"ޑްރީމް ގާލް 2" ގެ ޕޯސްޓަރެއް
25 އެޕްރީލް 2023 - 08:00
ބޮލީވުޑްގެ ތަރި، އަޔޫޝްމަން ކުރާނާ އާއި އަނަންޔާ ޕާންޑޭ ލީޑު ރޯލު ކުޅޭ "ޑްރީމް ގާލް 2" ރިލީޒްކުރުން އަންނަ އޯގަސްޓް މަހަށް ފަސްކޮށްފި އެވެ.
ހެއްވާ މަޖާ ގިނަ މަންޒަރުތަކެއް ފެނުނު، 2019 ވަނަ އަހަރު ނިކުތް "ޑްރީމް ގާލް" ގެ ދެވަނަ ބައި ކުރިން ރިލީޒްކުރާގޮތަށް ހަމަޖެހިފައި އޮތީ އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް، އިއްޔެ އެކްޓަރު އަޔޫޝްމަންގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ވާގޮތުން، މިހާރު ފިލްމު ރިލީޒްކުރާގޮތަށް ހަމަޖެހިފައި ވަނީ އޯގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.
"ޑްރީމް ގާލް" ފިލްމުގައި ފެނުނީ ޒުވާން ފިރިހެނަކަށް (އަޔޫޝްމާން) ވަޒީފާއެއް ނުލިބިގެން އުޅެނިކޮށް، ކޯލް ސެންޓަރެއްގައި މަސައްކަތް ކުރަން ލިބި، އެތަނުގައި އޭނާ އަންހެނެއްގެ އަޑުން ވާހަކަދައްކައި، ގިނަ ފިރިހެނުންގެ ހިތްތައް އަތުލަމުން ދިޔަ ހެއްވާ މަޖާ މަންޒަރުތަކެވެ. ހެއްވާ މަޖާ މަންޒަރުތަކާ އެކު ޕޫޖާ އެނބުރި ސްކްރީނަށް އަންނާތީ ގިނަބަޔަކު ތިބީ ކެތް މަދުވެފަ އެވެ.
"ޑްރީމް ގާލް 2" ގެ ދެވަނަ ޓީޒާއެއް ދުވަސްކޮޅެއް ކުރިން އަޔޫޝްމަން ވަނީ ޝެއާކޮށްފަ އެވެ. އޭގައި ފެންނަނީ އޭނާ ކުޅޭ ޕޫޖާގެ ކެރެކްޓާއަށް ވެގެން، ސަލްމާން ހާންގެ އަޑުން ވާހަކަ ދައްކާ މީހަކަށް ގުޅާ މަންޒަރެވެ. ފުރަތަމަ ޓީޒާގައި ޝާހުއަށް ގުޅައި ޕަތާންގެ ވާހަކަ ދެއްކި ގޮތަށް، މި ޓީޒާގައި ދައްކާފައި ވަނީ ސަލްމާންގެ އާ ފިލްމު "ކިސީ ކާ ބާއި ކިސީ ކީ ޖާން" އާ ގުޅޭގޮތުންނެވެ.
"ޑްރީމް ގާލް 2" ގައި އަޔޫޝްމަން އާއި އަނަންޏާގެ އިތުރުން، ޕަރޭޝް ރަވާލް އާއި ރަޖްޕަލް ޔަދަވް އާއި އައްނޫ ކަޕޫރާއި ވިޖޭ ރާޒް އަދި މަންޖޯތު ސިންގުގެ އިތުރުން، ފުރަތަމަ ބައިން ފެނުނު ގިނަ ކާސްޓުން ވެސް މި ފިލްމުގައި ފެންނާނެ އެވެ.
"ޑްރީމް ގާލް" ސީކުއެލްގެ ފުރަތަމަ ފިލްމު އުފެއްދި ރާޖް ޝާންޑަލިޔާ ލިޔެ ޑައިރެކްޓުކޮށްފައިވާ "ޑްރީމް ގާލް 2" ޕްރޮޑިއުސްކޮށްފައި ވަނީ އެކްތާ ކަޕޫރާއި ސޯބާ ކަޕޫރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy