ރިލީޒް ކުރުމުގެ ކުރިން ބެލުންތެރިންނަށް ފެންނާނެ "ވިޝްކާ" ގެ އެންމެ ފަހު ޓްރެއިލާ އާންމުކޮށްފި އެވެ.
ފާއިތުވި ތިން ހަފުތާގެ ތެރޭގައި "ވިޝްކާ"ގެ މައި ތިން ކެރެކްޓާގެ ވަކިވަކި ޓްރެއިލާތައް ދައްކައިލުމަށް ފަހު، މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލީ ތިން ކެރެކްޓާއާ އެކު، ފިލްމުގެ ބައެއް ސަޕޯޓިން ކާސްޓުން ވެސް ފެންނަ ޓްރެއިލާއެކެވެ.
މި ޓްރެއިލާ ފެށިގެން އަންނަނީ މާރާމާރީއެއްގައި މަރާލި މީހެއްގެ މައްސަލާގައި ފުލުހުން މީހަކު ހައްޔަރު ކުރި ވާހަކައިގެ ސުރުހީއާ އެކުގަ އެވެ. ޓްރެއިލާ އިން ދެން ފެނިގެން ދާނީ ނިއުޅެމުންދާ މަންޒަރުތަކެކެވެ.
މި ޓްރެއިލާ އޮތީ އިނގިރޭސިން ސަބް ޓައިޓްލް ވެސް ކޮށްފަ އެވެ. ފިލްމް ސިނަމާގައި ދައްކާނީ ސަބް ޓައިޓްލްއާ އެކުގަ އެވެ.
އަބްދުﷲ ވިޝާމްގެ ވާހަކައަކަށް، މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔެފައިވާ "ވިޝްކާ" އަކީ ކްރައިމް ތުރިލާއެކެވެ.
ރަވީ ފާރޫގް ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމުގެ ޓައިޓްލް ރޯލުން ރިޝްމީ ރަމީޒް ފެނިގެންދާ އިރު، އަހުމަދު ސައީދުގެ ވަރުގަދަ ރޯލެއް ވެސް "ވިޝްކާ" އިން ފެނިގެން ދާނެ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ރިޝްމީ ބުނީ ރޭ ދަންވަރު ދޫކޮށްލި ޓްރެއިލާއަކީ ފިލްމް ރިލީޒް ކުރުމުގެ ކުރިން ބެލުންތެރިންނާ ހަމައަށް އަންނާނެ އެންމެ ފަހު ޓްރެއިލާ ކަމަށެވެ.
"އެކަމަކު އަދި މީގެ ލަވައެއް ފިލްމް އެޅުވުމުގެ ކުރިން ވަރަށް ހާއްސަ ކަމެއްގެ ތެރެއިން ދޫކޮށްލާނަން." މީގެ ކުރިން ވެސް ވަނީ ފިލްމުގެ ތިން ލަވައެއް ދައްކާލައިފަ އެވެ.
ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" ސިނަމާ އަށް އަންނާނީ އަންނަ މަހުގެ އަށެއްގަ އެވެ. ފިލްމުގެ ޓިކެޓް ޝްވެކް ސިނަމާ އިން މިހާރު ލިބޭނެ އެވެ.
މި ފިލްމްގެ ޝޯތައް އަންނަ މަހުގެ 8-16 އަށް ޝްވެކްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރު ކުރާނެ ކަމަށް ރިޝްމީ ބުންޏެވެ.
ފިލްމު އަޅުވަން ކައިރިވެފައި ވާއިރު މި ފިލްމުގެ މިލްކުވެރިކަމުގެ މައްސަލާގައި، މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ކޯޓަށް ދާނެ ކަމަށް ބުނާ މައްސަލަ ވަނީ ހޫނުވެފަ އެވެ. ނަމަވެސް ރިޝްމީ ބުނަނީ މި ފިލްމުގައި އެހެން މީހެއްގެ ހިއްސާއެއް ނޯންނާނެ ކަމަށެވެ.