މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- ހިބާ

(އާދިއްތަ ދުވަހާ ގުޅޭ)

އެއީ ވަރަށް އަޅައި ގަންނަ ގޮތެއް ހުރި، އިސްކޮޅުން ދިގު، ރީތި ކުއްޖެކެވެ. އެހައި ފަން ނޫން، ދިގު އިސްތަށިގަނޑެއްގެ ވެރިއެކެވެ. އިސްތަށިގަނޑާ މެދު އޭނަ އެހައި ފަރުވާތެރިވާހެނެއް ހިޔެއް ނުވެއެވެ. އޭނަ ލައިގެން ހުރި ހެދުމަކީ، އެހައި ރީތި ކުއްޖަކާ އަޅައިބަލާ އިރު އެންމެ އެކަށީގެންވާ ކަހަލަ ހެދުމެއް ވެސް ނޫނެވެ. ނޫކުލައިގެ ޖީންސަކާއި އަޅިކުލައެއްގެ ވަރަށް އާދައިގެ ޓީޝާޓެކެވެ. ނާސިފަށް ލަފާކުރެވުނު ގޮތުގައި އޭނަ އަރައިގެން ހުރި ފައިވާނަކީ ވެސް މެދުފަންތީގެ ފައިވާނެކެވެ. އަތުގައި އޮތީ އެންމެ ފަހުގެ އައިފޯނެކެވެ. ނާސިފުއާ ބައްދަލުވުމުން ހިނިތުންވެލާފައި ސަލާން ކޮށްލިއެވެ.

"ނަސީބެއްނު ހޮޓަލުން ދިމާވިކަން،" ފައިލު ދެމުން، އިނގިރޭސިން ލިޒް ބުންޏެވެ. "ބައްޕަ ގުޅި ދޯ؟" ޖޯން ގުޅީ އެ ވަގުތުއެވެ. ނާސިފު ފޯނު ނެގިއެވެ.

"ލިޒްއާ ދިމާވެއްޖެ ދޯ؟" ޖޯން ވެސް ވާހަކަ ދެއްކީ އިނގިރޭސިބަހުންނެވެ. "ބިޒީ ވެގެން އަހަންނަށް ގުޅާނުލެވުނީ. އެ ފައިލުގަ ހުންނާނެ ކުރިން އަހަރުމެން ހުށައެޅި... ފުރަތަމަ އިހަށް ބަލައިލާ! އޭރުން މާދަމާ އަހަރުމެން ދިމާވާ އިރު ދައްކަންޖެހޭ ވާހަކަ މަދުވާނެ. މިއަދު ދެން ކޮން ކަމެއް އޮތީ؟"

"އަނެއްހެން ނެތް ކަމެއް،" ނާސިފު ބުންޏެވެ. "އަރާމު ކޮށްލަނީ."

"އަދި އަލަކަށްނު މި ހިސާބަށް ތި އައީ،" ޖޯން ބުންޏެވެ. "ލިޒްއާ އެއްކޮށް ބުރެއް ޖަހާލަން ދޭބަލަ! އޭނަ ވަރަށް ފަރިތަވާނެ މި ތަނަށް."

"އެހެން ދުވަހަކުން،" ނާސިފު ނޫނެކޭ ބުނީ ވަރަށް ރީތިކޮށެވެ. "މިއަދު ނެތް ނުކުންނަ ހިތެއް."

އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު ޖޯން ފޯނު ބޭއްވިއެވެ. ފައިލު ދީފައި ލިޒް މަޑެއް ނުކުރެއެވެ. ހީވަނީ ތަނަކަށް ދާން ލަސްވެފައި ހުރި ހެންނެވެ. ލިޒް ދާ ތަން ބަލަހައްޓައިގެން ނާސިފު އިރުކޮޅަކު ހުއްްޓެވެ. ހިތަށް އެރިއެވެ. އެހައި ރީތި ކުއްޖަކު އެހައި އާދައިގެ ގޮތަކަށް ހުރީ ކީއްވެގެން ހެއްޔެވެ؟

ކޮޓަރިއަށް ވަދެފައި ނާސިފު ފައިލު ހުޅުވައިލިއެވެ. އޭގައި ހުރީ، ޖޯންގެ ކުންފުންޏާއި ނާސިފުގެ އޮފީހާ ދެމެދުގައި ކުރިން ބަދަލު ކުރެވިފައިވާ ލިޔެކިޔުންތަކާއި، ލޮނު ފެނަށް ހަދާ ވަރަށް ޒަމާނީ ތިން މެޝިނަކާ ބެހޭ މައުލޫމާތެވެ. އެއީ ނާސިފުގެ ދާއިރާ ކަމުން، ވަރަށް ރަނގަޅަށް ބަލައި، އޭގެ ތެރެއިން އެންމެ ކަމުދާ ފެންޕުލާންޓުގައި ހުރި ރަނގަޅު ކަންކަމާއި ގޯސް ކަންކަން ފާހަގަކޮށް ނޯޓު ކުރިއެވެ. އޭރު ވެސް ޖޮއޭންގެ ހަނދާންތަކުން ނާސިފަށް އުނދަގޫ ވަމުން ދިޔައެވެ. މެސެޖެއް ފޮނުވައިލަން ނާސިފުގެ ހިތް އޮތީ އެދިއެދިއެވެ. ރޭގަނޑު ވުމުން ބެންގަލޫރުގެ ޖައްވު އޮންނަނީ ވަރަށް އަލިކޮށެވެ. އެހެނަސް، ސާފެއް ނޫނެވެ. އޮންނަނީ ދުން ވެފައެވެ. ނާސިފު ކުޑަދޮރުން ބޭރުބަލައިލާފައި، ކޮފީއެއް ހިފައިގެން ސޯފާގައި އިށީނދެލިއެވެ. ލެޕުޓޮޕު ހުޅުވައިލިއެވެ. ބަލަން ބޭނުން ވެފައިވާ އެތައް ފިލްމެއް، ވަގުތު ނުލިބުމުގެ ސަބަބުން އޭރު ވެސް ނުބެލި ހުއްޓެވެ. އެއިން ފިލްމެއް ބަލައިލާނަމޭ ހިތައި ފައިލު ހުޅުވައިލި ވަގުތު ދޮރުގައި ޓަކިޖެހިއެވެ. ޗޮކެއް ކަނޑައިފައި ނާސިފު ގޮސް ދޮރު ހުޅުވައިލިއެވެ. ހުޅުވައިލުމާ އެކު ހިބާ އެތެރެއަށް ވަނެވެ. އެއީ އޭނަ ކަންތައް ކުރާ ގޮތެވެ. މާ ބޮޑު ފިކުރެއް ނުހުންނާނެއެވެ.

"އެއީ ހާދަ ސަޅި ތަނެކޭ،" ހިބާ ބުންޏެވެ. "ވަރަށް ރިލެކްސިން. ދޭބަލަ މަސާޖެއް ކޮށްލަން. އަހަރެން މި އައީ ފުޓްމަސާޖެއް ހަދާލައިގެން. ހާދަ އަރާމޭ!"

"އަހަރެންގެ ނުހުރޭ އިންޓްރަސްޓެއް." ނާސިފު ބުންޏެވެ.

ނާސިފު ހުރީ ކޮޅަށެވެ. ދޮރެއް ވެސް ނުލައްޕައެވެ. ކޮންމެވެސް އެއްޗެއް ވިސްނިގެން ހިބާ ނުކުމެދާނެކަމުގެ އުންމީދުގައެވެ.

"ވައިފް މައްސަލަ ޖައްސާނެ ދޯ؟" އެހެން ބުނެފައި ސޯފާގައި ހިބާ އިށީނެވެ.

ފުން ނޭވައެއް ބޭރުކޮށްލާފައި ނާސިފު ދޮރު ލައްޕައިލިއެވެ. ދެން ވެސް ހުރީ ކޮޅަށެވެ.

"ކީއްތަ ތި ކުރަނީ؟" ހިބާ ސުވާލުކުރިއެވެ. "ހިނގާބަލަ ކާން ދާން. މީ ކޮފީ ބޯ ގަޑިއެއް ނޫނޭ! އަހަރެން އައިމަ އުނދަގޫވޭތަ؟ ވައިފަށް ގުޅައިގެންތަ ތި އުޅެނީ؟"

ނާސިފު ހިތަށް އެރިއެވެ. އެހައި ގިނައިން ހިބާ "ވައިފްގެ" ވާހަކަ ދައްކަނީ ނާސިފު މީހަކާ ނީންނަކަން އެނގޭތީއެވެ.

"އާނ!" ނާސިފު ޖެއްސުމަށް ބުނެލިއެވެ.

"އޯކޭ! މަ އިންނާނީ ހައްޕު ކިޔައިގެން،" އަނގައިގައި ޒިބެއް އަޅުވައިލާ ގޮތަށް ހަރަކާތް ކޮށްލަމުން ހިބާ ބުންޏެވެ. "ދައްކާ ވާހަކައެއް ދައްކާ!"

ނާސިފު ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.

"ހުސް ދޮގު،" ހިބާ ބުންޏެވެ. "އެކަކާ ވެސް ވާހަކައެއް ނުދައްކާ! އޭ އައި ފޮގޮޓް! މިރޭ އެއްކަލަ ކްއީން އެބަ އާދޭ ޑިނަރއަށް."

"ސީރިޔަސްކޮށް؟" ކުއްލިއަކަށް ތެދުވެފައި ނާސިފަށް ބުނެވުނެވެ. "ހިނގާބަލަ ދަމާ! މި އަންނަނީ އިނގޭ!"

ހިބާ ހައިރާންވެފައި ބަލަހައްޓައިގެން އިންދައި ނާސިފު ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލެއްޕިއެވެ.

"ކިހިނެއް ހިބާއަށް އެނގުނީ؟" ތައްޔާރުވަމުން ނާސިފު އެހިއެވެ.

"އެ ވަރަށް ސެކިއުރިޓީ އޮތީމަ އެނގޭނެއްނު!" ހިބާ ބުނި އަޑު އިވުނެވެ. "އަހަރެން ޑިނަރއަށް ހިނގާށޭ ބުނީމަ އިގްނޯ ކޮށްލާފަ ކުއީންގެ ވާހަކަ ބުނީމަ ތިހާ އެކްސައިޓަޑް ތި ވަނީ ކީއްވެ؟"

އެ ސުވާލަކަށް ނާސިފު ޖަވާބެއް ނުދެއެވެ. ފަހަރަކު ގަމީހެއް ލަމުން ގޮސް ތައްޔާރުވެ ނިމުނީ އެތައް އިރަކުންނެވެ. ފުނާ އަޅައި، ސެންޓު ޖަހައިގެން ނުކުތް އިރު ސާޅީހަކަށް މިނިޓު ހޭދަވެއްޖެއެވެ. ނާސިފު ފެނުމާ އެކު ހިބާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނާސިފު އަތްދިގު ގަމީސް ލައިފައި، ދަށަށްޖަހާފައި ހުއްޓައެއް ހިބާ ކުރިއަކުން ނުދެކެއެވެ. ފުނާ އަޅާފައި ހުރި ގޮސް ވެސް ކުރިއާ ކުޑަކޮށް ތަފާތެވެ. ހީވަނީ ކުރީގެ ފިލްމުތަކުން ފެންނަ ކަހަލަ ފިލްމުސްޓާރެއް ހެންނެވެ.

"ކުއީން ބަލާތޯ؟" ހިބާ އެހިއެވެ. "އަހަރުމެންނަށް ކުއީން ފެނުނަސް ރަނގަޅު."

"ފެންނާނެ،" ވަރަށް ޔަގީންކަމާ އެކުގައި ނާސިފު ބުންޏެވެ. "ކުއީންއަށް އަހަރުމެން ވެސް ފެންނާނެ."

