ޖަންކުކް
05 ޖޫން 2023 - 07:56
ދެކުނު ކޮރެއާގެ ބޯއީ ބޭންޑް ބީޓީއެސްގެ އެންމެ ހަގު މެންމްބަރު ޖަންކުކްގެ ފުރަތަމަ ސޯލޯ އަލްބަމް އަންނަ މަހު ރިލީޒް ކުރާނެ ކަމަށް ބުނާ ވާހަކަތަކެއް ފެތުރިއްޖެ އެވެ.
އެ ރިޕޯޓުތަކާ ގުޅިގެން ބީޓީއެސްގެ އޭޖެންސީ، ބިގްހިޓް މިއުޒިކް އިން ބުނީ އަދި އަލްބަމް ރިލީޒްކުރާ ތާރީހު ޔަގީން ނުވާ ކަމަށާއި، ވީހާ ވެސް އަވަހަކަށް ތާރީހު އިއުލާނު ކުރާނެ ކަމަށެވެ.
ޖަންކުކް މީގެ ކުރިން ވެސް ވަނީ ސޯލޯ ލަވަތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި، އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ލަވަ "ޑްރީމާސް" ފާހަގަކޮށްލެވެ އެވެ.
ދެކުނު ކޮރެއާގެ އެންމެ މަގްބޫލް ކުޅިވަރު ނޫސް، "ސްޕޯޓްސް ޗޯސަން" އިން ބުނި ގޮތުގައި، ޖަންކުކްގެ ސޯލޯ އަލްބަމް ރިލީޒް ކުރަން ތައްޔާރުވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އެ އަލްބަމްގައި އިނގިރޭސި ލަވައެއް ވެސް ހިމެނޭ ކަމަށް ބުންޏެވެ.
މި އަހަރުގެ އޭޕްރިލް މަހު އެމެރިކާގެ މިއުޒިކް އެގްޒެކެޓިވްއަކު އިންސްޓަގްރާމުގައި ޝެއާ ކުރި ފޮޓޯތަކެއްގައި ލޮސް އެންޖަލީސްގެ ރެކޯޑިން ސްޓޫޑިއޯއެއްގައި އާޓިސްޓުންތަކަކާއެކު ޖަންކުކް ވެސް ހުރި މަންޒަރު ފެނުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy