ބޮލީވުޑްގެ ތަރި ތާޕްސީ ޕަންނޫ އާއި ޑެންމާކްގެ ބެޑްމިންޓަން ކުޅުންތެރިޔާ މެތިއަސް ބޯ.
05 އެޕްރީލް 2024 - 08:54
މިދިޔަ މަހު ފަހުކޮޅު ވަރަށް ސިއްރުން ކައިވެނި ކުރި ބޮލީވުޑްގެ ތަރި ތާޕްސީ ޕަންނޫގެ ކައިވެނީގެ ހަފުލާގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.
ތާޕްސީ ކައިވެނިކުރީ އޭނާ މިދިޔަ 10 ވަރަކަށް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ޑެންމާކްގެ ބެޑްމިންޓަން ކުޅުންތެރިޔާ މެތިއަސް ބޯއާ އެވެ.
ލީކުވި އެއް ވީޑިއޯގައި ތާޕްސީ އޭނާގެ "ބްރައިޑަލް އެންޓްރީ" ނަށަމުން ދާތަން ފެނެ އެވެ. އެހެން ވީޑިއޯއެއްގައި ތާޕްސީ އާއި މެތިއަސް އެމީހުންގެ ސަންގީތު ހަފުލާގައި ކަޕުލް ޑާންސް ކުރާ ތަން ވެސް ފެނެ އެވެ.
ހަމައެކަނި ދެ ފަރާތުގެ އާއިލާ އާއި ރައްޓެހިންގެ ތެރެއިން އެންމެ ގާތް މީހުން ބައިވެރިކުރި އެ ކައިވެނީގެ ހަފުލާ ބޭއްވީ އިންޑިއާގެ އުދޭޕޫރުގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
މި ކައިވެންޏާ ބެހޭ ގޮތުން އެ ދެމީހުން ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. ތާޕްސީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް މި ކައިވެނީގެ ފޮޓޯއެއް އަދި ވީޑިއޯއެއް ވެސް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
މި ކައިވެނި ސިއްރު ކުރީ މީޑިއާގެ ސަމާލުކަން އެ ދެމީހުން އެއްވެސް ވަރަކަށް ބޭނުންނުވާތީ ކަމަށް ބައެއް ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
އެ ހަފުލާއަށް ބޮލީވުޑްގެ މާ ބައިވަރު ތަރިން ވެސް ނުދާ ކަމަށްވެ އެވެ. ހަމައެކަނި ދިޔައީ ތާޕްސީއާ ގާތް ގުޅުމެއް ބާއްވާ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް އާއި ޕްރޮޑިއުސަރު ކަނީކާ ދިލަންއާ އޭނާގެ ފިރިމީހާ އަދި ރައިޓަރު ހިމަންޝޫ ޝަރުމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy