މުނިފޫހިފިލުވުން / ކުރު ވާހަކަ

ވަޒަން

އާދިއްތަ ދުވަހާ ގުޅޭ

ދެން ފެނުނީ، ފުލުހުން ހީ ވެސް ނުކުރާ މީހެއްގެ ނިޝާނެވެ. އެ މީހަކީ ފަރީހާނެވެ. އިޔާދުގެ މަންމައެވެ. ފުލުހުންނަށް ހީވީ މިހެންނެވެ. ފަރީހާން އުންމީދުކުރި ދިރިއުޅުން ފަރީހާނަށް ނުލިބުމުން އޮލިވަރ މަޅިއެއްގައި ބައްދަން ފަރީހާން ބޭނުންވީއެވެ. ބަދަލުހިފުމުގެ ގޮތުންނެވެ. އެކަމަކު ފަރީހާން މަރުވެގެން ބަދަލުހިފުމުން ފަރީހާނަށް އެ ލިބުނީ ކޯޗެއް ހެއްޔެވެ؟ ކޮން އުފަލެއް ހެއްޔެވެ؟ ފުލުހުން އެ ސުވާލު ވެސް އުފެއްދިއެވެ.

އޮލިވަރއާއި ފަރީހާން ފުލުހަށް ހާޒިރުކުރިއެވެ. ތަހުގީގު ފުޅާކޮށް، އިތުރު ސުވާލުކުރިއެވެ. ފިސްތޯލައިގެ މެގަޒިންގައި ފަރީހާންގެ އިނގިލީގެ ނިޝާން ހުރި ވާހަކަ ބުނުމުން ހައިރާންވީ އޮލިވަރއެވެ. ފަރީހާން ހައިރާނެއް ނުވެއެވެ. ތަހުގީގުގައި ބައިވެރިވި ތަޖުރިބާކާރަކަށް އެ ކަން ފާހަގަކުރެވުނެވެ.

"އެކަމަކު ފަރީ ކީއްކުރަން ފިސްތޯލައަށް ވަޒަން ލައްވަންވީ؟" އޮލިވަރ ބުންޏެވެ. "ތީ ކިހާ ތާކުންތާކުނުޖެހޭ ވާހަކައެއް؟ އަހަރެން އަތުން އޭނަ މަރުވާންޖެހޭ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނޭ. ފަރީ ކޮންމެވެސް އެއްޗެކޭ ބުނެބަލަ!"

އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިން ފަރީހާން ދިނީ ފިނިޖަވާބެކެވެ.

"އޮލިވަރ ހަނދާންނެތުނީތަ؟" ފަރީހާން ބުންޏެވެ. "ފިސްތޯލައިން ވަޒަން ޖެހުނީމަ މެގަޒިންގަ ވަޒަން ހުރިކަން އެނގިގެން އޮލިވަރ މެގަޒިން ނަގާފަ ބެލީމެއްނު؟ އަހަންނަށް ދައްކަންވެގެން އަހަރެން އަތަށް މެގަޒިން ދިނީމެއްނު!"

"އާނ! އެއީ ތެދެކޭ!" އޮލިވަރ ބުންޏެވެ. "އެހެންވެ އަހަރުމެން ދެ މީހުންގެ ފިންގަޕްރިންޓު ހުރީ. އެކަމަކު ވަރަށް ޔަގީންކަމާ އެކީގަ މި ބުނަނީ، އެއްވެސް ވަޒަނަކުން އަހަރުމެންގެ ފިންގަޕްރިންޓެއް ނުފެންނާނެ."

"ތީ ތެދެއް!" ފުލުސް އޮފިސަރު އެއްބަސްވިއެވެ. "މެގަޒިންއަށް ވަޒަން ލެއްވި މީހަކު ހުރީ އަންގިލައްވައިގެން. ހުރިހާ ވަޒަނެއް ވަކިވަކީން ބެލިން. އިނގިލީގެ ނިޝާނެއް ނެތް."

އިޔާދުގެ ބޮލަށް އެރި ވަޒަނަކީ، އޮލިވަރ ގެންގުޅުނު ކަހަލަ ފިސްތޯލައަކަށް ލައްވާ ކަހަލަ ވަޒަނެކެވެ. ހިސާބުގެ އެ ނަންބަރު ބަރާބަރަށް ދިމާވެއެވެ. ހަތިޔާރެއްގެ ހޮޅިތެރެއިން ވަޒަނެއް ނުކުންނާނީ އެނބުރެމުންނެވެ. އެ ގޮތަށް ނުކުންނަ އިރު، ހަތިޔާރުގެ ހޮޅީގެ އެތެރެފަރާތުގައި ވަޒަން ކޭއްތޭނެއެވެ. އެ ކޭއްތުމުގެ ތެރޭގައި ވަޒަނުގައި ކޫރުންތަކެއް އެޅެއެވެ. އެއް ހަތިޔާރަކުން ނުކުންނަ ހުރިހާ ވަޒަނެއްގައި ކޫރުންތައް ހުންނާނީ އެއްގޮތަކަށެވެ. ދެ ހަތިޔާރަކުން ނުކުންނަ ވަޒަނުގައި ކޫރުން އެއްގޮތެއް ނުވާނެއެވެ. އެއީ އިނގިލީގެ ނިޝާން ކަހަލަ އެއްޗެކެވެ.

ފުލުހުންނަށް ކުރަހައިލެވުނީ އާދަޔާހިލާފު މަންޒަރެކެވެ. ކުރިމަތިލާންޖެހުނީ ނިންމަން އުނދަގޫ މައްސަލައަކާއެވެ. އިޔާދުގެ ބޮލަށް އަމާޒުވީ، އޭނަ ވެއްޓެމުންދިޔަ އިރު އޮލިވަރއަށް ޖެހުނު ވަޒަނެވެ. އެ ވަޒަން ހަތިޔާރަށް ލެއްވީ އޮލިވަރއެއް ނޫނެވެ. އެއީ އެއް ނުކުތާއެވެ. އަނެއް ނުކުތާއަކީ، އަމިއްލައަށް މަރުވާންވެގެން އިޔާދު ކުރިކަމަކީ އުސް ތަނަކުން ފުންމައިލުމެވެ. އޭނަ ދާގަނޑެއްގައި ހަރުލީއެވެ. މަރުވީ ބޮލަށް ވަޒަނެއް އަރައިގެންނެވެ. އިޔާދު މަރުވާން އުޅުނީ ބޮލަށް ބަޑިޖަހައިގެނެއް ނޫނެވެ. ވީމާ، އަމިއްލައަށް މަރުވަންއުޅުނު ކަމުގެ ކުށް އިޔާދަކަށް ސާބިތެއް ނުވެއެވެ. ހުރިހާ ފޯކަހެއް ހުއްޓެނީ އެންމެ ދިމާއަކަށެވެ. ފިސްތޯލައަށް ވަޒަން ލެއްވީ ކާކު ހެއްޔެވެ؟

ފުލުސްއޮފީހުން ނުކުމެގެން ގެއަށްއައި އިރު ވެސް ފަރީހާން އިނީ ބަސްމަދުވެފައެވެ. ފިކުރުބޮޑުވެފައެވެ. އޮލިވަރއަށް އެ ކަން ފާހަގަކުރެވުނެވެ. ގެއަށް އައިސް ސޯފާގައި ނީށީނދެވެނީސް ފަރީހާން ރޯން ފެށިއެވެ. އޮލިވަރ މަޑުމަޑުން ފަރީހާން ގާތުގައި އިށީނެވެ. ހިތްވަރުދިނުމުގެ ގޮތުން ކޮނޑުގައި ފިރުމައިލިއެވެ.

"ވީ ގޮތް ކިޔައިދީ!" އޮލިވަރ އެދުނެވެ. "އެއްވެސް ކަމެއް އަހަންނަށް ނުފޮރުވާ! އަހަންނަށް އެނގޭ އެ މެގަޒިންގަ ފަރީ އަތްނުލާކަން. ހަތިޔާރުން މެގަޒިން ނެގި އިރު ރަނގަޅަށް ވިސްނާނުލެވުނީމަ އަހަންނަށް މެގަޒިންގަ އަތްލެވުނީ. އެކަމަކު ހަމަ އެ ވަގުތު އަހަންނަށް ވިސްނުނު އެ މައްސަލަ ކިހާ ސީރިޔަސްވާނެކަން. ފަރީއަށް އަހަރެން މެގަޒިން ދެއްކިން. އެކަމަކު ފަރީ އަތްލިޔަކަ ނުދެން. ސަތޭކަ ޕަސަންޓު ޔަގީން. ކުރިމަތީގަ ފުލުހުން ތިބީމަ، ފަރީ ސަލާމަތްކުރަން އަހަރެން ފަރީޔާ އެއްބައިވީ. ކީއްވެ ދޮގުހެދީ؟"

