21 މެއި 2023 - 06:28
ބުދަ ދުވަހާ ގުޅޭ
ބައްޓަމާއި ކުލަފަތިކަމެވެ. ސީމާ އޮތްގޮތާއި، ތަނުގައި އެ ވަގުތު އަލިކަން ހުރިގޮތުން، އާމިރާ މަތިން ފައިސަލް ހަނދާންވިއެވެ. އާމިރާ ވެސް ހަމަ އެ ތަނުގައި، އެ ކަހަލަ ގޮތަކަށް ނިދިފައިއޮއްވައި ކިތަންމެ ފަހަރަކު ފައިސަލަށް ގެއަށް ވަދެވެއެވެ. ފައިސަލްގެ ފައިތިލަ، ބޭއިހުތިޔާރުގައި ފައިސަލް އެ ދިމާއަށް ގެންދަން ފެށިއެވެ. ފައިސަލަށް ފެންނަނީ ސީމާއެއް ނޫނެވެ. އާމިރާއެވެ. ބައެއް ރޭރޭ ފައިސަލް އައިސް އާމިރާޔާ ސަމާސާ ވެސް ކޮށްލައެވެ. އެ ސަމާސާ ފޮނިވިހައަކަށް ވެސް ބަދަލުވެއެވެ. ސީމާޔާ ތިން ފޫޓެއްހައި ހިސާބަށް ގާތްވެފައި ފައިސަލް ހުއްޓުނެވެ. "އާމިރާ" ގެ ފައިން ފެށިގެން ބޮލަށް ބަލައިލިއެވެ. ހަމަ އެ ވަގުތު ސީމާ ލޯހުޅުވައިލިއެވެ. ފައިސަލް ސިއްސައިގެންދިޔައެވެ. ވަގުތުން ފަސްއެނބުރިފައި ހިނގައިގަތެވެ. އެހެނަސް، ކަޅިޖަހައި ނުލައި ސީމާއާ ދިމާއަށް ފައިސަލް ބަލަންހުރިތަން ސީމާއަށް ފެނިއްޖެއެވެ. ސީމާއަށް ލިބުނު ސިހުމުގެ އަސަރު އޮބެން އިރުކޮޅެއް ނެގިއެވެ. އެ ފަދަ ނަޒަރަކުން ސީމާއާ ދިމާއަށް ދުވަހަކު ވެސް ފައިސަލް ނުބަލައި ހުރެފައި، ބަލަން މަޖުބޫރުވީ ކީއްވެގެން ހެއްޔެވެ؟ އެއީ ސީމާއަށް އެއްކޮށްލަން އުނދަގޫ ނަންބަރެއް ނޫނެވެ.
އެނދު ހުރަހަށް އޮށޯވެގެންއޮތް ފައިސަލް ނިކަން ބާރަށް ބާލީސް މަތީގައި ޖެހިއެވެ. ކުރެވުނު ކަންތަކުގެ ސަބަބުން ފައިސަލްގެ ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ. ލަދުގެންފިއެވެ. ހިނގިކަންތައް ހިނގިކަން ގަބޫލުކުރާކަށް ވެސް ފައިސަލް ބޭނުމެއް ނޫނެވެ. ފައިސަލް ހިތަށްއެރިއެވެ. އެ ހާލަތު މެދުވެރިވީ އާމިރާޔާ ހެދިއެވެ. އޭނަ ނުދިޔަ ނަމަ، އެ ފަލީހަތް މެދުވެރިއެއް ނުވީހެވެ. ދޮރުގައި މަޑުމަޑުން ޓަކިޖަހައިލި އަޑާ އެކު ފައިސަލް ފުންމައިގެން ތެދުވިއެވެ. ޒިޔާން އެ ގޮތަށް ޓަތްކެއް ނުޖަހާނެއެވެ. ދެން ހުންނާނީ ސީމާއެވެ. އޭނަޔާ ކުރިމަތިލާނެ ގޮތެއް، ބުނާނީ ކީކޭކަމެއް ފައިސަލަކަށް ނުވިސްނުނެވެ. އަނެއްކާ ވެސް ދޮރުގައި ޖަހައިލި އަޑުއިވުނެވެ. ކޮންމެ ފަހަރަކު ވެސް ސީމާ ޓަކިޖަހަނީ، ޖަހަންނުޖަހަން ހުރެފައެވެ.
"ކާކު؟" ކާކުކަން އެނގިހުރެ ފައިސަލަށް އެހުނީ ހެއްވާ ސުވާލެކެވެ.
"އަހަރެން." ސީމާ ބުންޏެވެ.
"ވަދޭވަދޭ!" ފައިސަލް ޖެހުނީ އެހެން ބުނާށެވެ.
ސީމާ މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ވީ ކަންތައް ނުވާކަމަށް ހެދެން ދެ މީހުން ވެސް މަސައްކަތްކުރިއެވެ. ކޮންމެ މީހަކަށް ވެސް އެ ކަން އެނގެއެވެ. ނޭނގޭކަމަށް ހެދުނީއެވެ.
"ޒިޔާން ކާކަށް ނައި،" ދައްކާ ވާހަކައަށް ސަމާލުކަންދޭން މަސައްކަތްކުރަމުން ސީމާ ބުންޏެވެ. "އެނދުން ނުވެސް ތެދުވި. ވަރަށް ގިނަ ފަހަރު ގޮވައިފިން. ހީވަނީ މަދަރސްޑޭވީމަ.."
ލިބުނު ފުރުސަތުގައި، ފައިސަލް ނިކަން ބާރަށް ދޮރާ ދިމާއަށް ހިނގައިގަތެވެ. ސީމާގެ ލޯމަތިން ގެއްލުނެވެ. އައިސްއަލަމާރި ހުޅުވައިލައިފައި ބަލައިލި އިރު ފައިސަލްގެ ލޮލުގައި އަޅައިގަތީ ޗޮކުލެޓު މިލްކްޝޭކު ކުޑަ ޕެކެޓެކެވެ. ޕެކެޓު ނަގައިފައި، ރަނގަޅަށް ތަޅުވައިލައިފައި، އެ ހިފައިގެން ޒިޔާންގެ ކޮޓަރިއަށް ވަނެވެ.
"ދަރިފުޅާ!" ފައިސަލް ބުންޏެވެ. "އަދިވެސް މީތި ޓެސްޓެއް ނުކުރަމެއްނު! ރަހަބަލައިލަން ތެދުވެބަލަ!"
ޒިޔާން ކުއްލިއަކަށް މަގަތަށް ފުރޮޅިލިއެވެ. ވަރަށް ގިނަ އިރު ރޮއިފައިވާކަން ޒިޔާންގެ ލޮލުން ފައިސަލަަށް އެނގުނެވެ.
"ޑެޑީއަށް މަންމަ ގުޅިތަ؟" ޒިޔާން އެހިއެވެ.
ފައިސަލް އައިސް ޒިޔާންގެ އެނދުގައި އިށީނެވެ. ވިސްނައިލާކަމަށް ހެދުނެވެ.
"އުހުނ!" ވަރަށް ނޭނގިފައި ފައިސަލް ބުންޏެވެ. "އެއީ ކީއްކުރަން ޑެޑީއަށް މަންމަ ގުޅަންވީ؟"
"ޑެޑީ!" ފައިސަލް ނޭނގޭކަމަށް ހަދަނީކަން ޒިޔާނަށް އެނގޭކަން ދޭހަވާ ކަހަލަ ރާގެއްގައި ޒިޔާން ބުންޏެވެ. "މީ މަދާރސްޑޭޔޭ!"
"އެހެންވީމަ ޑެޑީއަށްތަ ގުޅާނީ؟" ވީހައި ވެސް ލުއިކޮށް ފައިސަލް ބުންޏެވެ. "ނުޖެހޭނެ ގުޅާކަށް. މި ބޯލަބަލަ!"
ފައިސަލް އެ ޕެކެޓު ދިއްކޮށްލުމުން ފައިސަލްގެ އަތް ޒިޔާން މަޑުމަޑުން ދުރަށް ޖައްސައިލިއެވެ.
"ޑެޑީއަކަށް ނުގުޅާނޭ! ޑެޑީ ވެސް ނުގުޅާނެ. އައި ނޯ،" މަޑުމައިތިރި ރާގެއްގައި ޒިޔާން ބުންޏެވެ. "މަދާރސްޑޭގަ ޒިޔާނޭ މަންމައަށް ވިޝްކުރަނީ. އެކަމަކު ޒިޔާނަކަށް ނޭނގެ މަންމަ ވީ ތަނެއް. ގުޅޭނެ ނަންބަރެއް ވެސް ނޭނގެ. ޑެޑީއަށް އެނގޭތަ؟"
"ތި ވާހަކަދައްކަން ޒިޔާން ބޭނުމިއްޔާ، ފުރަތަމަ މި ބޯލާ!" ފައިސަލް އެދުނެވެ. "މެދާ ހަމައަށް ހުސްކޮށްލާ!"
ޒިޔާން ކުޑަކޮށް ހިތްހަމަނުޖެހިފައި ޕެކެޓު ޖަހައިގަތެވެ. ނިކަން ބާރުލައިފައި މެދާ ހަމައަށް ހުސްކޮށްލިއެވެ. ރުޅިއައިސްފައި ކަރުނަ ފުހެލިއެވެ. ކޮންމެ ކަމެއް ބައްޕަ ބޭނުންވާ ގޮތަށް ކުރުމަކީ ޒިޔާން ފޫހިވާކަމެކެވެ.
"ދެން ބުނަންވީނު!" ބާކީ ބައި ފައިސަލަށް ދިއްކޮށްލަމުން ޒިޔާން ބުންޏެވެ.
"ޑެޑީއަކަށް ނޭނގެ މަންމަ ވީތަނެއް،" ފައިސަލް ޖަވާބުދިނެވެ. "ނުވެސް އުޅެން ހޯދާކަށް ވެސް. މަންމަގެ ނަންބަރު އަބަދު ވެސް އޮންނަނީ ނިއްވާލާފަ. ދަރިފުޅަށް އެ ކަން ވެސް އެނގޭނެ. އެހާ ފިލައިގެންއުޅޭ މީހަކު ކިހިނެއް ހޯދާނީ؟"
"މަންމަ ހާދަ މިސްވެޔޭ ޑެޑީ!" އެހެން ބުނި އިރު ޒިޔާނަށް ރޮވިއްޖެއެވެ.
ފައިސަލް ވަރަށް ހިތްވަރުކޮށްފައި ކަރުނަ ހިފާއްޓައިލިއެވެ. ޒިޔާން ކުރިމަތީގައި ރޯކަށް ފައިސަލް ބޭނުމެއް ނޫނެވެ. ކަރުނަ ނުހިފޭއްޓޭނެކަން ޔަގީންވުމުން ޒިޔާން ގައިގައި ބައްދައިލިއެވެ. ފައިސަލްގެ މޫނު ޒިޔާނަށް ފޮރުވިއެވެ. އޭރު ފައިސަލަށް ވެސް ރޮވިއްޖެއެވެ. ހިތާމައަކީ، ޒިޔާންގެ ލޮލުން ކަރުނަ ފުހެދޭނެ ގޮތެއް ފައިސަލަށް ނުވިސްނުމެވެ.
"އެނގެޔޭ ދަރިފުޅާ އެނގެޔޭ!" ހިތްވަރުދޭ ކަހަލަ ރާގެއްގައި ފައިސަލް ބުންޏެވެ. "މަންމަޔަށޭ ތި ކަން ނޭނގެނީ."
