29 ޖޫން 2025 - 07:16
(ބުދަ ދުވަހާ ގުޅޭ)
"އާދޭ!" ނާސިފު އެދުނެވެ.
ނާސިފު ކަންތައްކުރީ ހިބާ ހީކުރި ގޮތަކަށް ނޫނެވެ. ހިބާ ކަންތައް ކުރީ ނާސިފު ހީކުރި ގޮތަކަށް ވެސް ނޫނެވެ. ހިބާ ވަގުތުން އައެވެ. ނާސިފު ބޮޑަށް ދޮރު ހުޅުވައިލުމުން އެތެރެއަށް ވަނެވެ. އެހެނަސް، އިސްޖަހައިލައިގެން ހުރީއެވެ. ރާހިލްގެ އަސްލު ސިފަ ނާސިފަށް ފެންނާކަށް ހިބާ ބޭނުމެއް ނޫނެވެ. މައްސަލައަކީ އެއީއެވެ. އެހެން ކޮންމެ ފަހަރަކު ދޮރުން ވަންނަ ގޮތަށް ސޯފާއަށް ވެއްޓިގަންނަ ހިބާ، ކުރިޔަށް ފިޔަވަޅެއް އަޅާކަށް ވެސް ބޭނުމެއް ނުވިއެވެ.
"އޭރު ވެސް ބުނީމެއްނު އޭނައަކީ..." ނާސިފަށް ބުނެވުނީ އެ ހިސާބަށެވެ.
"އައި ނޯ!" ހިބާ ތަންކޮޅެއް ބާރަށް ބުންޏެވެ. "އަހަންނަށް އެނގެޔޭ އޭނައަކީ ކެއަރލަސް، ލޭޒީ މީހެއްކަން. ކުރިން ވެސް ބުނީމެއްނު! އޭތިމީތި ބޯނެ. ބިޓިން ވެސް ވާނެ. އަހަންނަކަށް ނޭނގެ އޭނަގެ ރަނގަޅު އެންމެ ކަމެއް ވެސް ކިޔައިދޭކަށް."
"ދެން ކީއްކުރަންހޭ އޭނަޔާ މެރީ ކުރަނީ ހިބާ؟" ހިބާގެ ދެކޮނޑުގައި ހިފައި ތަޅުވައިލަމުން ނާސިފު އެހިއެވެ.
"ލޯބިވާތީނު!" ރޮއިގެންފައި ހިބާ ބުންޏެވެ. "އޭނަ ކޮންމެ ގޮތަކަށް އުޅުނަސް އައި ލަވް ހިމްްއޭ! އަހަރެން ބޭނުން އޭނަޔާ މެރީކުރަން. އަހަރެން ބޭނުން އޭނަ ރަނގަޅު ކުރަން. އައި ކޭން ޑޫ އިޓް!"
"ބަނޑުހަންގަނޑު!" ނާސިފަށް ބުނެވުނެވެ. "ހިބާ ނުޖެހޭ އޭނަގެ މަންމައަށް ވާކަށް."
"ނާސިފު ނުޖެހޭ އަހަރެންގެ ބައްޕައަށް ވާކަށް ވެސް،" ހިބާ ބުންޏެވެ. "ފޮގެޓް މީ! އަހަންނަކީ ނާސިފުގެ ޓައިޕެއް ވެސް ނޫނެއްނު! އަހަންނަކީ މޮޔައެއްހެން އުޅޭ ބޯގޯސް ކުއްޖެއް. އުނދަގުލެއް ކަހަލަ ކުއްޖެއް. ގަމާރު ކުއްޖެއް. އެއްކަމެއް ވެސް ކުރާކަށް ނޭނގޭނެ."
ނާސިފު އިސްޖަހައިލިއެވެ. އެއީ އިންޑިޔާއަށް އައިތާ ކައިރީގައި، ހިބާއާ ހެދި އުނދަގޫ ވެގެން އުޅުނު އިރު، އަދީލަށް ގުޅައިގެން ނާސިފަށް ކިޔުނު އެއްޗެހިތަކެވެ. ހިބާ ގާތުގައި އެ ވާހަކަ އަދީލް ބުނެފާނެހެން ނާސިފަށް ހީވިއެވެ. ރަނގަޅު ނިޔަތެއްގައެވެ. އޭރު ނާސިފު ބޭނުންވީ ވެސް އެ ގޮތެވެ.
"ސޮރީ!" ނާސިފު މަޑުމަޑުން ބުނެލިއެވެ.
"ކޮން ސޮރީއެއް؟" ހިބާ ބުންޏެވެ. "ތީ އަހަރެން ދެކެ ނުލާހިކު ފޫހިވާ މީހެއް. ދެން ކީއްވެ..."
"ވަރަށް ފޫހިވާ މީހަކު ދެކެ ލޯބިވާ އިރު ވަރަށް ލޯބި ވެސް ވާނެ،" ހިބާއާ ހަތަރުކަޅި ހަމަކޮށްލަމުން ނާސިފު ތަންކޮޅެއް ބާރަށް ބުންޏެވެ. "ނޭނގޭތަ އެ ކަމެއް؟ ކުރިން ނޭނގެންޏާ މިހާރު އެނގޭނެ،" ދެން ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އަހަންނާ މެރީކުރޭ ހިބާ! ޕްލީޒް!"
އެ ވަގުތު ދޮރުގައި ޓަކިޖަހައިލި އަޑުއިވުނެވެ. ހިބާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅީ ރާހިލްއެވެ. ކަންބޮޑުވެގެން ހިބާ ތެޅިގަތެވެ.
"ދޮރު ހުޅުވާ!" ރާހިލް އަމުރުކުރިއެވެ. "އަހަންނަށް އެނގޭ ކައޭ އުޅޭކަން."
ނާސިފުގެ ކޮޓަރިއަށް ވަނުން އެއީ ކުރެވުނު ރަނގަޅު ކަމެއް ނޫން ކަން ހިބާއަށް ވިސްނުނީ ވެސް ދެނެވެ.
"ހިބާ ބޭނުން ނޫނިއްޔާ ނުޖެހޭނެ ދޮރު ހުޅުވާކަށް." ނާސިފު މަޑުމަޑުން ބުންޏެވެ.
"ދޮރު ހުޅުވާ!" މަޑުމަޑުން ހިބާ އެދުނެވެ. "މި ބުނީނު ހުޅުވާށޭ!"
ނާސިފު ގޮސް ދޮރު ހުޅުވިއެވެ. ރާހިލް ހުރީ ހުސް ސޯޓުގައެވެ. ދޮރު ހުޅުވުމާ އެކު އެތެރެއަށް ދެމިގަތެވެ. ހިބާގެ މުލައްދަނޑީގައި ހިފިއެވެ.
"ބްލަޑީ **!" ރާހިލް ބުންޏެވެ. "ދެން ކީކޭ ބުނާނީ؟ ރެޑްކޮށް މި ހިފީ!"
"އައްދޯއި ރާހީ!" ހިބާއަށް ބުނެވުނެވެ. "ތަދުވެޔޭ!"
ނާސިފުގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ރުޅި އަތުވެއްޖެ ނަމަ ނާސިފަކީ ކިހައި ރުޅިގަދަ މީހެއްކަން އެނގޭ އެކަކު ވެސް އެ ތާކު ނެތެވެ.
"ތަދުވާ ކަހަލަ ކަންތައް ކުރާތީއޭ ތަދު ކުރަން ޖެހެނީ،" އަތުން ދޫނުކޮށް ރާހިލް ބުންޏެވެ. "ތީ މަގޭ ފިއުޗާ ވައިފޭ! މާލެ ދާ ގޮތަށް މެރީ ކުރަން ހުރިހާ ކަމެއް ނިންމާފަ މި އައީ. ނުޖެހޭ ކޯސް ހަދާށޭ ކިޔާފަ މި ތަނަށް އައިސް ބައްޕަ އޭޖްގެ..."
"އޭނަގެ އަތުން ދޫކޮށްލާ!" ފުރަތަމަ ނާސިފު އެދުނީ އިހުތިރާމާ އެކުގައެވެ.
"މީ އަނެއްކާ އަނެކަކު،" ނާސިފުއާ ދިމާއަށް އެނބުރެމުން ރާހިލް ބުންޏެވެ. "ދަރިއެއް ވަރުގެ ކުޑަކުޑަ ކުއްޖެއް ފަހަތުން އަޅައިގަނެގެން އުޅެން ކައޭ ލަދެއް ނުގަނޭތަ؟ ކައޭގެ ވައިފަށް އެނގިއްޖެއްޔާ ކިހާ ފަނިވާނެ؟"
"ސްޓޮޕް އިޓް ރާހީ!" ހިބާ އެދުނެވެ. "ލެޓްސް ގޯ!"
"އޮފީހުގެ ވެރިން ޖޫނިއަރ ސްޓާފުން ތަންތަނަށް ކަޓުވާލައިގެން ގެންގޮސް ތިހެން އުޅުމަކީ ވަރަށް ލަދު ވަރަށް ކަޑަކަމެއް،" ރާހިލް މަސައްކަތްކުރީ ނާސިފުއަށް ވިސްނައިދޭށެވެ. "ކައޭގެ އޭޖަށް ވެސް ކުޑަކޮށް ބަލައިލަން ޖެހޭނެ ދޯ؟ މީގެ ފަހުން ކައޭ ހިބާއާ ވާހަކަ ދައްކައިފިއްޔާ ނިމުނީ އިނގޭ!"
އެ ހިސާބުން ރާހިލްގެ އަތްފޮޅުވައިލާފައި ހިބާ ކޮޓަރިން ނުކުތީއެވެ. ރާހިލް އެ ތަނުން ނެރުމުގެ ބޭނުމުގައެވެ. ދެން ވެސް ނާސިފު ކެތްކޮށްލައިގެން ހުރީއެވެ. ރާހިލްއާ ދިމާއަށް ބަލައި ވެސް ނުލައެވެ. ނާސިފު އަޒުމު ކަނޑައަޅައިގެން ހުރީ ގައިގައި އަތްނުލާހައި ހިނދަކު ހަނު ހުންނާށެވެ. ހަމަ އެކަނި ހިބާއަށް ޓަކައެވެ.
"ކައޭއަށް އަޑުއިވޭތަ؟" ނާސިފުގެ ކޮނޑުގައި އަތްޖައްސައި، ކުޑަކޮށް ކޮއްޕައިލަމުން ރާހިލް އެހިއެވެ.
ރާހިލްގެ ތުންފަތް ފަޅައިގެން ދިޔައެވެ. ޖެހުނުކަން ނާސިފަށް އިހުސާސް ކުރެވުނީ ވެސް އެ މަންޒަރު ފެނުމުންނެވެ. ނާސިފުގެ އަތް ހަރަކާތްކުރީ އެހައި އަވަހަށެވެ.
"ގައިގަ އަތްނުލާތި!" ނާސިފު އިނގިލި ދިއްކޮށްލާފައި އިންޒާރު ދިނެވެ.
ތުންފަތުގައި އަތް ޖައްސައިލާފައި އަތަށް ބަލައިލި އިރު ރާހިލް އަތުގައި ވެސް ކުޑަކޮށް ލޭގެ އަސަރު ހުއްޓެވެ.
"ތި ދިޔައީ ކައޭގެ ދުވަސް." ރާހިލް ވެސް ފާޑެއްގެ އިންޒާރެއްދިނެވެ.
ރާހިލް ކޮޓަރިން ނުކުތެވެ. ނާސިފު ދޮރު ލެއްޕިއެވެ. ރާހިލް ކަހަލަ ޒުވާނަކަށް ނާސިފަށް ކުރެވޭނީ ކީއް ހެއްޔެވެ؟ ނާސިފު ހިތަށް އެރީ އެހެންނެވެ. ކުރަން ވެއްޖެއްޔާ މާ ގިނަ ކަންތައް ނާސިފަށް ކުރެވޭނެއެވެ. ރާހިލް އެނބުރި ރާއްޖެ ނުދެވޭނެ ގޮތް ހަދައިލުމަކީ ވެސް ނާސިފަށް އެހައި އުނދަގޫ ކަމެއް ނޫނެވެ. އިންޑިޔާގައި ވީމައެވެ. އެކަމަކު ހިބާގެ ފަރާތުން ރާހިލް ބަދަލު ހިފައިފާނެތީ ނާސިފު ކަންބޮޑުވިއެވެ. ހިތާމައަކީ، އެހެންވިޔަ ނުދޭން ނާސިފަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމެވެ.
ނާސިފު ކުލާހަށް ދާން ހޮޓަލުން ނުކުތް އިރު ވެސް ހިބާއެއް ނުފެނެއެވެ. ހިބާ ކުލާހަށް ދިޔަ ކަމެއް ވެސް ނާސިފަކަށް ނޭނގެއެވެ. އެއީ އަހަންނާ ބެހޭ ކަމެއް ނޫނޭ ހިތަށް އަރުވައިގެން ޓެކުސީގައި އިން އިރު ވެސް، ނާސިފުގެ ސިކުނޑި އެހެން ކަމަކަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އެތައް ސުވާލެއް ކުރަމުން ގެންދިޔައެވެ. ރޭގައި ދެން ވީ ކިހިނެއް ހެއްޔެވެ؟ ހިބާއަށް އަނިޔާކުރި ހެއްޔެވެ؟ ހިބާ ކުލާހަށް ދިޔަހެއްޔެވެ؟ ވީނުވީ އެނގުނު ނަމަވެސް ނާސިފު ތަންކޮޅެއް ހިތްހަމަޖެހުނީހެވެ. ގަޔާވެގެން ކުލާހުގައި އިނދެވުނީހެވެ. މެންދުރަށް މެދުކަނޑައިލި ވަގުތު އަދީލްގެ ފޯނެއް އައެވެ. އެ ދަނޑިވަޅާ ދިމާކޮަށް އަދީލްގެ ކޯލެއް އައުމުން ނާސިފުގެ ހިތުގައި ޝައްކު އުފެދުނެވެ.
"ހަލޯ!" ނާސިފު ފޯނު ނަގައިފައި ބުންޏެވެ.
"ކިހިނެއް ހަދައިގެން ތި އުޅެނީ؟" ކުޑަކޮށް ނުތަނަވަސްވެފައި އަދީލް އެހިއެވެ.
"އަދި ނޭނގުނު." ނާސިފު ބުންޏެވެ.
"އެފްބީ ނުބަލަންތަ؟" އަދީލް އެހިއެވެ. "ހިބާގެ ބޯއިފްރެންޑާ ދެ މީހުންގެ ފައިޓެއް ދިޔައީތަ؟ ނޫނީ އެ ގޮލާ ވާހަކައެއް ހަދާލީތަ؟"
ރާހިލް ދިން އިންޒާރުގެ މަތިން ނާސިފު ހަނދާންވިއެވެ.
"އަހަރެންނަށް ހަންރެޑް ޕަސަންޓް ހިބާއަކީ ނާސިފުގެ ޓައިޕެއް ނޫންކަން،" އަދީލް ވަރަށް ޔަގީންކަމާ އެކުގައި ބުންޏެވެ. "ހިބާ އުޅޭ ގޮތުން ނައްޓައިގެން އިހަކަށް ދުވަހަކު ދޯ ނާސިފު އަހަންނަށް ގުޅީ. އަހަރެން ހީކޮށްގެން މިހިރީ އޭނަގެ އުނދަގޫ މިހާރު ތަންކޮޅެއް ކުޑަވާނެ ކަމަށް. އަދި މި ކޮޅަށް އޭނަ އައިމަ ލެކްޗަރެއްް ދޭނަމޭ!"
ކަންކަން ބަދަލުވެއްޖެ ކަމާއި، ހިބާ ދެކެ ލޯބި ވެވިއްޖެ ކަމާއި، އިންނަން ވެސް އެހުނު ވާހަކަ ހިއްސާކުރާކަށް ނާސިފަކަށް ނުކެރުނެވެ.
"އަޅައިލާނެ ކަމެއް ނެތް،" ނާސިފު ބުންޏެވެ. "އެ އުމުރުގެ ކުދިން އުޅޭނީ އެހެން."
"އޭނ؟" އަދީލް ހައިރާންވެފައި އެހިއެވެ. "ކިހިނެއް ތި ވީ؟"
އިރުކޮޅަކު ވާހަކަ ދައްކައިލުމަށް ފަހު ނާސިފު ފޯނު ބޭއްވިއެވެ. އެފްބީއަށް ވަދެ ރާހިލްގެ ޕޭޖު ހޯދިއެވެ. ރާހިލް ވަރަށް ހުތުރުބަހުން ނާސިފަށް އެއްޗެހި ކިޔާފައި ހުއްޓެވެ. ހިބާއާ ނާސިފު އަޅައިގަތް ވާހަކަ އާއި ޖެހި ވާހަކަ އާއި ރާހިލްގެ ތުންފަތް ހަލާކުވެފައިވާ ފޮޓޯއެއް ވެސް ލާފައި އޮތެވެ. އެ އަށް ރައްދު ދޭން ނާސިފު ހިތަށް އެރިއެވެ. އޭރުން ދެން ވެދާނެ ގޮތް ވިސްނައިލާފައި އަޅައިނުލީއެވެ.
އޭގެ ފަހުން ހިބާއެއް ނުފެނެއެވެ. ގުޅައިލަން ނާސިފު ކިތަންމެހައި ވެސް ބޭނުންވިއެވެ. މަސްލަހަތަށް ބަލައިފައި ނުކެރެނީއެވެ. ކުލާހުން ހޮޓަލަށް އައިސް، އާންމުކޮށް މީހުން ނުނިކުންނާނެ ގަޑިގަޑީގައި ނާސިފު ކޮޓަރިން ނުކުމެ، ރެސްޓޯރަންޓަށް ގޮސް ހެދިއެވެ. ހިބާއެއް ނުފެނެއެވެ. އެކަމަކު އެއް ފަހަރު ރާހިލް ކޮޓަރިއަށް ވަންނަ ތަން ފެނުނެވެ.
ނާސިފުގެ އެލާޖީ މައްސަލަ އަނެއްކާ ވެސް ބޮޑުވިއެވެ. އެހީވާން ހިބާއެއް ނެތެވެ. ވީމާ ނާސިފު ގަސްތުކުރީ ހޮސްޕިޓަލަށް ދާށެވެ. ހޮސްޕިޓަލްގެ އިންޓަނެޝަނަލް ޑެސްކު ކައިރީގައި ނާސިފު ހުއްޓައި، ހިބާއާ ވައްތަރު ކުއްޖަކު އިށީނދެގެން އިން ތަން ފެނުނެވެ. އޭނަ ހުރީ މާސްކު އަޅައިގެންނެވެ. އެހެނަސް، ސިއްރު ބޭޒާރުވީ އޭނަ ލައިގެން ހުރި ހެދުމުންނެވެ. ހިބާ އިށީނދެގެން އިން ގޮނޑީގެ ކުރިމަތިން، ކުޑަކޮށް އެއްފަރާތުގައި ހުރި ގޮނޑިއެއްގައި ނާސިފު އިށީނެވެ. ނާސިފު ނޫން ހުރިހައި މީހުނެއް ހިބާއަށް ފެނެއެވެ. ހިބާ ހޮސްޕިޓަލަށް އައީ ކީއްކުރަންހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ނާސިފު ބޭނުންވިއެވެ.
ފޯނު ނަގައިފައި ހިބާއަށް ގުޅައިލިއެވެ. ހިބާގެ ފޯނު ރަނގަބީލުވިއެވެ. އެ ވަގުތު ރާހިލް އައިސް ހިބާ ގާތުގައި އިށީނެވެ. ނާސިފު ފޯނު ކަނޑައިލިއެވެ. ހިބާ އާއި ނާސިފުގެ ދެމެދުގައި އޮތީ، ދެ މީހަކަށް އެކުގައި ހިނގޭހައި ހަނި ޖާގައެވެ. އެ މީހުން ތިބީ އެހައި ވެސް ގާތުގައެވެ. ރާހިލް ދޭތެރެއަކުން ނާސިފަށް ބަލައިލައެވެ. ނާސިފުއާ ދޭތެރޭ ރާހިލްއަށް ޝައްކުވާ ކަހަލައެވެ. އެހެނަސް، ނާސިފު ވެސް އިނީ މާސްކެއް އަޅައިގެންނެވެ. މައްސަލައަކީ އެއީއެވެ. ކޮންމެވެސް އެއްޗެއް ހިބާގެ ކަންފަތްދޮށުގައި ރާހިލް ބުނުމުން، ފުރަތަމަ ފަހަރަށް ނާސިފުއާ ދިމާއަށް ހިބާ ބަލައިލިއެވެ. ނުވެސް ދެނަހުރި ކަމަށް ހެދިގެން އިން ނާސިފަށް އެ ހުރިހައި މަންޒަރެއް ފެނެއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ހިބާ ދެ އަތަކަށް ބޯ ހޫރައިލިއެވެ. އެއީ ހިބާގެ ނަން ގޮވި ވަގުތެވެ. ހިބާ ތެދުވެގެން ހިނގައިގަތެވެ. ވަރަށް ބޮޑު ކޮރެއް ޖަހަމުންނެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބާބު
29 June 2025
އަދިވެސް ނިމޭކަށް ނޫޅޭތަ ގަރަށް ދުވަސް ކޮއްފަ މިވަދެލީ ކުރުވާހަކައެއް ކިޔާލަން އެހެނަސް ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. ޢަދިވެސް “ނުނިމޭ” ޖަހާފަ (ބުދަ ދުވަހާ ގުޅޭ) ޔާމީނުބެ ގޮސް، ސޯލިހު އައިސްގޮސް ވީއިރުވެސް މިވާހަކައޭ ބުނާހާވޭ
ހިބާގެ މަންމަ
29 June 2025
އެކަމަކުވާ ބިންމާ، އަހަރެން 2 ހަފްތާކޮށްފަ އައި އިރުވެސް މަގޭ ދަރި އަދިވެސް އަނބުރާ މާލެ ނުފޮނުވައޭ. މި ކުރު ކޯސް ދެން ނިންމާލަގަ. މަގޭ ދަރި ކްރައިމް ޕެޓްރޯލް އެޕިސޯޑަކަށް އަރާފާނެ މިހެން ދަމުން.
