މުނިފޫހިފިލުވުން / ވާހަކަ

ވަޒަން

އާދިއްތަ ދުވަހާ ގުޅޭ

"ހެލްޕް މީ!" އިޔާދަށް ބުނެވުނެވެ. "ޕްލީޒް!"

"ކާކުގެ އޯޑަރެއް އަހަރެން މި ތަންފީޒުކުރަނީ؟" ހައިރާންވެފައި މުނާޒު ބުންޏެވެ. "ޗީފްގެ. ހީވޭތަ ދެން އަހަންނަށް ހެލްޕެއްވެވޭނެހެން؟ މި ވާހަކަ ނޫހުގަ ޖަހައިފިއްޔާ، ޕަބްލިކް ކުރިމަތީގަ ހީވޭތަ މި ޔުނީފޯމުގެ އެއްވެސް އަގެއް އޮންނާނެހެން؟ ބޮލުގެ ބޭނުންކޮށްބަލަ! ގަން ފެނުނު މީހާ ފުރަތަމަ ނަގާނީ އޭގެ ފޮޓޯއެއް. ސަތޭކަ ޕަސަންޓު ގެރެންޓީ، ފޮޓޯޔާ އެއްކޮށް ނޫހުގަ ޖަހާނެ. ނޫހުގަ ޖެހުމެއް ނޫން މައްސަލައަކީ. ފުރެންދެން ވަޒަން ހުރި ގަންއެއް ފާހާނަ ތެރޭ ބާއްވާފަ އިޔާ ނުކުތުން މައްސަލައަކީ. އަހަންނަކަށް ނޭނގެ މީހެއްގެ ގޮތެއް. އަހަންނަކަށް އަދި ވެސް ގަބޫލެއް ނުކުރެވޭ އިޔާ އެ ކަހަލަ ކަމެއް ކޮށްފާނެކަމަކަށް. ސީރިޔަސްލީ! ތީ އާދައިގެ މީހެއް ނޫނޭ. ތީ ބެސްޓު އޮފް ދަ ބެސްޓު. ކީއްވެގެން އެ ވަރު މިސްޓޭކެއް އިޔާއަށް ހެދެންވީ؟"

އިޔާދު އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިރުކޮޅަކު އިނެވެ.

"އޯވަރ ކޮންފިޑެންސް؟" ސުވާލަކަށް ވާ ގޮތަށް އިޔާދު ބުނެލިއެވެ. "ތަންކޮޅެއް އީޒީ ވެސް ކޮށްލެވުނީ."

ހަމަ އެ ދުވަހު އިޔާދު ވަޒީފާއިން ވަކިކުރިއެވެ. އިތުރު އަދަބެއް ނުދެއެވެ. އެހެނަސް ވަޒީފާއިން ވަކިކުރުމަކީ އިޔާދަށް ލިބުނު ކިހައި ބޮޑު އަދަބެއްކަން އިޔާދަށް އިހުސާސްކުރެވެއެވެ. ޔުނީފޯމު ބޭނުންކޮށްގެން އިޔާދު ކުރަމުންގެންދިޔަ ހުރިހައި ކަތި ވިޔަފާރިތައް ދެނެއް ނުކުރެވޭނެއެވެ. މަތިން ދެނެއް ފައިސާއެއް ނުއޮހޭނެއެވެ. ފެން ފަދައިން ފައިސާ ހޭދަކުރަން އާދަވެފައިވާ އިޔާދަށް އެއީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ.

މުނާޒު ބުނީ ތެދެކެވެ. ފާހާނައެއް ތެރެއިން ފިސްތޯލައެއް ފެނުނު ވާހަކަ ނޫހުގައި ޖެހިއެވެ. އެހެނަސް ފޮޓޯއެއް ނުޖަހައެވެ. އެ ކުށް ކުރެވުނު މީހާގެ ނަމެއް ވެސް ނުޖަހައެވެ. ކަން ހިނގި ދުވަސްވަރަކާއި، ކަންކުރި މީހާއަށް ދިން އަދަބެއް ވެސް ނޫހަކަށް ކަށަވަރެއް ނުވެއެވެ. އެންމެ ބޮޑަށް ސިއްރުވެފައި އޮތީ އިޔާދަށް ކުރިމަތިވި ގޮންޖެހުންތަކެވެ. ތިން މީހެއްގެ އަތުން އިޔާދު ދަރަންޏަށް ފައިސާނަގައިފައި އޮތެވެ. ޖުމުލައަކީ ތިން ލައްކަ ފަންސާސް ހާސް ރުފިޔާއާއި ތޭވީސް ހާސް އެމެރިކާ ޑޮލަރެވެ. އިޔާދުގެ އެކައުންޓުގައި އެ ވަގުތު ހުރީ ދެ ލައްކަޔާ ގާތްކުރާ އަދަދެކެވެ. އެޔެއް އިޔާދު ނުނަގާނެއެވެ. އޮތީ ހަމަ އެންމެ ގޮތެކެވެ. މަންމަގެ އެހީއަށް އެދުމެވެ.

"ހަތް ލައްކަ ރުފިޔާއޭ؟" ފަރީހާން ޔަގީންކޮށްލިއެވެ. "ލިބިދާނެ. ތީ މާ ބޮޑު އެއްޗެއް ނޫން. އެކަމަކު އެ ފައިސާ ބޭނުންވާ ސަބަބު މަންމައަށް ޖެހޭނެ އެނގެން. ކިޔައިދީ! ވަގުތުން ލާރި ޓްރާންސްފަރކޮށްދޭނަން."

"އަހަރެން އިންވެސްޓްކުރި ބިޒްނަސްއެއް ބެންކްރަޕްޓްވީ،" އިޔާދު ސަބަބެއް ހަދައިލިއެވެ. "ކްރެޑިޓަށް ވަރަށް ގިނަ މުދާ ނެގިން. އެ މީހުން އެބަ ބިރުދައްކާ ކޯޓަށްދާނަމޭ ކިޔައިގެން."

އެއީ އިޔާދު އަލަށް ކުޅޭ ކުޅިވަރެއް ނޫނެވެ. މަންމަ ކުރިމައްޗަށް އިޔާދު އަންނަނީ ރޭވުންތައް ރާވައިގެންނެވެ. އެ ފަހަރު އެއިން އެއްވެސް ކަމެއް ނުކުރެއެވެ. އިޔާދު ވިސްނައިގެންހުރީ ޒުވާބަކަށް ދާށެވެ. މަންމަގެ ފައިސާއަކީ އިޔާދުގެ ވެސް ފައިސާއެވެ. ސަބަބެއް ނުބުންޏަސް މަންމަ ޖެހޭނީ ދޭށެވެ. އެހެން ނޫނީ ދެން ކުރެވިދާނެ ކަންކަން ވެސް މަންމައަށް ހަނދާންކޮށްދޭން އިޔާދު ތައްޔާރެވެ.

"އޯކޭ! މަންމަގެ ފޯނު ދިއްކޮށްލަބަލަ!" ފައިސާ ދޭން ތައްޔާރުވަމުން ފަރީހާން ބުންޏެވެ.

އިޔާދު ފޯނު ދިއްކޮށްލިއެވެ. އެހައި ފަސޭހައިން އެ ކަން ވާނެކަމަކަށް އިޔާދު ހިޔެއްނުކުރެއެވެ. ގަބޫލެއް ވެސް ނުކުރެވެއެވެ. މަންމައަކީ ސުވާލު ގިނަ މީހެކެވެ. ތަފުސީލު އެހުމަށް ޝައުގުވެރިވާ މީހެކެވެ. ބައެއް ފަހަރު ބިލުތައް ދައްކަން ވެސް އަހައެވެ. އެއްބަސްވުމެއް އޮތްތޯއާއި، ބައިވެރިވާ އެހެން މީހުންގެ ނަން ވެސް އޮޅުންފިލުވައެވެ. އިޔާދު ހިތަށްއެރިއެވެ. ވަޒީފާ ގެއްލުމާއި، އިޔާދު ހިތްދަތިވެފައިވާ ވަގުތަކަށްވީތީ މަންމަ އެއްވެސް ސުވާލެއް ނުކުރީއެވެ. ކިހައި ރަނގަޅު ހެއްޔެވެ؟ މަންމަގެ ލޯބި ހުންނަންވާނީ އެހެންނެވެ.

"ކުރި ވިޔަފާރިއަކާ، ފެށި ތާރީހާ، މުދާ ގެނައި ގައުމަކާ، ބިޒްނަސްއަށް ކިޔާ ނަމަކީ ކޮބާ؟" ފަރީހާން ސުވާލުކުރިއެވެ. "މަންމަ ބޭނުން މިހައި ތަނަށް ކުރި ވިޔަފާރީގެ ތަފުސީލު ރިޕޯޓެއް. އަހަރުމެން ދެ މީހުންގެ އެކައުންޓަށް ފައިސާ މި ޓްރާންސްފަރ ކޮށްލަނީ. އެކަމަކު ފައިސާ ނެގޭނީ އެ ހުރިހާ ތަފުސީލެއް ދިނީމަ. އޯކޭތަ؟"

އައި ރުޅިން އިޔާދު ނުކުމެގެން ދިޔައީއެވެ. އެ ވަގުތު އިޔާދުގެ ވިސްނުން ހުރީ ވަރަށް ނުރައްކާތެރި ގޮތަކަށެވެ. ސޯފިޔާގެ ކޯލެއް އެ ވަގުތު ނައި ނަމަ، އިޔާދު އަތުންފައިން ގޯހެއް ހެދުނީހެވެ.

"ވަރަށް ފޫހިވެފަ އިންދާ ތި ގުޅާލީ،" އިނގެރޭސިބަހުން އިޔާދު ބުންޏެވެ. "ރަނގަޅު ޚަބަރެއް ދެއްޗޭ!"

ސޯފިޔާ ވާހަކައެއް ނުދެއްކިއެވެ. ހަގީގަތް ކިޔައިދޭނެހައި ހިތްވަރު ސޯފިޔާއަށް ނުލިބުނީއެވެ. ބައްޕަގެ ރުހުންލިބިގެން ސޯފިޔާ އައީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. އެހެނަސް ދައުވަތުކާޑު ޗާޕުކުރާ ހިސާބުން ބައްޕަގެ ހިޔާލު ބަދަލުވީއެވެ. އެއީ ބައްޕަގެ މައްސަލައެއް ނޫންކަމާއި، ފަރުދާ ބިއްދޮށުގައި ހުރީ ދޮންމަންމަކަން ސޯފިޔާއަށް އެނގެއެވެ. މައްސަލައަކީ ކޮބައިކަން ވެސް ސޯފިޔާއަށް އެނގެއެވެ. ބައްޕަޔާ ބައްދަލުކޮށް، ސަބަބު އަހައި، ދެކޮޅަށް ތެދުވަން ވެސް ސޯފިޔާ ތައްޔާރެވެ. އެހެނަސް އެކަންޏެއް ނޫނެވެ. ކޮނޑާކޮނޑުޖެހޭ ހިސާބުގައި އިޔާދު ހުންނަން ސޯފިޔާ ބޭނުމެވެ.

"ހެޔޮނުވާނެ މި ކޮޅަށް އާދެބަލަ!" ވަަރަށް ހިތްވަރުކޮށްފައި ސޯފިޔާ ބުންޏެވެ.

އިޔާދު ހާސްވެގެން ތެޅިފޮޅިގަތެވެ. ހުރިހައި ކަމެއް ނާކާމިޔާބުވި ދަނޑިވަޅު އިޔާދަށް އޮތް ހަމަ އެކަނި އުންމީދަކީ ސޯފިޔާއެވެ. އެ ކައިވެނިކުރެވިއްޖެއްޔާ އިޔާދަށް ނޭވާލެވޭނެއެވެ. ދަރަނިތައް އަދާކޮށް މަހުޖަނަކަށް ވެސް ވެވޭނެއެވެ. އިޔާދު ބޭނުންވަނީ ފައިސާވެރިޔަކަށް ވެގެން އައިސް މަންމަގެ ވިޔަފާރި އިނދަޖައްސައިލާށެވެ. ހަމަ އެ ފަދަ ވިޔަފާރިއެއް އިޔާދު ފަށާށެވެ.

"ކިހިނެއްވީ؟" އިޔާދު ސުވާލުކުރިއެވެ.

"ފޯނުން ހުރިހާ ވާހަކައެއް ދެއްކޭތަ؟" ކުޑަކޮށް ހިތްހަމަނުޖެހިފައި ސޯފިޔާ ބުންޏެވެ. "އާދެބަލަ! ޓިކެޓު ފޮނުވަންވީތަ؟"

"ދެން އަހަރެން ސޯފި އަތުން ޓިކެޓެއް ނާތުލާނެ ދޯ؟" އިޔާދު ބުންޏެވެ. "ސޯފި ހުއްޓާލަބަލަ! އަސްލު ކިހިނެއްތަވީ؟ ވީ ގޮތް.."

އެ ހިސާބުން ސޯފިޔާ ފޯނުކަނޑައިލިއެވެ. އަލުން ގުޅާކަށް އިޔާދަކަށް ނުކެރުނެވެ. އަނެއްކޮޅުން އަތުން އެންމެ ރުފިޔާއެއް ވެސް ޓިކެޓަށް ހަރަދުކުރާކަށް އިޔާދަކަށް ނުކެރުނެވެ. އަތުގައި ހުރި ލާރިކޮޅު ހުސްވެއްޖެއްޔާ އިޔާދު ޖެހޭނީ މަންމަގެ ފައިބުޑަށް ވެއްޓޭށެވެ. އެ ހިސާބަކަށް އިޔާދު ނުދާނެއެވެ. އެއީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ދަނޑިވަޅެކެވެ. ފިކުރުކުރަމުން ކޮޓަރިއަށް ވަދެ، ނިތްކުރި މަތީގައި އަތް ބާއްވައިލައިގެން އިޔާދަށް އޮވެވުނެވެ. އެއް ގަޑިއިރު ފާއިތުވި އިރު ވެސް އިޔާދަކަށް ހިޔާލެއް ނައެވެ.

ރޭގަނޑުވިއެވެ. އިޔާދުގެ ކަމަކީ ވިސްނުނެވެ. ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. ޖަހައިލި ގޮތުން އެއީ ކާކުކަން އިޔާދަށް ލަފާކުރެވުނެެވެ. އެއީ އޮލިވަރއެވެ. އޭނަ ދޮރުގައި ޓަކިޖަހާނީ ވަަރަށް ރަސްމީ ގޮތަކަށެވެ. އޭގެ އިރުކޮޅެއް ފަހުން މަންމަ ދޮރު ހުޅުވައިލިއެވެ. އިޔާދު ބޮލުގައި ބާލީސް އަޅައިފައި ބިއްދޮށަށް އެނބުރުނެވެ. ފަރީހާން އައިސް އެނދުގައި އިށީނެވެ.

"އަހަރެން ބަނޑުހައެއް ނުވޭ!" ނުވެސް އަހަނީސް އިޔާދު ބުންޏެވެ. "އަހަރެން ބޭނުމެއް ނޫން ރާއްޖޭގަ އުޅޭކަށް."

"ދަރިފުޅު ކިހާ ފޫހިވެފަހުރިކަން މަންމައަށް ވިސްނެއޭ،" ނަސޭހަތުގެ ރާގެއްގައި ފަރީހާން ބުންޏެވެ. "ދަރިފުޅަށް ހީވެދާނެ މަންމައަކީ މުށްބާރު މީހެކޭ. އެކަމަކު ވިސްނާލަބަލަ! މާދަން ވެސް މަންމަ މަރުވެދާނެ. މަންމަގެ ހަމަ އެކަނި ވާރިސަކީ ތީ."

"އެކަމަކު ހިޔެއްނުވޭ މަންމައަށް އެ ކަން ވިސްނޭހެނެއް." އިޔާދު ބުންޏެވެ.

"ވިސްނެޔޭ ދަރިފުޅާ!" ކޮނޑުގައި ފިރުމައިލަމުން ފަރީހާން ބުންޏެވެ. "ވިސްނެޔޭ! ދެން އެ ވާހަކަ އިހަށް ބާއްވަމާ ހިނގާ! މަންމަ މި އައީ އެހެން ވާހަކައެއް ދައްކަން. ދުވަސްކޮޅަކަށް ކެނެޑާއަށް ދާން މި އުޅެނީ."

އެ ހިސާބަށް ބުނާ އިރަށް އިޔާދު އެނބުރިފައި މަންމައަށް ބަލައިލިއެވެ.

"ފަހަރެއްގަ ދެން މަންމަ އެ ކޮޅުގަ މަޑު ވެސް ކޮށްފާނެ،" ފަރީހާން ބުންޏެވެ. "މަންމަ ބޭނުން ދުވަސްކޮޅަކު ދަރިފުޅު ވެސް އެ ކޮޅުގަ މަޑުކޮށްލަން. މަންމަ ހަމައަކަށް އެޅިލީމަ ދެން މައްސަލައެއް ނެތް ދިޔަސް. ގޭގެ ކަންކަން ބަލަހައްޓަން މީހަކު ހުންނަންވާނެ."

