އިކްއޭޓިބް ވައިބްގެ މެމްބަރުން ފުރަން ގޮސް މިއަދު ވެލާނާ އެއާޕޯޓްގައި.
08 މާޗް 2017 - 12:37
ޓޫރިޒަމް އިޝްތިހާރު ކުރަން ބާއްވާ އެންމެ ބޮޑު ފެއާ ކަމަށްވާ އައިޓީބީގައި ރާއްޖެ ތަމްސީލް ކުރާ އިރު، ފެއާގައި ރާއްޖޭގެ މިއުޒިކާއި ސަގާފަތް ދައްކާލަން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވާން ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް އިކްއޭޓިކް ވައިބް މިއަދު ޖަރުމަނަށް ފުރައިފި އެވެ.
ފަސް މެމްބަރުން ހިމެނޭ އިކްއޭޓިކް ވައިބްގެ ބޭސިސްޓް އަހުމަދު އަމީން މިއަދު ބުނީ ޖަރުމަނަށް ކުރާ ދަތުރުގައި މި މަހުގެ 15 އާ ހަމައަށް ޖަރުމަނުގައި ތިބޭނެ ކަމަށެވެ.
މިދިޔަ އަހަރު "ކުލަތައް" ގެ ނަމުގައި އަމިއްލަ ރާގުގެ އަލްބަމެއް ނެރުނު ބޭންޑުން ބުނީ އައިޓީބީ 2017 ގައި ބައިވެރިވާން ބޭންޑަށް ލިބުމަކީ ރަނުގެ ފުރުސަތެއް ކަމަށެވެ. އެ ބޭންޑަށް ފެއާގައި ބައިވެރިވާން ފުރުސަތު ލިބުނީ ފެއާއަށް ގެންދާނެ ބޭންޑެއް ހޯދަން ހުޅުވާލުމުން ހުށަހެޅި ބިޑް ކާމިޔާބުކޮށްގެންނެވެ.
އެ ބޭންޑުން ބުނީ އިންޓަނެޝަނަލް ޕްލެޓްފޯމެއްގައި ޕަފޯމްކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ވީހާ ވެސް ބޮޑަށް ހިފައި، ހުނަރު ދައްކައިލާނެ ކަމަށެވެ.
ބޭންޑުން ބުނީ ފެއާގައި ގިނައިން ހުށަހަޅައި ދޭނީ އެ މީހުންގެ އަމިއްލަ އުފެއްދުންތައް ކަމަށެވެ. އެހެން ނަމަވެސް ޖަރުމަނުގައި އޮންނަ ފެއާއަކަށްވާތީ، ޖަރުމަނު ލަވައެއް ވެސް ހުށަހަޅައި ދޭނެ ކަމަށް ބޭންޑުން ބުންޏެވެ.
އިކްއޭޓިކް ވައިބްފެ ޝޯއެއްގެ ތެރެއިން.
އިކްއޭޓިކް ވައިބްގެ ލީޑް ވޯކަލިސްޓަކީ ޝައްމޫން މުހައްމަދު (ޝައްމު) އެވެ. އޭނާއާ ދެން ބޭންޑްގައި ހިމެނެނީ އަމީން އާއި ޝިނާން، މަބީ އަދި ހުސައިނެވެ.
ޖަރުމަންގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާގައި މި އަހަރު 187 ގައުމަކުން 10،000 އަށް ވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވެ އެވެ.
މި އަހަރު ފެއާގައި ރާއްޖޭގެ 88 ކުންފުންޏަކުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy