20 އެޕްރީލް 2023 - 07:41
ޝާހްރުކް ހާނާއި ސަލްމާން ހާންގެ އާ ފިލްމު "ޕަތާން ވާސަސް ޓައިގާ" ގެ ތީމް ރާގު ނެރެފި އެވެ.
ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އެ ރާގު ނެރެފައި ވަނީ އަދިތުޔާ ޗޯޕްރާގެ ސްޕައި ޔުނިވާސްގައި ހިމެނޭ ފިލްމުތަކުގެ ތެރެއިން މި އަހަރު ނިކުތް "ޕަތާން" ފިލްމުގައި ފެންނަ ސަލްމާންގެ ކެމިއޯ މަންޒަރު ދައްކައިދޭ ވީޑިއޯއަކާ އެކު އެވެ.
ޝާހްރުކާއި ދީޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް އުޅޭ، ސިދްހާތު އާނަންދު ޑައިރެކްޓުކޮށްފައިވާ "ޕަތާން" ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެއީ އަދިތުޔާގެ ޔުނިވާސްގެ ހަތަރު ވަނަ ފިލްމެވެ.
ޝާހްރުކް ހާން އަދި ސަލްމާން ހާން، "ޕަތާން" ފިލްމުގައި
އެ ޔުނިވާސްގެ އެންމެ ފުރަތަމަ، 2012 ވަނަ އަހަރު ނެރުނީ ސަލްމާނާއި ކެޓްރީނާ ކައިފްގެ "އޭކް ތާ ޓައިގާ" އެވެ. އޭގެ ފަހުން، 2017 ވަނަ އަހަރު "ޓައިގާ ޒިންދާ ހެއި" ރިލީޒްކުރި އިރު، ތިން ވަނަ ފިލްމަކީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އުޅޭ، 2019 ވަނަ އަހަރު ނިކުތް "ވާ" އެވެ.
ދެން އެންމެ އަވަހަށް އެ ޔުނިވާސްގެ ފިލްމަކަށް ނިކުންނާނީ، މި އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ "ޓައިގާ 3" ފިލްމެވެ.
"ޕަތާން" ގެ ކާމިޔާބީ އާއި ޝާހު އަދި ސަލްމާންގެ ސީނަށް ލިބުނު ބޮޑު ތަރުހީބާއެކު، "ޕަތާން ވާސަސް ޓައިގާ" އިއުލާނުކޮށް، ޕްރޮޑަކްޝަންގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy