15 މާޗް 2023 - 06:56
ކަރުގައި އަޅާ ފައްޓަރުބައެއްގެ ފަށްތަކާ ތިރިޔާ ގުޅުވައިދެނީ ކޯޗަކުން ހެއްޔެވެ؟ އަންހެނަކާއި ފިރިހެނެއް ގުޅުވައިދޭ ގުޅުމަށް ކިޔަނީ ކީކޭ ހެއްޔެވެ؟ މަހި އެއީ އެކައްޗަށް ކިޔާ ނަމެވެ. އަނެއްކައްޗަށް ކިޔަނީ ކައިވެންޏެވެ. ހަލާކުވި މަހި އަހަންނަށް ހެދުނެވެ. ރޫޅެމުންދާ ކައިވެނި ސަލާމަތްކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ބިނާކުރި ހުވަފެނުގެ ގަނޑުވަރުގައި ރެނދުއަޅަން ފެށި އިރު އަހަރެންގެ އުމުރުން ފަންސަވީސް އަހަރު ނުފުރެއެވެ. ލިބުނު ދަރިފުޅަށް އަހަރު ނުވެއެވެ. ތަންމަތި ފަޅުވެއްޖެއެވެ. ހިތް ވީރާނާވެއްޖެއެވެ. ކޮންމެ ރޭގަނޑެއް ވެއަތުވެގެން މި ދަނީ އެކަނިވެރިކަމުގައެވެ. ނޫނެކެވެ. އަހަރެން އެކަނިވެރިވާންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ފުރޮޅިލެވުނީ ކަނާތްފަރާތަށެވެ. ބަލައިލެވުނީ، ކުޑައެނދުގައި ވިންދުޖަހަޖަހައި އޮތް އަހަރެންގެ ހިތާ ދިމާއަށެވެ. ބޮކީގެ އަލިއެޅިފައިވާ ގޮތުން، މީޒާގެ ބޮޑު ކޯ ހީވަނީ ދޮން ޖަންބެއްހެންނެވެ. އަހަރެން ބޭނުންވީ މީޒާ ތަންމަތިން ނަގައި ބައްދައިލާށެވެ. މޮޑެލާށެވެ. އެހެނަސް، އޭނަގެ ނިދިކޮޅު ގެއްލިދާނެތީ އެހެން ހަދަން ނުކެރުނީއެވެ.
އަހަރެންގެ ރޭތައް ދިގުވެއްޖެއެވެ. ހަޔާތުގެ މިސްރާބު އޮޅިއްޖެއެވެ. މަޑުމަޑުން އެނބުރެމުންދިޔަ ފަންކާގެ ފިޔަތަކަށް ބަލަހައްޓައިގެން، ބުރު ގުނަން އަހަރެން އޮތީމެވެ. ރޭޑިޔޯއިން ވަރަށް މަޑުމަޑުން އިވެމުންދިޔައީ "ވަކިވުމުގެކުރިން" ޕުރޮގުރާމެވެ. އަހަރެންގެ ހަޔާތަށް ކުރިމަތިވެފައި މި ވަނީ، އެހެން މީހަކާ ހިއްސާކުރަން ބޭނުންނުވާ ކަހަލަ ވާހަކައެކެވެ. ފިރިމީހާގެ ގޯސްކަމުގެ ވާހަކަދައްކައިގެން އެހެން މީހުން އޭނަ ދެކެ ރުޅިއަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަމުދުން އަހަރެންގެ މައިންބަފައިންނަށް އަހަރެން އަންގައިދޭން ބޭނުންވަނީ، އެ މީހުން ހީކުރި ގޮތަށް ކަންތައް ނުވިކަމެވެ.
ކުއްލިއަކަށް މުޅި ކޮޓަރި ގުގުމައިލީ ފޯނު ރަނގަބީލުވި އަޑަށެވެ. ލިބިފައިވާ ލޮޑުކަމާއި ވަރުބަލިކަމުގެ ސަބަބުން، ފޯނުނަގާ ހިތެއްނުވިއެވެ. ހިތަށްއެރިއެވެ. ފޯނު ނުނަގައިފިއްޔާ ދަރިފުޅު ހޭލަފާނެއެވެ. އެހެންވެ ފޯނު ނެގީމެވެ. އޭރު ގަޑިން ދަންވަރު އެއްގަޑި ބައިވަނީއެވެ. އެ ގަޑީގައި އަހަންނަށް ގުޅާނީ ކާކުބާއޭ ހިތަށްއެރިއެވެ.
"ހަލޯ!" ފޯނު ނަގައިފައި އަހަރެން ބުނީމެވެ.
އަހަރެން ގޭގެ ނަން ގަސްތުގައި ނުބުނީއެވެ. އަނެއްކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ. އޭނަ ބުނީ ހަލޯއެއް ނޫނެވެ. އައްސަލާމް އަލައިކުމްއެވެ.
"ކޮން ތަނެއްތޯ؟" އޭނަ އެހިއެވެ.
އަހަރެން ގޭގެ ނަން ބުނީމެވެ. ދެވަނައަށް އެ މީހަކު ބޭނުންވީ ނޫރާންއާ ވާހަކަދައްކާށެވެ.
"ވާހަކަދައްކަނީ!" އަހަރެން ބުނީމެވެ. "ތީ ކާކުކަމެއް ނޭނގުނު."
"މީ ރައްޓެއްސެއްކަމަށް ބަލާ!" އޯގާވެރި ރާގެއްގައި އޭނަ ބުންޏެވެ. "ހެޔޮއެދޭމީހެއްކަމުގަ ބެލިއްޔާ ރަނގަޅީ."
"ގުޅާ ކޮންމެ މީހަކީ ރައްޓެއްސެއްކަމަކަށް ނުބަލަން،" އަހަރެން ބުނީމެވެ. "ބާއްވަނީ!"
އަހަރެން އުޅުނީ ފޯނު ބާއްވާށެވެ. އޭގެ ކުރިން، ފޯނު ނުބޭއްވުމަށް އޭނަ އެދުނެވެ. ވާހަކައެއްދައްކަން ބޭނުންކަމަށާއި، ވަގުތު އެބަ އޮތްތޯ އެހިއެވެ. ނުދަންނަ މީހަކާ ވާހަކަދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއް އަހަރެންގެ ނެތެވެ.
"ނޫރާންގެ ދިރިއުޅުމާ ދޭތެރޭ ތިހާ ހިތްހަމަނުޖެހޭ އިރު ވެސް ތިހެން ތި އުޅެނީ ކީއްވެ؟" އޭނަ އެހިއެވެ.
އަހަރެން ހިތަށްއެރިއެވެ. އަހަރެންގެ ހަޔާތާ ބެހޭ ގޮތުން އޭނައަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެނގެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟ އަހަންނަކީ އަހަރެންގެ ދިރިއުޅުމާ ބެހޭ ގޮތުން އެކަކާ ވެސް ވާހަކަ ހިއްސާކުރާ މީހެއް ނޫނެވެ. ރައްޓެއްސަކު ވެސް އަހަރެންގެ ހަޔާތާ ބެހޭ ގޮތުން އަހައިފި ނަމަ އަހަރެން ތެދެއް ނުބުނަމެވެ.
"ބާއްވަނީ!" ދެވަނަ ފަހަރަށް އެހެން ބުނެފައި އަހަރެން ފޯނުބޭއްވީމެވެ.
ފޯނުގެ އަތްގަނޑު ބޭއްވުމަށް ފަހު ފޯނުގެ އަޑު ކަނޑައިލީމެވެ. ނިދޭތޯ މަސައްކަތްކުރުމަށް ޓަކައި، އެއްޗެހި ބަދަލުކޮށްގެން އައިސް ދަރިފުޅުގެ އެނދާ ދިމާއަށް ގުދުވެލީމެވެ. އެއްވެސް އެހީތެރިކަމެއް އެ ކުއްޖާފުޅަށް ބޭނުންވޭތޯ ބެލުމަށެވެ. އޭނަ އޮތީ ވަރަށް އަރާމުކޮށް ނިދައިލައިފައެވެ. އެ ހިނދު އަހަރެންގެ ހިތަށް ފިނިކަން އިހުސާސްކުރެވުނެވެ. މީޒާއަކީ އަހަރެންގެ ފުރާނައެވެ. ދިރިހުރުމުގެ އުންމީދެވެ. އަހަރެން ނޭވާލަނީ އޭނައަށް ޓަކައެވެ. ހިތުގައި ވިންދުޖަހަނީ ވެސް އޭނައަށް ޓަކައެވެ. ހަޔާތުގެ ހުރަގެއެއްގައި ބަންދުވެގެން މި ހުންނަނީ ވެސް، ހަމަ އެ ދަރިފުޅަށް ޓަކައެވެ. އެހެނަސް އެއީ ހާދަހާ ހިތްދަތި އިމުތިހާނެކެވެ. ލޮލަށް ކަރުނަ ޖަމާވަމުންދިޔަ ވަގުތު ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނުމަށް ފަހު، ރަޖާގަނޑު ރަނގަޅުކޮށްލައިފައި އަހަރެންގެ އެނދާ ދިމާއަށް ހިނގައިގަތީމެވެ. ކުއްލިއަކަށް އަހަރެންގެ ފައިގައި ފޯނުނަރު އަޅައިގަތެވެ. ކުއްލިއަކަށް މާޒީގެ ސަފުހާތަކެއް ހުޅުވުނެވެ. ހަމަ އެ ވާގަނޑެވެ. ކައިރީގައި ހުރީ ވެސް އަހަންނެވެ.
އެއީ، ކައިވެނީގެ ކުރިން ނާހިޒްގެ ގެއަށް އަހަރެން އައި އެންމެ ފަހު ފަހަރެވެ. އެ ދުވަހު އަހަރެން ހުރީ ވަރަށް އުފާވެފައެވެ.
"ނޫރާން ކީއްވެ ދޮރުމަތީ ތި ހުންނަނީ؟" ނާހިޒް ވަރަށް ލޯބިން ސުވާލުކުރިއެވެ. "ވަދޭ އެތެރެއަށް."
"ވަންނަން މި އައީ ވެސް،" އެތެރެއަށް ވަންނަމުން އަހަރެން ބުނި ހަނދާނެއްވެއެވެ. "އެކަމަކު ނުބުނަނީސް ނުވަންނަން މި ހުންނަނީ. އެނގޭތަ؟ މި ގޭގެ ނަން ވަރަށް މަޖާ! އަހަރެން ކާރަށް އަރާފަ ބުނީ ކަޝްތީއަށް ދެވޭ ތަނަށް ދެވިދާނެހޭ؟ އެ މީހާ ހީނލާފަ ބުނީ އާނއެކޭ، ކީއްވެހޭ ނުދެވޭނީ. އޭނައަށް އެނގިއްޖެ އެ ބުނަނީ މި ގޭގެ ނަންކަން. ވަރަށް ފޫހިވި އެއްފަހަރުން އޭނައަށް އެނގުނީމަ. ކީއްކުރަން އަހަރެން ތި ގެނައީ؟"
"މުސްތަގުބަލުގަ ނޫރާން ހުންނާނީ މި ތާނގަ. އެހެންވެ ކޮޓަރި ރީތިކޮށްފަ ހިތަށްއެރީ ދައްކާލާނަމޭ!" ޖަވާބުގައި ނާހިޒް ބުންޏެވެ. "ރީތިތަ؟ ހިތްހަމަޖެހޭ؟"
ކޮޓަރީގައި ހުރި ލަވަޖަހާއެތިން އިނގެރޭސި ލަވައެއް އިވެމުންދިޔައެވެ. އެއީ ފަސްދޮޅަހުގެ އަހަރުތަކުން އަހަރެއްގައި ނުކުތް ލަވައެއްކަމުގައިވާ "ސީލްޑް ވިތު އަ ކިސް" އެވެ. ހިތްގައިމު ލަވައެކެވެ. އަހަރެން ވަށައިގެން ނަޒަރުހިންގައިލީމެވެ. ފަރުނީޗަރާއި، ތަނުގެ ކުލައާއި، އެތުރުމަށް ވެސް ހުރީ ބަދަލުގެނެސްފައެވެ. ވަރަށް ރީއްޗެވެ. ހިތްއެދުނީ ދެން އެ ތަނުން ނުނިކުންނާށެވެ. ނާހިޒް ދޮރު ލައްޕައިފައި ގޮސް އެނދުގައި އިށީނދެލިއެވެ. އެނދާއި، ގޮދަޑިއާއި، ބާލީސްތައް ވެސް އަލެވެ.
"އާދެބަލަ! އިށީނދެބަލަ!" ނާހިޒް އެދުނެވެ.
ފާރުގައި ހަރުކޮށްފައިހުރި މަންޒަރުތަކަށް ބަލަމުން އަހަރެން ހިނގައިގަތްތަނާ ފޯނުނަރުގައި އަޅައިގަތެވެ. އަހަރެން ވެއްޓުނީ ނާހިޒްގެ އުނގުތެރެއަށެވެ. އެއީ ހިތުގެ ތެޅުން އަވަސްވި ދަނޑިވަޅެކެވެ. ހިތް ފުރިގެން ބަންޑުންވި ވަގުތުކޮޅެކެވެ.
ހިޔާލުން އެނބުރި އާދެވުނީ ދަރިފުޅު މީޒާ ރޮއިގަތް އަޑަށެވެ. އޭރު އަހަރެންގެ ލޯ ވެސް ހުރީ ތެމިފައެވެ. ނިކަން ބާރަށް ގޮސް ދަރިފުޅު ނަގައި އުރައިލީމެވެ. ނާނާކިޔަން ފެށީމެވެ. ރަނގަޅަށް ވިސްނައިލެވުނު އިރު އަހަރެންނަށް ނާނާކިޔުނީ ވެސް "ސީލްޑް ވިތު އަ ކިސް" ގެ ރާގަށެވެ. ކީއްވެގެން ހެއްޔެވެ؟ އެ ލަވަ އަހަރެންނަށް މިހާރު ރީތިވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އިސާހިތަކު ދަރިފުޅު ނިދިއެވެ. އަހަރެންގެ ދިރިއުޅުމާ ބެހޭގޮތުން އެ މާސޫމު، ތުއްތު ދަރިފުޅަށް ވިސްނޭނީ ކޯޗެއް ހެއްޔެވެ؟ ހިތަށްއަރައެވެ. ވަރަށް އަވަހަށް ދަރިފުޅު ބޮޑުވާނެ ނަމައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ނަމައެވެ. ހުރަގެއިން އަހަރެން މިނިވަންކޮށްދޭނެ ނަމައެވެ.
އުފުލަން ކުޅަދާނަ ނުވާ ވަރުގެ ބޮޑު ދެރައެއް އަހަންނަށް ދިނީ ކާކު ހެއްޔެވެ؟ ކޮންމެވެސް މީހަކު އެ ސުވާލުކޮށްފާނެއެވެ. އެ ތުހުމަތު އަޅުވަންޖެހޭނީ އަހަރެންގެ ބޮލުގައެވެ. ނާހިޒަކީ ރަނގަޅުމީހެއް ނޫންކަމާއި، އޭނަޔާ ދުރުގައި ހުރުމަށް މައިންބަފައިން ހާދަހައި ނަސޭހަތެއް އަހަންނަށް ދިނެވެ. އަހަރެން އެ އަޑުނޭހީއެވެ. ކުޑައިރުއް ސުރެ ވެސް އަހަންނަކީ، އަހަރެން ބޭނުންވާ ކަމެއް ކުރާ ކުއްޖެކެވެ. ދެފައިތަޅައި، ބޮޑާހާކައިގެން ވިޔަސް އަހަރެން ބޭނުންކަމެއް ކޮށްފައި ނޫނީ ހުއްޓައެއް ނުލަމެވެ. އެންމެ ކަމެއް ފިޔަވައެވެ. އެއީ ނާހިޒް ކައިރިން ވަރިވުމެވެ. އިންތިހާއަށް އެ ކަން ބޭނުންވި ނަމަވެސް، ވަރިނުވާން އަހަންނަށް މަޖުބޫރެވެ. ދަރިފުޅަށް ޓަކައެވެ. ނުކުރާ ކުށަކަށް ދަރިފުޅަކަށް އަދަބެއް ނުދެވޭނެއެވެ.
