"ވިޝްކާ" އަކީ އާއިލާއާ އެކު ބަލަން އެކަށީގެންވާ ފިލްމެއް ނޫން

ޝްވެކް ސިނަމާގައި މިހާރު ދައްކަމުން އަންނަ ފިލްމް "ވިޝްކާ" ބެލި ބައެއް މީހުން ވަނީ އެ ފިލްމުގައި ބަހުރުވަ ހުރި ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއީ އާއިލާގެ އެންމެން އެކުގައި ގޮސް ބަލަން ހެޔޮވާ ވަރުގެ ފިލްމެއް ނޫން ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.


އެހެން ވެދާނެ އެވެ. ފިލްމު ކްލެސިފައިކޮށްފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެކަމަކު އުމުރުން 18 އަހަރުން މަތީގެ މީހުންނާ ހިސާބުން މީގެ ކްލެސިފިކޭޝަން ނުނިމެ އެވެ. "ވިޝްކާ" ކްލެސިފައިކޮށްފައި ވަނީ +R18 ކެޓަގަރީއަށެވެ.

މިއީ ދިވެހި ފިލްމެއް އެ ކެޓަގަރީގައި ކްލެސިފައި ކުރި ފުރަތަމަ ފަހަރެވެ. އެއީ ފިލްމުގެ ކޮންޓެންޓްގެ ގޮތުންނެވެ.

"ވިޝްކާ" އަކީ ފިލްމުގެ ވާހަކައިގެ ގޮތުން މާރާމާރީ އާއި ލޭ އޮހޮރުވުމާއި ހުތުރު ބަސްތަކުން މުއާމަލާތް ކުރާ ތަން ފެންނަ ފިލްމެކެވެ.

މި ސަބަބާ ހުރެ، މި ފިލްމަކީ ނަފްސާނީ މައްސަލަތައް ހުންނަ މީހުން ވެސް ބަލަން އެކަށީގެންވާ ފިލްމަކަށް ނުވެ އެވެ.

"ވިޝްކާ" އަކީ +R18 އަށް ކްލެސިފައި ކުރި ފުރަތަމަ ދިވެހި ފިލްމް.

އެ ކެޓަގަރީގައި ބުނަނީ 18 އަހަރުން މަތީގެ ބައެއް މީހުންނަށް ނަފުސާނީ ގޮތުން އެކަށީގެން ނުވާ ވާހަކަ، މެސެޖް ނުވަތަ މައުލޫމާތު އުފެއްދުންތަކުގައި ހުންނާނެ ކަމަށެވެ. އަދި މި ގިންތީގެ އުފެއްދުންތަކުގައި ހުރެދާނެ މަންޒަރެއް ނުވަތަ އަޑެއްގެ ސަބަބުން ބައެއް ބެލުންތެރިންނަށް ނޭދެވޭ އަސަރެއްކޮށްފާނެ ކަމުގެ އިންޒާރު އާންމުންނަށް ފެންނަ ގޮތަށް މި ދަރަޖައިގެ އުފެއްދުންތަކުގެ އިޝްތިހާރުތަކުގައި ހިމަނަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

"ވިޝްކާ" ގެ ޕްރޮޑިއުސަރު/ބަތަލާ ރިޝްމީ ރަމީޒް ބުނީ ފިލްމްގެ ބަހުރުވަ ހަޑިވެގެން ވަރަށް ގިނަ ބަޔަކު އެކަމާ ޝަކުވާކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ ފިލްމުގެ ފެށުމުގެ ކުރިން +R18 އާ ބެހޭ ޑިސްކްލެއިމާއެއް ހިމަނާފައި ވާނެ ކަމަށެވެ. އެހެންވެ އެކަމަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް ބުންޏެވެ.

"ވިޝްކާ" ގެ ޓްރެއިލާއެއް.

"އަހަރެމެން ކުރިން ވެސް ބުނަމުން ދިޔައިން މިއީ އާރް އެއިޓީން ޕްލަސް ފިލްމެކޭ. އެހެންވީމާ އެ ކެޓަގަރީ އަށް ފެތޭ މީހުން އަސްލު ފިލްމް ބަލަން ވަންނަން ވާނީ،" އޭނާ ބުންޏެވެ. "އެކަމަކު ބައެއް މީހުންނަށް މީތި އެހާ ބޮޑަށް ނަގައި ނުގަނެވި ފިލްމަށް ދިޔައިމަ އަސްލު އުނދަގޫވާ ސަބަބަކީ. އެހެންވެ ވަރަށް ބޮޑު އެދުމެއް ކްލެސިފައިކޮށްފައި އޮތް ކެޓަގަރީއަށް ފެތޭ މީހުން ފިލްމް ބަލަން ދިއުމަށް."

ރިޝްމީ ބުނީ "ވިޝްކާ" ރަށްރަށުގައި ވެސް އަޅުވާ އިރު، ބެލުންތެރިން އެކަމަށް ސަމާލުކަން ދޭން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.