މުނިފޫހިފިލުވުން / ވާހަކަ

ވާހަކަ- ހިބާ

(އާދިއްތަ ދުވަހާ ގުޅޭ)

"ރެޑީ!" ޑުރައިވަރު ބުނި އަޑުއިވުނެވެ. "ތްރީ.. ޓޫ.. ވަން!"

އޭނަ ގެންގުޅުނީ ކޯޗެއް ކަމެއް ނާސިފަކަށް ނޭނގެއެވެ. ކުރަން އުޅުނީ ކީއް ކަމެއް ވެސް ނޭނގެއެވެ. ނަމަވެސް އޭނަގެ އަތްމަތީގައި ނާސިފު ޖަހައި، އަތުގައި އޮތް އެތި ވިއްސައިލިއެވެ. އޭނަ ވަގުތުން އެ ހޯދުމުގެ މަސައްކަތް ފެށިއެވެ. ނާސިފު އިނީ އެ ނުފެނޭތޯ ދުއާ ކޮށްލަކޮށްލައެވެ. ވީ ވެސް އެހެންނެވެ. އެ ނާކާމިޔާބު އޭނައަކަށް ހަޖަމެއް ނުކުރެވުނެވެ. ރުޅިގަދަ ވިއެވެ. ދެ މީހުން ތަޅައިފޮޅައިގަތެވެ. އޭނަ މައިތިރިވީ ޑުރައިވަރު ކޮންމެވެސް އެއްޗެކޭ ކިޔާފައި ހަޅޭއްލަވައިގަތުމުންނެވެ. އެއީ ފުލުހުން އައިސް ކާރު ވަށައިލި ވަގުތެވެ. ކޮންމެ މީހަކު އަތުގައި ވެސް ބަޑިއެއް ނުވަތަ ފިސްތޯލައެއް އޮތެވެ. ދެން އޮތް ގޮތަކީ އަމާންދިނުންކަމުގައި ވިޔަސް، ކާރުގައި ތިބި ދެ މީހުން ބަހުސް ކުރަން ފެށިއެވެ. އެ ބަހުސް ޒުވާބަކަށް ބަދަލުވިއެވެ. އެންމެ ފަހުން ހަތިޔާރު ބަހައްޓައި އަމާންދިނެވެ. ދޭ ހިތަކުން ނޫނެވެ. އެހެން ގޮތެއް ނެތީއެވެ.

ރޭގަނޑު ހަތަރުދަމު ނާސިފު ހޭދަކުރަން ޖެހުނީ ފުލުސް އޮފީހުގައެވެ. ތިން ބުރަށް ނާސިފުއާ ސުވާލުކުރިއެވެ. ނާސިފު ކިއީ އެކައްޗެކެވެ. ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު، ދަންވަރު ދަޅައިގައި ނާސިފު ކޮޓަރިއަށް ވަދެ ނާސިފު ގޮވައިގެން ދާން ޖެހޭ ސަބަބެއް ނާސިފަކަށް ނޭނގެއެވެ. އެ ގައުމުގެ ސަރުކާރާއި ނާސިފުއާ އެއްވެސް ގުޅުމެއް ނެތެވެ. ނާސިފު ބުނި ގޮތުގައި އެ މީހުންނަށް އޮޅިގެން ނުބައި މީހަކު ގެންދެވުނީއެވެ. ދަންވަރު ނާސިފުގެ ކޮޓަރިއަށް ފުލުހުން އައިސް ކޮޓަރި ފާސްކުރިއެވެ. ޝައްކުވާ ކަހަލަ އެއްވެސް އެއްޗެއް ނުފެނުނެވެ. ބަޔާނުގައި ސޮއިކުރަން އަންނަންވީ ދުވަސް ބުނެފައި ފުލުހުން ދިޔަ އިރު ފަތިސްވެއްޖެއެވެ.

އެލާޖިކުގެ މައްސަލަ ބޮޑުވުމާއި ނިދިމަދުވުމުން ނާސިފު އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ޖޮއޭން ކަންތައް ކުރި ގޮތުގެ ސަބަބުން ލިބުނު ހިތްދަތިކަން ވެސް ކުޑައެއް ނޫނެވެ. ނާސިފު ދެކޭ ގޮތުގައި ލޯބިވުމާއި ނުވުމަކީ ޖޮއޭންއަށް އޮތް ހައްގެކެވެ. އެހެނަސް ނާސިފު މަރައިލަން ޖޮއޭން ނިންމީ ނާސިފު ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟

ފެންވަރައިގެން ސޯފާގައި ޖައްސައިލައިގެން ނާސިފު އިންދައި، ނޭވާލާން ކުޑަކޮށް އުނދަގޫވާން ފެށިއެވެ. ނާސިފު ގެނައި ބޭހަކުން މާ ބޮޑު ލުޔެއް ނުލިބުނެވެ. ކުލާހަށް ދާން ނާސިފު ބޭނުމެވެ. ރަސްމީ ކަންކަމާއި ޒާތީ ކަންކަން ފުށުއަރާކަށް ނާސިފު ބޭނުމެއް ނޫނެވެ. ހިތާމައަކީ ގައިގައި ވަރު ނެތުމެވެ. އެ ހާލުގައި ކުލާހަށް ދިޔުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ނާސިފު ޖެހުނީ ނިންމާށެވެ. ވީމާ، ކުޑަ ހިތްވަރެއް ކޮށްގެން ގޮސް އެނދުގައި އޮށޯތް ތަނައި ނިދުނެވެ.

"ގުޑްމޯނިންގް!" ހިބާ ބުނެލި އަޑު އިވުނެވެ.

ނާސިފު ބަލަހައްޓައިގެން އޮތީއެވެ. ތިމާއަށް އޮވެވުނީ ކޮން ތާކު ކަމެއް ވެސް ނާސިފަކަށް ނޭނގުނެވެ. މައްސަލައަކީ ކުރިމަތީގައި ހިބާ ހުރީމައެވެ. ނާސިފުގެ ކޮޓަރިއަށް ހިބާ ވަންނާނީ ކިހިނެއް ހެއްޔެވެ؟

"މީ ނިކަމެތި އަޅުގަނޑު، ހިބާ!" ސަމާސާ ރާގެއްގައި ހިބާ ބުންޏެވެ. "ގުޅާގުޅާ ހަބަރެއް ނުވެގެން ރިސެޕްޝަނަށް ގޮސް ބުނެގެން މި ރޫމް ހުޅުވީ! މަ ހީކުރީ މަރުވީ ކަމަށް."

ނާސިފު ތެދުވެ އެނދުގައި އިށީނެވެ. އޭރު ގައިގަ ރިއްސައެވެ. ބޮލަށް ހުރީ ބަރު ވެފައެވެ. ނޭވާލާން ޖެހެނީ އަނގައިންނެވެ.

"ރެޔަކީ ވަރަށް ޓަފް ރެޔެއް،" ނާސިފު ބުނެލިއެވެ. "ދެން މި މަރުވަނީއޭ ވެސް ހީވި. މިއަދު ކްލާހަކަށް ނުދެވޭނެ. ވަރަށް ވަރަށް ޓަޔަޑް!"

"އުހުނ! ކްލާހަށް ދެވޭނެ،" ޔަގީންކަމާ އެކުގައި ހިބާ ބުންޏެވެ. "މަ މިހިރީ ކަމަކުއެއް ނު! މި ބޯލާފަ، މީގެ ވަސް ބަލާފަ، މި ޖެހޭނީ ބުރަކަށީގަ އުނގުޅަން. ދިހަ ވަރަކަށް މިނިޓް ނަގާނީ. އަހަންނަށް ޓްރަސްޓް ކުރަން ކެރޭނެ؟"

ނާސިފު ހިތަށް އެރިއެވެ. އެ ނޫން ގޮތެއް ކޮބައި ހެއްޔެވެ؟ ހިބާ ގެނެސްފައި ހުރީ ކުދިކުދި ޖޯޑުތަކެކެވެ. ބުނި ތަރުތީބުން އެ ކަންކޮށް ނިންމައިލިއެވެ. އުނގުޅަން ޖެހުނު އެތި އުނގުޅައި ދިނީ ހިބާއެވެ. އޭގައި ހުރީ ވަރަށް ތާޒާ އާތްވެކެވެ. ދިލައެއް ނެތެވެ.

"މީ ބޭބެ ވަރަށް ރުޅިއަންނަ އެއްޗެއް،" އުނގުޅައިދެމުން ހިބާ ބުންޏެވެ. "ވަރަށް ނުބައި ވަހެކޯ ދުވަނީ. ތެދެއްތަ؟"

"އާނ ދެން ތީ ދުނިޔޭގަ ހުރި އެންމެ މީރު ވަސް ދުވާ އެއްޗެކޭ ނުބުނެވޭނެ،" ނާސިފު ޖަވާބު ދިނެވެ.

"އެކަމަކު ތިއަށް ވުރެ ނުބައި ވަސްދުވާ އެއްޗެހި ހުރޭ!"

"އެނީ ޑިފަރެންސް؟" ހިބާ އެހިއެވެ. "އެއްވެސް ވަރަކަށް ރިލެކްސް ވޭތަ؟"

"އަދި ނުވޭ!" ނާސިފު ވިސްނައިލާފައި ބުންޏެވެ. "އެކަމަކު ތި އުނގުޅަން ހިބާ ވަރަށް މޮޅު. އެކްސްޕީރިއަންސް އެބަ ހުރި. ތެންކިޔޫ!"

"ރަނގަޅުވީމައެއް ނު ތެންކިޔޫ އަކީ،" އުނގުޅައި ނިންމައިލަމުން ހިބާ ބުންޏެވެ. "ދެން ތުވާއްޔެއް އޮޅާލައިގެން އިރުކޮޅަކު މަޑުކޮށްލާ! ފިފްޓީން މިނިޓްސް އޯކޭވާނެ."

ބާރު ދުވެއްޔެއްގައި ދިޔަ ޓެކުސީގައި ނާސިފު ވަރަށް ހަމަޖެހިލައިގެން އިނެވެ. ގައިގަ ރިހުމާއި، ނޭވައިގެ އުނދަގޫ ނެތުމެކޭ އެއްފަދައެވެ. އެ ފަދަ ކުރިއެރުމެއް ލިބިދާނެ ކަމަކަށް ނާސިފު ހީ ވެސް ނުކުރެއެވެ. މަގު ކުރުކޮށްލަން އާންމުކޮށް އަޅާ ހަނި ގޯޅިއަށް ކާރު ވަނުމާ އެކު، ކުރިމަތިން އައި ކާރެއް، ނާސިފު އިން ކާރުގެ ކުރި ބެއްދިއެވެ.

"މީ ވަންވޭއެއް ނޫންތަ؟" ރުޅި އައިސްފައި ނާސިފު ބުންޏެވެ.

ޑުރައިވަރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް، ކުރިމަތީގައި އޮތް ކާރުން ފޭބި ބަޔަކު އައިސް ނާސިފު ގޮވައިގެން އެ ކާރަށް އަރައި ކާރު ދުއްވައިލިއެވެ. ނާސިފު އެއްވެސް ސުވާލެއް ނުކުރެއެވެ. ހިތް ބުންޏެވެ. މި ފަހަރު ސަލާމަތްވެއްޖެއްޔާ ވީހައި ވެސް އަވަހަކަށް ޓިކެޓެއް ނަގައިގެން މާލެ ދާނީއެވެ. ކާރު މަޑުކޮށްލީ ފަޅު ހިސާބެއްގައި ހުރި ރީތި ގެއެއްގެ ކުރިމައްޗަށެވެ. އެ ތަނަށް ނާސިފު ބާލައިފައި ކާރު ދިޔައެވެ. ނާސިފު ވަށައިގެން ހޯދަން ފެށިއެވެ. މީހަކު ގޭގެ ދޮރު ހުޅުވައިލަދިނެވެ.

"ވަދޭ!" ޖޮއޭންގެ އަޑުއިވުނެވެ.

ނާސިފެއް ނުވަނެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރީއެވެ. ޖޮއޭން ދޮރާ ހަމައަށް އައެވެ.

"ރުޅި އައިއްސަ؟" ޖޮއޭން އިނގިރޭސިން އެހިއެވެ.

"ނޫނޭ!" ނާސިފު ބުންޏެވެ. "ކީއްވެ ރުޅި އަންނަންވީ؟ މީހެއް ދެކެ ލޯބިވީތީ އޭނަ އަހަރެން މަރާލަން އައީމަ އަހަރެން ކިހާ އުފާވާނެ؟ ކިހާ ހިތްހަމަޖެހޭނެ؟ ފިރިމީހާ ވަރިހަމަ ކޮންމެ ފަދަ ކަމެއް ކުރިޔަސް އޭނަ ދެކެ ރުޅިއެއް ވެސް ނާދެވޭ، އޭނަ ދޫކޮށެއް ވެސް ނުލެވޭ! ހުސް އަހަރެން އުފާވާ ކަންތަކެއްނު! ކީއްކުރަން އަހަރެން ރުޅި އަންނަންވީ؟"

ޖޮއޭން އިސްޖަހައިލިއެވެ. އެއްވެސް ކަމެއް ސާބިތުކުރާނެ ހެއްކެއް ޖޮއޭން އަތަކު ނެތެވެ.

"އަހަންނަށް އެނގޭ ރުޅި އަންނާނެކަން،" ޖޮއޭން އެއްބަސްވިއެވެ. "އެންމެ ދެތިން މިނެޓު ބޭނުންވަނީ. އޯކޭތަ؟"

"ތީ ނުލާހިކު ނުފޫޒު ގަދަ، ބާރުގަދަ އަންހެނެއް. ކޮންމެ ތާކު އަހަރެން ހުއްޓަސް، އުފުރާލައިގެން ގެންނާނެ،" ނާސިފު ހިތްހަމަނުޖެހިފައި ބުންޏެވެ. "އޯކޭ ނުވެ ކީއްކުރާނީ؟"

އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމަށް ފަހު ޖޮއޭން އިސްޖަހަލިއެވެ.

"އަހަރެން ވަރަށް ހައިރާންވޭ ނާސިފަށް ނުވިސްނޭތީ!" ޖޮއޭން ބުންޏެވެ. "އަހަރެންގެ ފިރިމީހާ ބޭނުންވީ އަހަރުމެން ދެ މީހުން ދުރުކޮށްލަން. ފިރިހެންކުއްޖަކު ނުލިބުނީމަ އޭނަ ބޭނުމެއް ނޫން އަހަންނާ އިނދެގެން އުޅޭކަށް. އޭނަ ބޭނުމެއް ނޫން އޭނަ އިން މީހަކު އެހެން މީހަކާ އިންނާކަށް ވެސް. އަހަރެންގެ ދެ ދަރިން ރަހީނު ކުރިކަން އެނގޭތަ؟"

ހައިރާން ވެފައި ނާސިފު ބަލައިލިއެވެ. ޖޮއޭން ދައްކައިލީ ދެ ދަރީންގެ ފޮޓޯއެވެ. އެ ކުދީން ތިބީ ހައްޔަރުކޮށް، އައްސައިފައެއް ނޫނެވެ. ތިބީ ރޮވިފައެވެ. ހަގީގަތުގައި އެ ފޮޓޯއިން އެކައްޗެއް ވެސް ސާބިތެއް ނުވެއެވެ. ޖޮއޭން ވަރިކުރިކަން ސާބިތު ނުވާ ފަދައިންނެވެ.

"ހުރިހާ ކަމެއް ބަރާބަރަށް ދިޔަ ނަމަ އަހަރުމެން މި ތާ ވާހަކަ ދައްކާކަށް ނުތިބޭނެ،" ވަށައިގެން ހޯދައިލަމުން ޖޮއޭން ބުންޏެވެ. "ވަރަށް ހަޑި ގޮތަކަށް މި ކަން ރާވާފަ އޮތީ. ހިޔެއް ނުކުރަން ނާސިފު ސަލާމަތްވާނެ ކަމަކަށް. ވަރަށް އުފާވެއްޖެ.."

"އަހަރެން ސަލާމަތްވީތީ ޖޮއޭން އުފަލެއް ނުވާނެ،" ނާސިފުގެ އަޑުގައި ވަނީ ޔަގީންކަމެވެ. "އެއްވެސް އުފަލެއް ނުވާނެ. އިރެއްގަ އަހަރެން މީހަކަށް ވިޔަސް، ކިޔަވާ ނިމުނުތަނާ އަހަރެން މަތިން ޖޮއޭން ހަނދާން ނައްތާލައިފި. ބޮޑު ރަސްކަލަކާ އިނދެގެން ދެ ކުދިން ވެސް ހޯދައިފި. އަހަރެންގެ ދިރިއުޅުމޭ އެ ހިސާބުން ހުއްޓިފަ ހުރީ. އެކަނިމާއެކަނި ކިހާ ދުވަހެއް މި ހޭދަކުރީ."