"ޕްލީޒް ޕްލީޒް މަންމަގެ ނަންބަރު ހޯދަބަލަ ޑެޑީ،" ޒިޔާން އާދޭސްކުރިއެވެ. "އަހަރެން ބޭނުން މަންމަޔާ ވާހަކަދައްކަން. އޯކޭ އެއް މިނެޓު ވިޔަސް."
ހިތަށް ކުރި އަސަރަކުން ފައިސަލަށް ދެލޯމަރައިލެވުނެވެ. ފައިސަލްގެ ނަޒަރުގައި، މަންމަގެ ލޯތްބަށް އާދޭސްކުރަން ޒިޔާނަށް މަޖުބޫރުކުރުވީ އާމިރާއެވެ. ފައިސަލަށް ދަތްކުނޑިވިކައިލެވުނެވެ. ހިތުގައި ވަރުގަދަ އަޒުމެއްކަނޑައެޅި ވެސްމެއެވެ. ޒިޔާނަށް ޓަކައި އާމިރާ ވީ ތަނެއް ހޯދުމެވެ.
"އޭނަވީ އިންޑިޔާގަ،" ޔަގީންކަމާ އެކުގައި ސިރާޖު ބުންޏެވެ. "މިހާރު ކިތަންމެ ދުވަހެއް. ފުރި ދުވަހާ، ގަޑިޔާ، ސީސީޓީވީ ސްކްރީން ޝޮޓެއް ވެސް ލިބިއްޖެ! ދައްކާލަން؟"
ސިރާޖާއި ފައިސަލް ތިބީ ދޮށި ހިފައިގެން ތޮށިގަނޑު މަތީގައެވެ. ދުވަހެއްގެ ނިމުން ކައިރިވެފައިވާކަމުގެ އަލާމާތްތައް، އުޑާއި ކަނޑުން ފާޅުވަމުންދިޔައެވެ.
"އަހަރެން ނޫޅެން ބަލާކަށް،" ޗޮކެއްކަނޑައިފައި ފައިސަލް ބުންޏެވެ. "ޒިޔާން ޑިޕްރެޝަނަށް ގޮއްސާނެތީ އަހަރެން މި އުޅެނީ. ހޯދަން އުޅެފިއްޔާ އާމިރާގެ ނަންބަރު ވެސް ހޯދޭނެ. ސިރާޖު ވިސްނާލަބަލަ ޒިޔާންގެ ކޯލެއް އާމިރާއަށް އަންނަ ވަގުތު އޭނަގެ އީގޯއަށް ވާނެ ގޮތް. ދެން ވެސް ކަލޭ ބުނާނެ އަހަންނޭ ..."
"ބުނާނެއެއް ނޫން ބުނެ ނިންމާލަން މި އުޅެނީ،" ވީހައި ވެސް ދުރަށް އެންކޮޅު އެއްލުމަށް ޓަކައި ދޮށި ހޫރައިލަމުން ސިރާޖު ބުންޏެވެ. "އާމިރާއެއް ނޫން ކަލޭގެ އީގޯ މައްސަލައަކީ. އާމިރާއަށް ޒިޔާން ގުޅައިފިއްޔާ ކަލޭ ދެރަވީނު. ތި ކޮޅު ބަލިވީނު. އެއީ މައްސަލައަކީ. އަޅެ މި ވަރަށް ބަވާއިރު ތި ގޮތްދޫކޮށްލަން ވެއްޖެއްނު! ކަލޭ ވެއްޖެއްނު ސައިކިއެޓްރިސްޓަކަށް ދައްކަން."
"ތެދެއް ތި ބުނީ،" ފައިސަލް އެއްބަސްވިއެވެ. "ނަސީބެއް ތި ކަހަލަ ރައްޓެއްސެއް ހުންނަކަން. އާމިރާގެ ނަންބަރު ހޯދަދީބަލަ!"
ސިރާޖު ހައިރާންވެފައި ފައިސަލަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި ދެއަތަކަށް ބޯހޫރައިލިއެވެ. އެ ވަގުތަކީ ފައިސަލްގެ ދޮށީގައި ވަރުގަދަ މަހެއް ގަތް ވަގުތެވެ. މައިންގެ ދުވަހުގެ ތަހުނިޔާތައް ކިލާހުގެ ފާރުގައި ހަރުކޮށްފައި ހުއްޓެވެ. ޒިޔާނަށް އެ ނޫން އެއްޗެއް ނުބެލެއެވެ. ނުބަލަން އުޅުނު ވަރަކަށް ބެލުން ގިނަވެއެވެ. މަންމަ މަތިން އެ ވަރަށް ހަނދާންވާ އިރު، ޒިޔާން މަތިން މަންމަ ހަނދާންނުވަނީހެއްޔެވެ؟ އެއީ ޒިޔާންގެ ހިތާ ކޮށްކޮށް ވަރުބަލިވެފައިވާ ސުވާލެކެވެ. އެހައި ފަސޭހައިން ޒިޔާން ދޫކޮށްލަން މަންމައަށް ކެރުނީ ކިހިނެއްހެއްޔެވެ؟ ޒިޔާނަށް ހީވާ ކަހަލައެވެ. ހަށިގަނޑުން ބައެއް އުނިވެއްޖެއެވެ. މަންމަ ގެންނަން ޒިޔާނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެކަމަކު ކަމެއް ނުކޮށް ހުންނާކަށް ޒިޔާނަކަށް ފަސޭހައެއް ނުވިއެވެ.
ނިދުމަށް ޓަކައި ފައިސަލް އެނދުގައި އޮށޯތެވެ. އެ ވަގުތު، ބޯދަށުގައި އެއްޗެއް އޮތްހެން ހީވެގެން ބަލައިލި އިރު، ޒިޔާންގެ ނޯޓެއް އޮތެވެ. އޭގައި އޮތީ އިނގެރޭސި އެންމެ ލަފުޒެކެވެ. "ޕްލީޒް" އެވެ. އޭގެ އިތުރަށް އެހެން ލަފުޒެއް ބޭނުމެއް ވެސް ނުވެއެވެ. ޒިޔާން އެ ބުނަނީ ކީކޭކަން ފައިސަލަށް އެނގެއެވެ. ފައިސަލް އެ ނޯޓު ބޮނޑިކޮށްލައިފައި ކުނިވަށިގަނޑާ ދިމާއަށް ހޫރައިލިއެވެ. ނިދަން އޮށޯތެވެ. ލޯމަރައިލިއެވެ. ނުނިދުނެވެ. ފޯނު ނަގައިފައި ސިރާޖަށް ގުޅައިލިއެވެ. ރަނގަބީލުވާ އަޑު ނީވެނީސް ސިރާޖު ފޯނު ނެގިއެވެ.
"އޭ! ކަލެއަށް ގުޅަންވެގެން ފިތާލަނިކޮށް ތި ގުޅީ،" އުފާވެފައި ސިރާޖު ބުންޏެވެ. "ނަންބަރު ލިބިއްޖެ! އަހަރެންގެ އެބަ އޮތް އައިޑިޔާއެއް ވެސް. ފުރަތަމަ ކަލޭ ގުޅާ! ގުޅާފަ، އީގޯ ތިރިކޮށްފަ، ހަމަ ރީތިކޮށް ބުނޭ ދަރިފުޅު ކިހާ ދެރަވެގެންއުޅޭކަން. ކޮބާ މައްސަލައަކީ؟ މަންމަ ކައިރީގަ ދަރިފުޅުގެ ވާހަކަ ބުނަން ކޮން ލަދެއް؟ ސުރުހީއަޅާފަ، ދެން ދަރިޔަށް ނަންބަރު ދީ."
"ހީވޭތަ އަހަރެން ބުނާ އެއްޗެއް އާމިރާ ގަބޫލުކުރާނެހެން؟" ފައިސަލް ސުވާލު އުފެއްދިއެވެ.
"ކީކޭ މަ ބުނީ؟" ސިރާޖު އެހިއެވެ. "ޒީރޯ އީގޯ!"
ސިރާޖުގެ ފޯނުކޯލަށް ފަހު، އާމިރާގެ ނަންބަރު ފައިސަލްގެ ފޯނުގައި ރައްކާކުރިއެވެ. ގުޅާކަށް ފައިސަލް ބޭނުމެއް ނޫނެވެ. ނުގުޅައި ވާކަށް ނެތެވެ. ގަޑިން އޭރު ބާރަޖަހަނީއެވެ. ފައިސަލް ހިތަށްއެރިއެވެ. އެ ގަޑީގައި ޔަގީނުން ވެސް އާމިރާ އޮންނާނީ ނިދައިފައެވެ. ފޯނެއް ނުނަގާނެއެވެ. އެކަމަކު ގުޅައިފިއްޔާ ގުޅިކަން އޮންނާނެއެވެ. ނުނަގާތޯ ދުއާކުރަމުން ފައިސަލް ގުޅިއެވެ. އާމިރާ ފޯނެއް ނުނެގިއެވެ. ތިންވަނަ ފަހަރު ރަނގަބީލުވުމުން ފައިސަލް ފޯނުކަނޑައިލިއެވެ. ދެން ހިތަށްއެރިއެވެ. ފޯނު ނުނެގީމައި މެސެޖެއް ފޮނުވިންހޭ ސިރާޖު އަހާނެއެވެ. އެ ކަން ވެސް ފައިސަލް ކުރިއެވެ. މެސެޖުގައި ޖެހީ "ގުޅާބަލަ" އެކަންޏެވެ. އެ ވަގުތު ދޮރުގައި މަޑުމަޑުން ޓަކިޖަހައިލި އަޑުއިވުނެވެ. ކުރީ ރޭ ސީމާ ޓަކިޖެހި ގޮތަށެވެ. ޒިޔާންގެ ކަމެއް ނަމަ ސީމާއަށް ފޯނުކުރެވުނީހެވެ. އެއްވެސް ކޯލެއް އައިސްފައެއް ނެތެވެ. އަނެއްކާ ވެސް ޓަކިޖަހައިލިއެވެ. ފައިސަލަށް ތެދުވެވުނެވެ. ފޯނަށް މެސެޖެއް އައި އަޑުއިވުނެވެ.
ނުނިމޭ
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލާހަދީދް
21 May 2023
ވާހަކަ ރީތި، އެކަމަކު 12 އަހަރުގެ ފިރިހެން ކުއްޖަކު މިހާ ބޭބީކޮށް އުޅެފާނެބާއޭ ސުވާލަކީ. ޒިޔާންގެ ސީންތައް ކިޔާފަ ސިފަވަނީ 6-8 އަހަރުގެ ކުއްޖެއްހެން.
ނޫމާ
21 May 2023
ވަރަށް ފޫހި މިވާހަކަ. ފައިސަލް ހަމަ ވަރަށް ފޫހި. އާމިރާ އަދި ކިހާ ފޫހި ވާނެ އަހަރުން ކިޔުންތެރިއެއް މިހަ ފޫހިވާއިރު އޭނަ ދެކެ.
ސީމާ މެއިޑް
21 May 2023
މިހާރު ފައިސަލް އެ އުޅެނީ ދެކޮޅުން ކާންދޯ؟
ކުރަފަތް ބޭބެ
21 May 2023
ޔޭ މަ ފަސްޓް
ކޮންޓޭ
21 May 2023
ދެރަ ކަންކަން
ދޮށި
21 May 2023
ކަންތަކާ ޖެހުނީ ތިއޮތީ ދޮށީގަ މަސްގަނެފަ ރަގަޅާށްވެސް