މުނިފޫހިފިލުވުން / ވާހަކަ

އަހަރެން ގެއްލުވައިލީ އަހަންނެވެ.

(އާދިއްތަ ދުވަހާ ގުޅޭ)

"މަ ހާދަހާ ފޫހިވާ ކުލައެކޭ މީ." އަތަށް ކޮތަޅު ބޮނޑިކޮށްލައިފައި ތެދުވަމުން ޒަލަފް ބުންޏެވެ.

ކޮތަޅު ޑަސްބިނަށް ވައްޓައިލާފައި ޒަލަފް ގޮސް ކޮޓަރި އަށް ވަނެވެ. މައްސަލައަކީ ކުލައެއް ނޫނެވެ. ކޮންމެ ކުލައެއް ވިޔަސް އެ ކުލައެއް އަހަންނަށް ރީތިވެއްޖެއްޔާ ޒަލަފަކަށް ކަމަކު ނުދާނެއެވެ. ކާއެއްޗެއް ވިޔަސް، ގޭގައިލާ ކުލައެއް ވިޔަސް، ވަހެއް ވިޔަސް ވެހެވެ. އަހަރެން ދެކެ އެހައި ފޫހިވަންޏާ އަހަންނާ އިނީ ކީއްވެ ހެއްޔެވެ؟ އިނދެގެން އުޅެނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ލިބޭ މުސާރަ އިން ޒަލަފް ހޭދަކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ލައްވައި ކައްކައިގެން ކަނީ ކީއްވެ ހެއްޔެވެ؟ ދަރިފުޅު ގޭގައި އުޅުނު އިރު ދަރިފުޅަށް ވެސް އެ ފަދަ އެތައް މަންޒަރުތަކެއް ޒަލަފް ދެއްކިއެވެ. އަހަރެންނަށް ލަފާކުރެވޭ ގޮތުގައި، ކައިވެނި ކޮށްގެން ދަރިފުޅު ފިރިމީހާގެ ގެއަށް ދިޔައީ ސަބަބެއް އޮވެގެންނެވެ. ޒަލަފް ކަންތައް ކުރާ ގޮތާއި އަހަރެން ކުރާ ކެތް ބަލަން ދަރިފުޅަށް ކެތްނުކުރެވުނީއެވެ.

އަހަރެން ޑަސްބިނަކުން ބުރުގާއެއް ނުނަގަމެވެ. ބޭނުންނުކުރެވޭނެ އެއްޗެއް ނަގަންވީ ކީއްކުރަން ހެއްޔެވެ؟ މުޅި ރޭގަނޑު ވެސް ޒަލަފް ހުރީ ފާޑެއްގެ އުނދަގުލެއް ވެފައެވެ. ވެގެން އުޅޭ ގޮތެއް އަހަރެން ގާތަކު ނުބުނެއެވެ. އެހެނަސް، ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިހުރިކަން އެނގެއެވެ. ކާން އިށީނދެފައި ވެސް އިނީއެވެ. ކާކަށް ނޫޅެއެވެ.

"ކަމަކާ ހިތްހަމަނުޖެހިފަތަ؟" އަހަރެން އެހީމެވެ.

ޗޮކެއް ކަނޑާފައި ޒަލަފް ތެދުވެގެން ގޮސް ސޯފާގައި އޮށޯތެވެ. އަހަރެން ތަށިތައް ނަގާފައި ގޮސް ކޮޓަރި އަށް ވަނީމެވެ. ޒަލަފް ނިދާކަށް ނާދެއެވެ. ފޯނެއް އައި އަޑުއިވުނެވެ. ޒަލަފް ވާހަކަ ދެއްކިއެވެ. ދެން ވަރަށް ބާރަށް އަހަންނަށް ގޮވައިލި އަޑުއިވުނެވެ. އަހަރެން އަވަސްއަވަހަށް ނުކުތީމެވެ. ހިތަށް އެރިއެވެ. ކޮން ކަމެއް ގޯސްކޮށް ކުރެވުނީބާއެވެ؟

"މަންމަ ބަލިވެގެންނެއްނު އުޅެނީ،" އެ ދުވަހު ފުރަތަމަ ފަހަރަށް ޒަލަފް ރީތިކޮށް ވާހަކަ ދެއްކިއެވެ. "އެބަ ގެނޭ މި ބަޔަށް. ރަނގަޅު ވަންދެން މި ބައިގަ ހުންނާނީ. ދީމާ ޖެހޭނެ ހުރިހާ ކަމެއް ބަލަން. ގަޑިންގަޑިޔަށް ދޭންޖެހޭ ބޭސްތައް ކާންދީ، ކެވޭނީ ކޯޗެއްތޯ ބަލާ، ނިކަން ހެޕީކޮށް މަންމަ ބަހައްޓާތި! އެއްވެސް ޝަކުވާއެއް އަހަންނަށް އިވިގެން ނުވާނެ. ހެނދުނު ހަތެއް ޖަހާއިރު މަންމަ ސައިބޯން ބޭނުން ވާނެ. މެންދުރު އެކެއް ޖަހާއިރު ކާނެ. ހަވީރު ސައިބޯނެ. އެ ގަޑީގަ ޖެހޭނެ ހެދިކާ ހުންނަން. ރޭގަނޑު ބަރާބަރު އަށެއް ޖަހާއިރު ކާނެ. ކޮންމެ ރެޔަކު ވެސް ޖެހޭނެ ތެއްލިފިޔާ ހުންނަން."

ޒަލަފްގެ ދުލުން ގަވާއިދުތަކާއި އުސޫލުތައް ކިޔަދިން އިރު ހީވާ ކަހަލައެވެ. އޭނައަކީ މަހުޖަނެކެވެ. އަހަންނަކީ ނޯކަރެކެވެ. ގެއަކީ ބޮޑު ހޮޓަލެކެވެ. ހަގީގަތް އޮތީ ދިމާ އިދިކޮޅަށެވެ. އަހަރެން ހިތަށް އެރިއެވެ. ހައްޕު ކިޔައިގެން ހުރިހައި ކަމެއް ހަވާލުވެފައި ނުކުރެވުނީމައި ޒަލަފް ބުނާނެއެވެ. ނުކުރެވެންޏާ ކުރިން ނުބުނީ ކީއްވެގެން ހެއްޔެވެ؟

"އެކަމަކު އަހަރެން އޮފީހަށް ދަމުން..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"އާނ! އޮފީހަށް ދާން ވާނެ،" ޒަލަފް ބުނެލިއެވެ. "އޭރުންނެއްނު ދީމާ ބޭނުންވާ ވަރަށް ސްޕެންޑް ކުރަން ލާރި ހުންނާނީ. މިހާރު ވެސް ގޭގެ ހަރަދުތައް މި ދަނީ އަތްނުފޯރާފަށަށް އަރަމުން."

ބުނަން ބޭނުން ކިތަންމެ އެއްޗެއް ހުއްޓެވެ. ނުލިބެނީ ބުނާނެ ހިތްވަރެވެ. ދައްކާނެ އާ ވާހަކައެއް އޮތީއެއް ވެސް ނޫނެވެ.

"ޒަލަފްގެ ދައްތަމެންނަށް އަސްލު މާ ފަސޭހަވާނެކަން ނޭނގެ މަންމަ.." އެ ޖުމުލަ ވެސް އަހަންނަކަށް ފުރިހަމައެއް ނުކުރެވުނެވެ.

"ދައްތަމެން އުޅެނީ ނުލާހިކު ބިޒީކޮށޭ!" ޒަލަފްގެ އަޑު ތަންކޮޅެއް ގަދަވިއެވެ. "ދޭ އަވަހަށް ހައިފާގެ ރޫމް ރެޑީ ކޮށްލަން. ދައްތަމެން ވެސް އަންނާނޭ! މަންމަ އެކަނިމާއެކަނި އެޕާޓުމަންޓެއްގަ ބޭންދީމަ މާ އެކަނިވަނީ. އެހެން ނޫނަސް އަހަރެންގެ އަންހެނުން ޖެހޭނެ އަހަރެންގެ މަންމަ ބަލަން. އެއީ ވާޖިބެއް."

އަހަރެން ހިތަށް އެރިއެވެ. އެހެންވިއްޔާ ޖެހޭނީ އެ ކަން ވެސް ކުރެވޭތޯ ބަލާށެވެ. އަހަރެން ގޮސް ހައިފާގެ ކޮޓަރި ތަރުތީބު ކޮށްލީމެވެ. ކޮންމެ ދުވަހަކު ސާފުކުރާތީ، މާ ބޮޑު ސާފެއް ކުރާކަށް ނެތެވެ. އެނދުމަތީގައި އޮތް ފޮތިގަނޑު ނަގައި، ފަތްޖަހައިފައި އަލަމާރި އަށް ލީމެވެ. ފާހާނަ އަށް ބޯދިއްކޮށްލި އިރު އެ ތާކު ވެސް އަލަކަށް ކުރާނެ ކަމެއް ނެތެވެ. އެ ކޮޓަރިއަކީ، ކޮންމެ ވަގުތަކު ހައިފާ އަޔަސް ބޭނުންކުރެވޭ ގޮތަށް އަހަރެން ބަހައްޓާ ކޮޓަރިއެކެވެ.

ގަޑިއެއްހައި އިރު ފަހުން ޒަލަފްގެ މަންމަ ރަމްލާ އައެވެ. އަހަންނަކީ، އެއް އިރަކު ވެސް އޭނައަށް ކަމުދިޔަ މީހެއް ނޫނެވެ. މާލޭ މީހަކަށް އަހަރެން ނުވީތީއެވެ. އެ ނޫން އެއްވެސް "ކުށެއް" އަހަރެންގެ ނެތެވެ.

އަހަންނަށް ޒަލަފްއާ އިނދެވުމުގެ ހުރިހައި ޝުކުރެއް ހައްގުވަނީ ޒަލަފްގެ ހުންނަ ގޮތްދޫނުކުރުމަށެވެ. އަހަންނާއި ޒަލަފް ރައްޓެހި ވެގެން އުޅުނު އިރު ޒަލަފްގެ ބައްޕަ ވެސް ދުނިޔޭގައި ހުއްޓެވެ. ބައްޕަ އާއި މަންމަ ވެސް ބުނަމުން ދިޔައީ އަހަންނާ ނީނުމަށެވެ. މައްސަލަ ވަރަށް ހޫނުވިއެވެ. އެހައި ހޫނު ނުކުރި ނަމަ ޒަލަފްގެ ހިތް އެ މީހުންނަށް އަތުލެވުނީހެވެ. އަހަރެން ހިތަށް އެރިއެވެ. އަންހެންދަރިން ވެސް ތިއްބައި، އަހަރެން ހައި ނުރުހޭ މީހެއް ކައިރި އަށް މަންމަ އައީ ކީއްވެ ހެއްޔެވެ؟ މަންމަ ގޮވައިގެން އައީ ޒަލަފްގެ ދޮށީ ދައްތައެވެ.

މަންމަ އަށް ކާންދޭ އެއްޗެއްސާއި ބޭސް ކާންދޭންވާ ގޮތް ކިޔައިދީފައި އޭނަ ދިޔައެވެ. ޒަލަފް ބުނި ގޮތަށް، ދައްތަމެން އަންނަންޏާ، ބޭސް ކާންދޭން ޖެހޭ ގޮތް އަހަންނަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. އަހަރެންގެ ހިތް ބުންޏެވެ. އެ އިން އެކަކު ވެސް ނާންނާނެއެވެ.

ހަގީގަތުގައި ގެއަށް ގެންނަންވީ އަހަރެން ބަލާނެ މީހެކެވެ. ޒަލަފް އާއި ގޭގެ ކަންކަން ކުރާނެ މީހެކެވެ. ނެތް ހިތްވަރު ނެރިގެން އެ ހުރިހައި ކަމެއް ކުރިއެއް ކަމަކު އެހައި ހަކަތައެއް އަހަރެންގެ ނެތެވެ. ނަފުސާނީ އަދި ޖިސްމާނީ ގޮތުން ވެސް އަހަރެން ވަރުބަލި ވެއްޖެއެވެ. ޒަލަފް މަންމައަކީ ވަކި ހާއްސަ ބައްޔެއްގައި އުޅޭ މީހެއް ނޫނެވެ. އޭނަގެ ބައްޔަކީ މުސްކުޅި ބައްޔެވެ. ވަރުދެރަވުމާއި ޕްރެޝަރު މައްޗަށްދިޔުމާއި ހަނދާން ނެތުމާއި ކޮންމެކޮންމެ އެއްޗެއް ނުކެވުމެވެ.

ކުޑަކުއްޖެއް ފަދައިން އޭނަ ނިންދެވުމަށް ފަހު ކޮޓަރި އަށް އަހަރެން ވަން އިރު ޒަލަފް އުޅެނީ މެޔަށް ތަދުވާތީއެވެ. ސީދާ އެހެނެއް ނުއެއް ބުނެއެވެ. ކުރާ ހަރަކާތްތަކުން އަހަންނަށް އެހެން ހީވީއެވެ. ކުރިން ވެސް އެތައް ފަހަރަކު އެހިއްޖެއެވެ. ނުބުންޏެވެ. މާ ގިނައިން އަހަންޏާ އަންނާނީ ރުޅިއެވެ. އަހަރެން ނުވެސް ފެންނަ ކަމަށް ހަދައިފައި ނިދަން އޮށޯތީމެވެ. ޒަލަފް ތެދުވެގެން ގޮސް ފާހާނާ އަށް ވަނެވެ. އޭނަގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އަރާފައި އޮތީ ޒަލަފް ބޭބެގެ ނަމެވެ. އިރުކޮޅަކުން ފޯނުކެނޑިފައި އަހަންނަށް ބޭބެ ގުޅަން ފެށިއެވެ. ހިތަށް އެރިއެވެ. ކޮންމެވެސް ގޯހެއް އެބަ އުޅެއެވެ.

"ހަލޯ!" އަހަރެން ފޯނު ނެގީމެވެ.

"މިހާރު ކިހިނެއް؟" ބޭބެ އެހިއެވެ. "ކޮބާ އޭނަ؟"

"ކާކު؟" އަހަރެން ބުނީމެވެ.

"ޒަލަފް!" ކުޑަކޮށް ނުތަނަވަސްވެފައި ބޭބެ ބުންޏެވެ. "އޭނަ ދެންމެ އަހަންނަށް ގުޅިއޭ! އަހަރެން މިހިރީ ރިސޯޓެއްގަ. އޭނަ ގޮވައިގެން ހޮސްޕިޓަލަށް ދޭ! ގޮސް ޗެކަޕެއް ހަދާ! ޗެސްޓްޕެއިން، ހީކެރުވުން، ވަރުބަލިވުން، މޭ އެންދުން، މޭ ނުބައި ކުރުން.. އަހަންނަށް ހީވަނީ ހާޓްއެޓޭކެއްގެ ސިމްޕްޓަމްސްހެން."

އަހަރެންގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސައިލިހެންނެވެ. ވަގުތުން ހާސްވިއެވެ.

"އެކަމަކު އަހަރެން ކައިރިއަކު ނުވެސް ބުނޭ!" އަހަރެން ކުރެވުނީ ޝަކުވާއެވެ. "މިރޭ މަންމަ ވެސް މި ބަޔަށް ގެނެއްސި. މަންމަ އެކަނި ބާއްވާފަ ކިހިނެއް އަހަރެން ދާނީ؟"

"ރިލެކްސް!" އެހެން ބުނެފައި ބޭބެ ވިސްނައިލިއެވެ. "އަހަރެން މި ގުޅަނީ ދައްތައަށް. އެކަމަކު ޒަލަފް ބޭނުމެއް ނޫން މީހުންނަށް އެނގޭކަށް. އެއްވަރުގެ ކަންތައް. މި ކަހަލަ ކަންކަން ކިހިނެއްތަ ސިއްރު ކުރާނީ؟ މާ ލަސްވެއްޖެއްޔާ ސަކަރާތް ވާނެ. ދައްތަ ފޮނުވާނަން ތި ބަޔަށް."

ދައްތަ ކައިރީގައި ބޭބެ ބުނީ ކީކޭ ކަމެއް އަހަންނަކަށް ނޭނގެއެވެ. އިރުކޮޅަކުން ދައްތަ އަހަންނަށް ގުޅިއެވެ. އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ދައްތަ އައި ގޮތަށް އައިސް ފާހާނައިގެ ދޮރުގައި ތަޅައިގަތެވެ. ޒަލަފް ދޮރު ހުޅުވިއެވެ.

"ހިނގާ ހޮސްޕިޓަލަށް!" ދައްތަ ކުރީ އަމުރެވެ.

ޒަލަފް ބަލައިލީ އަހަންނަށެވެ. ހީވާ ކަހަލައެވެ. އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެއެވެ.

"އެއީ ކީއްކުރަން؟" ޒަލަފް އެހިއެވެ.

"ވާހަކަ ދައްކާނެ ކަމެއް ނެތް ހަމަ މިހާރު ހިނގާ!" ދައްތަގެ އަމުރު ކުރިޔަށް ވުރެ ވަރުގަދަ ވިއެވެ.

އަހަރެން ހޮސްޕިޓަލަށް ދާން ބޭނުންވިއެވެ. އެހެނަސް ޒަލަފް ގޮވައިގެން ދިޔައީ ދައްތައެވެ. އަހަރެން ގޭގައި މަޑުކުރީއެވެ. ސިކުންތަކު އެއް ފަހަރު ޒަލަފަށް ގުޅާފައި ވާނުވާ ބަލަން އަހަރެން ބޭނުންވިއެވެ. ނުކެރުނީއެވެ. ދައްތައަށް ގުޅީމެވެ. ފޯނެއް ނުނަގައެވެ. އެ ރެޔަކީ، ރޭތަކުގެ ތެރެއިން އަހަރެންނަށް ކުރިމަތިވި އެންމެ ދިގު ރެޔެވެ. ނިދީގެ ކުޑަ ވެސް އަސަރެއް ނެތެވެ. އަހަރެން ދައްތަ އަށް މެސެޖު ކުރީމެވެ. އޭގެ ޖަވާބެއް ވެސް ނައެވެ. ހިތަށް އެރިއެވެ. ޒަލަފް ގެއަށް އައި އިރު ވެސް އޭނަ ހުރީ އުނދަގޫތަކެއް ވެފައެވެ. ގޭގައި ވެސް އޭނަ އުޅުނީ އެހެންޏާ ނޫޅޭ ގޮތަކަށެވެ. އަހަންނަށް އެ ވަރު ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ގަމާރީ ހެއްޔެވެ؟ ހާސްވެގެން ގޮސް ގުޅާނެ ހަމަ އެކަނި މީހަކަށް ހިތަށް އައީ ނަބާހާއެވެ. އޭނަ ފޯނެއް ނުނެގިއެވެ. ދަންވަރު ދަޅައިގައި ފޯނު ނަގާނީ ކާކު ހެއްޔެވެ؟

"ހާސްނުވޭ! ހުރިހާ ކަމެއް ވެސް ބަރާބަރު. ނަސީބެއް ހޮސްޕިޓަލަށް އާދެވުނުކަން." އިނގެރޭސިން ދައްތަ ލިޔެފައިވާ މެސެޖެއް އައެވެ.

އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ދެ އަތް ނަގައި ދުއާކޮށް، ޝުކުރު ކުރީމެވެ. ޒަލަފް ގެއަކަށް ނުގެނެއެވެ. އަހަރެން ހުރީ ހޭލައެވެ. ޒަލަފަށް ވާހަކަ ދެއްކޭ ނަމަވެސް، ވީ ގޮތް އަހަންނަކަށް ކިޔައެއް ނުދިނެވެ. އަހަރެން އެ މައުލޫމާތު ހޯދީ ދައްތަ އަށް ގުޅައިގެންނެވެ. ޒަލަފަށް ހާޓްއެޓޭކެއް ޖެހުނީއެވެ. މާ ވަރުގަދަ އެއްޗެއް ނޫނެވެ. އެ އަށް ކިޔަނީ ސައިލެންޓް ހާޓްއެޓޭކްއެވެ. ހުރިހައި ވެސް ނަސީބަކީ ކުރީބައިގައި ހޮސްޕިޓަލަށް ދެވުނު ކަމެވެ. ދައްތަ ބުނި ގޮތުގައި، ޒަލަފްގެ މޫނުގެ އެއްފަޅި ވަރަށް ކުޑަކޮށް އައިބެވެ. ހަށިގަނޑުގެ އެއްފަޅި ތަންކޮޅެއް ވަރުދެރައެވެ. ބޭސްކާން ޖެހެއެވެ. ލުއި ކަސްރަތުތަކެއް ވެސް ކުރަންޖެހެއެވެ. އެ ހުރިހައި ކަމަކަށް ވުރެ ވެސް ދައްތަ ހައިރާންވީ އެހެން ކަމަކާއެވެ. ހާޓްއެޓޭކެއް ޖެހުނުކަން އަހަންނަށް އަންގާކަށް ޒަލަފް ބޭނުމެއް ނުވެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ (ނުނިމޭ)

11 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 33%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟަލާ

03 October 2024

ބިންމާގެ ވާހަކަތައް އަބަދުވެސް ވަރަށް ރީތި، އެކަމަކު މިހާރު މި ހުންނަ ވާހަކަތައް ކިޔާއިރު މަވެސް ސްޓްރެސް ވޭ

The name is already taken The name is available. Register?

