22 މާޗް 2023 - 06:37
އާދިއްތަ ދުވަހާ ގުޅޭ
ނަރު އޮތީ ދޮރުން ބޭރަށް ނުކުމެފައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޮފީސް މީހަކާ ވެސް ފޯނުން ވާހަކަދައްކަންޖެހިދާާނެކަމަށް އަހަރެން ގަބޫލުކުރަމެވެ. އެކަމަކު ފޯނު ހިފައިގެން އަހަންނަށް ނީވޭ ހިސާބަކަށް އޭނަ ދާންޖެހުނީ ކީއްވެގެން ހެއްޔެވެ؟ ބޭނުން ނަމަ، އެ ވަގުތު ވެސް ނާހިޒްގެ ސިއްރު ބޭޒާރުކޮށްލެވުނީހެވެ. އެހެން ނެހެދީ އޭނައަށް ޓަކައެއް ނޫނެވެ. އަހަންނަށް ޓަކައެވެ. ނާހިޒަށް ހަގީގަތް ނޭނގޭހައި ހިނދަކު، އެ ކަން ވާނީ ނުވާކަމަކަށެވެ. އޭރުން، މާދަމައަކީ ވެސް އާދައިގެ ދުވަހަކަށް ހަދާލައިގެން އުޅެން އަހަންނަށް ފަސޭހަވާނެއެވެ. ރައްޓެހިންނާ ހަތަރުކަޅި ހަމަކުރާކަށް ވެސް އުނދަގުލެއް ނުވާނެއެވެ. ކިތަންމެ ބޭނުން ނުވިޔަސް އަހަންނަށް އޮތީ އެ ގޮތެވެ. ސިއްރުކުރެވޭހައި ދުވަހަކު އަހަރެން ޖެހޭނީ ސިއްރުކުރާށެވެ.
މާޒީގެ ސަފުހާތައް އެ ހިސާބަށް ލައްޕާލައިފައި އަހަރެން ހިޔާލުން އެނބުރިއައީމެވެ. ގަޑިބަލައިލި އިރު ހަވީރު ހަތަރުގަޑި ބައިވަނީއެވެ. ޑިއުޓީ ނިންމައިފައި ނާހިޒް އަންނާނީ ރޭގަނޑު އަށެއްޖަހާ އިރުއެވެ. ނަމާދުކޮށް، ގޭތެރެ ސާފުކޮށްލައި، ކޮޓަރި ތަރުތީބުކޮށްލީމެވެ. ނާހިޒަށް އެންމެ މީރު ކެއުން ތައްޔާރުކޮށްލީމެވެ. ފެންވަރައި ރީތިވީމެވެ. އަހަރެން ކައިވެނިކުރި ނާހިޒަކީ، ހަމަ އެކަނި އަހަރެން ދެކެ ލޯބިވާ މީހެކެވެ. އޭނައަށް ފާހަގަވާނީ އަހަރެން ލާ އާ ހެދުން އެކަންޏެއް ނޫނެވެ. އަހަރެންގެ ހެދުމުގައި ރޮއްޖެއްނެގިފައި ހުއްޓަސް، މޫނުގައި ބިއްސެއްޖަހައިފައި ހުއްޓަސް އޭނައަށް އެނގޭނެއެވެ. އެ ނާހިޒް ގެއްލުނުތާ ކިތަންމެ ދުވަހެކެވެ.
އަށެއްޖެހި އިރު ގެއަށް އައި ނާހިޒް ފެންވަރައިގެން އަނެއްކާ ވެސް ނުކުމެގެން ދިޔައީއެވެ. ކާން ހެދިތޯ ވެސް ނާހައެވެ. އަހަރެންގެ އާ ހެދުމާއި، ރޮއިރޮއި ރަތްވެފައިވާ ލޮލެއް ވެސް އޭނައަކަށް ނުފެނެއެވެ. އަހަރެން އަހައިލަން ބޭނުމެވެ. ނާހިޒްއެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ރަނގަޅުކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ ކުޑަމިނުން، ވެގެން އުޅޭ ގޮތް ބުނެދީބަލާށެވެ. އެކަމަކު އެހެން އަހައިފި ނަމަ، ކަމެއްވެގެން އުޅޭކަން އޭނައަށް އެނގޭނެއެވެ. އަހަންނަށް އެއްޗެހިތަކެއް އެނގުނުކަން ވެސް އޭނައަށް އެނގޭނެއެވެ. އެހެންވާކަށް ބޭނުމެއް ނޫނެވެ.
ދަންވަރު އެކެއްޖެހިއެވެ. އަހަރެން އިނީ ކޮޓަރީގެ ދޮރު ހުޅުވައިލައިގެން ސޯފާގައި އިށީނދެގެންނެވެ. އެއް ކަޅި ދަރިފުޅަށް، އަނެއް ކަޅި ދޮރަށް އަމާޒުކޮށްގެންނެވެ. ސިކުނޑީގައި އެނބުރީ ވަސްވާސްތަކެވެ. ނާހިޒް އެންމެ ފަހުން އަހަރެން ވަރިކުރާނީބާއެވެ؟ ހިތުގައި ޖަހަމުންދިޔައީ ވޭންހުރި ވިންދެކެވެ. ބުނާ ކަހަލައެވެ. އަހަރެންގެ ދެލޯ އަހަންނަށް ކެހިދިނީ ހެއްޔެވެ؟ ކުއްލިއަކަށް ނާހިޒް ވަނެވެ.
"އަހަނ! ތި އައީ ދޯ؟ ހިނގާ ކާން،" ޝަކުވާތައް އުކާލައިފައި އަހަރެން ވަރަށް ލޯބިން ބުނީމެވެ. "ވަރަށް ބަނޑުހައި ވެއްޖެ!"
"ނެތް ކާހިތެއް،" ކުރު ޖަވާބެއްދީފައި، ކޮޓަރިއާ ދިމާއަށް ނާހިޒް ހިނގައިގަތެވެ. "ކިތައް ފަހަރު ބުނެފިން ނުކައި ހޭލާ ނީންނާށޭ؟"
އަޖައިބެކެވެ. ނާހިޒް އެ ގޮތަށް އަހަންނާ ވާހަކަދައްކަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނާ ވާހަކަނުދައްކަން އޭނަ މަސައްކަތްކުރަނީ ކީއްވެގެން ހެއްޔެވެ؟ ކުރު މުއްދަތެއްގެ ތެރޭގައި ފިރިމީހާއަށް މި އަންނަނީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ އަހަރެން ކުރާ އެއްވެސް ކަމެއް ނާހިޒަށް ކަމުނުދަނީ ކީއްވެގެން ހެއްޔެވެ؟ ކުރިން ނުކުރާކަމެއް ފަހަކުން ވެސް އަހަރެން ނުކުރަމެވެ. ނިދަންއޮވެފައި ނާހިޒް ގައިގަ އަތްލިޔަސް އޭނައަށް ވަނީ އުނދަގުލަކަށެވެ. އަހަރެންގެ ފިރުމުން ބޭނުންނުވާ ވަރަށް އެހެން މީހަކު އޭނަ ގައިގައި ފިރުމައިދެނީ ހެއްޔެވެ؟ އޮފީހުން ފޯނުއައުން ވެސް ހާދަހާ ގިނަވެއްޖެއެވެ. ރޭގަނޑެއް، ދަންވަރެއް، ފަތިހެއް ނޯވެއެވެ. ގާތުގައި އަހަރެން ހުރެއްޖެ ނަމަ، ހުރިހައި ވާހަކައެއްދައްކަނީ "އޮފީހުންނެވެ." ނާހިޒްގެ ކަމަކީ އާނހޫނ ކިޔުމެވެ.
ނާހިޒް އުޅެނީ އެހެން އަންހެނަކާ ހިތާވެގެންނެވެ. އެ ވަރު ނޭނގޭހައި އަހަރެން މޮޔައެއް ނޫނެވެ. މައްސަލަޖައްސާކަށް ބޭނުމެއް ނޫނެވެ. އެކަކު ކައިރިއަކު ވެސް ޝަކުވާއެއް ނުކުރަމެވެ. ރައްޓެހިންނަށް ޝައްކުވުމަކީ އަހަރެންގެ ކުށެއް ނޫނެވެ. މައްސަލައަކީ އަހަރެންނަށް ނުކެވޭތީއެވެ. ހިކޭތީއެވެ. އަހަރެން ބުނަމެވެ. މާ ބޮޑަށް ފަލަވާތީ، ނުކައިހުރެގެން ހިކެނީއެވެ. އެކުވެރިން މޮޔަހެއްދެއެވެ. މައިންބަފައިންނެއް ނުހެއްދުނެވެ.
"އޭރު ވެސް ބައްޕަ ބުނިން ތި ކައިވެނި ނުކުރާށޭ!" އެއްދުވަހަކު ގެއަށް ވަންތަނާ ބައްޕަ ބުނި އަޑުއިވުނެވެ.
އަހަރެން އެއްޗެއް ނުބުނަމެވެ. ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ މީހުންގެ ހިތުގަޖެއްސުމަކީ އެ މީހުންގެ ބަދުދުއާ ލިބޭކަމެކެވެ. އަހަރެންގެ މައިންބަފައިންނާއި އާއިލާމީހުންގެ ހިތުގަޖައްސައިފައި، ލަންކާއަށް ގޮސް ކައިވެނިކޮށްގެން އައުމުން ވެސް އެ މީހުން ހެޔޮދުއާ ނޫން އެއްޗެއް ނުކުރެއެވެ. އަހަރެންގެ ގެއިން ނުކުމެގެން ފިރިމީހާގެ ގެއަށްދިޔުމަކީ ވެސް އަހަރެންގެ ނިންމުމެކޭ ބުނެވިދާނެއެވެ. އެ ވަރުން ވެސް، ގޭގައި އަހަންނަށް ހުރި ކޮޓަރި ހުރީ ހުހަށެވެ. ބޭނުން އިރަކު ގެއަށް އަންނަންވީއެވެ. މައިންބަފައިން ފަތުރައިލި ރަތްދޫލަ އަދި ވެސް އޮތީ ނުނަގައެވެ. އަހަރެން ވަރިވެގެން ގެއަށް އަންނަން ބޭނުން ނުވީ، އެއީ ހަޑިކަމަކަށްވާނެތީއެވެ. މީހުން ފާޑުފާޑުގެ އެއްޗެހިކިޔާނެތީއެވެ. އެއް ހިތާމައިން މައިންބަފައިން ސަލާމަތްނުވެވިގެން އުޅެނިކޮށް އަނެއް ލަދުވެތިކަން އެ މީހުންނަށް ދޭންވީ ކީއްކުރަން ހެއްޔެވެ؟
ގަޑިން ރޭގަނޑު އެގާރަޖެހިއެވެ. ޓީވީމޯލްޑިވްސްއިން ސީއެންއެންގެ ޚަބަރު ފެށިއެވެ. ހިތަށްއެރިއެވެ. ޓީވީ ނިއްވައިލައިފައި ނިދަންވީއެވެ. ސޯފާއިން ތެދުވަން އުޅެނިކޮށް ނާހިޒް ކޮޓަރިން ނުކުތެވެ. އޭނަ ހުރީ ޑިއުޓީއަށް ދާން ތައްޔާރުވެގެންނެވެ. އަހަރެން ފެނުމުން ހިނިތުންވެލިއެވެ.
"މި ފަހަރު ދެ ދުވަސް ވާނެ،" ފައިސާކޮޅެއް ދިއްކޮށްލަމުން ނާހިޒް ބުންޏެވެ. "މިއޮތީ ދުއިސައްތަ ރުފިޔާ. މީގެން ވާނެއްނު ދޯ؟"
އަހަރެން ކުޑަކޮށް ބިރުގަތެވެ. ކުއްލިއަކަށް ނާހިޒް އެހައި ހެޔޮވީމައެވެ. ނާހިޒް ދިޔުމުން ކޮޓަރިއަށް ވަދެފައި އެނދުގައި އިށީނދެލީމެވެ. ހިތުގައި އޮތީ އެންމެ ސުވާލެކެވެ. ކުއްލިއަކަށް އެހައި ހެޔޮވީ ކީއްވެގެން ހެއްޔެވެ؟ ދަންވަރު އެކެއްޖެހި އިރު ވެސް އަހަންނަކަށް ނުނިދުނެވެ. ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅީ، ކުރީ ރޭގައި ވެސް ގުޅި މީހާއެވެ.
"އަހަރެންގެ ނަމަކީ އަދީމް!" އަހަރެން ފޯނުނެގުމާ އެކު އޭނަ ބުންޏެވެ. "އަހަންނަށް ނޫރާން އެނގޭ. ތީ ނާހިޒްގެ އަންހެނުން. ނާހިޒަކީ އަހަރެންގެ ރައްޓެއްސެއް. ކުރިން ވެސް މި ވާހަކަ ނުބުނެވިގެން އުޅެނިކޮށް ނޫރާން ފޯނުބޭއްވީ. ނާހިޒް މާދަމާ ބެންކޮކުން މަންޖެއަކާ އެބަ އިނދޭ! އެހެންވެ ހަމަ ބުނެލީ."
އަދީމް ފޯނު ބޭއްވިއެވެ. ގަނޑުވެފައި އޮތުމުން އަހަރެންނަކަށް ފޯނެއް ނުއެއް ބޭއްވުނެވެ. ނާހިޒް އެހެން މީހަކާ އިންނަންވީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ނުކޮށްދެވުނީ ކޮން ކަމެއް ހެއްޔެވެ؟ ދެން ވިސްނައިލެވުނީ ދަރިފުޅަށެވެ. އަހަރެން ހުއްޓައި ދަރިފުޅަށް ދޮންމަންމައެއް ލިބުނީއެވެ. އަހަންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ ދެން ހިތަށްއެރިއެވެ. ނާހިޒް އެހެން މީހަކާ ހިތާވިކަން އެނގުނު ދުވަހު މައިންބަފައިން ގާތުގައި އެ ވާހަކަ ބުނެވުނު ނަމައެވެ. މިހާރު މި ޖެހުނީ މީހަކާ އިންނަ ވާހަކަ ބުނާށެވެ. އެ މީހުންނަށް ލިބޭ ސިހުން ހާދަ ބޮޑުވާނެއެވެ. ދެން ސިއްރެއް ނުވާނެއެވެ. އަހަރެން ޖެހޭނީ ހިތްވަރުކުރާށެވެ. ކުރިމަތިލާށެވެ. ވަރިވާނީ ހެއްޔެވެ؟ ވަރިކުރަންދެން ހުންނާނީ ހެއްޔެވެ؟ ސުވާލަކީ އެއީއެވެ.
ދަރިފުޅު ގޮވައިގެން ހެނދުނު ވެކުސިންޖަހަން ދިޔައީމެވެ. ވަރަށް ހެނދުނުހެނދުނާއެވެ. އެ ދުވަހަކީ ނާހިޒް އަންނަ ދުވަހެވެ. ގެއަށް އަންނާނީ ހަގުއަނބި ގޮވައިގެން ނޫންކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ހިތަށްއެރިއެވެ. ދެނެއް ސިއްރެއް ނުކުރާނަމެވެ. ރުޅިއަޔަސް، އެއްޗެހިކިޔަސް މައްސަލައެއް ނެތެވެ. ވާކަމެއް ނުވާކަމަކަށް ހަދައިގެން ހުރެވޭނީ ވަކި ވަރަކަށެވެ. ބުނާނެ އެއްޗެއްސާއި ކުރާނެ ކަންތަކަށް ދާންދެން އަހަރެން ތައްޔާރުވީމެވެ. ނާހިޒް އައިސް ކޮޓަރިއަށް ވަނުމާއެކު އަހަރެން ދޮރުލައްޕައިލީމެވެ. ދުރުދުރުން ވާހަކަގެންދާކަށް ބޭނުމެއް ނުވިއެވެ.
"ހަގުއަނބި ގެނެސް ކުއްޔަށް ތަނެއްގަ ބަހައްޓައިގެންތަ ތި އުޅެނީ؟" އަހަރެން އެހީމެވެ.
ހީވާ ގޮތުގައި، ނާހިޒް ހުރީ އެ ވާހަކަދައްކަން ބޭނުންވެ، ފަށާނެ ގޮތެއް ނޭނގިފައެވެ. އަހަންނަށް އެ ޚަބަރު ލިބުނު ގޮތެއް ނުވެސް އަހައެވެ.
"އުހުނ! އެކަމަކު އަހަރެން ބޭނުން އޭނަ މި ގެއަށް ގެންނަން،" ނާހިޒް ޖަވާބުދިނެވެ. "ހިތަށްއެރީ ނޫރާނާ ވާހަކަދައްކާލާފަ.."
"އަހަންނާ ވާހަކަދައްކާކަށް ނުޖެހޭނެ،" އިސްޖަހާލައިގެން އިނދެ އަަހަރެން ބުނީމެވެ. "މީ ނާހިޒްގެ ގެ. އެކަމަކު އަހަރެންނަށް ވަރަށް ރަނގަޅު އަހަރެން ވެސް މި ގޭގަ ބެހެއްޓިއްޔާ! ބައްޕަޔާ ދެކޮޅަށް ނާހިޒާ ކައިވެނިކުރީ. އެ މީހުން ކުރިމައްޗަށް ދާކަށް އަހަންނަކަށް ނުކެރޭނެ،" އެ ހިސާބުން އަހަންނަށް ރޮވުނެވެ. "އަޅެ ނާހިޒް ކީއްވެ ތިހެން ތި ހެދީ؟ ކިހައި ރަނގަޅަކަށް އަހަރެން މި އުޅުނީ؟"
"ނޫރާން!" ވަރަށް އޯގާތެރިކަމާ އެކުގައި ނާހިޒް ބުންޏެވެ. "ދެއަންބަށް މީހުނާ އިންނަނީ އަނބިމީހާ ގޯސްވެގެނެއް ނޫނޭ! މީ ކުށެއް ނޫން. ހަރާންކަމެއް ވެސް ނޫން. ދެ ވަޒީފާއަދާކުރަނީ ފުރަތަމަ ވަޒީފާ ދެކެ ލޯބިނުވާތީއެއް ނޫން. ދެ ކުދިން ހޯދަނީ ވެސް ފުރަތަމަ ކުއްޖާ ދެކެ ލޯބިނުވާތީއެއް ނޫނޭ!"
"ހުސް ރަނގަޅު ވާހަކަ،" އަހަރެން އެއްބަސްވީމެވެ. "މިސާލަކަށް ދެ ފިރިން ހުއްދަ ނަމަ، އަހަރެން އެހެން މީހަކާ އިނަސް ނާހިޒަށް ހަމަ އެއްވެސް މައްސަލައެއް ނޯންނާނެ؟"
ނާހިޒްގެ ދޫ ތަޅުލެވުނެވެ. ކުރިން އޭނަ ގަސްތުކޮށްފައިއޮތީ ހަގުއަނބި މާލެގެންނާށެވެ. އެހެނެއް ނެހެދިއެވެ. އެއީ ދިރިއުޅެން އަހަންނަށް ފަސޭހަވިކަމެކެވެ. ހަގުއަނބީގެ ނަމެއް، އޭނަގެ ސިފައެއް އަހަންނަކަށް ނޭނގެއެވެ. އެނގޭކަށް ވެސް ބޭނުމެއް ނޫނެވެ. ނާހިޒް ބުނީ ތެދެކެވެ. ފިރިހެނުންނަށް ގިނަ އަނބީން ހުއްދައެވެ. ދީނުގައި އޮންނަ އުސޫލަކީ، ގަޔާވާ ހުރިހާ ކަމެއް ބަލައިގެންފައި، ހިތްހަމަނުޖެހޭ ކަންކަން ދޫކޮށްލުމެއް ނޫނެވެ. ދީނުގައި ގޯސްކަމެއް ނޯންނާނެއެވެ. ކެތްނުކުރެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ.
މައިންބަފައިންނަށް ހަގީގަތް އެނގުމުން ދެން ވާނެ ގޮތެއް، އޭރުން އަހަރެން ކަންތައްކުރާނެ ގޮތެއް ވެސް ނޭނގެއެވެ. މި ސިއްރު ބޭޒާރުނުވާހައި ހިނދަކު، މިއީ ނުވާކަމެކެވެ. ބޭޒާރުވުމުން އެ ކަމާ ފަހުން ވިސްނާނީއެވެ. ދެވަނަ އަންބެއް ގޮތުގައި އުޅެން އަހަންނަށް މައްސަލައެއް ނެތެވެ. އެކަމަކު އެހެން މީހުންނަށް އެ ކަން އެނގޭ ހިސާބުން ދެން ވާނީ ކިހިނެއްކަމެއް ނޭނގެއެވެ. އެނގޭކަމެއް އެބައޮތެވެ. އަނބީން ގިނަވާ ވަރަކަށް ލޯބި ފޮތިކުރަންޖެހޭ ވަރު ވެސް ގިނަވާނެއެވެ. ނިމުނީ
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލް
23 March 2023
ބޮޑު ހާސަރެއް. ވާހަކައެކޭ ކިޔާފަ ބޮޑު މައްސަލައެއް ފެށުނު ހިސާބުން ނިމުނީޢޭ ޖެހީމަ ވީ؟؟؟
ޏާއްކޮ
22 March 2023
މީ ދެން ވާހަކައެއް ތަ؟ ބިންމާ ދަސްކުރަން ވެއްޖެއެއްނު ކޮޅެއްގަ ޖައްސާފަ ވާހަކަ ނިންމަން. ފޭސްޕާާމް
ޕަރސަން
22 March 2023
ރޯދައިގެ ފަހުން ވަރަށް އަސަރުގަދަ ރީތި ދިގުވާހަކައެއް ގެނެސްދޭތި އިނގޭ ބިންމާ.
މަހިނޫ
22 March 2023
މިއީ އަހަރެންގެ ވާހަކަ. ހިތާމައަކީ އަނބިންގެ މެދުގައި ހަމަހަމަ ކުރަން ފިރިން ނުކުޅެދޭކަން. ހުއްދަ ކަންކަން އަމިއްލަ ފައިދާއަށް ނަގާކަން. ފަރުޟް ފަސް ނަމާދު ނުކުރެވުނަސް ސުންނަތަކަށް ވީތީ އަނބިން ހޯދަން ޖެހޭ. އަނބީން ކުރާ ހިތާމައާއި ހިތްދަތި ވާވަރު އަދި ދަރިންނަށް ކުރާ އަސަރު ނުފެނޭ. ފިރިންނަށް ހެޔޮ ވިސްނުން ދެއްވާށި.
ގާރލް7
22 March 2023
އަދި ކިރިޔާ ވާހަކަ ފެނުނީމި، އެހެންނުން ވާނީ ފަތިހުއްސުރެ ވާހަކައިގެ ނަން ހަނދާން ވަންދެން ސާރޗް ބަޓަންގަ "ފޯނުނަރު" ލިޔެގެން ވިއްޔަ މި ސާރޗް ކުރީ.
ސަސ
22 March 2023
ބިންމާ އަށް، ހިތްވަރާއެކު މިދިޔަ 11 މަސްދުވަސް ވަންދެން ކޮންމެ ހަފުތާއަކު 2 ދުވަހު ވާހަކަ ގެނެސްދިންކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ. ރޯދައިގެ ފަހުން ބައްދަލުވާނެ ކަމަށް އުއްމީދު ކުރަން
ވާހަކ
22 March 2023
އެންމެފަހުން ބިމާވެސް 2 އަނބި ވައިރަހަށް ފައްސިވީތާ؟
ަްހަސީނާ
22 March 2023
މަ ފަސްޓް!
ގًސިމް
22 March 2023
ޕްލٍޒް މިފަހަރު ރދަމަހު އެދުރުބެ ގެނެސްދެއްޗެ
ޕްލީޒްޑް
22 March 2023
ޕްލީޒް
ޢެދުރު
22 March 2023
ޔެސް ޔެސް ޔެސް