"ދެން ލިޒް އެއީ ކާކު؟" ޖޮއޭން އެހެން ބުނީ ނާސިފުގެ މޫނަށް ވަރަށް ރަނގަޅަށް ބަލަހައްޓައިގެން ހުރެއެވެ. ނާސިފު ވަރަށް ހައިރާންވެފައި ބަލައިލިއެވެ. އެ ވަރަށް ނާސިފަށް ފާރަލާފާނެ ކަމަށް ނާސިފަށް ހީނުކުރެވުނީއެވެ.

"ތި ހީކުރަނީ އަހަންނަށް ނޭނގޭނެ ކަމަށްތަ؟" ޖޮއޭން އެހިއެވެ. "ހިބާއަކީ ވެސް ހަމަ އެކަނި ޖޫނިއާ ސްޓާފެއް ނޫނެއްނު. ސްޓާފުން ލައްވާ ގައިގަ ތެލެއް ނޫނގުޅާނެ ދޯ؟ ކޮޓަރިއަކު ނުވެސް ނިންދަވާނެ. އާނ ނާސިފު ކައިވެންޏެއް ނުކުރޭ! ދަރިއަކު ވެސް ނުހޯދާ! އެކަމަކު ތި ގޮތް މާ ގޯސްހެން އަހަންނަށް ހީވަނީ. ދައްކަންޏާ އަހަންނަށް ވެސް ދެއްކޭނެ ވާހަކަ އެބަ ހުރި. ނާސިފު ކްލާހަށް ދަނިކޮށް ޖަހައިގަނެގެން މި ގެނައީ ލޯބިވާތީ!"

"ލޯބިވަންޏާ އަހަންނާ އިންނަންވީނު؟" ނާސިފު އެހެން ބުނީ އެއީ ވަރަށް ފަސޭހަކަމެއްހެން ހީވާ ކަހަލަ ރާގެއްގައެވެ.

ޖޮއޭން ބަލަހައްޓައިގެން ހުރީއެވެ. އާނއެކޭ ބުނަން އޭނަ ބޭނުމެވެ.

"ކޯސް ނިންމާފަ މާލެދާ އިރު އަހަންނާ އެއްކޮށް ދިޔައިމަ ނިމުނީ،" ނާސިފު އިތުރަށް ބުންޏެވެ. "ފިރިމީހާ ނޫނީ އެކްސްގެ ބާރެއް ރާއްޖެއަކު ނުހިނގާނެ."

"ތީ ހަމަ ހީވާ ގޮތް،" ޖޮއޭން ބުންޏެވެ. "އަހަރެން އެންމެ ގާތްކޮށްގެން ގެންގުޅުނު މީހުން ރޭގަ އަހަންނާ ދެކޮޅަށް އެ ތެދުވީ. ގަނެލާފަ އެ ތިބީ! އެކްސްގެ ބާރު ނުހިނގާ އެއްވެސް ތަނެއް ނޯންނާނެ. އެނގޭތަ؟ އަހަރުމެން މި ދައްކާ ވާހަކަ ވެސް އޭނައަށް އަޑުއެހޭނެ. އަޑުއަހާނެއެކޭ ނޫން މި ބުނީ. ވީހާ ވެސް އަވަހަކަށް ތި ފޯނު އެއްލާލާ! ޖޯންއަށް ވެސް ކުޑަކޮށް ބަލައިލައިގެން އުޅޭތި. ލިޒްގެ ވެސް ވާހަކަ ވަރަށް މޮޅުވާނެ، ފްރެންޑަކަށް އޯކޭ އެކަމަކު އޭނަ ބުނާހާ ތާކަށް ނުދާތި!"

މައްސަލައަކީ އެއީއެވެ. އެލިޒަބަތަށް ނޫނެކޭ ބުނުމަކީ ނާސިފަށް ފަސޭހަކަމެއް ނޫނެވެ. މެންދުރުން ފެށިގެން ކޯހުގައި ބައިވެރިވެފައި، ކުލާސް ނިމިގެން ނުކުތް އިރު އެލިޒަބަތު ކާރު މަޑުކޮށްލައިގެން، އިންޖީނު ނިއްވައި ނުލައި އިނެވެ.

"އަހަންނާ އެއްކޮށް ކަނޑުމައްޗަށް އަރަން ކެރޭނެ؟" އެލިޒަބަތު ސުވާލުކުރިއެވެ. "ބުރެއްޖަހާލަން،" (ނުނިމޭ)

16 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 36%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓަމިލްދޯ

04 June 2025

ތަމަޅަ ފިލްމެއްގެ މަންޒަރެއްތަ އެދިޔައީ.... ދޮންކެޔޮ ވަކަކުން ޖަހާ ކާރު އެއްޗެއްހި ހޫރާލާ މަންޒަރު ސިފަވީ...

