17 މެއި 2023 - 05:45
އާދިއްތަ ދުވަހާ ގުޅޭ
"ގެޔަކު ވެސް ނެތް." ހާސްވެފައި ސީމާ ބުންޏެވެ.
ހުރެވުނު ތަން ވެސް ފައިސަލަށް ނޭނގުނެވެ. ނުކުތުމަށް ޓަކައި ދޮރާ ދިމާއަށް ދުއްވައިގަތެވެ. އެ ވަގުތު ސިރާޖު ގޮވައިލި ނަމަވެސް ފައިސަލަކަށް އެ އަޑެއް ވެސް ނީވުނެވެ. ފައިސަލްގެ ހިތުގައި އޮތީ އެންމެ ތަސްބީހައެކެވެ. ޒިޔާން ގޮވައިގެން އާމިރާ ފުރީއެވެ. ޒިޔާން ގޮވައިގެން އާމިރާ ފުރީއެވެ. އަވަހަށް ގެއާ ދިމާއަށް ދާންއުޅެނިކޮށް ފައިސަލް އެކުސިޑެންޓު ނުވީ ވެސް ހަމަ ކިރިޔާއެވެ. އެ ކަމާ ވެސް ރުޅިއައީ އާމިރާ ދެކެއެވެ. ވަކި ހިސާބަކަށް ގޮސްފައި، މަގުގެ އެއްކައިރިއަށް ސައިކަލު މަޑުކޮށްފައި ފުލުހުންނަށް ގުޅިއެވެ. ޒިޔާން ގެއްލުނު ވާހަކަ ރިޕޯޓުކުރިއެވެ. ގެންދިޔައީ އާމިރާ ކަމުގައި ވެސް ބުންޏެވެ. އެއްވެސް ހެއްކެއް ނެތިއެވެ. ސައިކަލުގައި ގޮސް ގެ ކައިރިއަށް މަޑުކޮށްލައިފައި އަނެއްކާ ވެސް ދުއްވައިލިއެވެ. ދިޔަ ގޮތަށް ދިޔައީ މަދަރުސާއަށެވެ. ހަގީގަތުގައި އެއީ އެންމެ ކުރިން ކުރަންވީ ކަންތަކެވެ. ފުލުހުންނަށް އަންގަންވީ އެއަށް ފަހުއެވެ. ރުޅިއައިސް، ހާސްވެފައިހުރި ވަރުން ފައިސަލްގެ ބުއްދި ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. ޕުރިންސިޕަލާ ބައްދަލުކުރެވޭ ގޮތެއް ނުވިއެވެ. ދިމާވީ ބާގިރެވެ. އޭނައަކީ ހެޑުމާސްޓަރެވެ. ފައިސަލް ދަންނަ މީހެކެވެ. ވެގެންއުޅޭ ގޮތް ކިޔައިދިނުމުން ބާގިރު ބެލީ، ދޮރޯށި ކައިރީގައިހުރި ކެމެރާއަށް ރިކޯޑުވެފައިވާ މަންޒަރުތަކެވެ. އެ މަންޒަރުތަކުން ޒިޔާން ހޯދަން ލައްކަ ގިނަ ވަގުތު ނެގިއެވެ. ކެމެރާއިން ފެންނަނީ، ނިމިގެން ހުރިހައި ކުދިން ނުކުތް އިރު ޒިޔާން ވެސް ނުކުންނަ ތަނެވެ. ނުކުމެގެން ގޮސް ކެމެރާއަށް ގެއްލެނީއެވެ. ބަލައި އައި މީހެއް ނުވަތަ ޒިޔާން ގެންދިޔަ މީހެއް ނުފެނެއެވެ.
"ޔަގީން އާމިރާކަން ގެންދިޔައީ!" އެ ތަނުގައި ވެސް ފައިސަލަށް ބުނެވުނެވެ.
އާމިރާގެ ފޯނަށް ނުގުޅާ މީހަކު ނެތެވެ. ޕުރިންސިޕަލާއި، ފުލުހުންނާއި، ފައިސަލް ވެސް ގުޅިއެވެ. ފޯނު އޮތީ ނިއްވައިލައިފައެވެ. ފައިސަލް ދުށް ގޮތުގައި އެއަށް ވުރެ ބޮޑު ހެތްކެއް ނުދެއްކޭނެއެވެ. އެއާޕޯޓުގެ ކެމެރާތަކުން ވެސް ދެމައިން އެކުގައި ފުރިތަން ފެންނާނެއެވެ. ދާނީ އިންޑިޔާއަށެވެ. އާމިރާގެ މައިބަފައިން ތިބެނީ އިންޑިޔާގައެވެ. ފުލުހުން އެ ކަން ތަހުގީގުކުރި އިރު ފައިސަލް އަމިއްލަ ގޮތުން ވެސް އެ ކަން ވޭތޯ އުޅުނެވެ. އެހީވީ ސިރާޖެވެ. ސިރާޖުގެ ވަރަށް ގާތް އެކުވެރިއެއް އެއާޕޯޓުގެ، އެ ފަދަ ކަންކަން ބެލޭ ހިސާބެއްގައި އުޅެއެވެ.
"އެ ކަން ކުރިޔަށް އެބަ ދެޔޯ!" ސިރާޖަށް އައި މެސެޖު ބަލައިލައިފައި ސިރާޖު ބުންޏެވެ.
ދެމީހުން ތިބީ ފައިސަލްގެ ގޭގައެވެ. އެ ފަދަ ހާލަތެއްގައި ފައިސަލް އެކަނިކޮށްފައި ދާކަށް ސިރާޖަކަށް ނުކެރުނެވެ. ކޮޓަރީގައި، އެކަނިމާއެކަނި ސީމާ ދެކޮޅަށް ހިނގައިލަހިނގައިލާ ހުއްޓެވެ. ސީމާއަށް ނުފެނި ޒިޔާން ނުކުތީ ކިހިނެއް ހެއްޔެވެ؟ ސީމާގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެއީއެވެ. ސީމާގެ ލޮލުގައި ޒިޔާން އަޅައިނުގަތީ ކީއްވެގެން ހެއްޔެވެ؟ ޔަގީނުން ވެސް ސީމާއަކަށް އާމިރާއެއް ނުފެނެވެ. ފައިސަލަށް ނޭނގި ޒިޔާނާއި އާމިރާ އެ ފަދަ ރޭވުމެއް ރާވައިފާނެ ހެއްޔެވެ؟ ސީމާއަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ކަހަލަ ކަމެއްކުރަން އާމިރާއަށް ކެރުނަސް ޒިޔާނަކަށް ނުކެރޭނެއެވެ. ސީމާ ދަންނަ ޒިޔާނަކީ، އެ ކަހަލަ ކުއްޖެއް ނޫނެވެ.
"އެހެރީ އާމިރާގެ ހުންނަ ހިޔަޅުކަން." ފައިސަލް ރުޅިއައިސްފައި ބުންޏެވެ.
"ތިހިރީ ކަލޭގެ ހުންނަ ގަމާރުކަން." ސިރާޖު ބުންޏެވެ.
ފައިސަލް ހިތްހަމަނުޖެހިފައި ސިރާޖަށް ބަލައިލިއެވެ. ތީގެ މާނައަކީ ކޮބައިހޭ އަހާ ކަހަލަ ގޮތަކަށެވެ.
"އާނ ދެން އެހެން ކީކޭ ބުނާނީ؟" ސިރާޖު ބުންޏެވެ. "އެއްވެސް ހެއްކެތް ދަލީލެއް ނެތް ހީއެއްގަ ކަލޭ ތި ހުންނަނީ ހަތަރެސްފައިން ބައްދައިގެން. ތިއޭ އަސްލު މައްސަލައަކީ. ފައިސަލްގެ ހިތް ހެވެއް ނޫން. އިނދެގެން އުޅޭތާ ގަރުނެއްވީ އިރު ވެސް އަންހެނުން ދަހެއް ނުވޭ! އަހަންނަށް ކަށަވަރު އާމިރާ އެ ކަހަލަ ކަމެއް ނުކުރާނެކަން. މަ މީ ކާކު؟ ހީވޭތަ ޒިޔާން ބޭގަށް ޕާސްޕޯޓު ލައިގެން ސްކޫލަށް ދާނެހެން؟"
ޕާސްޕޯޓު މަތިން ފައިސަލް ހަނދާން ވެސް ވީ އެ ހިސާބުންނެވެ. ޒިޔާނަށް ޕާސްޕޯޓު ހެއްދިއެވެ. ޕާސްޕޯޓު އޮތްތަން ފައިސަލް ނޫން މީހަކަށް ނޭނގޭނެއެވެ. އަވަސްއަވަހަށް ގޮސް ބެލި އިރު ފައިސަލް ބޭއްވި ތަނުގައި ޕާސްޕޯޓު އޮތެވެ. މުއްދަތު ބެލި އިރު މުއްދަތެއް ހަމައެއް ނުވެއެވެ. ޕާސްޕޯޓު ހިފައިގެން އެއަށް ބަލަން ހުއްޓައި ސިރާޖު ކޮޓަރިއަށް ވަނެވެ.
"ހަމަ އެއްވެސް ކަމަކާ ނުލާ އެތައްމިތާ ތި ހަޅޭއްލަވަނީ އާމިރާއޭ އާމިރާއޭ ކިޔާފަ،" ސިރާޖު ބުންޏެވެ. "ތީތި އަހަންނަށް ވަރަށް ކަޑަ."
"ދެން އެހެންވިއްޔާ ޒިޔާން ކޮބާ؟" ފައިސަލް ސުވާލުކުރިއެވެ.
"ޒިޔާން!" ސީމާ ބުނި އަޑުއިވުނެވެ.
ފައިސަލާއި ސިރާޖު ކޮޓަރިން ނުކުތް އިރު ޒިޔާން ގޭތެރޭގައި ހުއްޓެވެ. އޭނަ ހުރީ ޔުނީފޯމުގައެވެ. ދަބަސް ވެސް ކޮނޑުގައި އޮތެވެ. އޭރު ޒިޔާން ގެއްލިގެން އުޅޭތާ ދެތިން ގަޑިއިރު ވެއްޖެއެވެ.
"ކޮން ތާކުން ތި އައީ؟" ހާސްވެފައި ހުރި ފައިސަލަށް ހަޅޭއްލަވައިގަނެވުނެވެ. ހަމަ އެ ވަގުތުމެ ރުޅި ކޮންޓުރޯލުކޮށްފައި، ދެވަނަ ފަހަރަށް ފައިސަލް ބުންޏެވެ. "ދަރިފުޅު ކޮން ތާކުން ތި އައީ؟ ޒިޔާން ހޯދާތާ މިހާރު ކިހާ އިރެއް؟ ޕޮލިހަށް ވެސް އަންގައިފިން. ކޮން ތާކުން ތި އައީ؟"
"ސްކޫލުން ނުކުންނަމުން ހިތަށްއެރީ، މަންމަގެ ފްރެންޑް ގޭގަ ވެސް މަންމަ އުޅެފާނޭ،" އިސްޖަހައިލައިގެންހުރެ ޒިޔާން ކިޔައިދިނެވެ. "ސްކޫލް ކައިރީގަ ހުންނާނެ މަންމަގެ ފްރެންޑެއްގެ ގެއެއް. ސްކޫލް ނިންމާފަ، ބައެއް ދުވަސްދުވަހު މަންމަ ދާނެ އެ ގެއަށް. އެ ގެ ބަލައިލަން ދިޔައީ. ދޮރާށި ހުރީ ތަޅުލާފަ. އެތައް އިރަކު ހުރެހުރެ ވެސް ދޮރެއް ނުހުޅުވި. ދެން ހިތަށްއެރީ ގެއަށް ދާންވީއޭ. އެހެންވެ ގެއާ ދިމާލަށް ހިނގައިގަތީ. ދަނިކޮށް..."
"ޒިޔާނަކަށް ނޭނގޭނެއްނު އެކަނި ގެއަށް އަންނާކަށް." ފައިސަލް ހަނދާންކޮށްދިނެވެ.
"ޔާ!" ޒިޔާން އިނގެރޭސިން ބުންޏެވެ. "މަގުއޮޅުނީ. ހިނގާހިނގާ ވަރުބަލިވި ފަހުން ގެ ފެނުނީ."
މައްސަލަ އެ ހިސާބުން ހައްލުވިއެވެ. ސިރާޖު ގެއަށް ގޮސް، ފުލުހުން ވެސް އެ ވޭދަނަ ލައްޕައިލިއެވެ. ލެއްޕެން ހަނދާންނެތުނީ ފައިސަލްގެ އެސްފިޔަތަކެވެ. ފޯނުގައި އޮތް އާމިރާގެ ފޮޓޯއަކަށް، ކަޅިޖަހައިނުލައި ފައިސަލް ބަލަހައްޓައިގެން އޮތެވެ. ހިތަށްއެރިއެވެ. ސިރާޖު ބުނީ ތެދެކެވެ. އިނދެގެން އުޅެ ކުއްޖަކު ލިބި، އެ ކުއްޖާއަށް ބާރަ އަހަރު ފުރުނު އިރު ވެސް ފައިސަލަކަށް އާމިރާ ދަހެއްނުވިއެވެ. ފައިސަލާއި އާމިރާއަކީ، އެއް ފުރާޅެއްދަށުގައި، އެއް އެނދެއް ހިއްސާކުރި ދެ ބީރައްޓެހިންނެވެ. ކައިވެނިކުރީ ލޯބިންނެވެ. އެ ލޯބި ކުލުނަށް ބަދަލުވެ، އެކުއުޅެން ދެ މީހުން އާދަވެ، ހޭނި، އެއްގޯސްވީއެވެ. އުފާވެރިކަމުގެ މާތައް މޯޅިވެ، ކައިވެނީގެ މަގުސަދު އޮޅުނީއެވެ. ދަރިފުޅުގެ ތަރުބިއްޔަތަށް ސަމާލުކަންދިނުން ފިޔަވައި އެހެން ހުރިހައިކަމަކަށް ލޯމަރައިލެވުނީއެވެ.
އާމިރާގެ ޚަބަރެއްނުވާތާ ހަފުތާއެއްވިއެވެ. ކުޑަމިނުން އޭނަ ހުރީ ކޮން ގައުމެއްގައިކަމެއް ވެސް ފައިސަލަކަށް ނޭނގެއެވެ. ބަލާކަށް ވެސް ނޫޅެއެވެ. ހޯދަން އުޅުނު ނަމަ ފައިސަލަށް ހޯދުނީހެވެ. ވަނީ ވަރަށް އެހެން ކަހަލަ ގޮތެކެވެ. ބައެއް ފަހަރު ހަނދާންވެގެން ހިތުގަޖެހެއެވެ. އަނެއްބައި ފަހަރު ހަނދާން ނުވެ އެތައް ގަޑިއިރެއް ވެއަތުވެއެވެ. ޒިޔާނަށް ވެސް ވާހެން ފައިސަލަށް ހީވީ އެހެންނެވެ. ބައެއް ފަހަރު ޒިޔާން މަންމަގެ ވާހަކަ އަހައެވެ. ނާހައި ވެސް އެތައް ދުވަހެއް ވެއަތުވެއެވެ. ޒިޔާން އެންމެ ދެރަވަނީ، ޒިޔާނަށް ފޯނު ލިބުނު ދުވަހު ގުޅައިފައި، އޭގެ ފަހުން އެއްފަހަރު ވެސް މަންމަ ގުޅައިނުލީތީއެވެ.
ސައިކަލަށް ޕެޓުރޯލުއަޅަން ކިޔޫގައި ފައިސަލް މަޑުކޮށްގެން އިން ދުވަހެކެވެ. ސައިކަލު ފަހަތުގައި ސިރާޖު އިނެވެ. އޭރު އަންހެންކުއްޖަކު ވެސް ޕެޓުރޯލުއަޅަން ކިޔޫގައި އިނެވެ. އޭނަ އިނީ ފައިސަލާ ޖެހިގެން ކުރިޔަށެވެ. އެ ކުއްޖަކު ލައިގެންއިން ހެދުން ކުރުކަމުން ބުރަކަށީގެ އެއްބައި އޮތީ ފެންނާށެވެ. އެ ތަން ފެނިފައި، އެ ދިމާއަށް ބަލަހައްޓައިގެން ފައިސަލަށް އިނދެވުނީ ކޮންމެހެން ބުރަކަށި ބަލާކަށް ނޫނެވެ. ކައިވެނިކުރުމުގެ ކުރިން އާމިރާ އެ ފަދަ ހެދުންލުމުން ފައިސަލަށް ރީތިވެފައި، ކައިވެނީގެ ފަހުން އެ ކަން ހުއްޓުވަން ފައިސަލް މަސައްކަތްކުރި ހަނދާންވެގެންނެވެ. އެ ކަހަލަ ހެދުންލުން އާމިރާ ހުއްޓައިލީ ފައިސަލްގެ ޝަކުވާ ބޮޑުވެގެން ގޮސް ކެތްނުވާ ހިސާބަށްދިޔުމުންނެވެ.
"ހޫނ! އަވަހަށް މީހަކާ އިންނަންއުޅޭ!" ސިރާޖު ބުނި އަޑުއިވުނެވެ.
ފައިސަލް ގާތަށް އައީ ލާނެތް ހިންޏެކެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުދެއެވެ.
"ހަމަ ރަނގަޅަށް މި ބުނީ،" ސިރާޖު ނަސޭހަތްތެރިވިއެވެ. "ތި ވާނީ އައުރައަށް. އެހެންވެ މި ބުނަނީ މީހަކާ އިންނަންއުޅޭށޭ!"
"އަހަރެންގެ އަންބަކު އެބަ ހުއްޓޭ!" އެނބުރިލައިފައި ފައިސަލް ބުންޏެވެ. "އާމިރާގެ ފިރިޔަކީ އަދި ވެސް އަހަންނޭ."
"އެއީ ތެދެކޭ ދޯ؟" ސިރާޖު ބުންޏެވެ. "އަހަންނަށް ހީވަނީ ތި ގޮތް މާ ބޮލަށްފަސޭހަހެން."
"ތި ކަން އެނގޭނެ މާދަމާ!" ނުތަނަވަސް ރާގެއްގައި ފައިސަލް ބުންޏެވެ.
"މަދަރސް ޑޭ" އަށް އިރުއެރުމާ އެކު، މާފިހާރަތަަކަށް މާބުރުތައް މިސްރާބުޖެހިއެވެ. މަންމަ ހުރިކަން ހަނދާންނެތިފައިތިބި މީހުންނާއި، މަންމަޔާ އަނގައިންބުނަން ފޫހިވެފައިތިބި މީހުންގެ މީސްމީޑިޔާ އެކައުންޓުތަކުން ވެސް މަންމަގެ ފޮޓޯތައް އުތުރިއަރައި، ހެޔޮދުއާ ގުގުމަން ފެށިއެވެ. ފައިސަލް އިނީ އެ ލޮޅުމަށް ތައްޔާރުވެގެންނެވެ. އާމިރާގެ އުފަންދުވަސް ހަނދާން ނެތުނަސް، މައިންގެދުވަސް ފައިސަލް ހަނދާނެއް ނުނެތެއެވެ. ހަނދާންކޮށްދޭން މީހަކު ހުންނާތީއެވެ. އެ ދުވަހަށް އިރުއެރުމުގެ ކުރިން ފައިސަލް މާބޮނޑިއެއް ގެނެސް ރައްކާކުރެއެވެ. ކާން ދާނެ ރެސްޓޯރަންޓެއް ނިންމައެވެ. އެހައި ފުރިހަމަކޮށް އެ ދުވަސް ފާހަގަކުރަނީ ޒިޔާނަށް ޓަކައެވެ. ހުރިކަމެއް ރާވަނީ ވެސް ޒިޔާންގެ ލަފާހޯދައިގެންނެވެ.
ފައިސަލް ގެއަށް އައީ ހުސްއަތާއެވެ. ސީމާ އިނީ، އިއަރފޯނު ޖަހައިގެން ސޯފާގައި އިށީނދެލައިގެންނެވެ. އިށީނުމަށް ވުރެ ބޮޑަށް އޮށޯތުމަކާ ގާތްވާ ކަހަލަ ގޮތަކަށް، ނިދިފައެވެ. އޭނަގެ ފަން އިސްތަށިގަނޑު، ފަންކާގެ ވައިން މޫނުމައްޗަށް ފެތުރިފައިވެއެވެ. ފައިސަލްގެ ލޮލުގައި އަޅައިގަތީ ސީމާއަށް އޮވެވުނު ގޮތެވެ. ހަތާވީސް އަހަރުގެ އަންހެނެއްގެ، ކުރިން އަޅައިނުގަނެއޮތް އަންހެންވަންތަކަމެވެ. ބައްޓަމާއި ކުލަފަތިކަމެވެ.
ނުނިމޭ
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވނނވވބވނ
20 May 2023
ވާހަކަ ވ ރީތި. އެކަމަކު “ލައިގެން އިން ހެދުން ކުރުކަމުން ބުރަކަށި އޮތީ ފެންނާށެވެ.” ހެދުމެކޭ އާއްމުކޮށް ކިޔަނީ ފައިމަސްގަނޑަށް ވުރެތިރިއަށް ހުންނަ އަންނައުނަށް ހެން ހީވަނީ. މިސާލަކަށް ހަރުވާޅު ހެދުން. ވައްތިރި ހެދުން. ހެނދުމެއް ކުރުވެ ބުރަކަށި ފެންނަންޔާ ދެން ތިރިން ފެންނާނީ އެއްޗެއް ނުލާ އިންދައެއްނު. އެގޮތަށް އަހަންނަށް ސިފަވީ.
ސީމާސާދާ
19 May 2023
ސީމާގެ ދުވަސް
ސީމާ ދޭވީ
19 May 2023
ސީމާ ދޭވީ އަކީ ކޮން ގައުމެއްގެ އަންހެނެއް
ހިތާ
17 May 2023
ހިތާވީ
ސީމާ މެއިޑް
17 May 2023
މަގޭ ދުވަސް އެ ދިޔައީ
ކުރަފަތްބޭބޭ
17 May 2023
ޔޭ މަ ފަސްޓް
އެކުއްޖާ
17 May 2023
ވަރަށް ސަޅި?☺️
ތެފައާސާ
17 May 2023
ހައި ކައި، ފެމިލީ، ފްރެންޑްސް އެންޑް ހޭޓާރސް. ގުޑް މޯރނިންގ އެންޑް ހޭވް އަ ވޮންޑަރފުލް ޑޭ.
ކައިލީ (ބިންމާ ވަރޝަން)
17 May 2023
ތެންކޫ.. ވަރަށް ރީތި ވާހަަކަ އެންޑް ލަވް ޔޫ ތެފައާސާ
ކްއިކް ގަން މުރުގަން
17 May 2023
ނައިސް ،