ރިތިކް ރޯޝަނާއި ކުރީގެ އަނބިމީހާ ސުޒާން
13 ޖޫން 2016 - 08:07
ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަން އާއި ސުޒާން ޚާން މީގެ 16 ވަރަކަށް އަހަރު ކުރިން ކައިވެނިކުރީ ކުޑައިރުއްސުރެ ލޯބިވެގެން އުޅުމަށް ފަހުގަ އެވެ.
ކައިވެންޏަށް 14 އަހަރު ވީއިރު ވެސް ރިތިކް އާއި ސުޒާން ފެންނަމުން ދިޔައީ މިސާލެއް ނެތް ފަދަ ދެމަފިރިންގެ ގޮތުގަ އެވެ. އެކަކަ އަނެކަކު ދެކެ ވަރަށް ލޯބިވާ އިހްތިރާމްކުރާ ދެ މީހުންގެ ގޮތުގަ އެވެ. އެމީހުންގެ އުފާވެރި ކައިވެނީގެ ހަޔާތުގައި ދެ ފިރިހެން ދަރިން ލިބިފައިވެ އެވެ. އެހެންކަމުން މިއީ ހަމަ ކޮންމެ މީހަކުވެސް އުންމީދުކުރާ ކަހަލަ އުފާވެރި ކައިވެންޏެއްގައި ދިރިއުޅޭ ދެމަފިރިންގެ ގޮތުގައި އެންމެން ވެސް ދިޔައީ ގަބޫލުކުރަމުންނެވެ.
ދާދިފަހުން ފިލްމީ މަޖައްލާއަކަށް ދީފައިވާ އިންޓަވިއުއެއްގައި ސުޒާން ބުނި ގޮތުގައި ރިތިކް ކައިރިން ވަރިވާން ގަސްތުކުރީ އެ ދެ މީހުންނަށް އެކުގައި އުޅުމަށްވުރެ ވަކިވުން މާ ރަނގަޅުވާނެކަމަށް އޭނާއަށް ގަބޫލުކުރެވޭ ހިސާބަށް އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ދިއުމުންނެވެ. އުފާވެރިކަމަށް ހެދިގެން "ދޮގު" ދިރިއުޅުމެއް ދެ މީހުން އެކުގައި އުޅުމަށްވުރެ ހަގީގަތް ގަބޫލުކުރުން މާ މުހިއްމު ކަމަށް ސުޒާން ބުންޏެވެ. "އަހަރެމެން ދެ މީހުން އަދިވެސް ވަރަށް ގާތް ރައްޓެހިން. ދެ މީހުން އެކުގައި ތަންތަނަށް ގޮސް ވަގުތު ހޭދަ ނުކުރިޔަސް ވަރަށް ގިނައިން ވާހަކަދައްކާ ޚިޔާލު ބަދަލުކޮށް ހަދަން މިހާރުވެސް. އެ ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް އަހަރެމެންގެ ދަރިންނަށްޓަކައި އަހަރެމެން މިތިބީ ބަދަހިކޮށް. އަހަރެމެން ދެ މީހުން އެކަކަ އަނެކަކަށް ވަރަށް އިހްތިރާމްކުރަން. ދަރިން ތިބީމަ އެ ކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށްޓަކައި، ދެ މީހުންގެ މެދުގައިވާ ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރަން ޖެހޭ،" ސުޒާން ބުނެފައި ވެއެވެ.
ދުވަހަކު ރިތިކާ އަލުން ގުޅުމުގެ ފުރުސަތެއް ނެތް ކަމަށް ތަންކޮޅެއް ކުރިން ސުޒާން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ. އަދި އެ ނިންމުން ސުޒާން ހުރީ ދުވަހެއްގެ ކޮޅުން ވެސް ބަދަލުކުރާ ގޮތަކަށް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy