ހެންރީ ކެވިލް: މިޝަން އިމްޕޮސިބަލްގެ ކުރިއަށް އޮތް ފިލްމުން އޭނާ ފެންނާނެ.
19 މާޗް 2017 - 06:11
ޓޮމް ކްރޫޒްގެ ފިލްމްތަކަށް ލޯބިކުރާ މީހުންނަށް "މިޝަން އިމްޕޮސިބަލް" ގެ ފިލްމުތައް އަބަދުވެސް ވަރަށް ހާއްސަ އެވެ. ކުރިއަށް އޮތީ އޭގެ ހަ ވަނަ ފިލްމެވެ.
ފިލްމުގެ މައިގަނޑު ކާސްޓުން މިހާރު އަތުރަމުން އަންނަ އިރު، މި ފަހަރު މި ފްރެންޗައިޒުން ފުރުސަތެއް ލިބުނު އެންމެ ފާހަގަކޮށްލެވޭ އެކަކީ "ސްޕަމޭން" އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ހެންރީ ކެވިލް އެވެ.
އޭނާ ވަނީ 2013 ގައި ރިލީޒް ކުރި ސްޕަމޭން ފިލްމް "މޭން އޮފް ސްޓީލް" އާއި މިދިޔަ އަހަރު ރިލީޒް ކުރި "ބެޓްމޭން ވާސަސް ސްޕަމޭން: ޑޯން އޮފް ޖަސްޓިސް" ގައި ވެސް ސްޕަމޭންގެ ރޯލް އަދާކޮށްފަ އެވެ.
"މިޝަން އިމްޕޮސިބަލް 6" އަށް ހެންރީ ސޮއި ކުރިކަން އެ ފިލްމުގެ ޑައިރެކްޓަރު ކްރިސްޓޯފާ މެކްކުއަރީ ވަނީ އިސްޓަގްރާމްގައި ފޭނުންނާ ހިއްސާކޮށްފަ އެވެ. އެކަމަކު އޭނާ އެ ވާހަކަ ތިލަކޮށްލީ، ހެންރީ އަށް ކުރިމަތި ކުރި ސުވާލެއްގެ ގޮތުގަ އެވެ.
ކްރިސްޓޯފާ ސުވާލްކޮށްފައި ވަނީ ހެންރީ "މިޝަން އިމްޕޮސިބަލް 6" ގެ ރޯލަކަށް ޝައުގުވެރިވޭތޯ އެވެ؟
އެ އަށް ރައްދު ދެމުން ހެންރީ ފަރުބަދައެއްގެ މަތީގައި ހުރި ހޮޅި ދަނޑިއެއްގައި އެލި ގަނެގެން އޮތް ގޮތް ދައްކުވައިދޭ ގޮތަށް ހަދާފައިވާ ފޮޓޯއަކާ އެކު ބުނީ އެއަށް ނޫނެކޭ ބުނާނެ ގޮތެއް ނެތް ކަމަށާއި އޭނާ ތައްޔާރު ކަމަށެވެ. އެ ފޮޓޯ އިން ކްރިސްޓޯފާ ވެސް ފެނެ އެވެ.
ހެންރީ އަދި ބުނީ "މިޝަން އިމްޕޮސިބަލް" ގެ ފިލްމެއްގައި މަސައްކަތްކޮށްލަން ފުރުސަތެއް ލިބުމަކީ ވަރުގަދަ ޗެލެންޖެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"އެހެންވީމާ ދެން މިއޮތީ މިއަށް ޕްރެކްޓިސް ފެށުން،" 33 އަހަރުގެ އެކްޓަރު ބުންޏެވެ. "ފުރުސަތެއް ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ."
"މިޝަން އިމްޕޮސިބަލް" ގެ ފަސް ވަނަ ފިލްމް "ރޯގް ނޭޝަން" ރިލީޒް ކުރީ 2015 ގަ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 682.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy