މި މަހުގެ 23 ވަނަ ދުވަހު ޕްރިމިއާކުރާ ތިއޭޓަ މިރާޖާއި އޯކޭޒް އިންކްގެ ފިލްމް "އިލް ނޮއިސް" ގެ ޓިކެޓް ޝްވެކް ސިނަމާ އިން މިރޭ ވިއްކަން ފަށައިފި އެވެ.
ފިލްމުގެ މާކެޓިންއާ ހަވާލުވެ ހުރި ރޭޝަން ޝަރީފް ބުނީ މިރޭ 8:00 އިން ފެށިގެން ޓިކެޓް ވިއްކަން ފެށިއިރު، ފްރިމިއާ ނައިޓްގެ ޓިކެޓަށް ވަރަށް ބާރު ބޮޑު ކަމަށެވެ.
އެހެންވެ "އިލް ނޮއިސް" ބަލާލަން ޝައުގުވެރިވާ މީހުން ވީހާ ވެސް އަވަހަކަށް ޓިކެޓް ނެގުމަށް ފިލްމުގެ ޓީމުން ވަނީ އެދިފަ އެވެ. ރޭޝަން ބުނީ މިހާރު ހަމަޖެހިފައި އޮތް ގޮތުން ޝްވެކްގައި މި މަހުގެ 23 އިން 30 އަށް ޝޯ ތައް ދައްކާނެ ކަމަށެވެ.
"ކޮންމެ ދުވަހަކު ދެ ޝޯ ދައްކާނެ. އެކަމަކު ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރުކުރާ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ޕްލޭންތައް ހުރީ،" އޭނާ ބުންޏެވެ.
މި ފިލްމް ރާއްޖޭން ބޭރުގައި ވެސް ދައްކަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގައި ފިލްމް އަޅުވަން މިހާރު ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ސިންގަޕޫރާއި މެލޭޝިއާގައި ވެސް "އިލް ނޮއިސް" އަޅުވަން މިހާރު އަންނަނީ ވާހަކަތަކެއް ދެކެވެމުންނެވެ.
"ރާއްޖޭން ބޭރުގައި ފިލްމް އެޅުވި ނަމަވެސް އަދި ޑޭޓްތައް ފައިނަލެއް ނުވޭ،" ރޭޝަން ބުންޏެވެ.
"އިލް ނޮއިސް" އަކީ ތިއޭޓަ ޕްލޭތަކުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ މުހައްމަދު މުންތަސިރު (މުންކޮ) ގެ ފުރަތަމަ ފީޗާ ފިލްމެވެ. މިއީ އޭނާ 2012 ވަނަ އަހަރު ގެނެސް ދިން ޕްލޭއަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އެހެންވެ ބޮޑު ސްކްރީނުން މުންކޮގެ އެކްޓިން ބަލާލަން ޝައުގުވެރިވާ މީހުންނަށް "އިލް ނޮއިސް" ވާނީ ވަރަށް ހާއްސަ ފިލްމަކަށެވެ.
ފިލްމުގެ މުހިއްމު ރޯލެއް މުންކޮ ކުޅެފައިވާ އިރު، ތިއޭޓަ ޕްލޭތަކުން ފެނިފައިވާ އަހުމަދު އަލަމް، ޝަމްއަތު އިބްރާހީމް، އަހުމަދު ނިމާލް އަދި ޖޫދު ވެސް "އިލް ނޮއިސް" އިން ފެންނާނެ އެވެ.
ދިވެހި ސިނަމާއިން އާންމުކޮށް ފެންނަ ފިލްމުތަކާ މާ ބޮޑަށް ވެސް ތަފާތު ކޮންސެޕްޓަކަށް ހަދާފައިވާ "އިލް ނޮއިސް" ޑައިރެކްޓްކޮށްފައި ވަނީ އިސްމާއީލް ނިހާދެވެ.
މުންކޮގެ ވާހަކައަށް ހަދާފައިވާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ އަހުމަދު މައުރޫފް ޖަމީލެވެ. މީގެ މައިގަނޑު ޑައިލޮގްތައް ހުންނާނީ އިނގިރޭސިންނެވެ.
ފިލްމީ ދާއިރާއަށް މުޅިން އާ ޓީމަކުން ގެނެސްދޭ "އިލް ނޮއިސް" ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެންނަ އިރު، މީގެ ދިގު މިނަކީ އެއް ގަޑިއިރާއި 40 މިނިޓެވެ. ސްޓޭޖް ޕްލޭގެ ދިގު މިނަކީ ގަޑިއެއްހާ އިރެވެ.
"ފިލްމާ ދޭތެރޭ މުޅި ޓީމް ވަރަށް ހިތްހަޖެހޭ. މިއީ މުޅިން ހަމަ ދިވެހިންކޮށްފައި އޮތް ވަރަށް ފުރިހަމަ އަދި ވަރަށް ރަނގަޅު މަސައްކަތެއް. އެހެންވީމަ ފިލްމަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލު އުންމީދު ކުރެވޭ،" ރޭޝަމް ބުންޏެވެ.
މުހައްމަދު އިކްރާމް ބެކް މިއުޒިކް ހަދާފައިވާ "އިލް ނޮއިސް" ވެގެން ދާނީ މި އަހަރު އަޅުވާ ތިން ވަނަ ފިލްމަށެވެ.