"ދަ ރޯޔަލްސް"ގެ ޕޯސްޓަރެއްގައި ބޫމީ އާއި އިޝާން.
23 އެޕްރީލް 2025 - 06:10
ބޮލީވުޑްގެ ވަރުގަދަ ކާސްޓެއް ހިމެނޭ ގޮތަށް ނެޓްފްލިކްސް އިން ގެނެސްދޭ ހިންދީ ސީރީޒް "ދަ ރޯޔަލްސް"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
ދެ މިނެޓާއި 47 ސިކުންތުގެ ޓްރެއިލާގައި ވަނީ މި ސީރީޒްގައި މައިގަނޑު ހިނގާ ކަންކަމުގެ ކުޑަ ހުލާސާއެއް ދީފަ އެވެ. ޓްރެއިލާއިން އެނގޭ ގޮތުގައި، މިއީ އިންޑިއާގެ ޝާހީ އާއިލާއެއްގެ ގަނޑުވަރެއް ވިއްކާލަން އުޅުމުގެ ތެރޭގައި ހިނގާ އާއިލީ ޑްރާމާތަކެއް ދައްކާނެ ސީރީޒެކެވެ.
ޒަމާނީ ލޯބި ވެސް ދައްކާނެ މި ސީރީޒްގެ ކާސްޓުގައި ހިމެނެނީ ޒީނަތު އަމަން، އިޝާން ކައްތަރު، ބޫމީ ޕެޑްނޭކަރް، ނޯރާ ފަތުހީ، ޑީނޯ މޯރިިއާ، ސާކްޝީ ތަންވަރު، މިލިންދު ސޯމަން، ޗަންކީ ޕާންޑޭ، ވިހާން ސަމިތު، ކަވްޔާ ތުރެހަން، ސުމުކީ ސުރޭޝް، އުދިތު އަރޯރާ، ލޫކް ކެނީ އަދި ލީސާ މިޝްރާ އެވެ.
މިއީ ބޫމީ އާއި އިޝާން އެކުގައި މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. އަދި ބޮލީވުޑްގެ ލެޖެންޑްރީ އެކްޓްރެސް ޒީނާތު އަމަން އަހަރުތަކަކަށް ފިލްމީ މަސައްކަތަކުން ފެންނަ ފުރަތަމަ ފަހަރެވެ.
ރަންގިތާ އާއި އިޝީތާ ޕްރިތިޝް ނަންދީ އުފައްދާ މި ސީރީޒްގެ ޑައިރެކްޓަރުންނަކީ ނުޕޫރް އާސްތާނާ އާއި ޕްރިޔަންކާ ގޯސް އެވެ.
އެމެޒަން ޕްރައިމް ވީޑިއޯގެ "ފޯ މޯ ޝޮޓްސް" ކަހަލަ ކާމިޔާބު ވެބް ސީރީޒްތަކުގައި ހިއްސާވާ ނުޕޫރަކީ ސޯނަމް ކަޕޫރާއި އަޔޫޝްމަން ކުރާނާގެ "ބޭވަކޫފިޔާން" އާއި ސާގިބް ސަލީމްގެ "މުޖްސޭ ފްރެންޑްޝިޕް ކަރޯގޭ" ގެނެސްދިން ޑައިރެކްޓަރެވެ.
ނެޓްފްލިކްސް އިން "ދަ ރޯޔަލްސް" ސްޓްރީމް ކުރަން ފަށަނީ އަންނަ މަހު 9 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy