"ހައްދު" އަކީ ރެކޯޑްތައް މުގުރައިލާނެ ފިލްމަކަށް ވާނެ: ފައްތާހް

މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހުގެ 12 ވަނަ ފީޗާ ފިލްމް "ހައްދު" އާ ދޭތެރޭ އޭނާ އަށް އޮތް ޔަގީންކަން ވަރަށް ބޮޑެވެ.


އެހެންވެ މި ފިލްމަކީ ދިވެހި ސިނަމާގައި އާ ރެކޯޑްތަކެއް ހަދައި، މިހާރު ބައެއް ފިލްމްތަކުން ގާއިމުކޮށްފައި ހުރި ރެކޯޑްތައް މުގުރައިލާނެ ފިލްމެކޭ ބުނަން އޭނާ އެއްގޮތަކަށް ވެސް ޖެހިލުމެއް ނުވެ އެވެ.

ފުރަތަމަ ކަމަކަށް "ހައްދު" އަކީ ކޮންޓެންޓްގެ ގޮތުން ބަލައިފި ނަމަ، ދިވެހި ސިނަމާއަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށް ވާނެ އެވެ. މަހުދީ އަހުމަދު ލިޔެފައިވާ މީގެ ސްކްރީންޕްލޭއާ ދޭތެރޭ ފައްތާހު ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. ވަރަށް އުފަލުންނެވެ. އެއާ ދޭތެރޭ ބުނާނެ ވަކި އެއްޗެއް ނެތެވެ.

"ފިލްމުގެ ޝޫޓިން ފަށަން ވަރަށް އެކްޒައިޓްވެފައި މި ހުންނަނީ. ފިލްމުގެ ހުރިހާ ޑިޕާޓްމަންޓަކުން ތައްޔާރީތައް ހަމަ ވަރަށް ބާރަށް. ވަރަށް ފޯރީގައި މިހާރު ކުރިއަށް އެބަދޭ،" އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އޭގެ ތެރޭގައި ލަވަތައް ހެދުމާއި ކޮސްޓިއުމް ފައިނަލް ކުރުމުގެ މަސައްކަތް ހިމެނޭ."

ރެކޯޑްތައް މުގުރައިލާނެ ފިލްމެކޭ ފައްތާހު ބުނަނީ މިކަހަލަ ބައެއް ސަބަބުތަކާ ހެދި އެވެ؛ އަމާޒަކީ މިއީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލާ ފިލްމެއް ހެދުމެވެ. "ހައްދު" އޮލިމްޕަހުގައި ދައްކަން މިހާރު ވަނީ 30 ދުވަސް ދުރާލައި ނަގައިފަ އެވެ.

ފިލްމް ލޯންޗް ކުރި ހިސާބުން ފެށިގެން މިހާތަނަށް އައި އިރު، ފިލްމް އަޅުވަން ބޭނުންވެގެން 30 ރަށަކުން އޮތީ ނޯޓް ވެސް ކޮށްފަ އެވެ.

ފިލްމް "ހައްދު" ގެ ޕޯސްޓަރެއްގައި ފިލްމްގެ ލީޑް ތިން ތަރިން.

"އެބަ ވިސްނަން އާބާދީ ބޮޑު ދެ ރަށެއްގައި ފިލްމުގެ ތަރިންނާ އެކު ޕްރިމިއާ ވެސް ބާއްވަން،" ސެޕްޓެމްބަރު ހައެއްގައި ޕްރިމިއާ ކުރާ ފިލްމާ ބެހޭ ގޮތުން ފައްތާހު ބުންޏެވެ. "އަޅުގަނޑުގެ ޓާގެޓަކީ މާލެއާ އެއްކޮށް ނޫން ނަމަވެސް، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފިލްމް ދެއްކުން."

"ހައްދު" އަކީ ސީދާ އެވޯޑްތަކަށް ވެސް އަމާޒުކޮށްގެން ހަދާ ފިލްމެކެވެ. އެހެމްވެ މި ފިލްމް ކެޓަގަރީތަކުން ނޮމިނޭޓްވެ، ގިނަ އެވޯޑްތަކެއް، އެވޯޑް ހަފުލާތަކުގައި އުފުލައިލާނެކަމާ ދޭތެރޭ ފައްތާހުގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.

މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އަދި އަލަށް ތައާރަފު އަހުމަދު ޝީބާން ލީޑް ރޯލުން ފެނިގެންދާ "ހައްދު" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ހއ. ކެލާ، ރ. ވާދޫގެ އިތުރުން މާލެ އާއި ބައެއް ރިސޯޓްތަކުގަ އެވެ.

މޯގެ އިތުރުން ފިލްމުން ވަރުގަދަ ސަޕޯޓިން ކާސްޓެއް ފެންނާނެ އެވެ. އޭގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، ފައުޒިއްޔާ ހަސަން އަދި އަލީ އާޒިމް (ދޮން އައްޔަ) ހިމެނެ އެވެ.

"ހަމައެއާ އެކު މީގެ ލީޑް އެކްޓަރަށް ދޫނުކުރާ ވަރުގެ ހާއްސަ ރޯލަކުން، އަނެއްކާ ވެސް ހަމަ މުޅިން އެކްޓަރަކު ފެނިގެން ދާނެ. އެކަމަކު ސްކްރީނާ ހަމައަށް ފިލްމް އަންނަންދެން އެއީ ކާކުކަން ބާއްވަން ބޭނުން ވަނީ ސިއްރެއްގެ ގޮތުގައި. އަދި ސަޕްރައިޒެއްގެ ގޮތުގައި،" ފައްތާހު ބުންޏެވެ.

"ހައްދު" ގެ ޝޫޓިން ތާވަލްކޮށްފައި އޮތް ގޮތުން ރޯދައިގެ ކުރިން ޝޫޓިން ނިންމައި، ޕޯސްޓް ޕްރޮޑަކްޝަނަށް ދާނެ އެވެ. އެ މަސައްކަތާ ހަވާލުވެފައި ވަނީ އޯކޭޒް އިންކެވެ.

ފައްތާހު ބުނީ އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭ ފިލްމުގެ މިއުޒިކްގެ މަސައްކަތްތައް މިހާރު ފިލް ގިޔަރުގައި ކުރިއަށްދާ ކަމަށެވެ. ސާމީގެ ސެކްސަފޯން އާއި ހަމްބެގެ ޑްރަމާ އެކު ލަވަތަކުގެ މިއުޒިކް ހަދަނީ އިބްރާހިމް ނިފާރު (ތިއްތި) އާއޮ ފަތޯ އެވެ. ޕްރޮމޯޝަނަލް ލަވަ ފިޔަވައި، ފިލްމުގެ އެހެން ހުރިހާ ލަވައެއް ކިޔާނީ ތޭރަވާ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ.

"ހައްދު" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ފައުޒިއްޔާއާ އެކު ފައްތާހާއި ނިއުމާ.

ޕްރޮމޯޝަނަލް ލަވަ ކިޔައި ދޭނީ "ވޮއިސް އޮފް މޯލްޑިވްސް" އިން ވިދާލި އަހުމަދު ޔާފިއު އެވެ.

"ފިލްމުގެ އެއް ލަވަ މިހާރު ވަނީ ރިކޯޑިން ހަދައި ނިމިފައި. މީގެ ލަވަތަކަކީ ފިލްމުގެ ސްޓޯރީ އާއި ތީމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ވަރަށް ހިތްގައިމު ރީތި ލަވަތަކަަށް ވެގެން ދާނެ. ލަވަތައް އަންނާނީ ސްޓޯރީގެ ބައެއްގެ ގޮތުގައި،" ފައްތާހު ބުންޏެވެ. "މީގެ ކުރިން އަހަރެން ހެދި ފިލްމުތަކާ ހިލާފަށް ހައްދުގެ ލަވަތަކަކީ ސީދާ ސްޓޯރީ ފޮލާ ކުރާ، ސްޓޯރީ ކޮންޓިނިއުކޮށްދޭ ކަހަލަ ލަވަތަކަކަށް ވެގެން ދާނީ."

އެހެންވެ ފައްތާހު ބުނަނީ "ހައްދު" ގެ ލަވަތައް ވަރަށް ހާއްސަ ވާނެ ކަމަށެވެ.

"މި ފިލްމުގައި އިންނާނެ ވަރަށް ސްޕެޝަލް އައިޓަމް ލަވައެއް. އެ ލަވައިން އަނެއްކާ ވަރުގަދަ ތަރިއަކު ފެނިގެން ދާނެ،" މިހާތަނަށް ވަރުގަދަ ޓެކްނިކަލް ޓީމަކާ އެކު ކުރާ މަސައްކަތާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

"ހައްދު" އަކީ ފައްތާހާއި ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމުގެ ބަޖެޓް 500،000ރ. އަށް ވުރެ ބޮޑު ކަމަށް ވެސް ފައްތާހު ބުންޏެވެ.

އޭނާގެ އެ ވާހަކަތަކަށް ގިނަ ބަޔަކު އިތުބާރު ކުރާނެ އެވެ. ކުރީގެ ފިލްމްތަކުން އެކަން އޮތީ ސާބިތު ވެސްކޮށް ދީފަ އެވެ.

އެހެންވެ "ހައްދު" އާ ބެހޭ ގޮތުން ފައްތާހު ދައްކާ ވާހަކަތައް ގަބޫލު ކުރާކަށް އުނދަގޫ ކަމަކަށް ނުވާނެ އެވެ. ދެން އޮތީ ސެޕްޓެމްބަރު 6 އަށް އިންތިޒާރުކޮށްލުމެވެ.