މުނިފޫހިފިލުވުން / ވާހަކަ

ކަޅު ހަރުފަ

(އާދިއްތަ ދުވަހާ ގުޅޭ)

ފަތްމިންޏެއް ފަދަ ޕަރީއެކެވެ. ތޫބާއެވެ. ކުރިން ރާއިދަށް ފެނިފައިވާ ނުވާ ތޫބާއެކެވެ. އޭނަގެ ލޯ ހުރީ ކުރިން ވެސް ހުންނަ ގޮތަށެވެ. ކަޅިރަވަ އާދަޔާ ހިލާފަށް ސާފުވެފައި ތޫނީއެވެ. ބުމައިގެ ބައްޓަން ނަލަވެފައި، ތުންފަތުގެ ރަތްކަން ގަދަވެފައި، އިސްތަށިގަނޑުގެ ފަންކަން އިތުރުވެފައި ވަނީއެވެ. ދަންފުޅި ކިއްސަރު ހަށިގަނޑާއި، ލަދުރަކި ސާދާ ހީނލުމާއި، މަޑުމަޑު އަތްތިލައިގެ ފިރުމުން ރާއިދު އަންތަރީސް ކުރުވީއެވެ. ދަހިކުރުވީއެވެ. އެ ރީތި ހުވަފެނުގައި ރާއިދުގެ އަތުގައި ހިފައިގެން ތޫބާ ފެށި ދަތުރު ނިމުނީ، ރާއިދުގެ ހިތުން ދުވަހަކު ވެސް ފިލުވައި ނުލެވޭ ކަހަލަ ހިތްގައިމު މަންޒިލަކަށެވެ.

ހެނދުނު ހޭލެވުނު އިރު އެ ހުވަފެން މައްޗަކުން ރާއިދު ހަނދާނެއް ނެތެވެ. ބައެއް ދުވަސްދުވަހު، ރާއިދު ހޭލާ ވަގުތު ނަޖާތު ގުޅައެވެ. ހެނދުނުގެ ތަހުނިޔާ ކިޔައެވެ. އެއް ފަހަރު ވެސް ރާއިދު ހިތްފުރިގެނެއް އެ ފޯނެއް ނުބޭއްވެއެވެ. އަދި އިރުކޮޅަކު، އަދި އިރުކޮޅަކު ކިޔަކިޔައި އޮވެވެނީއެވެ. ތޫބާގެ ހުވަފެން ފެނިފައި ހޭލެވުނު ދުވަހަކީ ވެސް ނަޖާތު ގުޅި ދުވަހެކެވެ. އެހެނަސް އެ ފޯނު ނަގާ ހިތެއް ރާއިދު ނުވިއެވެ. އެއީ ކީއްވެގެން ކަމެއް ރާއިދަކަށް ވެސް ނޭނގެއެވެ.

އޮފީހަށް ވަނުމަށް ފަހު، ކައިރީގައި ހުންނަ ކޮފީޝޮޕަށް ގޮސް ކޮފީއެއް ބޯލުމަކީ ރާއިދުގެ އާދައެކެވެ. ކުރީން އޮފީހަށް އާދެވޭ އެކުވެރިން ތިބޭނީ ރާއިދަށް ބަލަބަލައެވެ. ހިލޭ ލިބޭ ކޮފީ އަށް ޓަކައެވެ. އެ ދުވަހު ރައްޓެހިން އެދުނީމާ ވެސް ރާއިދު ކޮފީ ބޯކަށް ނުދިޔައެވެ. ދާ ހިތެއް ނުވިއެވެ. ރާއިދުގެ ޑިޕާޓުމަންޓަށް ވަދެ، މޭޒު ކައިރީގައި އިށީނދެލައިގެން ވިސްނަން އިނީއެވެ. ރާއިދަށް ހީވަނީ ކޮންމެވެސް ކަމެއް ފުރިހަމަ ނުވާހެންނެވެ. ލުއި ބޮލުގަ ރިހުމަކާއި، ގައިގަ ރިހުމެއް ހުރިކަން ރާއިދަށް ފާހަގަވީ ވެސް ދެނެވެ. މެޔަށް ހުންނަނީ ބާރުވެފައެވެ. ކުރިން ރާއިދަށް ނުވާ ގޮތްތަކެއް ވާން ޖެހޭ ސަބަބެއް ރާއިދަކަށް ނުވިސްނެއެވެ. އޭރު ވެސް ތޫބާގެ ހުވަފެން މަތިން ހަނދާނެއް ނެތެވެ.

"ކިހިނެއްތަ މި ވަނީ؟" މަޑުމަޑުން ރާއިދަށް ބުނެވުނެވެ.

އެ ދުވަހު ތޫބާ އޮފީހަކަށް ނާދެއެވެ. ރާއިދު ނުވެސް ދެނަހުއްޓެވެ. ތޫބާއަކީ އޭނަ ނައުމުން އޮފީހަށް އެނގުންވާ ކަހަލަ ކުއްޖެއް ނޫނެވެ. ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށް، ހިތާމަވެރި ޚަބަރެއް އޮފީސް ތެރެއަށް ފެތުރުނެވެ. އޮފީހުގެ ވެރިމީހާގެ ބައްޕަ ނިޔާވީއެވެ. ޖަނާޒާގައި ބައިވެރިވެ، މޫނުދެކެން ގިނަ ބަޔަކު ދާން ބޭނުންވިއެވެ. އެ ކަމުގައި ރާއިދު ބައިވެރިވީ ދީނީކަމެއްގެ ގޮތުގައި ދެކިގެނެއް ނޫނެވެ. ގިނަ ރައްޓެހިންތަކެއް ދާތީ ރާއިދު ވެސް ދިޔައީއެވެ.

ސަހަރާ ތެރޭގައި އޮފީހުގެ ގިނަ މުވައްޒަފުންތަކެއް އުޅުނެވެ. ރާއިދު އުޅެނީ އެއްތާކު ހިމޭނުން ނީނދެވިގެންނެވެ. އެކުގައި އައި އެކުވެރިން ދޫކޮށްލާފައި، ހިތް ދެއްކި މިސްރާބަށް ރާއިދު ދިޔައެވެ. ކުއްލިއަކަށް ރާއިދުގެ ލޮލުގައި ތޫބާ އަޅައިގަތެވެ. ހަމަ ފެނުމާ އެކު ހުވަފެނުގެ މަތިން ރާއިދު ހަނދާންވިއެވެ. ބޮލުން ފެށިގެން ފަޔަށް ފިނިވެގެން ދިޔައެވެ. ރާއިދަށް ތޫބާ ފެންނަނީ ހުވަފެނުން ފެނުނު ސިފައިގައެވެ. އެހެން މީހުންނަށް ފެންނަ ސިފަޔަކު ނޫނެވެ. ކުރިން ތޫބާ ހުންނަ ގޮތެއް ރާއިދު ހަނދާނެއް ވެސް ނެތެވެ. ސަހަރާއަށް ރާއިދު ދިޔައީ ޖަނާޒާގައި ބައިވެރިވާށެވެ. އެހެނަސް، ރާއިދަށް އުޅެވުނީ ތޫބާގެ ފަސްފަހަތުންނެވެ. ވާހަކަ ދައްކާ ހިތުން ވެސް ހުރެވެނީކީ ނޫނެވެ. މީހުންތަކުގެ ތެރޭގައި ތޫބާ ހުންނާތީ ފޯނުން ގުޅާކަށް ނުކެރުނެވެ. ގޮވައިލާކަށް ވެސް ނުކެރެއެވެ. ދަނޑިވަޅެއް ލިބޭތޯ ބަލަބަލައި ހުރެވުނީއެވެ.

ކަށުނަމާދުން އަވަދިވެގެން، ގަބުރުސްތާނަށް ވަދެފައި އެނބުރި އައި އިރު ތޫބާ ފެންނާކަށް ނެތެވެ. ރާއިދު އަވަސްއަވަހަށް ބޭރަށް ނުކުތެވެ. އޭރު ތޫބާ އެކަނިމާއެކަނި ދާ ތަން ފެނުނެވެ. ރައްޓެހިންގެ ލޯމަތިން ކެހިގެން ސައިކަލަށް އަރައިގެން ގޮސް ތޫބާއާ އަރައި ހަމަކުރެވުނު އިރު ތޫބާ ހުރީ އަމީނީ މަގުގައެވެ. ރާއިދު ގޮސް ތޫބާ ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ. ކަރުކެހިލިއެވެ.