ވާނުވާ ވާހަކަ...
29 June 2025
މި ވާހަކަ ހީވަނީ ބިންމާ އެހެން ދިމާއަކަށް ގެންދަން އުޅެފަ ޚިޔާލު ބަދަލުވެފައި އޮތްހެން. ހިބައްޓޭ އާއި ނާސިއްޕެގެ ލަވް ސްޓޯރީއެއް ލިޔަން ހިތު އޮތްނަމަ ކޮންމެސް ގައުމެއްގެ ޕްރިންސެސްއެއްތޯ ފަސްޓް ލޭޑީއެއްތޯއްޗެއްގެ ވާހަކަ މީގެ ތެރެއަށް ގެނައީ ކީއްކުރަން؟
އޭސީޕީ ޕްރަދިއުމަން ސީ އައި ޑީ
29 June 2025
ޑައިރެކްޓަރު މަ ސަންދޯކުން އަނބުރާ ނަގަން ޖެހުނީ ވެސް ބިންމާ މި ވާހަކަ ލިޔެގެން
ބިންމާ ފޭންގާރލް
29 June 2025
ރާހިލް ޑި ވާންޗޯ ބުރޯއެއް ދޯ. ނާސިފު ދެން ގުޅާލަބަލަ ޖޮއޭންއަށް.
2025
29 June 2025
ޔޭ މަ☝️.. ހިބާ ތިވެވުނީ ކަނުލޯބި...... ބޮއިހަލަކި
ގުޑުލަކުމުނިޔާ
29 June 2025
ހިބާ ކޮރަމުންދާންފެށުމުން ރާހިލް ނިކުތީ ބޭރަށެވެ. ނާސިފު ހިބާ ވަން ކޮޓަރިއަށް ވަދެ ހިބާގެ މާސްކު ނަގައި ބަލާލިއިރު ކަމަކުދާކަށްނެތެވެ. މުޅިއަނގަމަތި ވަނީ ފަޅައިގެންގޮސް ނޫފައިގެންފައެވެ. ހިބާދޮގެއްހަދާލަންއުޅުނެވެ. އެކަމަކު ނާސިފު ޑޮކްޓަރު ކައިރީ ޕޮލިސްކޭސްއެކޭ ބުނެލިއެވެ. ހިބާ ރުޅިއައިސްފައި ނާސިފާއި ނުބެހޭކަންތަކާ ނުބެހޭށޭ ބުންޏެވެ. ނާސިފު އޯކޭވަޓްއެވާއޭކިޔާފައި ބޭރަށް ނުކުމެ ހިބާގެ ނަން ހިތުންފޮހެލިއެވެ. އެއީ ފެނުނު އަވާމެންދުރެކެވެ.
ޑެބީ
29 June 2025
ޑެބީމެން ބިންމާމެން ވާހަކަ ލިޔުނަސް ގުޑުލަކުމުނިޔާމެނަށް ވާހަކަ ނުލިޔެވޭނެކަން ތިފެނުނީ. ކޯއްޗެއްތަ ލިޔެފަތިއޮތީ.
ޑެބީ
29 June 2025
ޖެންޒީންގެ ހާލަތު. ސްމާޓް އެމްބިޝަސް އެޑިއުކޭ ފިރިހެނުން ލިބުނަސް މިކުދިން ދާނީ އަހުލާގެއްނެތް ފަތްބޯ ނުކިޔަވާ ޖޮބަކަށް ނުދާ ލޭޒީ ޕާޓޭން ފަހަތުން. ލޯތްބޯއެއީ.
ސަސި
29 June 2025
މި ކޯސް ނިމޭއިރު ސީއަޑީ މީހުން މިކަން ތަހްގަިގުކުރަން ނުޖެހިއްޖެއްޔާ ވެދާނެ