"ދޮގުނަހަދާ ކީއްކުރާނީ؟" ފަރީހާން ރޮމުން ބުންޏެވެ. "މިއަދު ހޭލިތަނާ ހަމަ ކުއްލިއަކަށް އަަހަރެން ހަނދާންވީ، އެއްރެޔަކު ސޯފާގަ އޮއްވާ އަަހަންނަށް ނިދުނީ. އޭރު އޮލިވަރ ގެއަކު ނެތް. އެހެންވެ އަހަރެން ސޯފާގަ ޖައްސާލީ ވެސް. އަހަންނަކީ ސިޓިންރޫމް ނިއްވައިގެން ސޯފާގަ އޮންނަ މީހެއް ނޫން. މި ބުނާ ރޭ، ފިނި އެއްޗެއްގަ އިނގިލި ޖެހުނުހެން ހީވެގެން ހޭލެވުނީ. ހޭލެވުނު އިރު ސިޓިންރޫމް އޮތީ ނިއްވާލާފަ. ކައިރީގަ ހުރީ އިޔާދު. ކިތަންމެ އަނދިރިޔަސް އަހަންނަށް އަހަރެންގެ ދަރިފުޅު އެނގޭ. އަހަންނަށް ހޭލެވުނުކަމެއް އިޔާދަކަށް ނުވެސް އެނގޭނެ. ހޭލެވިފަ އަނެއްކާ ވެސް އަހަންނަށް ނިދުނީ. ފަހުން ހަނދާންނެތުނީ. މިހާރު ވިސްނިއްޖެ! އެ ފިނިއެއްޗަކީ މެގަޒިން."

އަނެއްކާ ވެސް ފަރީހާން ރޯން ފެށިއެވެ. އޮލިވަރ ކުރިހައި ވެސް ކަމަކީ، ބައްދާލައިގެން އިނދެ ފަރީހާނަށް ހިތްވަރުދިނެވެ. ކަރުނަ ފުހެދިނުމެވެ. މަންމައަކު ލައްވައި މީހަކު މަރައިލާ ވަރަށް މަންމައެއް ދެކެ ދަރިޔަކު ރުޅިއަތުވެދާނެ ހެއްޔެވެ؟ ފަރީހާނަށް ގަބޫލުކުރަން އުނދަގޫވެގެން އުޅެނީ އެ ކަމެވެ. ކުޑައިރުއްސުރެ ބަލައިބޮޑުކޮށް، ރައްކާތެރިކަންދީ، ހިމާޔަތްކޮށްދިން ދަރިފުޅުގެ ހަމަ އެކަނި މައްސަލައަކީ، ފައިސާ ބޭނުންވާ ސަބަބު ފަރީހާން އެހުމެވެ.

"ލާރިކޮޅަކަށްޓަކާ އަހަރެން މަރާލަން އަހަރެންގެ ދަރިފުޅު ބޭނުންވީ،" ހިތުގަޖެހިފައިވާ އަޑަކުން ފަރީހާން ބުންޏެވެ. "އެ ވެސް ފިރިމީހާ ލައްވާ! އަހަރެން މަރާލާފަ، ފިރިމީހާ ޖަލަށް. އެހެރީ އަހަންނަށް އޭނަ ތަރުބިއްޔަތުކުރެވުނު ގޮތް. ފައިސާ ދިންދިނީނުން އޭނަ ފައިސާއަށް މޮޔަވީ! އެއީ އަހަރެންގެ މައްސަލައެއް. ދެން ދޮގުނަހަދާ ކީއްކުރާނީ؟"

"ތިހެން ނުވިސްނާ!" އޮލިވަރ ނަސޭހަތްދިނެވެ. "ފައިސާއަކީ އެއް ސަބަބު. ފުލުހުން ބުންޏެއްްނު ސޯފިޔާ އެހެން މީހަކާ އިން ވާހަކަ. އެއީ ވެސް ސަބަބެއް. ދަރިފުޅުގެ ވަޒީފާ ގެއްލުން އެއީ ވެސް ސަބަބެއް. ދަރިފުޅު އެތައް ބަޔަކަށް ދަރާ އޮތް. އެއީ ވެސް ސަބަބެއް. އަހަރެން ބުނާނީ، އަހަރުމެންނަށް ނޭނގޭ އިތުރު އެތައް ސަބަބެއް ވެސް ހުރެދާނޭ. އަބަދު ވެސް ހަނދާންކުރާތި! އެންމެ ސަބަބެއް މެދުވެރިވެގެން ހާދިސާއެއް ނުހިނގާނެ. ވިސްނައިފި މީހަކަށް މީ ކިހާ ބޮޑު އިބުރަތެއް؟ އޭނަ ލެއްވި ވަޒަނަކުން އޭނަ އެ މަރުވީ. އަހަންނަށް ފެންނަނީ ފުލުހުންނަށް ތި ވާހަކަ ކިޔައިދޭން."

ފަރީހާންގެ ހަނދާނަށް އައީ އިޔާދުގެ ކުޑައިރެވެ. ފިރިހެންކުދިން ޝައުގުވެރިވަނީ ސައިކަލާއި ކާރަށެވެ. ލޮރީއަށާއި ސޭލާއަށެވެ. ވަކި ވަރަކަށް ބޮޑުވުމުން، ކުޅޭކުޅޭ ހަތިޔާރު ބޭނުންވެއެވެ. ބޮޑުވެގެން ވާން ބޭނުންވަނީ ފުލުހަކަށް ނުވަތަ ޑަކުޓަރަކަށެވެ. ޓީޗަރަކަށް ނުވަތަ ޕައިލެޓަކަށެވެ. ކުޅެންއުޅޭ އިރު ހަތިޔާރު ދިއްކުރެއެވެ. މަރާލާނަމޭ ވެސް ބުނެއެވެ. އެއީ ސަމާސާއެވެ. ރުޅިއައިމަ ވެސް، ބައެއް ފަހަރު ހަތިޔާރު ނަގައެވެ. ޖަހާކަމަށް ދައްކައެވެ. އެ ކަމުގައި އިޔާދު ވެސް އިސްތިސްނާއެއް ނުވެއެވެ. އިޔާދަކީ، ވަރަށް ކުޑަ އިރު ގޭމުކުޅެން ފެށި ކުއްޖެކެވެ. އުމުރާ ގުޅޭ ގޭމެވެ. އޭގައި ތަޅާފޮޅުމެއް ނުވެސް އޮވެއެވެ. އެހެނަސް ފަރީހާން ހަނދާންހުރެއެވެ. ގޭމުގައި އުޅޭ އެއްޗެއް ލައްވައި ތަންތަނުގައި އިޔާދު ތަޅުވައެވެ. އޭގެ މާނައަކީ ކޮބައި ހެއްޔެވެ؟

ބޮޑުވަމުންއައި ވަރަކަށް އިޔާދުގެ ޝައުގުވެރިކަން އެނބުރުނީ ސުޕަހީރޯއަށެވެ. ބެޓްމޭންއާއި އަޔަންމޭންއެވެ. ސްޕައިޑަމޭންއާއި ސްޕަމޭންއެވެ. އެ މީހުން ކުރާ ކަންކަން ކުރެވޭތޯ އިޔާދު އުޅުނެވެ. އަތާއި ލޮލުން ބާރު ފޮނުވައެވެ. ގޭމުތަކުގައި ކަންކަންކުރުމަށާއި، ގޭމުގެ އެކި ހިސާބުތަކަށް ދިޔުމަށް ޓަކައި ފައިސާދޭންޖެހެއެވެ. ގޭމެއް ހިލޭ ކުޅެވެން ފެށުނަސް، އެންމެ ކުޅޭ ހިތްވާ ހިސާބު ޖެހެނީ ގަންނާށެވެ. ގޭމުގައި ކުރެވޭ ކަންކަމުން ލިބޭ ޕޮއިންޓު ބަދަލުވަނީ ފައިސާއަށެވެ. އުފަލަކަށް މި ވަނީ ފައިސާގެ އަދަދު ގިނަވުމެވެ. ނުވަތަ ނަންބަރުތައް މަތިވުމެވެ. އިޔާދު އަބަދު ވެސް ބުނެއެވެ. އޭނަ ބޮޑުވީމައި ވާނީ މަހުޖަނަކަށެވެ. މިލިޔަނަރަކަށެވެ. އޭރުން ހުރިހާ ގޭމެއް ގަނެވޭނެއެވެ. އެ ބުނަނީ ކީކޭ ހެއްޔެވެ؟ އެ ދަސްވަނީ ކޮން ކަމެއް ހެއްޔެވެ؟ ފައިސާއަށް ކުއްޖާ ދަހިވެތިކުރުވަނީ ކޯޗެއް ހެއްޔެވެ؟ ބޮޑުވުމުން ވެސް ނަންބަރުތައް މުހިންމު ދައުރެއް އަދާކުރެއެވެ. އިންސްޓަގުރާމާއި އެފްބީގެ "ފޮލޯވަރުންނެވެ." ލިބޭ "ލައިކު" ތަކެވެ. އޭގެ އަދަދު މަތިކުރަން އިޔާދު އެއް ކަމެއް ކޮށްފައި އަނެއް ކަމެއް ކުރެއެވެ. އަދަދު މަތިވާ ނަމަ އޭނަ ވަރަށް އުފާވެއެވެ. އަދަދު އިތުރުނުވާ ނަމަ ބައްޔަކަށް ބަދަލުވެއެވެ. ކަންބޮޑުވެގެން އިޔާދު އެ ވާހަކަދައްކައެވެ. އޭރު ފަރީހާން އެ ކަމަކާ ނުވިސްނައެވެ. ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެއެވެ.

އޮލިވަރގެ ލަފާގެ މަތީން ފުލުހުންނަށް ފަރީހާން ހުރިހައި މައުލޫމާތެއް ކިޔައިދިނެވެ. މައްސަލަ ވަރަށް ދިގުލައިގެންދިޔައެވެ. މަންމަ މަރައިލަން އިޔާދު ރޭވިކަމާއި، ކަން ކުރަން ނިންމައިފައިވާ ގޮތް އިޔާދު އޮތީ ދިވެއްސަކަށް ކިޔައިދީފައެވެ. ފަހުން އެ މީހާ ވެސް ހެކިދިނެވެ. މެސެޖުތައް ދެއްކިއެވެ. އިޔާދު ހުރީ އެ މެސެޖުތައް ފުހެލައިފައެވެ.

އިޔާދުގެ ވޭދަނައަކީ، ކުރިން ނީއްވާ ކަހަލަ ހުކުމެއް އިއްވި ވޭދަނައެކެވެ. އަމިއްލައަށް މަރުވާން އިޔާދު އިހުތިޔާރުކުރި ގޮތަކީ، އުސް ތަނަކުން ފުންމައިލުމެވެ. އޭނަ މަރުވީ ބޮލަށް ވަޒަނެއްއަރައިގެންނެވެ. އެ ވަޒަން ފިސްތޯލައަށް ލެއްވީ އިޔާދެވެ. ފިސްތޯލަ ޖެހި މީހާއަށް، އޭގައި ވަޒަން ހުރިކަމެއް ނޭނގެއެވެ. ތަހުގީގު ރިޕޯޓު ނިންމާލައިފައިވަނީ މިހެންނެވެ. މަންމަ ދެކެ ރުޅިއައިސް، ފޫހިވެފައިހުރި ވަރުން އިޔާދު ބޭނުންވީ، ދޮންބައްޕަ ލައްވައި މަންމަ މަރާލައިގެން ނަމަވެސް މަންމަގެ ފައިސާތައް އަތުލާށެވެ. ޒުވާބުކުރާ އިރު ވަޒަން ނެތް ހަތިޔާރު އޮލިވަރ ބޭނުންކުރާކަން އިޔާދަށް އެނގެއެވެ. އެހެނަސް ޒުވާބުހިނގާލެއް ދޭތެރެ ދުރުކަމާއި، ވަޒަން ލެއްވި ހަތިޔާރު އޮލިވަރއަށް ބޭނުން ނުކުރެވޭތީ، އިޔާދުގެ މަގުސަދު ކާމިޔާބު ނުވެ ދިގުލީއެވެ. އެ ކަމާ ފޫހިވެގެން އަމިއްލައަށް މަރުވާން އިޔާދު ނިންމީއެވެ. ފިސްތޯލައިން ވަޒަން ނުކުތް ފަހަރު، އަމާޒުން ކައްސައިލީއެވެ. އެކަމަކު ވަޒަން ބޭކާރެއް ނުވިއެވެ. އިޔާދު މަރުވެފައިވަނީ އިޔާދު އަމިއްލައަށް ލެއްވި ވަޒަނަކުންނެވެ. މައްސަލަ ފައިލުކޮށްފައިވަނީ، އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ގޮތުގައެވެ. މަރުވި މީހާއާއި މަރައިލި މީހަކީ ވެސް އެކަކެވެ. އެއީ ވަރަށް ނާދިރު ވޭދަނައެކެވެ.

ނިމުނީ

3 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 12%
icon angry icon angry 18%
icon wow icon wow 41%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަސެކަންޑް

09 February 2023

ފިސްތޯލަ އަށް ވަޒަންލެއްވި މީހާއެއް ނޫން ޖެހީކީ. ދެން ކިހިނެއް މަރުވި މީހާ އާއި މަރާލިމީހާ އެކަކަށް ވާނީ!!!

The name is already taken The name is available. Register?

ފިޒާނާ

08 February 2023

މަ ފަސްޓް

The name is already taken The name is available. Register?

ދެން

09 February 2023

ފަސްޓު ވީމަ ދެން؟ވ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454