"ގެއަށްތަ ތި ދަނީ؟" ރާއިދު އެހިއެވެ. "އަރާ!"

"އޯކޭވާނެ،" ހިނިތުންވެލާފައި ތޫބާ ބުންޏެވެ. "މި ތާ ކައިރީގައޭ ގެ ހުންނަނީ."

ތޫބާ ނުހުއްޓުނެވެ. ދެން ނުވެސް ބެލިއެވެ. ރާއިދު ހައިރާނެއް ނުވެއެވެ. އެހައި ރީތި ކުއްޖަކު، ކޮންމެކޮންމެ މީހެއްގެ ސައިކަލު ފަހަތަކަށް ނާރާނެއެވެ. އެހެނަސް، އެ ފުރުސަތު ގެއްލުވައިލާކަށް ރާއިދު ބޭނުމެއް ނޫނެވެ. ތޫބާ ހިނގާލައިފައި ދިޔައީ ރާއިދަށް ހުވަފެނުން ފެނުނު ގޮތަށެވެ. ބަނޑިޔަކަށް ބަނޑިއެކެވެ. އެއްވެސް ތަފާތެއް ނެތެވެ. ރާއިދު ހިތަށް އެރިއެވެ. ރާއިދުގެ ލޮލުގައި ކުރިން ތޫބާ އަޅައިނުގަތީ ކީއްވެގެން ހެއްޔެވެ؟ އިރުކޮޅަކު ބަލަން ހުރެފައި އަނެއްކާ ވެސް ރާއިދުގެ ސައިކަލު ތޫބާއާ އެއްވަރު ކުރިއެވެ.

"ފިނިކޮށްލައިގެން ވެސް ގެއަށް ދެވިދާނެއްނު،" ރާއިދު ބުންޏެވެ. "އެހެރަ ތަނުގަ ހުންނާނެ ވަރަށް މީރު ކޮފީއެއް."

"އަހަރެން އަނބުރައިގަނެގެން ވެއްޓުނީމަ ގިރާކޮށްފަ ދިޔަ މީހަކު ކީއްކުރަން އަހަންނަށް ކޮފީ ދެނީ؟" ތޫބާ ގަދަކޮށްލިއެވެ. "ހަމަ އެ ތޫބާއޭ މީ."

ތޫބާ އަނބުރައިގަނެގެން ވެއްޓުނިއްޔާ އޭނަ ގިރާކޮށްފައި ރާއިދު ދިޔަކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހެން ހިތަށްް އެރި ނަމަވެސް، އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ރާއިދު ކުރި ކަމަކީ މާފަށް އެދުނެވެ.

"ކުށްކުރީމަ އޮންނާނީ ދެ ގޮތް،" ތޫބާ ކުރިމައްޗަށް ސައިކަލު ހުރަސްކޮށްލައި ރާއިދު ބުންޏެވެ. "މާފުކުރޭ ނޫނީ އަދަބުދީ!"

"އަދަބުދޭނީ!" ލާނެތް ރާގަކަށް ތޫބާ ބުންޏެވެ. "ރާއިދު މެރީ ކުރަން ޖެހޭނީ އަހަންނާ!"