އަހަރެންގެ ކުށަކީ ނާހިޒް ދަސްނުކުރެވުނުކަމެވެ. ރައްޓެހިވެގެން ދެތިން މަހު އުޅެވުމުން އަހަންނަށް ހީވީ، ބޮލުން ފެށިގެން ފަޔަށް އޭނަ ދަސްވެއްޖެހެންނެވެ. އޭނަ ޖެހި ކޮންމެ ބެރަކަށް، ކިއި ކޮންމެ ލަވަޔަކަށް އަހަރެން ފައިހަމަކުރީމެވެ. އަލަތު ލޯތްބެވެ. ފުރަތަމަ ތަޖުރިބާއެވެ. އަހަރެން ކިހައި މާސޫމު ހެއްޔެވެ؟ ކިހައި ނޭނގޭ ހެއްޔެވެ؟ މައިންބަފައިން އަހަރެން ހުއްޓުވަން ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ހީކުރެވުނެވެ. އަހަންނާއި ނާހިޒް ދުރުކުރެވުމުން މައިންބަފައިންނަށް ކޮންމެވެސް މޮޅެއް ލިބެނީއެވެ. ބައްޕައަށް ދޮގުހަދައިފައި ގެއިން ނުކުމެގެން ގޮސް ނާހިޒާ ބައްދަލުކުރި ގޮތް އަހަރެން އަދިވެސް ހަނދާން އެބަ ހުއްޓެވެ.
"ދަރިފުޅާ! ކޮންތާކުން ތި އައީ؟" ބައްޕަ އެހެން އެހީ އަހަރެން ދިޔަ ތަން ނޭނގިގެނެއް ނޫނެވެ.
"އަހަރެން ދިޔައީ ދޮންތަގެއަށް." އަހަރެން ހެދީ ދޮގެކެވެ.
"ދަރިފުޅަކީ ދުވަހަކު ވެސް ބައްޕައަށް ދޮގެއްހެދި ކުއްޖެއް ނޫން،" ވަރަށް އަސަރާ އެކުގައި ބައްޕަ ބުންޏެވެ. "މިހާރު އެ ކަން ވެސް ތި ކުރީ. ބައްޕަ ވަރަށް ދެރަވެއްޖެ! އެ ކުއްޖާޔާ ވާހަކަނުދައްކާށޭ ބައްޕަ މި ބުނަނީ ހަމަ ދަރިފުޅަށް ރަނގަޅަކަށޭ! އެ އާއިލާއަކީ ކަމުދާ ބައެއް ނޫނޭ ދަރިފުޅާ! ދަރިފުޅަށް އެނގޭތަ އެ ކުއްޖާ ރާއްޖެއިން ބޭރަށް ގޮސް ވަންނަ ތަންތަނާ، އުޅޭ.."
"ދެން ހެޔޮ ބައްޕާ!" އަޑުއަހާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
ޒުވާން ޖޯޝާއި ލޯބީގެ މަސްތުގައި ރޮމުންރޮމުން، އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ. އެ ވަގުތު ފޯނު ރަނގަބީލުވިއެވެ. ގުޅީ ނާހިޒްއެވެ.
"އަހަރެން މި ގެއިން ގެންދޭ ނާހިޒް!" އަހަރެން ބުނީމެވެ. "ހެޔޮނުވާނެ!"
"ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟" ނާހިޒް ކަންބޮޑުވެފައި އެހިއެވެ.
"ދެން ނޭނގެ މަށަކަށް،" ފޫހިވެފައި ހުރި ވަރުން އަހަންނަށް ބުނެވުނެވެ. "ނާހިޒް އަހަންނާ އިންނާނަންތަ؟"
"އިންނާނަންހޭ؟ އިންނާނަންހޭ؟" ނާހިޒް ވަރަށް އުފާވެފައި ބުންޏެވެ. "ކީއްވެ ނީންނާނީ؟ މި ރޭ ނޫރާންގެ ބައްޕަ ކައިރިއަށް އަހަރެންގެ ބައްޕަ ފޮނުވާނަން ހުއްދަ ހޯދަން. އައި ލަވް ޔޫ!"
އެއީ ނާހިޒް އެހެން ބުނި ފުރަތަމަ ފަހަރެވެ. ބަޔާންކުރަން ދަތި އުފަލެއް އަހަރެންގެ ހިތަށް ވެރިވިއެވެ. ގަޑިޔަށް ބަލަބަލައި ހުއްޓައި ރޭގަނޑު ދިހައެއްޖެހިއެވެ. އެގާރަޖެހުމަށް ތައްޔާރުވިއެވެ. ނާހިޒް ބުނި ގޮތަށް ކަންތަކެއް ނުވިއެވެ.
ނުނިމޭ
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑާކްނައިޓް
16 March 2023
އަނެއްކާވެސް "އޭނާ" ކަހަލަ އެހީތެރިއެއްތަ ދަންވަރު މި ގުޅަނީ؟
ވާހަކ
15 March 2023
ނީޒާ މީ ބިންމާ އަށް މާ ރީތި ނަމަކީ ބާ؟ އަދި ވަރަށް ރީތި ވާހަކަ
ނާއިމާ
15 March 2023
ބިންމާ އިޒް ދަ ބެސްޓް.
ސަސި.
15 March 2023
އެކި ޒަމާންތަކުގެ ހާދިސާތަށް މިހާ ފުރިހަމައަށް ލިޔެލަން ބިންމާ ކަހަލަ ދެވަނު މީހަކު މަދު ވާނެ. މިއީ މަގޭ ހިޔާލު
ާކައިލީ ޖެނާ
15 March 2023
މެހި އޭ ކަމަށް ހީކުރީ.. އެނީވޭސް ވާހަކަ ރީތި ވާނެކަމަށް އުންމީދު ކުރަން.. ނޮޓް ލައިލް މަރިޔަމް ޕްލީސް
ތެފައާސާ.
15 March 2023
އޭ މީތި ސަޅިއޭ. ކޮބާ މައި ފްރެންޑް ކައި؟ ބިންމާބެ މިއޮތީ ރީތި ވާހަކައެއް ފައްޓާފައޭ. ދެން ތިހާވަރަށް ބޮޑާނުހާކާ އާދެބަލަ މި ވާހަކަ ކިޔާލާފަ ކޮމެންޓެއް ކޮއްލަން...
ޢައިސާފާނު
15 March 2023
ތެފައާސާ ގެ މާނަ ބުނެބަލަ
ކައިލީ ޖެނާ
15 March 2023
މިއުޅެނީނު.. އުންމީދު ކުރަނީ ހަމަ ރީތިވާނެ ކަމަށް
ޕަރސަން
15 March 2023
ވާހަކަ ފަށާފައިންގޮތް މިފަހަރު ވަރަށްވެސް ޗާލު. އުންމީދު ކުރަނީ މިއީ ވަރަށް ރީތި ވާހަކައަކަށް ވާނެކަމަށް.
2023
15 March 2023
ޔޭ މަ ☝️ 7:33.... ބޮއިހަލަކި