ކިޔުންތެރިޔާ

02 October 2024

މަށަކީ ދީމާނަމަ މަށެއް ނުހުންނާނަން ހެދިހާގޮތަކާރުހިގެނެއް، މަށަށް އެހެންގޮތެއްނެތީމާ މިހެންމިއުޅެނީ، އެހީވާނޭމީހަކުހުރިނަމަ އަދި އަހަރެން ޖޮބެއްގަވެސް ނޫޅޭތީއާއެކު މިހެންއުޅެންމަޖުބޫރު، މަގޭ އާއިލާ މީހުންވެސް ބޭނުންވަނީ މަ މިހެންވެސް އުޅެން، އެމީހުންގެ އެހީތެރިކަމެއްނެތް، މަފިރިމިހާއަކީ ކައިވެނިކުރިއިރު ތެޅިފައިވާ ބިއްލޫރިތައްޓެއް، އޭގެއިން ޒަހަމްވާނެކަމަށް އަހަރެންހީނުކުރަން، ނަޓުލޫޒުވިޔަސް ނުވިޔަސް އަލިމަގެއްފެންނަންދެން މަމިހެންހުންނާނަން

The name is already taken The name is available. Register?

އައިމިނާ

02 October 2024

ހައިފާ އެއީ ދަރިފުޅު.

The name is already taken The name is available. Register?

ހައްޖަ.

02 October 2024

މިވަރުވީމަ ދެން އުޅޭނެކަމެއް ނެއް.މީހެއްގެ މިހާ ދަށުވެގެން މިހާވަރުވާކައް ނުވާނެ.

The name is already taken The name is available. Register?

ހހހހ

02 October 2024

" އަންހެންދަރިން ވެސް ތިއްބައި، އަހަރެން ހައި ނުރުހޭ މީހެއް ކައިރި އަށް މަންމަ އައީ ކީއްވެ ހެއްޔެވެ؟ " ދިސް ސެންޓެންސް ހާދަ ގުޅެޔޭ މަގޭ ދިރިއުޅުމާ.. ތާކަށް ދިޔަސް ހުންނާނީ މަ ބާކީ ކޮށްލާފަ.. މަ ހިތައް އެރި އަންނަން ވެސް ކެރުނު ކަމޭ

The name is already taken The name is available. Register?

މަގުމަތިން އިންސާފު

02 October 2024

ސާބަސް ރިވަރުވާއިރުވެސް ހައިފާ ވަރިވާކަށްނޫޅެ ތިހުންނަނީ އަމިއްލަ މީހާ ހަލާކުވާން. ފުރަތަމަ އަމިއްލަ ނަފްސުދެކެ ލޯބިވާން ދަސަކުރަންއެބަޖެހޭ މިކަހަލަ ކޮންމެ އަތްބެއް. މިގައުމުގަ ގިނައީ ލަޓޯފަޓޯ ފިރިހެނުން ހިހޫތަނުން ކައިގެން އުޅޭ. އަންހެނުން ނުޖެހޭނެ ދަށުވެފަ ހުންނާކަށް. ތިކަހަލަ ކައިވެންޏެއްގެ މަތީ ދެމިހުރުމަށްވުރެ ވަރިވެގެން މާ އުފަލާ އަރާމުގައުޅެވޭނެ.

The name is already taken The name is available. Register?

ތުނިޔަ

02 October 2024

ދީމާ

The name is already taken The name is available. Register?

ކކކކކ

02 October 2024

ފޫހި ވަރަށްފޫހި މިގޮތަށް ހުންނަވާހަކަ.

The name is already taken The name is available. Register?

2024

02 October 2024

މަންޖެ ހަލާކުވާއިރުވެސް މަންޖެ ތިއުޅެނީ ކީއްވެ..... ބޮއިހަލަކި

The name is already taken The name is available. Register?

ޒަލަފޫ

02 October 2024

ބިންމާ ވާހަކަ ތަކުގަ މި އުޅޭ ނަޓު ލޫސް ތަކެއް ދޯ

The name is already taken The name is available. Register?

ބިންމާ ގެ ދުލުން

02 October 2024

ކީއްކުރާނީ ހަގީގަތަކީ މި ކަހަލަ ހާދިސާތަށް ގިނަކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454