މުނިފޫހިފިލުވުން / ޕްރިޔަންކާ ޗޯޕްރާ

ޕްރިޔަންކާއާ އެކު ފިލްމު ނުކުޅެން އަކްޝޭ ވައުދުވި

އަކްޝޭ އާއި ޕްރިޔަންކާ ފިލްމެއްގެ މަންޒަރެއްގައި

ޕްރިޔަންކާ ޗޯޕްރާ އަލަށް ފިލްމު ކުޅެން ފެށި އިރު 2003 ގައި އަކްޝޭ ކުމާރު "އަންދާޒް" ކިޔާ ފިލްމެއް ޕްރިޔަންކާއާ އެކު ކުޅުނެވެ. އޭރު ވެސް އަކްޝޭ އުޅެނީ ޓްވިންކަލްއާ ކައިވެނިކޮށްގެންނެވެ. އެމީހުންގެ ފިރިހެންދަރިފުޅަށް އޭރު އަށް މަހެވެ.

"އަންދާޒް" އަކީ ބޮކްސް އޮފީހަށް ތޫފާނެއް ގެނުވި ވަރަށް ކާމިޔާބު ފިލްމެކެވެ. އަދި ޕްރިޔަންކާ އާއި އަކްޝޭގެ ކެމިސްޓްރީ އަށް ވަރަށް ގިނަ މީހުން ތައުރީފު ކުރި އެވެ. ނަތީޖާއަކަށްވީ ފިލްމު އުފައްދާ މީހުން މި ހިޓް ޖޯޑު އެމީހުންގެ ފިލްމުތަކުގައި ބައިވެރިކުރަން ބޭނުންވުމެވެ. އެހެންކަމުން އެއް އަހަރު ތެރޭގައި މި ދެ ތަރިން ތިން ފިލްމެއް އެކުގައި ކުޅެން ސޮއިކުރި އެވެ.

މި ދެ އެކްޓަރުންގެ ގުޅުންތައް ކެމެރާގެ ފުރަގަހުގައި ވެސް ބަދަހިވެ އިންޑިއާގެ ނޫސް މަޖައްލާތަކުގައި މި ދެ ތަރިންގެ ރައްޓެހިވެގެން އުޅޭކަމަށް ބުނެ ވާހަކަތައް ލިޔަން ފެށި އެވެ. ނަމަވެސް އަކްޝޭ ވެސް ޕްރިޔަންކާ ވެސް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މި ވާހަކަތަކުގައި ހަގީގަތެއްވާކަމަށް ގިނަ ބަޔަކަށް ޔަގީންވީ އެ ދެމެދަށް އަކްޝޭގެ އަންހެނުން ޓްވިންކަލް ވަނުމުންނެވެ.

އިންޑިއާގެ ނޫސްތަކުގެ ރިޕޯޓުތަކަށް ބަލާއިރު ޕްރިޔަންކާއާ ގުޅުން ކަނޑާލައި އޭނާއާ އެކު ފިލްމު ކުޅުން ހުއްޓާލަން އަކްޝޭ ނިންމީ ޓްވިންކަލް އެކަމަށް އެދިގެންނެވެ.

ޕްރިޔަންކާ އާއި އަކްޝޭ: އެއް އިރެއްގައި ލޯބިވެގެން އުޅުނުކަމުގެ އަޑުތަކެއް ފެތުރުނު

އޭގެ ފަހުން 12 އަހަރުގެ ތެރޭގައި ޕްރިޔަންކާއާ އެކު އަކްޝޭ އެއްވެސް ފިލްމެއްގައި ބައިވެރިއެއް ނުވެ އެވެ.

ދާދިފަހުން ދެއްކި ޓީވީ ޝޯ "އާޕް ކީ އަދާލަތު"ގައި އަކްޝޭ ވަނީ އޭނާ އާއި ޕްރިޔަންކާއާ ދެމެދު ޖެހުނުކަމަށް ބުނާ މައްސަލައާ ބެހޭ ގޮތުން ވާޙަކަ ދައްކާފަ އެވެ. ޕްރިޔަންކާއާ އެކު ދުވަހަކު ވެސް ފިލްމު ނުކުޅޭން ވައުދުވިންތޯ މި ޝޯގެ ހޯސްޓް ސުވާލުކުރުމުން އަކްޝޭ ބުނީ އެފަދަ އެއްވެސް ކަމެއް ނުވާ ކަމަށެވެ. ޕްރިޔަންކާއާ އެކު އޭނާ ފަސް ފިލްމެއްގައި މަސައްކަތް ކުރި ކަމަށާއި މިހާރު ޕްރިޔަންކާއާ އެކު ފިލްމު ނުކުޅެނީ އޭނާއާ އެކު ފިލްމު ކުޅެން ބޭނުން ނުވާތީ ނޫންކަމަށް އަކްޝޭ ބުންޏެވެ.

"ރާނީ މުކަރުޖީ ނޫން އެހެން ހުރިހާ ބަތަލާއިންނާއެކު އަހަރެން މަސައްކަތްކުރިން. އަދި ފުރުސަތެއް ލިބިއްޖިއްޔާ ޕްރިޔަންކާއާ އެކު އަދިވެސް ހަމަ ޔަގީނުން ވެސް މަސައްކަތް ކުރާނަން،" އަކްޝޭ ބުންޏެވެ.

ޝޯގެ ހޯސްޓް މާ ބޮޑަށް މި ވާހަކަ ދައްކަން ފެށުމުން އަކްޝޭ ބުނީ ޕްރިޔަންކާއާ ގުޅައިގެން، އޭނާގެ ހިތުގައި އަކްޝޭއާ ދޭތެރޭ އެއްވެސް މައްސަލައެއް އޮތްތޯ ސުވާލު ކުރުމަށެވެ.

އަކްޝޭ، 49، އާއި ޕްރިޔަންކާގެ ލޯބީގެ ގުޅުމެއް އޮތްކަމަށް އެމީހުން އެއްބަސް ނުވިޔަސް އެއީ 2000ގެ އަހަރުތަކުގައި ހިންދީ ފިލްމީ ދުނިޔޭގައި ވަރަށް ބާރަށް ދެކެވުނު ވާހަކަ އެކެވެ.

އަކްޝޭ އާއި ޕްރިޔަންކާ 2004 ގައި "އިއުތިރާޒު" ކުޅުނު ދުވަސްވަރު އެ ފިލްމުގައި ޕްރިޔަންކާއާ މާބޮޑަށް ގައިގޯޅިވާން ޖެހޭތީ އަކްޝޭ މައްސަލަ ޖެއްސި އެވެ. އެކަމަކު ކެމެރާގެ ފުރަގަހުގައި ދެމީހުންނަކަށް ދުރަކު ނުތިބެވެ އެވެ. ގިނަ ބަޔަކު ބުނަނީ މި ދެ ތަރިންގެ ގުޅުން އެންމެ ބޮޑަށް ބަދަހީ މި ފިލްމު ކުޅުނު ދުވަސްވަރު ކަމަށެވެ.

އަކްޝޭ އާއި ޓްވިންކަލް ވަރިފަށަށް އެރި

އަކްޝޭ އާއި ޕްރިޔަންކާގެ ވާހަކަތައް ޓްވިންކަލް ނެގީ ވަރަށް ސީރިއަސް ކޮށެވެ. އަދި އެއީ ބަޔަކު ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ބަލައި އަޅާނުލައި ހުންނާކަށް ޓްވިންކަލް ބޭނުމެއް ނުވި އެވެ. ޓައިމްސް އޮފް އިންޑިއާގައި އެ ދުވަސްވަރު ޝާއިއުކޮށްފައިވާ ޚަބަރެއް ބުނާ ގޮތުން ޕްރިޔަންކާއާ ދުރުވާން އަކްޝޭއަށް ޓްވިންކަލް ބިރުދައްކައި އިންޒާރު ވެސް ދިނެވެ. އަދި 2004 ގައި އިންޑިއާގެ ގޯއާގައި އަކްޝޭ އާއި ޓްވިންކަލްގެ މެދުގައި މިކަމާ ބެހޭ ގޮތުން ވަރުގަދަ ޒުވާބުގަނޑެއް ވެސް ހިނގި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިވާހަކަތައް މި ދެމަފިރިން ދޮގުކުރެ އެވެ.

ޕްރިޔަންކާއާ އެކު ދުވަހަކު ވެސް ދެން މަސައްކަތް ނުކުރާން އަކްޝޭ ވައުދުވީ ޓްވިންކަލް އާއި އޭނާ ވަރިފަށަށް އެރީމަ އެވެ. އޭރު ދަރިއަކުވެސް ހުރުމާއެކު އަކްޝޭ ގަސްތުކުރީ ޕްރިޔަންކާއާ ހުރިހާ ގުޅުމެއް ކަނޑާލައި އާއިލާއާ އެކު ގުޅުން އިތުރަށް ބަދަހި ކުރާށެވެ.

އަކްޝޭ އާއި ޕްރިޔަންކާ އެންމެ ފަހުން ކުޅުނު "ވަގުތު: ދަ ރޭސް އެގެއިންސްޓް ޓައިމް" ފިލްމު ރިލީޒްކޮށްފައި ވަނީ 2005 ގަ އެވެ. އޭގެ ފަހުން ޕްރިޔަންކާ އާއި އަކްޝޭ އެކުގައި ސްކްރީނުން ނުފެންނަތާ މިއީ 12 ވަނަ އަހަރެވެ.

އަކްޝޭ އަލުން ޕްރިޔަންކާއާ އެކު ފިލްމު ކުޅުމުގެ ޝައުގު 2014 ގައި ފާޅުކުރި ކަމަށް ވެ އެވެ. ނަމަވެސް ޕްރިޔަންކާ އަށް މި ޚަބަރަކީ ވަރަށް ހައިރާންކުރުވި ވާހަކައަކަށް ވި އެވެ.

ޕްރިޔަންކާ ބުނީ އޭނާ ފިލްމެއްގައި ސޮއިކުރާއިރު ބަލަނީ އޭގެ ބަތަލުންނަކީ ކޮބައިތޯ ނޫން ކަމަށެވެ. އޭނާގެ ޝައުގުވެރިކަން ހުންނަނީ ސްކްރިޕްޓްގައި އޮތީ ކޯޗެއްތޯ ބަލަން ކަމަށާއި ސްކްރިޕްޓް ކަމުދާ ނަމަ ކޮންމެ އެކްޓަރެއް އުޅުނަސް އޭނާއަށް މައްސަލައެއް ނެތް ކަމަށް ބުނެފައިވެ އެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަކުނު

05 February 2017

މަށައްކީއް! ތިއެންމެން ވެސް ފިލުމުކުޅުން ހުއްޓަންވީ، މިމީހިންގެ ފިލުމުތަކާހުރެ ހުރިހާ މުޖުތަމަޢުތަށް މި ހަލާކުވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454