"ވިޝްކާ" ގެ ޕޯސްޓަރެއް: ބުދަ ދުވަހު ހަވީރު ފިލްމް ޝްވެކްގައި ޕްރިމިއާ ކުރާނެ.
06 މާޗް 2017 - 11:32
އަންނަ ބުދަ ދުވަހު ޕްރިމިއާކުރާ ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ"ގެ ވާހަކަ އާއި ސްކްރީންޕްލޭގެ މިލްކުވެރިކަމުގެ މައްސަލާގައި ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ކޯޓްގެ އޮފިޝަލަކު ވިދާޅުވީ "ވިޝްކާ" ގެ މައްސަލަ ކޯޓަށް އިއްޔެ ހުށަހެޅުމުން މައްސަލަ ބަލައިގެންފައިވާ ކަމަށާއި ކޯޓްގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުން އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. ދައުވާގައި ހިމެނޭ ފަރާތްތައް ކޯޓަށް ހާޒިރުކޮށް މަޝްވަރާކޮށްގެން ހައްލު ހޯދާ ޑިސްޕިއުޓް ރިޒޮލިއުޝަން ސެންޓަރުން މައްސަލަ ޝަރީއަތަށް ފޮނުވާނީ ވާހަކަ ދައްކައިގެން ހައްލެއް ނުލިބިއްޖެ ނަމަ އެވެ.
ކޮކޯ ހަސަން ބުނެފައި ވަނީ އަބްދުﷲ ވިޝާމް ލިޔުނު "ވިޝްކާ" ގެ ވާހަކަ އާއި އޭގެ ސްކްރިޕްޓް ލިޔުނު މަހުދީ އަހުމަދާ އެކު ހަދާފައިވާ އެއްބަސްވުންތަކުން "ވިޝްކާ" އަކީ އޭނާގެ އެއްޗެއްކަން ސާބިތުކޮށްދެވޭނެ ހެކި އެބަހުރި ކަމަށެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ހަސަން "ވިޝްކާ" ގެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި އެވެ. ނަމަވެސް މިއީ މަދަނީ މައްސަލައެއް ކަމަށާއި އެހެންވެ އެ މައްސަލަ ބެލޭނީ ކޯޓަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި އެ ފިލްމުގެ ޕްރޮޑިއުސަރު/ބަތަލާ ރިޝްމީ ރަމީޒް ބުނީ "ވިޝްކާ" އަކީ ކޮކޯ ހަސަންގެ އެއްޗެކޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި ފިލްމު ނިންމާފައި އޮތީ އޭނާގެ އެއްވެސް ހިއްސާއެއް ނެތި ކަމަށެވެ. ރިޝްމީ ޕްރޮޑިއުސް ކުރި ފުރަތަމަ ފިލްމާ ބެހޭ ގޮތުން އޭނާ ބުނީ "ވިޝްކާ" އަކީ އޭގެ ވާހަކަ ލިޔުނު މީހާ އާއި ސްކްރިޕްޓް ލިޔުނު މީހާ އަށް ފުލް ޕޭމަންޓް ދީފައި އޭނާ ގަނެފައި އޮތް އެއްޗެއް ކަމަށެވެ. އެހެންވެ އޭގެ މިލްކުވެރި ކަމަށް އެހެން މީހަކަށް ދައުވާ ނުކުރެވޭނެ ކަމަށް ބުންޏެވެ.
ޝްވެކް ސިނަމާގައި ބުދަ ދުވަހު ހަވީރު "ވިޝްކާ" ޕްރިމިއާ ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ރިޝްމީ މިއަދު ބުނީ ތާވަލް ކުރެވިފައިވާ ގޮތަށް "ވިޝްކާ" ގެ ޕްރިމިއާ ކުރިއަށް ދާނެ ކަމަށެވެ.
"ހަވީރު ރެޑް ކާޕެޓް އިވެންޓް މި ބާއްވަނީ މީޑިއާތަކާއި ފިލްމުގައި މަސައްކަތްކޮށްފައިވާ އެކި ފަރާތްތަކުގެ އިތުރުން ފިލްމަށް އެކި ގޮތްގޮތުން އެހީތެރިވެ ދީފައިވާ ފަރާތްތަކާއި ހާއްސަ އިންވައިޓީސްތަކަށް،"ރިޝްމީ ބުންޏެވެ. "ދެން ހަމަ އެ ރޭ ފިލްމުގެ ފުރަތަމަ ދެ ޝޯ އޮންނާނެ."
މި މަހުގެ 16 އާ ހަމައަށް ޝްވެކްގައި "ވިޝްކާ" ގެ ޝޯތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
"އެކަމަކު ފިލްމަށް ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރުވެގެން ވެސް ހިނގައި ދާނެ،" ރިޝްމީ ބުންޏެވެ. "އަދި އަންނަ ހަފުތާ އިން ފެށިގެން ރަށްރަށުގައި ވެސް ފިލްމް ދައްކަން ފަށާނެ."
"ވިޝްކާ" އަކީ ރަވީ ފާރޫގް ޑައިރެކްޓްކޮށް، ރިޝްމީއާ އެކު މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. މި ކްރައިމް ތުރިލާގެ މުހިއްމު ރޯލަކުން އަހުމަދު ސައީދު ވެސް ފެނިގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތު
06 March 2017
ތި މައްސަލަޔަށް ތަދައްޙުލްވާން ނިންމައިފިން. އެއީ މަ ވ.ގިނަ ދުވަހު ތިފިލްމު ބަލަން އިންތިޒާރު ކުރަމުން އަންނަމީހަކަށް ވާތީ ތިފިލްމު ލަސްކޮއްފިއްޔާ މަގޭ ދިރިއުޅުމަށްވެސް އޭގެން އަސަރުކުރާނެތީ.. ސަބަބަކީ މަގޭ އަންހެނުން ކޮއްމެ ދުވަހަކު މަ ވިޝްކާ ޓެރެއިލާޔާ ލަވަތައް ބަލާތީ ވ.އެއްޗެހި ގޮވާ. ދެން މިހާރު ބުނަނީ މަށަށް ދިމާކުރަންވެގެން ވިޝްކާ ނޭޅުވޭނޭ. މަށަށް ރުޅި އަރައިގަނެގެން ހުވާކޮއްފަ ބުނެވިއްޖެ ބުދަ ދުވަހުގަރޭ ފިލްމް ނޭޅުވިއްޖެއްޔާ ތީ މަގޭ އަނބެއް ނޫނޭ. އެހެން ބުނީމަ އަންހެނުން ރޮމުން ގޭން ނުކުމެގެން ގޮއްސި މަށަށް 4ދަރިން ހަވާލު ކޮއްފަ. މިހާރު އެކުދިން ކަންތައްކޮއްފަ ހިޔެއް ނުވޭ ފިލްމް އެރޭ އެޅުވުނަސް މަށަށް ފިލްމަށް ދެވޭނެހެން.
ރިޝް
06 March 2017
/މައްސަލަ ކޯޓަށްލާން އެނގުނީ ހުރިހާކަމެއް ނިމުނީމަދޯ
އެނގޭ މީހެއް
06 March 2017
މައްސަލަ ހައްލު ކުރަން ކޮކޯ ހަސަން ވަރަށް ދުވުނު. ވާޙަކަވެސް ދެއްކި. ތި ފިލްމް ޝޫޓު ކުރަން ނުފަށީސްވެސް އޭނަ ތިކަން ވާހަކަ ދައްކައިގެން ހައްލު ކުރަން އުޅުނު. އެކަމަކު އޭރު ރިޝްމީއަށް ވިސްނުނީ މުޅިންވެސް ރަވީ އާއި މަހުދީ ދެއްކި ވާހަކަ. އޭގެ ހިތި ތި ފެންނަނީ. މަހުދީއަށް ކީއް ތި ފިލްމް ނޭޅުވުނަސް. އޭނަ އެ ހުރީ ދެމީހުން އަތުން ލާރި ނަގައިގެން.
ނަގިއްޔާ
06 March 2017
މިއަދުގެ ސުވާލު ކޮކޯ ކޮޅަށް މައްސަލަ ނިމިއްޖެއްޔާ ކިހިނެތްބާ ވާނީ؟. 1.ފައިސާކޮޅަކުން ހަމަޖައްސާލާނީތަ؟ 2.ފިލްމް ކޯކޯއަށް ދޭނީތަ؟ 3. ރިޝްމީ މީގެ ފަހުން އުފައްދާ ކޮންމެ ފިލްމަކުން އެތިކޮޅެއް ކޮކޯއަށް ދިނުން 4.ސްކްރިޕްޓް ލިޔާމީހުންނަށް ސްކްރިޕްޓަކީ ވިއްކާ އެއްޗެއްކަން ކުއްޔަދޭއެއްޗެއް ނޫންކަން އެންގުން
އައްޔަ
07 March 2017
ކޮކޯ ހަސަން ކޮޅަށް މައްސަލަ ނިމުނަސް، ރިޝްމީ އަތުން ލޯ ލާރިއެއްވެސް ޙަސަން ނުނަގާނެ. އަދި ފިލްމެއްވެސް ނުހޯދާނެ. ހަސަން ބޭނުމީ އެވާހަކަ އަކީ އޭނާގެ އެއްޗެއްކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދޭން.
ދޯ
06 March 2017
އަންހެނުންގެ ދުވަހު ނެރޭ ފިލްމަކަށް ފިރިހެނަކު މިހެން އުޅެފާނެ ކަމަށް ހީވެސް ނުކުރަން. އެކަމަކު ކަންތަށް ވެފަހުރި ގޮތަށްބަލާއިރު ކޮކޯތިކަމާ ނުއުޅެންވީ ސަބަބެއްނެތް!
ޢަލީ ނަޞީރު
06 March 2017
މަ ދަނީތަ، ސިޔާސީތަ؟