މިޒަމާނުގެ އަންހެނަކަށް އިނގެންވާނެ ބިންމާ. ނަޒްދާ އަކީ އެވަރު ނުވިސްނޭ އަންހެނަކަށް ނުހަދާ ބިންމާ. ބުދަ ދުވަހުގެ ބަޔަށް އިންތިޒާރުކުރަން.
ނީޒާ
27 November 2022
މުޖޫ ވެއްޖެނުން ނަޒޫ ވަރިކުރަން ދެން. އޭރަށޭ ދެން މިވާހަކަ ކުރިޔަށް ދާނީ.
ޝައްކު
27 November 2022
މަށަށް ހީވަނީ އޭނަ އަކީ ވަރަށް އޮބްސެސްޑް މީހެއްހެން. ލޯބިވަނީ އޭކިޔާފަ ތިބޭނުން ހައްދުފަހަނައަޅާ ވައްތަރު.
އޭނަ
27 November 2022
އެ މުޖޫއަށް ވުރެ އަރްބާޒް ހާނެއްވެސް މާރަނގަޅެއްނު؟
މަރޭ
27 November 2022
ނަޒްދާ ކައިރި އެންމެ ފަހުފަހަރަށް މި ބުނަނީ ތިޔަ މުޖުތަބާއަކު އެޅިހާ ބަތަކަށް ރިހަވެގެން ނުހުންނާށޭ.