ރާއިދު ވަގުތުން އެއްބަސްވިއެވެ. އެއީ ތޫބާ އާއި ރާއިދުގެ ލޯބީގައި ކުލަޖެހުނު ދުވަހެވެ. އެ ލޯބި މާ ބޮޑަށް ފާޅުނުކުރި ނަމަވެސް، ސިއްރު ކުރާކަށް ވެސް ރާއިދު މަސައްކަތެއް ނުކުރެއެވެ. ރާއިދަކީ މާލޭ މީހެކެވެ. ގެދޮރު ހުރި، ތަނަވަސް އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ތޫބާއަކީ ވެސް މާލޭ މީހެކެވެ. އެހެނަސް، ތަނަވަސްކަމުގެ ގޮތުން ރާއިދުއާ އަޅައެއް ނުކިޔެއެވެ. ދިރިއުޅެނީ، ގެ ބަހައިގެން މަންމައަށް ލިބުނު ބައިގެ ކުޑަ ކޮޓަރިއެއްގައެވެ. އެ ތަނުން ނުކުންނަން ތޫބާ އަބަދު ވެސް ބޭނުންވެއެވެ. އެ ކަން ކާމިޔާބުވި ވެސް މެއެވެ. އެ ނަސީބު ގެއްލުނީއެވެ. ކުޑަ ކޮޓަރިގަނޑަށް އެނބުރި އަންނަން ޖެހުނީއެވެ. ތޫބާގެ އެ ދިރިއުޅުން ގިނަ މީހުންނަކަށް ނޭނގެއެވެ.

ތޫބާއާއި ރާއިދުގެ ގުޅުން ފައްކާވަމުން އައީ އޮފީސް އެންމެންގެ ލޯ ކުރިމަތީގައެވެ. ރާއިދުގެ ނަޒަރުގައި އެއީ ޝަރަފެކެވެ. އެކުގައި ކޮފީއަށް ދިޔުމާއި، އެކަކުއަނެކަކުގެ މޭޒު ކައިރީގައި ވާހަކަ ދައްކަން ތިބުން އާންމުވާން ފެށިއެވެ. އެ ކަމާ ހައިރާން ނުވާ އެކަކު ވެސް ނެތެވެ. ކުއްލިއަކަށް ތޫބާ އާއި ރާއިދު އެހާ ގާތްވީ ކީއްވެގެން ހެއްޔެވެ؟ ސިއްރަކީ ކޮބައި ހެއްޔެވެ؟ ނުލާހިކު ރީތި، ހުސްހަށިބައި އަންހެންކުދިން އޮފީހުގައި އުޅެނިކޮށް، ތޫބާއާ ދިމާއަށް ރާއިދު އެނބުރުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ އޮފީހުގެ ހޫނު މައުލޫއަކަށް ވެސް ވެފައި ވަނީ އެ މައުލޫއެވެ.

އޮފީހުގައި ކުލަބެއް އޮވެއެވެ. އަހަރީ މުބާރާތްތައް އޮވެއެވެ. ޑާޓަކީ އޮފީހުގެ އެންމެ މަޝްހޫރު ކުޅިވަރެވެ. ކޮންމެ އަހަރަކު ޑާޓު ދެ މުބާރާތް އޮވެއެވެ. އެންމެން އަތުން ޗަންދާ ނަގައިގެން ބޮޑެތި އިނާމުތައް ވެސް ކަނޑައެޅެއެވެ. އަގުބޮޑު ފޯނާއި، ދުބާއީ ދަތުރު ކަހަލަ އިނާމުތަކެވެ. އެ މުބާރާތް ވައިގައި ހިފީ އެހެންވެއެވެ. ރާއިދަކީ އެ ކުޅިވަރަށް ވަރަށް ކުޅަދާނަ މީހެކެވެ. މުބާރާތުގެ ފައިނަލަށް ރާއިދު ދާނެކަން އެއީ އެންމެނަށް ވެސް ކަށަވަރު ކަމެކެވެ.

ޑާޓު މުބާރާތް ފެށުނެވެ. ހަތަރުވަނަ ދުވަހު ރާއިދު އާއި ތޫބާ ބައްދަލުކުރިއެވެ. އެ ދުވަހުގެ އިންތިޒާރުގައި ތިބި ބަޔަކު ވެސް ތިއްބެވެ. ބައެއް މީހުންނަށް ނަތީޖާ އެނގެއެވެ. ބޮޑު ތަފާތަކުން ރާއިދު މޮޅުވާނެއެވެ. ތޫބާއަކީ، ޑާޓުގެ ގަދަ ދިހައެއްގެ ތެރޭގައި ވެސް ހިމެނޭ ކުއްޖެއް ނޫނެވެ. ތޫބާ ބޭނުންވީ އޮފީހުގެ އެންމެން ހައިރާންކޮށްލާށެވެ. ވީ ވެސް އެހެންނެވެ. ކޮންމެ ފަހަރަކު ވެސް ބޮޑު ތަފާތަކުން ތޫބާ ކުރި ހޯދިއެވެ. ރާއިދު އެ ކަމާ ހައިރާން ނުވި ތަނުގައި ފެނުނީ އުފާވާ މަންޒަރެވެ. ތޫބާއަށް ރާއިދު ދޫކުރީއެވެ. އެއްފަހަރު ރާއިދު ކުޅެފައި އައިސް އިށީނުމުން، ރައްޓެއްސަކު އައިސް ރާއިދު ގާތުގައި އިށީނެވެ.

"ކިހިނެއް ތި ހަދަނީ؟" ރާއިދަށް ކިރިޔާ އިވޭ ވަރަށް އެކުވެރިޔާ އެހިއެވެ. "އަތް ތުރުތުރު އަޅަނީތަ؟"

"މީ ކަލޭމެން ގަސްތުގަ ދިން ލަނޑެއް،" ސަމާސާ ރާގެއްގައި ރާއިދު ބުނެލިއެވެ. "އެ ކަހަލަ ލޯބި ކުއްޖަކާ އެކީ ކުޅޭ އިރު ކިހިނެއް ބޯޑަށް ބަލާނީ؟ ކިހިނެއް ކޮންސަންޓްރޭޓް ކުރާނީ؟"

އެކުވެރިޔާ ބަލައިލީ ތޫބާއަށެވެ. އެ އަށް ފަހު ރާއިދަށެވެ. ރާއިދު އެ ކިޔާ އެއްޗެއް އެކުވެރިޔާއަކަށް ނުވިސްނުނެވެ.

"ލޯބިކުއްޖެކޭ؟" ހައިރާންވެފައި އެކުވެރިޔާ އެހިއެވެ. "މަ ނެތިން އެއްޗެއް ބުނާކަށް."

"ރީއްޗަކީ ތަފާތު އެއްޗެއް،" ރާއިދު ބުންޏެވެ. "ވެދާނެ އަހަންނަށް ފެންނަ ގޮތަށް އެހެން މީހުންނަށް ނުފެންނަނީ ކަމަށް. ނަސީބެއް ނުފެންނަކަން ވެސް. އެހެން މީހަކު ތޫބާއާ ދިމާއަށް ބަލާލިޔަސް އަހަރެން ޖެލަސްވާނެ."

"ރާއިދު! ރީއްޗަކީ ތަފާތު އެއްޗެއް. އެ ކަމާ އެއްބަސް،" އެކުވެރިޔާ ބުންޏެވެ. "ކޮންމެހެން ނުޖެހޭ ސިފައަށް ބަލާކަށް ވެސް. އެކަމަކު ގޮތަކަށް އުޅެވުނީމަ ދޯ ދަރިއެއް ހުއްޓާ ތޫބާ ވަރިކޮށްލާފަ ފިރިމީހާ ދިޔައީ؟"

"އޭނ؟" ރާއިދަށް ބުނެވުނެވެ.

"ނޭނގޭތަ؟ ތޫބާގެ ހުންނާނެ ކިޑެއް،" އެކުވެރިޔާ ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ބައްޕަ ކައިރީގަ ކިޑް ހުންނާނީ. ނޭނގެ ކިތައް އަހަރު ކަމެއް. އެކަމަކު ހުންނާނެ ކުއްޖެއް."

ރާއިދަށް ލިބުނީ އާ ޚަބަރެކެވެ. ތޫބާ އެ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. މުބާރާތަކާ މުބާރާތެކެވެ. ރާއިދު އެ ތަނުން ނުކުމެގެން ދިޔައީއެވެ. ފަހުން ދެ މީހުން ބައްދަލުކުރިއެވެ. ރާއިދު ކޮންމެހެން ދުރުދުރުން ވާހަކަ ގެންދާކަށް ބޭނުމެއް ނުވިއެވެ. ފުރަތަމަ ވެސް ދެއްކީ އެ ވާހަކައެވެ.