ދެ މީހުން އެކުގައި ހިނގައިގަތެވެ. އޭރު ވެސް ހިބާގެ ވާހަކަ ހުހެއް ނުވެއެވެ.

"އަހަރެން ހިތަށް އަރާ ޖޫނިއަރ ސްޓާފުންނަށް ދޭ ރޫމް ކަޑަވެފަ، އެޗްއޯޑީންނަށް ދޭ ތަންތަން ސަޅީ ކީއްވެބާއޭ؟" ލިފުޓާ ދިމާއަށް ހިނގައިގަންނަމުން ހިބާ ބުންޏެވެ. "ކުޑަކުޑަ ޑިފަރެންސެއް ހުއްޓަސް، ފަރނީޗަރ މަދަސް ތަނުގެ ސައިޒު ޖެހޭނެ އެއްވަރުވާން. އޮފީހުގަ އަހަރުމެން ޖޫނިއަރަސް މަސައްކަތް މަދެއް ނޫންވިއްޔަ."

"އެއްބަސް،" ލިފުޓަށް ވަންނަމުން ނާސިފު ބުންޏެވެ. "އެކަމަކު އެއީ އަހަރެން ހެދި ގަވައިދެއް ނޫނޭ!" "އެންމެ ރަނގަޅު. ނާސިފު ނަމަ ކޮން ކަމެއް އެންމެ އިންޕޯޓަންޓް ވާނީ؟" ހިބާ ސުވާލުކުރިއެވެ.

"މަދުން ވާހަކަ ދައްކާފަ، ގިނައިން މަސައްކަތް ކުރާ ސްޓާފުންނަށް ގިނަ ޕުރަމޯޝަން ދޭނަން،" ނާސިފު ވައްބަހުން ޖަހައިލިއެވެ. "ބައެއް ފަހަރު ޑަބަލް ޕްރަމޯޝަން ވެސް ދޭނަން."

ހިބާ ކުއްލިއަކަށް ނާސިފަށް ބަލައިލިއެވެ.

"ހޭ ވެއިޓް!" ހިބާ ބުންޏެވެ. "ތި އަހަންނަށް މަލާމާތް ކުރީތަ؟"

ރެސްޓޯރަންޓު ހުންނަ ފަންގިފިލައަށް ދެވުނެވެ. މީހުން ވަރަށް ގިނައެވެ. އެހެނަސް، ޖާގަ ބޮޑުކަމުން އިށީންނަން ތަން ހުއްޓެވެ. ޖޮއޭންއަށް ހާއްސަ ކޮށްފައިވާ މޭޒު ހޯދަން ނާސިފަށް ބޭނުންވީ މިނެޓެއްހައި އިރެވެ. އެ ވަށް މޭޒުގެ ވަށައިގެން ހުރީ ބޯޑަރު އަޅައި ޒީނަތްތެރި ކޮށްފައެވެ. މެދުގައި ހުދު ފިނިފެންމާބޮނޑިއެއް ހުއްޓެވެ. އެ ވަގުތު ވެސް ނާސިފުގެ ހަނދާން ތާޒާވިއެވެ. އެކަމަކު ހިބާޔާ ހެދި ހަނދާނުގެ ފުނަށް ފީނައިލެވޭ ގޮތެއް ނުވިއެވެ.

"ބުނެބަލަ!" ހިބާ މަޑުމަޑުން ބުންޏެވެ.

ނާސިފު ބެލީ ޖޮއޭން އިށީނދެގެން އިންނަ އިރު އެންމެ ރީތިކޮށް މޫނު ފެންނާނެ ކަހަލަ ގޮނޑިއެއް އަތުޖެހޭތޯއެވެ.

"މަލާމާތްކޮށް ސަކަރާތް ޖަހާނީ ދަންނަ މީހުންނާ!" ތަނުގެ ހަމަހިމޭންކަމަށް ބުރޫ ނާރާހައި މަޑުން ނާސިފު ބުންޏެވެ. "ތީ އަހަންނަށް ވުރެ މާ ކުޑަ.."

އެ ވަގުތު ސައިރަންގެ އަޑާއި، ފުލުހުންގެ އުޅަނދުތަކުގެ ކުލަބޮކިތަކުން މުޅި ތަނަށް ހަލަބޮލިކަން ގެނުވިއެވެ. ރެސްޓޯރަންޓުގައި ތިބި އެންމެންގެ ސަމާލުކަން އެ ދިމާއަށް ހުއްޓުނެވެ.

"ހަމަ ސޭމް،" ހިބާ ބުންޏެވެ. "ފުރަން އުޅެނިކޮށް އެނގުނީ ތީ އަހަރެންގެ ބޮސްކަން ވެސް."

ދޮރުން ވަނީ ކާކުކަން ނާސިފަށް އެނގޭ ވަރެއް ނޫނެވެ. އެކުގައި އައި މީހުންނާއި، ދެކިލަން ބޭނުންވެފައި ތިބި މީހުން ބޮނޑިވެފައި އޮތީމައެވެ. ކެމެރާ ފުލޭޝްގެ އަލި ފެނެއެވެ. ޖޮއޭން އިށީންނަން ހަމަޖެހިފައިވާ މޭޒާ ހިސާބަށް ޖޮއޭންއާ އެކުގައި އައީ ދެތިން މީހެކެވެ. މީހުން މަދުވި ވަގުތު ނާސިފަށް ޖޮއޭން ފެނުނެވެ. ކުރިއެކޭ މާ ބޮޑު ތަފާތެއް ނެތެވެ. މޫނު ކުޑަކޮށް މިލައިފައިވާކަން އެކަންޏެވެ. ގޮނޑީގައި އިށީނުމުން ޖޮއޭން އާއި ނާސިފުއާ ދެމެދުގައި ހުރަހެއް ނެތެވެ. ދުރުމިނެއް ފިޔަވައެވެ. ޖޮއޭންގެ ކުރިމަތީގައި އިން މީހާޔާ ވާހަކަ ދައްކަން އިސްއުފުލައިލާ ވަގުތު، ތަންކޮޅެއް ވެސް ދުރަށް ބަލައިލައިފި ނަމަ ނާސިފު ފެންނާނެއެވެ. ޖޮއޭން އެހެން ނަހަދަނީ ކީއްވެގެން ކަމެއް ނާސިފަކަށް ނޭނގެއެވެ. ނާސިފު ހިތަށް އެރިއެވެ. ފޯނު ކޮށްލަންވީއެވެ. ނާސިފުގެ ކުރިމަތީގައި ހިބާ ނެތް ނަމަ، އެ ކަން ކުރާނެތާ ކިތަންމެ އިރެކެވެ. ދެތިން ފަހަރަކު ނާސިފު ފޯނު ނެގިއެވެ.

"ބުފޭންތަ ނަގާނީ ނޫނީ އޯޑަރު ކުރާނީތަ؟" ހިބާ އެހިއެވެ. "ދޭބަލަ ބުފޭގަ ހުރީ ކޯޗެއްތޯ ބަލައިލަން."

"ހިބާ ގޮސް ބަލައިލަބަލަ!" ނާސިފު ބުންޏެވެ. "އަހަރެން އެބަ ޖެހޭ ކޯލެއް ކޮށްލަން."

ހިބާ ތެދުވިއެވެ. ލިބުނު ދަނޑިވަޅުގައި ޖޮއޭންއަށް ގުޅަން ނާސިފު ނަންބަރު ހޯދަނިކޮށް، މޭޒުމައްޗަށް ސިޓީއުރައެއް ވެއްޓުނެވެ. ނާސިފު އިސްއުފުލައިލި އިރު މީހަކު ނެތެވެ. ސިޓީއުރަ ގެނައި މީހަކު ވެސް ނޭނގެއެވެ. ވަށައިގެން ހޯދައިލި އިރު ބުފޭ މޭޒު ކައިރީގައި ހިބާ ހުއްޓެވެ. ސިޓީއުރައިގެ ފެންނަން އޮތީ ނުބައިފުށެވެ. ރަނގަޅު ފުށް ބަލައިލި އިރު އޮތީ މެސެޖެކެވެ.

"މި ތާ އިނދެގެން ނުހުޅުވާތި!" އެ މެސެޖު ލިޔެފައި އޮތީ އިނގިރޭސި، އަވަސް ލިޔުމުންނެވެ.

ނާސިފުގެ ހަތަރެސްފައި ފިނިވެގެންދިޔައެވެ. އެއީ ޖޮއޭންގެ ލިޔުމެވެ. ނާސިފަށް ދެން ބަލައިލެވުނީ ޖޮއޭންއަށެވެ. އޭނަ އިނީ ސީދާ ނާސިފަށް ބަލަހައްޓައިގެންނެވެ. އެ ބަލައިލުމުން އެކަނި ވެސް އެއް ހާސް ލަފުޒު ބުނި ކަހަލައެވެ. ނާސިފު ވަގުތުން ތެދުވިއެވެ. ސިޓީ އުރަ ހިފައިގެން ރެސްޓޯރަންޓުން ނުކުތެވެ. އެއް ކަމެއް ނާސިފަށް ކަށަވަރެވެ. އެތެރޭގައި އޮތީ އެންމެ ކަރުދާސްގަނޑެއް ނޫނެވެ. ދިޔަ ބާރުމިނުގައި ކޮޓަރިއަށް ވަދެފައި ދޮރު ތަޅުލިއެވެ. އުރަ ކަނޑައިލިއެވެ. އެތެރޭގައި އޮތީ، ވަރަށް އަވަސް ލިޔުމަކުން ލިޔެފައިވާ ސިޓީއެކެވެ. ބައެއް ތަންތަންކޮޅު ކަނޑައިފައި ވެސް ހުއްޓެވެ. ތިން ގަނޑު އޮތެވެ.

"ފޮނުވި މެސެޖު ލިބުނު،" ސިޓީ ފަށައިފައި އޮތީ އެހެންނެވެ. "އެއީ ކީކޭ ހިތަށް އަރައިގެން ފޮނުވި މެސެޖެއް؟" (ނުނިމޭ)

7 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދަތް ހުރި ދުވަހު ކާށި

07 May 2025

ސަމްސަލަށް އެރީމަވެސް ކީއްވެތަ ކާލަަން ނުކެރިގެން މިސޮރު މިއުޅެނީ.

The name is already taken The name is available. Register?

ގާރލް7

07 May 2025

ކުއީން އެތާ އިށީނީއްސުރެ ނާސިފު އޭނީ ޑޭ ޑްރީމިންގް އެއްގަ...

The name is already taken The name is available. Register?

ސަސި

07 May 2025

ނާސިފަކީ ލައްކަ ނަސީބުގަދަ މީހެކޭދޯ. ކުއީން ރަގަޅުދޯ ރެސްޓޯރެންޓު އެއްކޮށް ހުސްކޮއްފަ ނާސިފަށް ވަގުތުކޮޅެއް ދޭން.

The name is already taken The name is available. Register?

ޑެބީ

07 May 2025

ބިންމާ މިައަދުގެ ބައި މިހާރު ނޫހަށް ފޮނުވީ އެސްއެމްއެސް އަކުންތަ؟ އެހާކުރުވީމަ އަހާލެވުނީ ހަމަ.

The name is already taken The name is available. Register?

ޏައިނާ

07 May 2025

އަސްލުވެސް ހަމަ ވަރަށް ކުރު. ފޫހި ބަޔެއް ވިއްޔާ ހީވޭ ހާދަ ދިގުހެން. އެކަމް މިބައި ދެން ވަރަށް ސަޅިވެފަ ކުރު.

The name is already taken The name is available. Register?

އާޝޯހު

07 May 2025

ނާސިފަކީ ފިނޑިއެއް. މި ކަހަލަ މީހުންނަށް، މީހުންނާ އިނދެގެން އުޅެން ވަރަށް އުނދަގޫ ވާނެ

The name is already taken The name is available. Register?

މީނާ

07 May 2025

ތެދެއްތީ. ވަރަށް ފިނޑި މީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454