09 ޖުލައި 2025 - 06:49
(އާދިއްތަ ދުވަހާ ގުޅޭ)
"ހާދަ ޓަޔަޑް ދުވެހެކޭ މީ.." ނިދިގެން ލޯ މެރެމުންދިޔަ ވަގުތު ރާހިލް ބުންޏެވެ.
ކާމިޔާބުގެ ހިނިތުންވުމަކާ އެކު ނާސިފު ގޮނޑީގައި ހަމަޖެހިލިއެވެ. އެއީ އަދި ފެށުމެވެ. ނާސިފު ކުރަން ގަސްތު ކޮށްފައިވާ ކަމަކީ ރާހިލް ނިންދަވައިލުން އެކަންޏެއް ނޫނެވެ. އެ ކުޅިގަނޑު ނިންމައިލަން ވެސް ނާސިފު ބޭނުމެވެ. މުޅި ދުނިޔެ އަށް ސިއްރުންނެވެ. ވަށައިގެން ނަޒަރު ހިންގައިލި އިރު އެ ދިމާގައި ދެ ކެމެރާއެއް ހުއްޓެވެ. އެހެނަސް، އެއްވެސް ކެމެރާއަކަށް ނާސިފުމެން އަރާނެ ކަމަކަށް ނާސިފަކަށް ގަބޫލެއް ނުކުރެވެއެވެ. ކެމެރާ އެނބުރިފައި ހުރި ގޮތުންނެވެ.
ހެނދުނު ހަގަޑި ބައިވާން އުޅެނިކޮށް ހިބާ ގުޅިއެވެ. ނާސިފު އިނީ އެ ފޯނުގެ އިންތިޒާރުގައެވެ. އެކަމަކު ފޯނު ނެގީ ރަނގަބީލުވާން އިރުކޮޅެއް ދީފައެވެ. ނާސިފު ހޭލާ އުޅޭކަން ހިބާއަށް ސިއްރު ކުރުމަށް ޓަކައެވެ.
"މޯނިންގް!" ނިދި އަޑަކުން ނާސިފު ބުނެލިއެވެ. "ފައި ކިހިނެއް؟ ކުލާހަށް ދެވޭތަ؟"
ހިބާ އެއްޗެއް ނުބުނެއެވެ. ފޯނެއް ނުވެސް ބާއްވައެވެ. މަޑު މިޔުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ. ނާސިފު ހިތަށް އެރިއެވެ. ހިބާ އެ ކަމާ ކުރިމަތިލާނީ ކިހިނެއް ބާއެވެ؟
"އާދެބަލަ ރޫމަށް،" ހިތާމަވެރި އަޑަކުން ހިބާ އެދުނެވެ. "ވަރަށް އާޖެންޓް އިނގޭ!"
"މި ދަނީ ރެޑީވެލައިގެން." ނާސިފު ބުންޏެވެ.
ނާސިފު ތެދުވެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އަމިއްލަ މޫނަށް ފަރުވާތެރިކަމާ އެކު ބަލައިލިއެވެ.
"ނާސިފު! އެނގޭތަ ތި ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން؟" ހިތާހިތުން ނާސިފު ބުނެލިއެވެ. "ތީ ނާސިފުއާ ހާދަ ނުގުޅޭ ކަމެކޭ! ހިބާއަށް އެނގިއްޖެއްޔާ ކިހިނެއް ވާނީ؟"
"ނޭނގޭނެ!" މަޑުމަޑުން ނާސިފު ބުނެލިއެވެ. "އެނގުނަސް ހެޔޮ. އެއީ ހިބާއަށްޓަކާ ކުރަން މަޖުބޫރު ކަމެއް."
އިތުރަށް ވާނެ ތައްޔާރެއް ނެތެވެ. ފަތިހުއްސުރެ ނާސިފު އިނީ ތައްޔާރު ވެގެންނެވެ. އެހެން ނަމަވެސް، ހިބާގެ ކޮޓަރީގައި ޓަކި ދިނީ، ތައްޔާރުވާން ނަގާހައި ވަގުތު މަޑުކޮށްފައެވެ. ޓަކި ޖެހުމާ އެކު ދޮރު ހުޅުވިއެވެ.
"އަހަނ!" ނާސިފު ބުންޏެވެ. "އަހަރެން ހީކުރީ ރާހިލް ކަމަށް ދޮރު ހުޅުވާނީ."
ދެ އަސާގެ އެހީގައި ހިބާ ގޮސް އެނދުގައި އިށީނެވެ. ހިބާ އިނީ ވަރަށް ކަންބޮޑުވެފައެވެ.
"ވަދެބަލަ!" ހިބާ އެދުނެވެ.
ނާސިފު މަޑުމަޑުން ވަދެފައި ދޮރު ލެއްޕިއެވެ. ވެގެން އުޅެނީ ކިހިނެއްކަން ނާސިފަށް ނޭނގޭ ކަހަލައެވެ.
"ޔޫ އޯކޭ؟" ނޭނގިފައި ނާސިފު ސުވާލުކުރިއެވެ. "ކޮބާ މި ތާ އުޅޭ ކުއްޖާ؟ ޓޮއިލެޓްގަ؟"
"ރޭގަ މި ކްރަޗް ހިފައިގެން އައިއްސަ ބުނީ އެބަ އަންނަމޭ ފްރެންޑަކާ މީޓް ކޮށްލާފަ،" ހިބާ ކިޔައިދިނެވެ.
"އެހެން ބުނެފައި ރެޑީ ވެލައިގެން ނުކުތީ! އެހެންޏާ ވެސް އެ ގޮތަށް ދާނެ. ނޮޓް އަ ބިގް ޑީލް. ދެން އަހަރެން މި ތާ އޮއްވާ ނިދުނީ! މޯނިންގަ ހޭލެވުނު އިރު ވެސް.. ރާހީއެއް ނެތް."
ހިބާ ރޯން ފެށިއެވެ. ނާސިފު ހިތަށް އެރިއެވެ. ހިބާ ރޯކަށް ނުޖެހެއެވެ. އަހަރެން މިހިރީ ނޫން ހެއްޔެވެ؟
ލޯބި ނުވާ، އަނިޔާ ކުރާ، ބޭކާރު މީހެއްގެ ކިބައިން ސަލާމަތްވެވުނީތީ އުފާކޮށްބަލާށެވެ.
"ވަޓް؟" ވަރަށް ހައިރާންވާ ކަމަށް ހެދިފައި ނާސިފު ބުންޏެވެ. "ނުވާނެ އެހެނެއް. އަންނާނެ އިރުކޮޅަކުން. ޑޯންޓް ވޮރީ!"
"ޔޫ ޑޯންޓް އަންޑަސްޓޭންޑް!" ރޮމުންރޮމުން ހިބާ ބުންޏެވެ. "ރާހީ އެހެނެއް ނަހަދާނެ. އޭނަ ވަރަށް ނައިސް ވާނެ. ނާދެވެންޏާ ވެސް ގުޅާލާފަ ބުނާނެ އެހެން ނޫނީ މެސެޖު ކުރާނެ. މިހެން ޓަސްލާފަ ނުއެއް ގެއްލޭނެ. އަހަރެން ކިތަންމެ ފަހަރަކު ގުޅައިފިން. ފޯނު ނިއްވާލާފަ. އޭނަ ފޯނު އޮފެއް ނުކުރާނެ. އޭނައަށް ކޮންމެވެސް ކަމެއް ވެއްޖެ!"
"ނުވާނެ އެހެނެއް،" ނާސިފު ގަބޫލެއް ނުކުރިއެވެ. "ފޮށްޓާ އެއްޗެހި އެބަ ހުރި؟"
ފޮށި ހުރި ދިމާއަށް ހިބާ ބަލައިލިއެވެ. ފޮށި ނެތްކަން އެނގުނީ އެ ހިސާބުންނެވެ.
"އޭ ކޮބާ ފޮށި؟" ހިބާއަށް ބުނެވުނެވެ.
ނާސިފު ތެދުވެގެން ގޮސް ކަބަޑު ބަލައިލިއެވެ. ރާހިލްގެ އެއްވެސް އަންނައުނެއް ނެތެވެ. ނުހުންނާނެކަން ނާސިފަށް އެނގެއެވެ.
"ހިބާގެ ޑްރެސްތައް އެކަނި މީގަ ހުރީ،" ނާސިފު ބުންޏެވެ. "އޭގެ މާނައަކީ ދަންވަރު ރާހިލް ނައްޓާލީއޭ؟ ދެ މީހުން ރޭގަ މައްސަލައެއް ޖެހުނީތަ؟"
"ނޯ!" ތަންކޮޅެއް ބާރަށް ހިބާއަށް ބުނެވުނެވެ. "ހަމަ ނުލާހިކު ނައިސްކޮށް އޭނަ އުޅުނީ. މި ބުނީނު. ފްރެންޑަކާ މީޓްކޮށްލާށޭ ކިޔާފަ ދިޔައީ. ކީއްވެ އަހަންނަށް ވަގަށް އޭނަ ފިލަންވީ؟"
އެއީ ނާސިފަށް ލިބުނު ރަނގަޅު ދަނޑިވަޅެކެވެ.
"ހަމަ ނޭނގިގެން ތި އެހީ؟ އެ ކަހަލަ މީހުން އުޅޭނީ އެހެންނޭ ހިބާ!" ނާސިފު އައިސް އެނދުގައި އިށީންނަމުން ބުންޏެވެ. "އަބަދު ވެސް ބަނޑުހައިވެފަ ހުންނާނީ. ބަނޑު ފުރިއްޖެތަ؟ އެހެން ތާކަށް ނައްޓާލާނެ. އަހަރެން ސަޕްރައިޒެއް ނުވޭ! ދުރާލައި ރާވައިގެން އޭނަ އެ ދިޔައީ. ހަންރެޑް ޕަސަންޓް."
"ހުސް ދޮގު!" ހިބާ އެއްބަހެއް ނުވިއެވެ. "އޭނަ އެހެނެއް ނަހަދާނެ."
"ތީ ދޮގެއް،" ނާސިފު ބުންޏެވެ. "އޭނަ ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް. އާނއެކޭ ބުނޭ! މިހެން ބުނީމަ ހިބާ ހިތްހަމަނުޖެހޭނެކަން ވެސް އެނގޭ! އެކަމަކު ތެދަށް ވާހަކަ ދައްކާ! ރާހިލްގެ ނުހުރޭ އެއްވެސް ޑިސިޕްލީނެއް. ފިނޑި މީހެއް އެއީ. ދަމުން ނުކެރުނު ދަނިއޭ ވެސް ބުނެލަން."
އެ ވަގުތު ދޮރުގައި ޓަކި ޖަހައިލުމުން ނާސިފު އާއި ހިބާ ވެސް ދޮރާ ދިމާއަށް ބަލައިލިއެވެ. ފެނުނީ ދޮރު ދަށުން ކަރުދާސްގަނޑެއް ކޮއްޕައިލި ތަނެވެ. ނާސިފު ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. ބޭރަށް ނުކުތެވެ. އަލުން އެތެރެއަށް ވަންނަމުން ކަރުދާސްގަނޑު ނެގިއެވެ.
"މީހަކު ފެންނާކަށް ނެތް." ނާސިފު ބުނީ އެހެންނެވެ.
އެ ކަރުދާސްގަނޑުގައި ހުރީ އިނގިރޭސި، އަވަސް އަތުލިޔުމެކެވެ.
"ތީ ރާހީގެ ހޭންޑްރައިޓިންގް!" ލިޔުން ފެންނަ އިރަށް ހިބާ ބުންޏެވެ.
އެއީ ކުރު ސިޓީއެއް ނޫނެވެ. އެހެނަސް ލިޔެފައި ހުރީ، ނާސިފުގެ ނަޒަރުގައި ދެކޮޅު ނުޖެހޭ ވާހަކައެވެ. ފޯނު ހަލާކުވި ވާހަކަ ބުނި އިރު، ނޯޓުގެ ތަންކޮޅެއް ފަހަތުގައި، ގުޅާނެ ހިތްވަރު ނުލިބުނު ވާހަކަ ވެސް އޮތެވެ. ފިލައިގެން ދިޔައީ، ކުރިމަތިލާން ނުކެރިގެންނޭ ބުނެފައި، ޖެހިގެން އޮތް ޖުމުލައިގައި އޮތީ، ވަގުތު އޮތް ނަމަ ގުޑްބައި ބުނީސް ކަމުގައެވެ. ދެ މީހުންގެ ގުޅުމާ މެދު ހިތްހަމަނުޖެހޭ ކަމާއި، ކައިވެނި ކުރަން ބޭނުން ނުވާ ވާހަކަ އޮތީ އެންމެ ފަހުންނެވެ. ހިބާ އަޑުންއަޑުނަގައިފައި ރޮއިގަތެވެ. ރާހިލްއާ ނީނދެވޭތީ އެކަންޏެއް ނޫނެވެ. މީހުން ކިޔާނެ އެއްޗެހި ހިތަށް އަރައިފައެވެ. ކައިވެނި ތައްޔާރުވެފައިވާކަން އެތައް ބަޔަކަށް އެނގޭނެއެވެ. އެ މީހުންނަށް ދޭނެ ޖަވާބެއް، އެ ލަދުވެތިކަމުން ސަލާމަތްވާނެ ގޮތެއް ހިބާއަކަށް ނުވިސްނެއެވެ.
"ކީއްވެބާ އެއްޗެއް ލިޔަން ޖެހުނީ؟" ހިބާއަށް ބުނެވުނެވެ. "ފޯނު ވެސް ކުރެވޭނެއްނު! އާ ފޯނެއް ގަނެވޭނެއްނު."
"ތިހެން ބުނަން މި އުޅެނީ،" ނާސިފު ބުންޏެވެ. "އެކަމަކު އޭނަ ގުޅައިފިއްޔާ ހިބާ ކިތައް ސުވާލު ކުރާނެ؟ ކޮން ޖަވާބެއް އޭނަ ދޭނީ؟"
ހިބާ އަނެއްކާ ވެސް ރާހިލްއަށް ގުޅިއެވެ. އޭނަ ފިލައިފާނެ ކަމަކަށް ހިބާއަކަށް ގަބޫލެއް ނުކުރެވެއެވެ. ރާހިލްގެ ފޯނު އޮތީ ނިއްވައިލައިފައެވެ.
"އަހަރެން މިހެން ބުނީމަ ހިބާ ބުނާނެ ބައްޕަ ދޭ ކަހަލަ ނަސޭހަތޭ ތި ދެނީ،" ނާސިފު ބުންޏެވެ. "މީހުންނާ ރައްޓެހި ނުވާށެކޭ ނޫން. ލޯބި ނުވާށެކޭ ވެސް ނޫން. އެކަމަކު އިނދެގެން އުޅޭހެން ނީނދެ އުޅޭކަށް ނުވާނެ."
"ތި ބުނި އެއްޗެއް ނޭނގެ." އިސްޖަހާލައިގެން އިނދެ، ދެ ލޯ ފުހެލަމުން ހިބާ ބުންޏެވެ.
"ދެން އެ ވާހަކަ އިހަށް ބާއްވާ!" ގަޑި ބަލައިލަމުން ނާސިފު ބުންޏެވެ. "ދަންތަ ކުލާހަށް؟"
"ކިހިނެއް ދަނީ؟" ހިތްހަމަނުޖެހިފައި ހިބާ ބުންޏެވެ. "ރެސްޓް ކުރާށޭ ބުނީ. ދެން ނޭނގެ މަށަށް ކާއެއްޗެއް ދޭނެ މީހަކު ވެސް ވާނެ ކަމެއް. ޓޮއިލެޓާ ހަމައަކަށް ވެސް ނުދެވޭނެ. މީހަކަށް ނޭނގޭނެ މަ މި ތާ އޮވެ މަރުވިޔަސް. ކުނިވާ ފަހުން ފެންނާނީ ވެސް."
"އަދި ތިހާ ހިސާބަށް ދާކަށް ނުވޭ ދޯ؟" ނާސިފު ބުންޏެވެ. "މަ ވެސް އެބަ ހުރީމޭ!"
"ނާސިފު ވެސް ދޭ! ގޮސް ފިލާ! ނިމުނީނު!" އެނދުގައި އޮށޯވެލަމުން ހިބާ ބުންޏެވެ. "އެކަކަށް ވެސް ރަނގަަޅަށް ކަމެއް ކޮށްދޭނެ ކަމެއް ނެތް. ހުސް ފޭކް މީހުން. ހިތަށް އެރީމަ ޔޫސް ކޮށްފަ ހިތަށް އެރީމަ އެއްލާލީމަ ނިމުނީ."