"ތެދެއްތަ އެއީ؟" ރާއިދު އެހިއެވެ.

ތޫބާ ވަގުތުން ރޯން ފެށިއެވެ. ދެ މީހުން ތިބީ މޫދު ކައިރީގައި ހުރި ކެފޭއެއްގައެވެ. ހަޔާތުގެ އެ ސަފުހާ ނިއުޅުވައިލަން ތޫބާ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް އެ ތަޖުރިބާ ހިތިކަމުން ކިޔައިދޭން އުނދަގޫވެގެން އުޅޭ ކަހަލައެވެ.

"އެއީ އަހަންނަށް ކުރެވުނު އެންމެ ބޭޑް އެކްސްޕީރިއަންސް،" ގިސްލަގިސްލައިފައި ތޫބާ ކިޔައިދޭން މަސައްކަތް ކުރާ ކަމަށް ހެދުނެވެ. "އޭނަ ހާދަ އަނިޔާއެއްކުރިޔޭ! އެއްދުވަހަކު..."

"އޯކޭ!" ރާއިދު އެ ހިސާބުން ތޫބާ ހުއްޓުވިއެވެ. "ފޮގެޓް އިޓް! އަހަރެން ބޭނުމެއް ނޫން ތޫބާ ދެރަކުރާކަށް." (ނުނިމޭ)

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންހަރުފާ

22 January 2025

ދޮން ހަރުފައެއްގެ ވިހަ ހުންނާނެބާ؟

The name is already taken The name is available. Register?

ޏައިނާ

22 January 2025

އޯ ޕްލީޒް. ބިންމާގެ ވާހަކައިގެ ފުރަތަމަ ޝަރުޠު 'ބޮލުރޮދި' މިއޮތީ ރާއިދުއަށް. ދެން އަހުން ޖެހޭނީ ދަތްކޮޅު ފައިބަންދެން ދަތްކުނޑި ވިކަވިކައި ތިބެން. ތޫބާ އޮޅުވާލާނެ އަލިފާނާ ފެނާވެސް އެެސޮރަށް.

The name is already taken The name is available. Register?

2025

22 January 2025

މަޅީގަ ތިހިރީ ރަގަޅަށްޖެހިފަ...... ބޮއިހަލަކި

The name is already taken The name is available. Register?

ތެފައާސާ.

22 January 2025

ހަގީގީ ހާދިސާއަކަށް ބިނާކޮށްފައޭ ކިޔައިގެން ވާހަކައެއް ލިޔާނަމަ ހަގީގަތާއި ކޮންމެވެސްވަރަކަށް އެއްގޮތަކަށް ލިޔެވޭތޯ ބަލަންވާނެ. ރާއިދު ހަމަ ކުއްލިއަކަށް ބިޓެއް ނަގައިގެން މުޅި މާލެ ކުޑަކުރަމުން ދުވާއިރުވެސް އެއްކަލަ ނަޖާތުއަށް ހިލަމެއްނުވިތަނުގައި ނަޖާތުގެ ހިލަމެއްވެސް ނުވޭ؟ ކޮންމެ ދުވަހަކު އެތައްފަހަރަކު ގުޅައިގެން ވާހަކަ ދައްކާ ނަޖާތު އެއްދުވަހު ހެނދުނު ގުޅީމާ ރާއިދު ފޯނު ނުނެގީ، ދެން އޭގެ ފަހުން ބަޚަބަރު؟ ވެރީ އައުޓް އޮފް ކެރެކްޓާރ...

The name is already taken The name is available. Register?

ޏަމްޏަމު

22 January 2025

ކޮބާ ނަޖާތު

The name is already taken The name is available. Register?

ނަޛާ

22 January 2025

އަހަރެންނަށް ނުހޭލެވިގެން މިއުޅެނީ ކީއްވެކަމެއް ޚުދު އަހަންނަވެސް ނޭނގެއެވެ. ނަޖާތު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454