މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- ހިބާ

(ބުދަ ދުވަހާ ގުޅޭ)

ޓަކިޖެހީ ވަރަށް މަޑުން ނަމަވެސް ނިކަން ބާރަށް ދޮރުހުޅުވައިލިއެވެ. ދޮރުގައި ހުރީ ޗޭނުތަންޑު އަޅުވައިފައެވެ. ހުޅުވިފައި ހުރި ކުޑަ ތަންކޮޅުން އެލިޒަބަތުގެ މޫނުން ބައެއް ނާސިފަށް ފެނެއެވެ. އެލިޒަބަތު ހުރީ ވަރަށް ފޫހިވެފައެވެ. ނާސިފު ފެނުމާ އެކު އެލިޒަބަތުގެ ފޫހިކަން ކުރިޔަށް ވުރެ ބޮޑުވިހެން ނާސިފަށް ހީވިއެވެ.

"ބައްޕަ އަދިވެސް ނާދޭތަ؟" އެލިޒަބަތު އިނގިރޭސިން އެހިއެވެ.

ޖޯން ހައިރާންވެފައި ބަލަހައްޓައިގެން ހުރި ތަން ނާސިފަށް ފެނެއެވެ. އެހެނަސް، ޖޯން ހުރި ދިމާގެ ގޮތުން އެލިޒަބަތަކަށް ބައްޕައެއް ނުފެނެއެވެ.

"ލިޒްއާ ވާހަކަ ދައްކާލަން މި އައީ،" ނާސިފު ވެސް އިނގިރޭސިން ބުންޏެވެ. "އެންމެ ރަނގަޅުތަ އަހަރެން ވަނަސް؟"

އެލިޒަބަތު ނިކަން ބާރަށް ދޮރު ޖެހިއެވެ. ނާސިފު ދިޔައީ ސިއްސައިގެންނެވެ. ޗޭނުތަންޑު ނެއްޓުމަށް ފަހު އެލިޒަބަތު ދޮރު ހުޅުވިއެވެ. އެއީ ޖޯންގެ ހިތަށް ލިބުނު ވަރަށް ބޮޑު ފިނިކަމެކެވެ. ކުރިން އެ ގޮތަށް އެލިޒަބަތު މަރުހަބާކިއި ހަމަ އެކަނި މީހަކީ އެލިޒަބަތުގެ ލޯބިވެރިޔާއެވެ. އޭނަ މަރުވުމުން އެންމެން ދެކެ ވެސް އެލިޒަބަތު ފޫހިވި ކަހަލައެވެ. އެ ކޮޓަރިއަށް ވަނުން ޖޯންއަށް ވެސް އޮންނަނީ މަނާކޮށްފައެވެ. ކޮޓަރީގެ އެތެރެއަށް ފިޔަވަޅު އެޅުމާ އެކު ނާސިފަށް ފެނުނީ ތަރުތީބު ގެއްލިފައިވާ ކޮޓަރިއެކެވެ. ފާރުތަކުގައި ހުރީ ފިބައެއް ކަހަލަ އެއްޗަކުން ލިޔެފައެވެ. އެކި ކުލަކުލައިންނެވެ. އެއީ އެލިޒަބަތުގެ ލޯބިވެރިޔާއަށް ޓަކައި ލިޔެފައިވާ ކުރު މެސެޖުތަކެކެވެ. ހިތްދަތި ޝަކުވާތަކެކެވެ.

"އަހަރެން ގުޅީމައި ފޯނު ނުގަނީ ކީއްވެގެން ހެއްޔެވެ؟ ނުގުޅާތީ ވަރަށް ދެރަވެއެވެ. ވަރަށް ހަނދާންވެއެވެ. ތީ ވަރަށް ފޫހި މީހެކެވެ. އިންތިޒާރު ކޮށްކޮށް ރުޅި އަތުވެއްޖެއެވެ." އެ ފަދަ އެތައްއެތައް ނޯޓުތަކެކެވެ. ދެ މީހުން އެކުގައި ނަގައިފައިވާ ފޮޓޯ ވެސް ހުއްޓެވެ. ކޮންމެ ފޮޓޯއެއްގައި ވެސް އެލިޒަބަތު ހުންނަނީ ވައްތަރެއް ޖައްސައިގެންނެވެ. އެއިން އެކައްޗެއް ވެސް ފެންނަ ކަމަކަށް ނާސިފު ނަހަދައެވެ. ފުރަތަމަ ވެސް ހޯދީ ހުއްދައެވެ.

