06 ޖުލައި 2025 - 06:44
(ބުދަ ދުވަހާ ގުޅޭ)
ޑަކުޓަރު ކޮޓަރިން ނުކުތް އިރު ރާހިލް ހުރީ ކުރިމަތީގައެވެ. އެ ހިސާބުން ތިން މީހުން ވެސް، އިރުކޮޅަކަށް ހުއްޓުން އެރިއެވެ. ބަލާބެލުމަށް ރާހިލްގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނަގެ ލޯ ރަތެއް ނޫނެވެ. އޭނަ ކާއްޔެއް ނާޅައެވެ. ތަފާތު ވަހެއް ވެސް ނުދުވައެވެ. އެހެނަސް ރާހިލް ހުރީ ހަމަހެއަކު ނޫން ކަން ހިބާއަށް އެނގެއެވެ. އޭނަ ބަލަހައްޓައިގެން ހުރި ގޮތުންނެވެ. އަވަހަށް އެ ތަނުން ނުގޮސްފި ނަމަ ދެން ވާނެ ގޮތް ވެސް ހިބާއަށް އެނގެއެވެ.
"ހިނގާ!" ހިބާ މަޑުމަޑުން ބުނެލިއެވެ.
ހިބާ އެހެން ބުނުމުން ރާހިލް ބަލައިލިއެވެ. ހީވަނީ ހިބާއަށް ބުނެވުނީ ހަރާން އެއްޗެއް ހެންނެވެ. ނާސިފު ހިނގައިގަތެވެ. ދެ ފިޔަޅެއް އެޅުނު ތަނައި ގޮނޑީގެ އަތްގަނޑުގައި ރާހިލް ހިފޭއްޓިއެވެ.
"އަހަރެން މި އައިއްޔޭ ބްރޯ!" ރާހިލް މުހާތަބުކުރީ ނާސިފަށެވެ. "ކައޭ ދެން ދޭ!"
ހިބާ އެހެން ނުބުނާތީ، އެ ތަނުން ދާކަށް ނާސިފު ބޭނުމެއް ނުވިއެވެ. ކުރިޔަށް ހިނގައިގަތެވެ. ރާހިލް ކުރިމައްޗަށް އެރިއެވެ. ދެން ހަމަ ކޮންމެ ދިމާއަކަށް ގޮނޑި އަނބުރައިލިޔަސް ރާހިލް ކުރިމައްޗަށް އަރައެވެ.
"ގޮނޑިން ފައިބާ ހިބާ!" ރާހިލް މަޑުމަޑުން ބުންޏެވެ. "ޔޫ ކޭން ވޯކް! ހިނގާފައެއްނު މި ތަނަށް އައީ ވެސް."
"ހިނގޭ ވަރަށް ވުރެ އޭނަގެ ފަޔަށް..." ނާސިފަށް ބުނެވުނީ އެ ހިސާބަށެވެ.
"ކައެއާ ހެދި ކިހާ ބޮޑު **އެއް!" ރާހިލް ހަޅޭއްލަވައިގަތެވެ. "މަ ކައެއަކާ ވާހަކައެއް ނުދައްކަމޭ އޯލްޑް މޭން."
އެންމެންގެ ސަމާލުކަން އެ ދިމާއަށް އެނބުރުނެވެ. އެއީ ހިބާ އެންމެ ބޭނުން ނުވި ކަންތަކެވެ.
"ރާހީ!" ހިބާ ބުންޏެވެ. "ކޮން ފާޑަކަށް ތި އުޅެނީ؟"
"ވަޓް؟ މަ ތަ ފާޑަކަށް މި އުޅެނީ އޭނ؟" ރާހިލްގެ އަޑު މަޑެއް ނުވިއެވެ. "ތީ މަގޭ ފިއުޗާ ވައިފޭ! މިހިރަ މީހާއެއްނު ފާޑަކަށް އެ އުޅެނީ. ލާސްޓް ވޯނިން މި ދެނީ. އަހަރެން ރުޅި ނާރުވާ!"