The name is already taken The name is available. Register?

ދަންޑަހެލުު

04 June 2025

މިއުޅެނީ ގައިން ގަޔަށް އަރާ ބައްޔެއް ހުރި ބިދޭސީ ބޭފުޅެއް އާންމުން ތެރެއަށް ފިއްލަވައިގެން. ތިޔަ ޖޮއޭންގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ބޭފުޅާ އުޅުއްވާ ހިސާބެއް ނާސިފު ނިކަން އަވަހަށް ހޯދާލާފަ މިތާ ކޮމެންޓް ކޮށްލަދީބަލަ. ފަހަރެއްގަ ދެން އޮންނަ ރިޔާސީ އިންތިޚާބެއްގަ ރައްޔިތުންގެ ވޯޓު ވެސް ލިބިދާނެ.

The name is already taken The name is available. Register?

ބޮންބެ

04 June 2025

ކަލޯގެއާ. މި ޖޮއޭން ކޮޔަކީ ހާދަހާ ވަރުގަދަ ޖާސޫސީ އިދާރާއެއް ގެންގުޅޭ ކޮޔެކޭ ދޯ. ހިބާ ލައިގެން ހުރި ޖަނގިޔާ ކުލަ ވެސް އިނގޭ ވިއްޔަ އެކޮޔަށް.

The name is already taken The name is available. Register?

ދދދދދދދދ

04 June 2025

ތިން އަންހެނުން ކުޅެން ގެންގުޅޭ ބުދެއްތަ މީ. ފިރިހެން ވެލާބަލަ ނިކަން

The name is already taken The name is available. Register?

8ވަނައަޖައިބު

04 June 2025

އަޖައިބެކޭދޯ

The name is already taken The name is available. Register?

ކކކކ

04 June 2025

ނާސިފު ހީވަނީ ސްކިޒޮފްރެނިކް ހެން.

The name is already taken The name is available. Register?

ހަސަނާހާ

04 June 2025

ދެން އަންނަ ހޮލީވުޑް ޖޭމްސް ބޮންޑު ސީރީޒް މީ

The name is already taken The name is available. Register?

މަހަނަ

04 June 2025

މީ މިހާރު ފެންޓަސީ ޖޯންރާގެ ވާހަކައެއް ދޯ

The name is already taken The name is available. Register?

ތެލަބަޑި

04 June 2025

ބިންމާ ތިނޫން ޖޯންރާއެއްގެ ވާޙަކައެއްް ލިޔުނުތަ މިހާތަނަށް؟!

The name is already taken The name is available. Register?

ގާރލް7

04 June 2025

އެކޮއި ޖޮއޭން، ދޮންކަނބުލޮއަށް ނޭނގޭ ހަމައެއްކަމެއް ނެތެއްނުން. ދެން އެހެންވީމަ ނާސިފުއާއި ލިޒް އަދި ހިބާ ގޮވައިގެން ރާއްޖެ އަންނަން އުޅޭ މިވާހަކައަށް ފިލްމެއް ކުޅެން. ފިލްމުގެ ތީމް ލަވައަކަށް "ތިން ތިން ބަނޑިޔާ" މި ލަވަ ހަމަޖައްސައިދޭނަން.

The name is already taken The name is available. Register?

ާޑެބީ

04 June 2025

ވާހަކައިގަ ހިބާގެ ފޮޓޯ ނުޖަހާ ނާސިފުގެ ފޮޓޯއެއް ޖަހާބަލަ. ރަސްރަސްކަލުންގެ އަބިންނާ މިލިއަނަރުންގެ ދަރިންނާއި ހިބާވެސް މަށަށް މަށަށް ކިޔާ ތިނާސިފު ހުންނަގޮތް ވަރަށް ބަލާލާ ހިތްވެއްޖެ.

The name is already taken The name is available. Register?

ހަހަހަހަަަ

04 June 2025

މަވެސް ބަލާލާހިތްވެއްޖެ. ނާސިފު މީ އަނެއްކާ އިންސާނެއްބާ

The name is already taken The name is available. Register?

މހއމ

05 June 2025

ހުންނަ ގޮތް ބަލާ ހިތް ނުވިޔަސް، ދެން ތި ބުނި ކަންކަމަށް އެއްބަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454