ހިބާ އެހައި ދެރަވާންޖެހޭ ސަބަބެއް ނާސިފަކަށް ނުވިސްނެއެވެ. މައްސަލައަކީ ނާސިފު ދައްކާ ވާހަކަ ހިބާ އަޑުނާހާތީއެވެ. ނާސިފު ހިތަށް އެރިއެވެ. އަހަރެން ޖެހޭނީ އަހަންނަކީ ރާހިލް ނޫންކަން ހިބާއަށް ސާބިތު ކޮށްދޭށެވެ. އަހަރެންގެ ލޯބީގައި ޝަރުތެއް ނެތްކަން ދައްކާށެވެ. ފުރަތަމަ ކަމަކަށް ނާސިފު ކުރި ކަމަކީ ކުލާސް ކެންސަލު ކުރުމެވެ.
"އަހަރެންގެ ރޫމް ތަންކޮޅެއް ބޮޑުވާނެ، ފަސޭހަވާނެ. ހިނގާ!" ނާސިފު އެދުނެވެ.
"ބޭނުމެއް ނޫން އަހަންނަކީ ބޮޑު އުނދަގުލަކަށް ވާކަށް،" ހިބާ އެއްބަހެއް ނުވިއެވެ. "އަހަންނާ ހެދި ކްލާސް ކެންސަލު ކުރާނެ ކަމެއް ނެތް. ދޭ!"
"ހިބާއަކަށް އެކަނި ހުރިހާ ކަމެއް ނުކު..." ނާސިފަށް ބުނެވުނީ އެ ހިސާބަށެވެ.
"ލީވް މީ އެލޯން!" ހިބާ ހަޅޭއްލަވައިގަތެވެ.
އެ މަންޒަރު ފެނިފައި ނާސިފު ހިތަށް އެރިއެވެ. ކުރެވުނު ކަންތައް ނުކުރެވުނު ނަމައެވެ. ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް، ބައެއް މީހުންނަކަށް ނުވިސްނޭނެއެވެ. ހިތްފަސޭހަކަމާއި އުފަލަށް ވުރެ ހިބާ ބޭނުންވަނީ ހިތްދަތިކަމާއި ހިތާމައެވެ.
"ސްޓްޕިޑް ކަމެއް ނުކުރާތި ހިބާ!" އާދޭހާ އެކުގައި ނާސިފު އެދުނެވެ. "އެއްވެސް ކަމެއް ބޭނުންވެއްޖެއްޔާ އަހަންނަށް ގުޅާލާ! ގިނަގިނައިން ގުޅި ވަރެއް އަހަންނަށް ރަނގަޅީ. އުނދަގުލެއް ވެސް ނުވާނެ، ރުޅިއެއް ވެސް ނާންނާނަން. ލޯބިވާ މީހުން ދެކެ ރުޅިއެއް ނާންނާނެ. ހިބާ ދާށޭ ބުނީމަ މި ނުކުންނަނީ އެކަމަކު ކްލާހަކަށް މިއަދަކު ނުދާނަން. ރޫމްގަ އިންނާނީ."
ނާސިފު ކޮޓަރިން ނުކުތީ، ނުކުންނަން ބޭނުން ވެގެނެއް ނޫނެވެ. އެހެނަސް ހިތަށް އެރިއެވެ. ވިސްނަން ވަގުތުކޮޅެއް ދިނުމަކީ ރަނގަޅަކަށް ވެސް ވެދާނެއެވެ. ކޮޓަރިން ނުކުމެ ދޮރު ލައްޕައިލުމަށް ފަހުގައި ވެސް، ހިނގައިނުގަނެ ނާސިފު ހުއްޓެވެ. ރާހިލްގެ ކިބައިން ހިބާ ސަލާމަތްކޮށްދިނުމުގެ ނަތީޖާ އެހައި ހިތިވެދާނެ ކަމަކަށް ނާސިފު ހިޔެއް ނުކުރެއެވެ. ކުއްލިއަކަށް އިވުނީ ދޮރު ތަޅުލި އަޑެވެ. ނާސިފު ގޮސް ނާސިފުގެ ކޮޓަރިއަށް ވަނެވެ. އެ ވަގުތު ނިކަން ބާރަށް ހިތްތެޅިގަތެވެ. ނާސިފު ނެރިފައި ހިބާ ދޮރު ތަޅުލި ސަބަބު ވިސްނުނީ ދެނެވެ.