"މަންމަ އޮލިވަރއާ މެރީކުރަނީތަ؟" އިޔާދު އެހިއެވެ. "ހީވޭތަ އެއީ ރަނގަޅު މީހެއްހެން؟"

ފަރީހާން ވިސްނައިލިއެވެ. އޮލިވަރއަކީ ހިތްހެޔޮ، އޯގާވެރި މީހެކެވެ. އެ ވަރު ޔަގީނެވެ. އެހެނަސް ފިރިޔެއްގެ ހައިސިއްޔަތުން އޭނަޔާ މެދު އެއްޗެއް ބުނަން އެނގޭނީ ކައިވެނިކުރީމައެވެ.

"މަންމަ ވަރަށް އެކަނިވޭ!" ފަރީހާން ބުންޏެވެ. "އަބަދަކު މިހެނެއް ނޫޅެވޭނެ. ރައްޓެހި ދިވެހިން ވެސް އެބަ ތިބި. އެ މީހުންނަށް ފެންނަނީ މަންމަގެ ގެ. އޮލިވަރ އެހެނެއް ނޫން. ދަރިފުޅު ގަބޫލިއްޔާ މަންމަ ބޭނުން އޭނަޔާ އިންނަން. ކީކޭ ދަރިފުޅު ބުނަނީ؟"

އޮލިވަރގެ ގޮތެއް އިޔާދަކަށް ނޭނގެއެވެ. އިޔާދަށް ބޮޑަށް ވިސްނެނީ މަންމަޔާ ދޭތެރެޔަކު ނޫނެވެ. ކެނެޑާއަށް ދާން އިޔާދު ބޭނުމެވެ. އަމިއްލަ އެދުމެއް އޮތީމައެވެ. ސޯފިޔާއާ ކައިވެނިކުރެވޭ ހިސާބުން މަންމަޔާ އޮތް ގުޅުން އިޔާދު ކަނޑައިލާނެއެވެ. ފަސްއެނބުރި ބަލައި ވެސް ނުލާނެއެވެ. އިޔާދުގެ ނަޒަރުގައި ފަރީހާނަކީ މަންމައެއްގެ ޝަރުތުހަމަވާ މީހެއް ނޫނެވެ. މަންމަ ވިސްނަނީ އަމިއްލަ ނަފުސާ މެދުގައެވެ. ވީ އިރު އިޔާދު ވެސް އަމިއްލަ ނަފުސާ މެދު ނުވިސްނަންވީ ސަބަބެއް ނެތެވެ.

"އަހަރެން ކިހިނެއް ނޫނެކޭ ބުނާނީ؟" އިޔާދު ބުންޏެވެ. "މަންމަ ތިހާ ބޭނުމިއްޔާ ހިނގާ ފުރަމާ! އަހަރެން ވެސް ބޭނުން ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށް ދާން."

ބާރު ދުވެއްޔެއްގައި އުދުހިގަތް މަތިންދާބޯޓު ވިލާތަކާ ދިމާއަށް މިސްރާބުޖަހަމުން ބޯޓުގެ ފުރޮޅު ބަނޑުދަށުގައި ރައްކާކުރިއެވެ. އިޔާދުގެ ކުރިމަތީ ގޮނޑިބަރީގައި ތިބީ އޮލިވަރއާއި ފަރީހާންއެވެ. ދެ މީހުން ވެސް ތިބީ އެކަކުއަނެކަކަށް ބަލަހައްޓައިގެންނެވެ. ހުވަފެން ހަގީގަތަކަށް ހެދުމުގެ އުންމީދުގައެވެ. އިޔާދު ހިތަށްއެރިއެވެ. އިޔާދުގެ ލޯބި ދެން ނުހޯދޭނެކަން މަންމައަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ ހަގީގަތުގައި ނުވިސްނެނީ އިޔާދަށެވެ. ބޯޓު ނައްޓައިލުމުގެ ކުޑަ އިރުކޮޅެއް ކުރިން އިޔާދަށް ސޯފިޔާގެ ލޯބި ގެއްލިއްޖެއެވެ.

ނުނިމޭ

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 70%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454