"ނާސިފު!" ނާސިފު ސަލާމަތް ކުރުމަށްޓަކާ ހިބާ ބުންޏެވެ. "ދެން ދޭ!"
ލިބުނު ހިތްވަރާ އެކުގައި ރާހިލް އައިސް ނާސިފުއާ މޫނު ޖެހޭ ހިސާބަށް މަޑުކޮށްލިއެވެ.
"ގުޑްބައި!" މަލާމާތުގެ ރާގެއްގައި ރާހިލް ބުނެލިއެވެ. "ވެއިޓް ވެއިޓް! އަހަރެން އެބަ ޖެހޭ އެއްޗެއް ރިޓާން ކުރަން."
ނާސިފުގެ މޫނުމަތީގައި ރާހިލް އެތިފަހަރެއް ޖެހިއެވެ. ހިބާ ދިޔައީ ސިއްސައިގެންނެވެ. ނާސިފު ކުރިޔަށް ޖެހިލި ވަގުތު ނާސިފުގެ އަތުގައި ހިބާ ހިފިއެވެ. އެ މަންޒަރު ރާހިލްއަކަށް ނުފެނެއެވެ. ނާސިފު ރުޅިގަނޑު ކޮންޓުރޯލު ކޮށްލިއެވެ. އެ ތަނަށް ހޮސްޕިޓަލުގެ ސެކިއުރިޓީ ދެ މީހަކު އައެވެ. ދާން ކިތަންމެ ބޭނުންނުވިޔަސް ނާސިފު ކުރިޔަށް ހިނގައިގަތެވެ.
"އެ ** މަގޭ ގައިގަ އަތްލި ނަމަ ހޭއަރުވައިލީމުސް." ރާހިލް ބުނި އަޑުއިވުނެވެ.
ނާސިފު ބޭނުން ނަމަ، ޖެހިޖެހީނުން ރާހިލް އެ ތަނަށް ތިރާކޮށްލެވުނީހެވެ. އެހެން ނެހެދީ ހިބާއަށް ޓަކައެވެ. ހިބާގެ ބަހަށް އިހުތިރާމުކުރުމުގެ ގޮތުންނެވެ.
"ގޮނޑިން ފައިބާ!" ރާހިލް އަމުރުކުރި އަޑު ނާސިފަށް އިވުނެވެ. "ހާދަހާ ފޭކެއްޖައްސައޭ ދޯ؟ ތީ ބޭބީއެއްތަ؟"
ނާސިފު ފަސްއެނބުރި ބަލައިލިއެވެ. އޭރު ހިބާ ގޮނޑިން ތެދުވަނީއެވެ. ހިތްވަރު ކޮށްފައި ނާސިފު އެ ތަނުން ދިޔައެވެ. އޭރު ވެސް ނާސިފުގެ މޫނުގެ އެއް ފަޅި ހުރީ ކުޑަކޮށް އައްސިވެފައެވެ.
ނާސިފުގެ އެލާޖީ މައްސަލައަށް ހޮސްޕިޓަލުން ބޭސްދިނެވެ. ހޮޓަލަށް އައިސް ބޭސްތައް ކާންވީ ގޮތް ކުޑަކޮށް ބަލައިލާފައި ސޯފާގައި ޖައްސައިލިއެވެ. ހިބާއަށް ވީ ކިހިނެއް ހެއްޔެވެ؟ އޭނަ ކޮބައި ހެއްޔެވެ؟ އޭނަގެ ފަޔަށް ލިބިފައި ހުރީ ކިހައި ވަރެއްގެ އަނިޔާއެއް ހެއްޔެވެ؟ ޕްލާސްޓަރު އަޅައިފިއްޔާ ހިބާއަށް ކުލާހަށް ދެވޭނެ ހެއްޔެވެ؟ ރާހިލްގެ އެއްވެސް އެހީއެއް ނުލިބޭނެކަން ނާސިފަށް ކަށަވަރެވެ. އެހެންވިޔަސް، އެ ކަމާ ނާސިފު ވިސްނަނީ ކީއްކުރަންހޭ، ނާސިފުއާ ކޮން ބެހޭ ކަމެއްހޭ ވެސް ހިތަށް އެރިއެވެ. ހިތާމައަކީ، އެ ކަން ހަނދާން ނައްތައިލަން މަސައްކަތްކުރި ވަރަކަށް، އުނދަގޫވުން ނޫން ކަމެއް ނުވާތީއެވެ. އެ ވަގުތު މެސެޖެއްއައެވެ.
"ހެއާލައިން ފްރެކްޗަރ!" ހިބާގެ މެސެޖުގައި އޮތެވެ.
ނާސިފު ފުންމައިގެން ތެދުވިއެވެ. ކިތަންމެ ހިމަ ރެނދެއް އެޅިޔަސް ޕުލާސްޓަރު އަޅާނެކަން ނާސިފަށް ޔަގީނެވެ. ނާސިފުގެ އެހީއާ ނުލައި ހިބާއަކަށް ނޫޅެވޭނެއެވެ. ނާސިފުގެ ކުލާސް ކެންސަލު ކޮށްފައި، ހަތަރުދަމު ވެސް ހިބާ ގާތުގައި ނާސިފަށް ހުރެވިދާނެއެވެ. ހިބާ ބޭނުން ނަމައެވެ.
"އަހަރެންގެ އެހީއެއް ބޭނުން؟" ނާސިފު އިނގިރޭސިން މެސެޖެއް ލިޔެލިއެވެ.
ހިބާއަށް މެސެޖު ލިބޭ ވަގުތު ކައިރީގައި ރާހިލް އިނދެދާނެއެވެ. މެސެޖު ފުރަތަމަ ކިޔާ މީހަކަށް ވެސް ރާހިލް ވެދާނެއެވެ. ހުރިހައި ދެރައެއް ލިބޭނީ ހިބާއަށެވެ. އެހެނަސް ހިބާއަށް އެހީވާން ބޭނުން ވާހަކަ ބުނަން ނާސިފު ބޭނުމެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ނާސިފު ވިސްނިއެވެ. ރާހިލް އާއި ހިބާގެ ކައިވެނި އޮތީ ހަމަޖެހިފައެވެ. ހިބާ ދެކެ ރާހިލް ލޯބިވޭ ހެއްޔެވެ؟ ނާސިފަށް ޝައްކެވެ. ލޯބިނުވާ މީހަކާ ރާހިލް ކައިވެނި ކުރަނީ ކީއްވެގެން ހެއްޔެވެ؟ ހިބާއަށް ޖަވާބު އެނގުނަސް ނާސިފު ގާތަކު ނުބުނާނެއެވެ. އޮތީ އެންމެ ގޮތެކެވެ. ސީދާ ރާހިލް ގާތުގައި އެހުމެވެ. އެއީ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ކުރެވޭނެ ގޮތްތައް ނާސިފަށް ވިސްނެެއެވެ.
ނިދުމުގެ ބަދަލުގައި ރާހިލް ފެނޭތޯ ނާސިފު ފާރަލާން ފެށިއެވެ. ކޮޓަރީގެ ދޮރު ކުޑަކުޑަކޮށް ހުޅުވައިލައިގެން ރާހިލްއަށް އިންތިޒާރުކުރަން ފެށިއެވެ. އެތައް އިރެއްވީ އިރު ވެސް ރާހިލްގެ ހިލަމެއް ނުވިއެވެ. އެ މީހުން ވީ ކޮޓަރީގައި ކަމެއް ނުވަތަ ބޭރުގައި ކަމެއް ވެސް ނާސިފަކަށް ނޭނގެއެވެ. އިރުކޮޅަކު ދޮރު ކައިރީގައި ހުރެފައި އިށީން ވަގުތު، ހިބާގެ ކޮޓަރީގައި މީހަކު ޓަކި ޖަހާހެން ހީވިއެވެ. ނާސިފު ސިއްރުން ބަލައިލި އިރު، ކިހިލިފަތަށް ލައްވާ ކަހަލަ ދެ އަސާ ހިފައިގެން މީހަކު ހުއްޓެވެ. ކޮޓަރިން ރާހިލް ނުކުމެ އެއާ ހަވާލުވިއެވެ. ނާސިފު ތުނބުންފުމެލިއެވެ. ރާހިލް ބަލައިލިއެވެ. ނާސިފު ފެނުމުން ވަރަށް ހައިރާންވިއެވެ. ތި ގޮވަނީ ތިމަންނައަށްހޭ އަހާ ކަހަލަ ގޮތަކަށް މޭގައި އިނގިލި ޖައްސައިލިއެވެ. ނާސިފު ބޯޖަހައިލިއެވެ. ރާހިލް އައީ ޝައްކުމަތީގައި ހުރެގެން އަންނަ ކަހަލަ ގޮތަކަށެވެ.
"ހިނގާބަލަ ކޮފީއެއް އެއްޗެއް ބޯލަން." ނާސިފު އެދުނެވެ.
ރާހިލް ދެން ވެސް ހައިރާން ވެގެން ބަލަހައްޓައިގެން ހުރީއެވެ. އެތިފަހަރެއް ޖެހުމުން ކޮފީ ދިނުމަކީ ރާހިލްއަށް އާ ކަމެކެވެ.
"ކައޭ އޯކޭތަ؟" ރާހިލް ސުވާލުކުރިއެވެ.
"މަ އޯކޭއޭ!" ނާސިފު ޖަވާބުދިނެވެ. "ތި ކްރަޗް ލާފަ ހިނގާބަލަ ރެސްޓޯރަންޓަށް."
"އޯކޭ!" މި އުޅެނީ ކިހިނެއް ވާންހޭ ހިތަށް އަރައިގެން ބުނާ ކަހަލަ ރާގެއްގައި ރާހިލް ބުންޏެވެ. "މި އަންނަނީ."
"އެކްސްގިއުޒް!" ރާހިލް ހިނގައިގަތުމުން ނާސިފު ބުންޏެވެ. "ހިބާއަށް ނާންގާތި!"
"އޯކޭ!" ކުރިޔަށް ވުރެ ހައިރާންވެފައި ރާހިލް ބުނެލިއެވެ.
ރެސްޓޯރަންޓު ހުރީ ބަންދުކޮށްފައެވެ. ހުޅުވާފައި ހުރީ ބާރއެވެ. ގަޑިން ބާރަ ޖަހަނީއެވެ. މީހުން ވަރަށް މަދެވެ. ދެ މީހުން ވަދެގެން އައިސް، އެންމެ އަރާމުކޮށް ތިބެވޭ ގޮތަށް ހުރި މޭޒު ކައިރީގައި އިށީނެވެ. އެއީ މުހިންމު ބޭނުމަކު ނާސިފު ކުރި ކަމެކެވެ. ރާހިލް މެނޫ ބަލަން ފެށިއެވެ. އިރުކޮޅެއްވީ އިރު ވެސް، ގެންނާނެ އެއްޗެއް ރާހިލަކަށް ނޭނގުނެވެ. ވެގެން އުޅޭ ގޮތް ނާސިފަށް ވިސްނުނެވެ.
"ހަމަ ބޭނުން ކޮންމެ އެއްޗެއް އޯކޭ؟" ރާހިލް އެހިއެވެ.
"އާނ!" ވަރަށް ހަމަޖެހިލާފައި ނާސިފު ބުންޏެވެ. "ހަމަ ބޭނުން އެއްޗެއް ގެންނަންވީ!"
ރާހިލް ފާޑަކަށް ނާސިފުއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.
"ތި އުޅެނީ މަ ބަސްޓް ކޮށްލަންތަ؟" ރާހިލް އެހިއެވެ.
"އޭރުން އަހަންނަށް ފައިދާއެއް ވާނެތަ؟" ނާސިފު ބުންޏެވެ. "ނުވާނެ. ހިބާ ރޮއިރޮއި މަރެއްނު ވާނީ. އަހަންނަށް އެނގޭ ރާހިލް ދެކެ އޭނަ ކިހާ ލޯބިވާކަން. އިންނަން ވެސް ކިހާ ބޭނުންވާކަން. އަހަރެން ބޭނުންވަނީ އޭނަ ހެޕީ ވާން. އެ ނިމުނީ. ތީ އަސްލު ހާދަހާ ލަކީ މީހެކޭ."