"އޯކޭތަ މި މެސެޖުތައް އަހަރެން ކިޔައިލިޔަސް؟" ނާސިފު އެހިއެވެ. "ހުއްދަ އެބަ އޮތްތަ؟"

"ހުއްދަ އޮތީމަ އާސިފަށް ތި ވަދެވުނީ،" އެލިޒަބަތު އެނދުން ޖާގަ ހަދައިލަމުން ބުންޏެވެ.

"ނާސިފު." ފާރާ ކައިރިއަށް ޖެހިލަމުން ނާސިފު ބުންޏެވެ.

"އާނ ދޯ؟ ހާދަ ހެއްވާ ނަމެކޭ! މުސްލިމެއް؟" އެލިޒަބަތު ސުވާލުކުރިއެވެ.

"ނިތްކުރިން ފެށިގެން ބޮޑުވައި އިނގިއްޔާ ހަމައަށް ވެސް މުސްލިމް،" ފަހުރުވެރިކަމާ އެކުގައި ނާސިފު ބުންޏެވެ. "މީ ހާދަހާ ރީތި، ފޮނި ހަނދާންތަކެކޭ! ނަސީބުގަދަ ފިރިހެނެކޭ ބުނެވޭނީ."

"އެހެން ހިތަށް އަރާތަ؟" އެލިޒަބަތު އެހިއެވެ. "އެކަމަކު އަހަންނާ ރައްޓެހި ނުވި ނަމަ އެކްސިޑެންޓެއް ނުވީސް. އަހަރެން ބުނެގެން އޭނަ އެ މަގުން ދިޔައީ. އަހަންނަކީ ވިހައެއް. އޭނަގެ ބައެއް ރައްޓެހީން ބުނި އެހެން."

އެލިޒަބަތުގެ މާޒީގެ ތެރެއަށް ނާސިފު ވަނީ ފިރުކެމުންނެވެ. އެއީ ކެތްތެރިކަމާ އެކުގައި، ވިސްނަމުން ނާސިފު ކުރި ދަތުރެކެވެ. އެލިޒަބަތަށް ޓަކައެއް ނޫނެވެ. ހިބާގެ ސިމްއަށް ޓަކައި އެލިޒަބަތުގެ ބައްޕަގެ ރުހުން ހޯދާށެވެ. ނާސިފަށް ދޭހަވި ގޮތުގައި އެލިޒަބަތަކީ ލައްޕާފައިވާ ފޮތެކެވެ. ފޮތުގެ ގަނޑުތައް ހުރީ އިސްފަސްވެ، އަކުރު ފޭދިފައެވެ. ކަންފަތިވެ ކުލަ ބަދަލުވެފައެވެ. އެ ފޮތް ބަލަން ކީއްކުރަން ހެއްޔެވެ؟ ހުޅުވަން ހަދާނެ ފަންޑިތައެއް ވެސް ނާސިފަކަށް ނޭނގެއެވެ.

ޖޮއޭން ފުރި ވާހަކަ ކާރުގެ ރޭޑިޔޯއިން ކިއި އިރު ނާސިފު އިނީ، ގެއަށް ދިޔުމުގެ މަގުމަތީގައި ޓެކުސީގައެވެ. ހިތަށްއެރިއެވެ. ޖޮއޭން ހަމަ ފުރާފާނެ ބާއެވެ؟ ވަކި ވަރަކަށް ވުރެ ގިނައިން ފައިސާ ހުރުމުން، ނުވާ ވަރަށް ގިނަ ކަންތައްތައް ވީކަމަށް ހަދައި، ވީ އެތައް ކަމެއް ހުވަފެނަކަށް ހަދައިލެވޭނެއެވެ. ނާސިފު ހީކުރީ ޖޮއޭން ކޮންމެ އެއްޗެކޭ ބުނެފައި ދިޔަ ނަމަވެސް، ފުރުމުގެ ކުރިން އަދި އެއް ފަހަރު ނައިހެއް ނުކެރޭނެ ކަމަށެވެ. ނާސިފުގެ ކޮޓަރި ހުންނަ ފަންގިފިލައަށް ލިފުޓު ހުއްޓުމުން، ނާސިފު ނުކުތެވެ. އޭނަ ހުރީ ކަންފަތުގައި ފޯނު ޖައްސައިގެންނެވެ. އެއީ ގެއިން އައި މުހިންމު ކޯލެކެވެ. ނާސިފު ވާހަކަ ދެއްކީ މަންމައާއެވެ.

"އާނ! ބުނީމެއްނު ލިފްޓަށް އަރަނިއްޔޭ ކެނޑޭނެޔޭ،" ކުޑަކޮށް ކަންބޮޑުވެފައިވާ ނާސިފު ބުންޏެވެ. "ދެން ތި ކަމާ އަހަރެން ކީކޭ ބުނާނީ މަންމާ؟ އަސްޖަދުގެ ވައިފާ އަސްޖަދުގެ މައްސަލަގަނޑުގެ ތެރެއަށް މަންމަމެން ނުވަންނަންވީނު؟ އެއީ ދެން އަހަންނަށް ބުނެވޭނެ އެއްޗަކީ. އެ މީހުން ކިޑެއް ބޭނުން ނޫނިއްޔާ އެހެން މީހުން ޕްރެޝަރ ކުރަނީ ކީއްކުރަން؟"

ވާހަކަ އެ ހިސާބަށް ދިޔަ އިރު ނާސިފަށް ކޮޓަރި ފެންނަ ހިސާބަށް އާދެވިއްޖެއެވެ. އޭރު ހިބާ ހުރީ ނާސިފު ކޮޓަރީގެ ދޮރު ކައިރީގައެވެ. ނިދަން ލާ ކަހަލަ ހެދުމެއް ލައިގެންނެވެ.

"އަހަރެން ފަހުން ގުޅާލާނަން އިނގޭ މަންމާ!" ނާސިފު އެހެން ބުނެފައި ފޯނު ކަނޑައިލިއެވެ.

ނާސިފު ކޮޓަރި ހުޅުވުމުން ފަހަތުން ހިބާ ވެސް އެތެރެއަށް ވަނެވެ. އެއީ އާންމުކޮށް ހިބާ ކަންތައް ކުރާ ގޮތެވެ. ވަންނަން ކޮންމެހެން ނާސިފުގެ ހުއްދައަކަށް ނޭދޭނެއެވެ.

"ކިޑެއް ނުހޯދައިގެން ކާކު ޕްރެޝަރ ކުރަނީ؟" ޗުއިންގަމު ކަމުން ހިބާ ސުވާލުކުރިއެވެ. "އަހަންނަށް ވެސް ފެނޭ ކިޑެއް ހޯދަން. މިހާރު ދެން އޭޖް ވެސް ކަޓަނީނު. އަހަރެން ދެންތަ މޮޅު އައިޑިޔާއެއް؟ ކާފަ ދަރީގެ ފުރަތަމަ ބާތުޑޭ ކޭކު ފެޅީމަ އޭގެން އެތިކޮޅެއް، ބިރަކާ ނުލާ ކެވެން ޖެހޭނެ. އެހާ ހިސާބަށްދާ އިރު އަންފިޓްވެ، ޑައިބެޓިކްވެ، ކެލެސްޓްރޯލް މައްޗަށް ގޮއްސިއްޔާ އެ ދެން ވަރަށް ސަކަރާތްވީ!"

ހިބާ ވާހަކަދެއްކި އިރު، ސިކުނޑި ތާޒާވާ ކަހަލަ މިންޓު ވަހެއް ދުވިއެވެ.

"ކީއްވެ މީހުން ދައްކާ ވާހަކަ އަޑުއަހަނީ؟" ވަރަށް އާދައިގެ ރާގެއްގައި ނާސިފު އެހިއެވެ. "އެއީ ހުތުރު ކަމެއް."

"އެކްސްގިއުޒްމީ!" ސޯފާއަށް ވެއްޓި ގަންނަމުން ހިބާ ބުންޏެވެ. "މުޅި ތަނަށް އަޑުއިވޭ ވަރަށް ވާހަކަ ދައްކަންޏާ ފާރުތަކަށް ވެސް އަޑުއިވޭނެ. ކިހިނެއް ކަންކަން ދިޔައީ؟ މަޖާތަ؟ އެންޖޯއީ ކުރިންތަ؟"

"ކުޅިވަރެއް ކުޅެފަތަ މި އައީ މަޖާވާން؟" ނާސިފު ބުންޏެވެ. "މި ހުންނަނީ ރަސްމީ ކަންކަން. މަޖާވިޔަސް ނުވިޔަސް ޖެހޭނޭ ކުރަން. ދިރިއުޅުމުގެ ބައެއް ކަންކަމުގެ ފައިދާކުރާނީ ދުރު މުސްތަގުބަލުގަ."

ހިބާ ހައިރާން ވެގެން ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ.

"މައި ގޯޑް! ހީވަނީ ބައްޕަޔާ ވާހަކަ ދެއްކޭހެން،" ހީނގަންނަމުން ހިބާ ބުންޏެވެ. "ހަމަ ތިހާ ބޮޑު ލެކްޗަރެއް މުހިންމު؟"

ނާސިފު އިތުރު އެއްޗެއް ނުބުނެ ސޯފާގައި ރަނގަޅަށް ހަމަޖެހިލިއެވެ. ހިބާ ރަނގަޅަށް ދެފައި ވަށްކޮށްލަމުން ނާސިފުއާ ދިމާއަށް އެނބުރިލިއެވެ.

"ދެން އަހަންޏާ އަހާބަލަ!" ހިބާ އެދުނެވެ.

"ކޯޗެއް؟" ނާސިފު ސުވާލުކުރިއެވެ.

"ބަލަ މީ މަގޭ ކޯހުގެ ވެސް ފަސްޓް ޑޭއޭ!" ހިބާ ހަނދާން ކޮށްދިނެވެ. "ކޯސް ކިހިނެއްހޭ؟ ކޯޗެއްހޭ ކިޔަވައިދިނީ؟ ބޯރިންހޭ؟"

"ނޭހިޔަސް ދެން ބުނަންވީނު." ނާސިފު ބުންޏެވެ.

"ފޮގެޓްއިޓް! ނާހަނީސް މަތިންބައިން ޖެހިގެނެއް ނުބުނާނަން،" ހިބާ ބުންޏެވެ. "އެކަމަކު ވަރަށް މަޖާ ކަމެއްވިއޭ! ކޮންމެ ކަންޓްރީއަކުން ވެސް އެ ކަންޓްރީއެއްގެ ގައުމީ ސަލާން ކިޔަން ޖެހުނު. އަހަރެން ހަމަ ބްލޭންކް. ފެށޭ ތަންކޮޅު އެކަނި އެނގުނީ. ކަޑަ ދޯ؟ މަ ލަދުން... ޑޫ ޔޫ ނޯ ގައުމީ ސަލާން؟ އަޅެ އަހަންނަށް ދަސްކޮށްދީބަލަ!"

އެ ވަގުތަކީ ތިން ކަފި މަގެއްގެ މެދުގައި ހުއްޓިގެން ނާސިފު ހުރި ވަގުތެކެވެ. އެއް މަގުގައި ޖޮއޭންއެވެ. އަނެއް މަގުގައި އެލިޒަބަތުއެވެ. އަނެއް މަގުގައި ހިބާއެވެ. ތިން ކަހަލަ ތިން އަންހެނުންނެވެ.

"ޔޫޓިއުބް ބަލައިލާ!" ނާސިފު ބުންޏެވެ.

"ހާދަ ގޯހޭ! ދެން އެހެންވިއްޔާ އަހަންނަށް ސިމްއެއް ހޯދައިދީ." ހިބާ އެދުނެވެ.

"ގޫގުލް ކޮށްލާ!" ނާސިފު ބުންޏެވެ.

"އެންމެ ރަނގަޅޭ!" ހިބާ ޖަވާބުދިނީ ސަމާސައިގެ ރާގެއްގައެވެ. "އަހަރެން ކައިރީ ކަމަކު ބުނާ ދުވަހަކުން އަހަރެން ވެސް ހަމަ ތިހެން ބުނާނީ. ދެން ހިނގާ ޑިނާއަށް ދަމާ!"

"ރެސްޓޯރަންޓަށް ގޮސްލާ!" އެ ދިމާއަށް އިނގިލި ދިއްކޮށްލަމުން ނާސިފު ބުންޏެވެ.

"ފޫހި މީހާގަނޑެއް!" ހިބާ ކުޑަކޮށް ހިތްހަމަނުޖެހިފައި، ތެދުވަމުން ބުންޏެވެ.

އެ ރޭ ނާސިފު ކާކަށް ނުދެއެވެ. ހިބާ ވެސް ދެނެއް ނުގުޅައެވެ. ގަޑިން ރޭގަނޑު އެގާރަ ޖަހަން އުޅެނިކޮށް، ކޮފީއެއް ބޯލައިނަމޭ ހިތައި ނާސިފު ކޮޓަރިން ނުކުތެވެ. ނުކުތް އިރު ހިބާގެ ކޮޓަރިއާ ދިމާއަށް ހިބާ އަންނަ ތަން ފެނުނެވެ. އޭނަ ހުރީ ވަރުގެ ކޮޅަށް ނަލަ ހެދިގެންނެވެ. ލައިގެން ހުރީ، ކަކުލަށް ވުރެ މައްޗަށް އަރިމަތިން ފަޅައިފައިވާ، ދިގު، ކަޅުކުލައިގެ ހެދުމެކެވެ. ކޮނޑުގައި ހެދުން ހިފޭއްޓިފައި ހުރީ ހިމަ، ދެ ވާފަށުންނެވެ. ފުންނާބު އުސް ފައިވާނުގައި، ސާބިތުކަމާ އެކުގައި ހިނގައިލާފައި އައިސް، ނާސިފު ހުރަސްކޮށްފައި ހިބާގެ ކޮޓަރިއަށް ވަން އިރު ނާސިފު ފެންނަ ކަމަށް ވެސް ނަހަދައެވެ. ނާސިފު ދިޔަ ގޮތަށް ރެސްޓޯރަންޓަށް ވަދެފައި އިށީނުމުން ވެއިޓަރު އައެވެ. ގެންނަންވީ ކޯޗެއްތޯ އެހިއެވެ. އޭގެ ޖަވާބެއް ނާސިފަކަށް ނުދެވުނެވެ. ރެސްޓޯރަންޓަށް އައީ ކީއްކުރަން ކަމެއް ވެސް ހަނދާނެއް ނުވިއެވެ. އެތައް އިރަކު ވިސްނަން އިނދެފައި އަނެއްކާ ވެސް ކޮޓަރިއަށް އައިސް، ނިދާ އެއްޗެހި ލައިގެން އޮށޯތެވެ. ނުއެއް ނިދުނެވެ. ހިތަށްއެރިއެވެ. މި ގަޑީގައި ހިބާ އެ އައީ ކޮން ތާކުން ހެއްޔެވެ؟ ނާސިފު ފެނުނީމައި ވެސް އަނގައިން ނުބުނީ ކީއްވެގެން ހެއްޔެވެ؟ އެ ހެދުމުގައި ހިބާ ހާދަ ރީއްޗެވެ. އެ ކަމާ ވިސްނަން އޮއްވައި ނިދުނު އިރެއް ވެސް ނޭނގެއެވެ.

ނާސިފަށް ހޭލެވުނީ ކޮޓަރީގެ ފޯނު ރަނގަބީލު ވާތީއެވެ. ގަޑި ބަލައިލި އިރު ދަންވަރު ދެގަޑި ބައިވަނީއެވެ. ނާސިފު ހިތަށްއެރިއެވެ. މި ގަޑީގައި އިންޓަކަމްއިން އަހަންނަށް ގުޅާނީ ކާކު ބާއެވެ؟

"ހަލޯ!" އަތްގަނޑު ނަގައިފައި، ނިދި އަޑަކުން ނާސިފު ބުންޏެވެ.

އަނެއްކޮޅުން ވާހަކައެއް ނުދައްކައެވެ. އެހެނަސް، ފުންނޭވާތަކެއްލާ އަޑުއިވެއެވެ. ދެތިން ފަހަރަކު ހަލޯ ކިޔުމަށް ފަހު ނާސިފު ފޯނު ބޭއްވީއެވެ. ނިދުމަށް ޓަކައި ލޯމަރައިލިއެވެ. އަނެއްކާ ވެސް ފޯނު ރަނގަބީލު ވިއެވެ.

"ހަލޯ!" ފޯނު ނަގައިފައި، ކުރިޔަށް ވުރެ ތަންކޮޅެއް ބާރަށް ނާސިފު ބުނެލިއެވެ.

"ހަލޯ!" ބިރު ގެންފައިވާ އަޑަކުން، މަޑުމަޑުން ހިބާ ބުންޏެވެ. "މަށޭ! ކާކު ދޯ ހުޅުވަން އުޅެނީ؟"

ހިބާ ކިއި އެއްޗެއް ނާސިފަކަށް ނުވިސްނުނެވެ. އައިސްފައިވާ ނިންޖާއި، ހިބާގެ އަޑު މަޑުކަމުންނެވެ.

"ހަލޯ!" ނާސިފަށް އަނެއްކާ ވެސް ބުނެވުނެވެ.

"ކާކުހޭ މަގޭ ރޫމްގެ ޑޯ ހުޅުވަން އުޅެނީ؟" ރޮވިފައިވާ އަޑަކުން ހިބާ ބުންޏެވެ. "ދޮރަށް ތަޅުދަނޑި ޖަހައިގެން އެބަ.."

އެ ހިސާބުން ފޯނު ކެނޑުނީ އެވެ. (ނުނިމޭ)

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޖާ

18 May 2025

މީ ވަރަށް މަޖާ ވާހަކައެއް! ކޮމެޑީއަކަށްވުރެވެސް މަޖާ! ބުއްދި ގަބޫލުނުކުރާ ޒާތުގެ ކަންކަން މުޅިންވެސް!

The name is already taken The name is available. Register?

ޏައިނާ

18 May 2025

ހެހެހެ ބިންމާގެ "އެކްސްގިއުސް"

The name is already taken The name is available. Register?

މަ ބުނީ

18 May 2025

އަސްލު މަށަށްވެސް މި ފޮޓޯގަ މީނަ ހިބާ ވަރަށް ރީތިވެއްޖެ.

The name is already taken The name is available. Register?

ސަސި

18 May 2025

މިވެރިން ބުނާނެ ނާސިފަށް އަންހެނުން ނުވާ ވާހަކަ، މިހާރުވެސް ތިން މީހެއްގެ ވާހަކަ މި ކިޔަނީ.

The name is already taken The name is available. Register?

އަސްލު މައްސަލަ

18 May 2025

ސަމްސަލަށް އެރީމަވެސް ކާލަން ނޭނގެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454