"ހިބާ!" ނާސިފަށް ގޮވައިލެވުނެވެ.
ނާސިފު ދުވެފައި ނުކުތެވެ. ހިބާގެ ކޮޓަރީގައި ތަޅައިގަތެވެ.
"ހިބާ! ދޮރު ހުޅުވާ!" ނާސިފު ބުންޏެވެ. އެ ވަގުތު މެސެޖެއް އައެވެ.
"ގުޑްބައި." ހިބާގެ މެސެޖުގައި އޮތެވެ. (ނުނިމޭ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޭކަ ދައިތަ
09 July 2025
ހިބާ ޕްރެގް. ކައިވެނި ހަމަޖެހިފަ އޮތަސް ރަންކިޔާފަ އޮތަސް ދެމަފިރިންހެން އުޅެން އަދި ގާތްވެސްނުވޭ. އަންހެނަކަށް ލިބޭނެ އެންމެބޮޑު ދެރަ ލިބުނީމަ ލޯބިނުވިޔަސް އިންނަންބޭނުންނުވިޔަސް ދެން ޖެހޭނީ އިންނާކަށްނު. ދުނިޔޭގެ ލަދަށް ހިބާ ދުނިޔެދޫކޮށްފި. ހިބާއަށް ނޭގުނީ ރާހިލްގެ ދަރީގެ ބައްޕަގެ މަގާމުވެސް ނާސިފްބޭނުންކަން.
ސޮރީ
09 July 2025
ހޮލީވުޑް ފިލްމަކުން ބޮލީވުޑް ފިލްމަކުން ނަހުލާގެ ފިލްމަކަށް.. ހިބާ ކަހަލަ ރައްޓެއްސެއް މަގޭވެސް ހުރޭ.. ނުކުރާނެ ގަބޫލެއް. ހިބާ މިހާރު ދެން މާ ޑްރާމާ ވަނީ. އޭ ނާސިފު. ކަލޭގޮސް ހިބާ ކައިރީ ބުނޭ.. މަ ބުންޏޭ މަވެސް ވަރަށް ގުޑްބައި އޭ
ކކކކ
09 July 2025
މިވާހަކަ ފެށި އިރު އަގުބޮޑު ފީސްޓެއް، ވަކި ހިސާބަކުން ބަދަލުވީ ޖަންކް ފުޑަށް. ފޫހިކަމުން ނުވެސް ކިޔޭ.
ފޫހި
09 July 2025
އަސްލުވެސް. ފެށުން ކިޔާފަ ނިމޭތަންކޮޅު މިކިޔަނީ ކޮންމެ ދުވަހަކު. ވާހަކަ ވަރަށް ހަޑި. ހަމަނުޖެހޭ
ދެން....
09 July 2025
ކިހާދެރަކަމެއް ބިންމާބޭބޭ، މި ކަސޯޓީ ގަނޑު ނިންމަން އުޅެބަލަ. މިހާރު މަގޭ ދަތްކޮޅުފައިބާވަރު ވެއްޖެ މީގަ އުޅޭ މީހުންގެ ސިކުނޑި އެއް ނުހުންނާތީ
ޑެބީ
09 July 2025
ޑެބީއަށް ހީވަނީ 3 އަންހެންކުދިން ފަހަތުން އުޅުނު ނާސިފު އެންމެ ފަހުން އޭގެން އެއްވެސް ކުއްޖަކު ނުލިބި އިންޑިއާގެ ޖަލުގައިހެން އުމުރުގެ ބާކީބައި ހޭދަކުރާނީ. އޭރަށް ނާސިފަށް އެއްޗެއް ވިސްނޭނީ. ސަހާދެއް މިބުނީ މިހާރު ވަރަށް ފޫހު ފާޑަކަށް މިނާސިފު އުޅެނީ.
ސަސި
09 July 2025
ދެރަ ވަޑާމެކޭދޯ.