ރާހިލް މަލާމާތުގެ ގޮތަކަށް ހީނލިއެވެ. ހީވި ކަހަލައެވެ. ނާސިފު ބަލި ގަބޫލު ކޮށްފިއެވެ.
"ބައެއް މީހުންނަށް ވިސްނޭނީ ކަންކަށިމަތީ ޖެހީމަކަން މިހާރު ޔަގީންވެއްޖެ!" ސަމާސާ ރާގެއްގައި ރާހިލް ބުންޏެވެ.
ނާސިފު ވެއިޓަރަށް ގޮވައިލިއެވެ. ވެއިޓަރު އައުމުން ރާހިލް މެނޫ ދައްކާފައި، ނަމެއްގައި އިނގި ލިޖައްސައިލިއެވެ.
"މާފުކުރައްވާ! ތިއެއް ނެތް!" ވެއިޓަރު އިނގިރޭސިން ބުންޏެވެ. "އެކަމަކު ތިއާ ވަރަށް ގާތްކުރާ ޑްރިންކެއް ގެނެސްދީފާނަން. މައި ފޭވަރިޓް!"
"އޯކޭ!" ރާހިލް އެއްބަސްވިއެވެ. "އައި ޓްރަސްޓް ޔޫ!"
ނާސިފު އޯޑަރު ދިނީ ލެމަނޭޑްއަކަށެވެ. ވެއިޓަރު ދިޔައީ ނާސިފުއަށް ހިނިތުންވެލައިފައެވެ. ދެ މީހުން ވާހަކަ ދައްކަން ފެށިއެވެ.
"ބްރޯ އަހަރެން ދެކެ ބިރުގަތީ ދޯ؟" އެކި ވާހަކަ ދައްކަމުން ގޮސް ރާހިލް އެހިއެވެ.
"ނޮޓް ރިއަލީ!" ނާސިފު ޖަވާބުދިނެވެ. "ރެސްޕެކްޓް ކިއިދާނެ. ރާހިލަށް ނުބައި މާނައެކޭ ނެގިގެން ތި އުޅެނީ. އަހަންނާ ހިބާއަކީ ޖަސްޓް ފްރެންޑްސް. މީ ހިބާއަށް އާ ތަނެއް. އެހެންވެ ޖެހޭނެތާ އޭނައަށް ހެލްޕްވާން."
ވެއިޓަރު ދެ ތަށި ހިފައިގެން އައިސް ބެހެއްޓިއެވެ. ރާހިލް ވަގުތުން ރަހަބަލައިލިއެވެ.
"ސަޅި،" ރާހިލް ބުނެލިއެވެ. "ހިބާގެ ބޯކާލަން ވަރަށް އީޒީވާނެ. މެޗުއަރ މީހުންނަށް އަދި މާ އީޒީވާނެ."
އެކުވެރިކަމުގެ ދޮރުން ދެ މީހުން އެކުގައި ވަނެވެ. ހިބާގެ ބޮލަށް އެރެން ފަސޭހަ ވާހަކަ ރާހިލް ބުނި އިރު، ރާހިލްގެ ބޮލަށް އެރެން މާ ފަސޭހަކަން ނާސިފަށް ފާހަގަކުރެވުނެވެ. އެއީ ރާހިލްގެ އުނިސިފައެއް ކަމެއް ނުވަތަ އޯޑަރު ކުރި ބުއިމެއްގެ އަސަރު ކަމެއް ނާސިފަކަށް ނޭނގެއެވެ. އެއް ތަށްޓަކުން އޭނައަކަށް ނުފުދުނެވެ.
ނާސިފު ހުރީ ކިތަންމެ ތަށްޓެއް ވެސް ގެނެސްދޭ ކަހަލަ މޫޑެއްގައެވެ.
"އަސްލު ބުނެބަލަ!" ވަގުތު ޖެހުމުން ނާސިފު ބޭނުންވި މައުލޫއަށް އެނބުރުނެވެ. "ހިބާ ދެކެ ލޯބިވޭތަ؟" "ކޮން ތާކު؟" ރާހިލް އެހެން ބުނެފައި އަނގަމަތީގައި އަތްއަޅާފައި ނެގިއެވެ. "ޝޫ.. ސީކްރެޓެއް އިނގޭ! އަހަންނަކީ އާ ޑްރިންކްސް ޓްރައި ކުރާ ހިތްވާ މީހެއް. ދެޓްސް އިޓް! މަ ވަރަށް ފޫހިވާ ފާޑަަކަށް އޭނަ އުޅޭނީ. ޝައްކު ކުރާނެ. ކޮންޕްލޭން ކުރާނެ. ރޫލްސްތައް ހަދާނެ. ބޮޑު ހެޑޭކެއް. ނުކުރާށޭ ބުނާ ކޮންމެ ކަމެއް ކުރާނެ. އެހެންވެ ކަށިމަތީގަ ލަޑަން.. ޖަހަންޖެހުނީ ވެސް."
ހިނިތުންވެލައިގެން އިން ނަމަވެސް ނާސިފުގެ އެތެރެހަށީގައި އޭރު ރޯވެއްޖެއެވެ. ބޭރަށް ދުން ނުފެންނަކަމެވެ.
"ހާދަ ޓަޔަޑް ދުވެހެކޭ މީ.." ނިދިގެން ލޯމެރެމުންދިޔަ ވަގުތު ރާހިލް ބުންޏެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކް
06 July 2025
މަ އަދި އަންނާނަން ކޮމެންޓުތަށް ކިޔާލަން. ޑޯންޓް ލެޓް މީ ޑައުން ގާއިސް
ކަޕަޗީނާ
09 July 2025
މި އެޕިސޯޑުގެ ކޮމެންޓް ތަކުގައި ނެތް ލޮނެއް. މަ ވެސް މިޔައީ ފޯރިވާނެ ކަމައް. ޔޯލް އާ އެ ހިޔުޖް ޑިސްއެޕޮއިންޓްމެންޓް. :(
ޑެބީ
06 July 2025
ރާއިލް އެހެން ބުނެ ނިމުނުއިރު ނިދިގެން ގޮނޑިއަށް ވެއްޓިއްޖެއެވެ. ދުރުގައި ބަލަންހުރި ވެއިޓަރު މޭޒުކައިރިއަށް އައުމުން ނާސިފު ވެއިޓަރުގެ ޖީބަށް އޭނަގެ އުޖާރަލިއެވެ. ތެދުވެގެން ދަަމުން ރާހިލްގެ ޖީބުން ވޮލެޓުނަގައި އޭގައި އޮތް ނާސިފުގެ ޓްރެވަލް ކާޑު ނެގިއެވެ. ނާސިފުގެ ޓެމޫ ކާޓުގައި ހުރި އައިޓަމްތަކަށް ޕޭމަންޓް ހެދުމަށްފަހު ހިބާގެ ރޫމާ ދިމާލަށް މިސްރާބު ޖެހިއެވެ. މިރޭ ހިބާ ގޮތެއް ނިންމަން ޖެހޭނެއެވެ. ރާހިލް ނޫނީ ނާސިފެވެ. ދޮރުގައި ޓަކި ޖަހާލިއެވެ.
ޓާކޫރު
06 July 2025
ރާހިލް ހަވާލު ކޮށްލާ ޓާކޫރަކާ
2025
06 July 2025
ޔޭ މަ ☝️.... 8:34..... ބޮއިހަލަކި
އާޝޯހު
06 July 2025
ބަސްޓުކޮށްލާ!
ސަސި
06 July 2025
"މައި ފިއުޗަރ ވައިފް" ގެ ވާހަކަ ލޯބިން ކިޔާދެނީ އެއްވެސް އެއްޗެއް ސެންސަރ ނުކޮށް